9 Jul 2018

ކުއްޅަވަކު މޮހީޓޯ

By: Asiya Abdul Raheem (Dietician)

ނ. ލަންދޫއަކީ ކުއްޅަވައް ނުވަތަ މެންގްރޫވް އެޕަލް ގިނަ ކަމަށް މަޝްހޫރު އަދި ކުއްޅަވަކުން ގިނަ ބާވަތްތަކެއްގެ ކާ ތަކެތި ތައްޔާރުކުރުމަށް މަޝްހޫރު ރަށެކެވެ.

ލަންދޫގައި ކުއްޅަވަކުން ތައްޔާރުކުރާ ކާބޯތަކެތީގެ ތެރޭގައި ކުއްޅަވަކު ޖޫސް، ކުއްޅަވަކު މޮހީޓޯ، ކުއްޅަވައް ގަރުދިޔަ، ކުއްޅަވައް ބަތް، ފޮނި އަދި ކުޅިކޮށް މޮޑޭ ކުއްޅަވައް ހިމެނެއެވެ. މި ބާވަތްތަކުގެ ތެރެއިން ކުއްޅަވައް މޮހީޓޯއަކީ ރަށަށް ވަޑައިގަންނަވާ މެހެމާނުންނަށް ވެލްކަމް ޑްރިންކެއް ގޮތުގައި ލަންދޫ މީހުން ތައްޔާރުކުރާ ވަރަށް ތަފާތު ބުއިމެކެވެ.

ކުއްޅަވަކުން މޮހީޓޯ ތައްޔާރު ކުރާގޮތާއި ބެހޭ ގޮތުން ލަންދޫ ކެފޭ ޑިލައިޓްގެ އޯނާ / މެނޭޖާ އަދި އަނބިކަނބަލުން ޝެފް ވިދާޅުވި ގޮތުގައި ކުއްޅަވަކު މޮހީޓޯ ތައްޔާރުކުރުމަށް ބޭނުންވާނީ ދޮންވެގެން ވެއްޓޭ ކުއްޅަވަކެކެވެ. މީގެ ކުއްޅަވަކަކުން ދެ ތަށި މޮހީޓޯ ތައްޔާރުކޮށްލުމަށް އެއަށް އިތުރަށް އަޅަނީ ލުނބޯހުތާއި ކުދީނާ ފަތާއި މޮހީޓޯ ސިރަޕް ނުވަތަ ސްޕަރައިޓް ކޮޅެކެވެ.

ކުއްޅަވަކު މޮހީޓޯއަކީ އަނގައަށް ވަރަށް މީރު، އަދި ދިގު ދަތުރެއް ކޮށްލާފައި އައިސް ވެލްކަމް ޑްރިންކެއް ގޮތުގައި ވަރަށް ތާޒާކަން ގެނުވާ ބުއިމެކެވެ.

ކުއްޅަވަކަކީ ދިވެހި ބިމުގައި ހެދޭ މޭވާއެކެވެ. ކުއްޅަވަކުގެ ނިޔުޓްރިޝަނަލް ވެލިޔު، އިތުބާރު ހުރި ސައިޓަކުން ފެންނަން ނެތްކަމުގައި ވިޔަސް މިގޮތަށް ކުޅީގައި ހެދޭ މެންގްރޫވް ފްރުޓްތަކުގެ ނިޔުޓްރިޝަން ވެލިޔުއަށް ބަލައިލައިފި ނަމަ ކުއްޅަވަކެއްގައި ގާތްގަނަޑަކަށް ފަސްދޮޅަހަކަށް ކިލޯކެރީ އަދި ފަނަރަ ވަރަކަށް ގްރާމް ކާބޮހައިޑްރޭޓް އަދި އިތުރު އެންޓިއޮކްސިޑެންޓާއި ފައިޓޯކެމިކަލް އަދި ބައެއް މިނަރަލް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ. އަޅުގަނޑުމެންގެ ކެއުމުގައި ކުއްޅަވައް ހިމެނުމަކީ އެހެން ކަމުން ސިއްހަތަށް ފައިދާތަކެއް ކުރުވާނެ ކަމެކެވެ.

ނަމަވެސް ހަކުރުގެ ބައި މަދުކޮށް ސިއްހީގޮތުން ރަނގަޅު ބުއިމެއް ކުއްޅަވަކުން ތައްޔާރު ކޮށްލަން ބޭނުން ނަމަ ރަނގަޅުވާނީ މޮހީޓޯ ސިރަޕް ނުވަތަ ސްޕްރައިޓް ފަދަ ތަކެތި އެޅުމުގެ ބަދަލުގައި ކުދީނާ ފަތާއި ލުނބޯހުތް ހިމުންކޮށް ޗަސްކޮށްފައި ހުރި ކުއްޅަވަކުގެ ތެރެއަށް އަޅައިގެން ބުއިމެވެ.

Popular