12 Sep 2018

ލޮނުބިސްކޯދު

By: Asiya Abdul Raheem (Dietician)

ލޮނު ބިސްކޯދަކީ ކުރީއްސުރެ އަޅުގަނޑުމެން ރާއްޖެ އެތެރެކޮށް ސައިގަޑިތަކުގައި ހިމަނާ، ބާވަތެއްގެ ކެއުމެކެވެ. ކުރިން ލޮނު ބިސްކޯދު ކައި އުޅުނީ ހަވީރު ސައި ގަޑީގައި ވިޔަސް މިހާރަކަށް އައިސް ހެނދުނު ސަޔާއި މެނދުރު ކެއުން ފަދަ މައިގަނޑު ކާވަގުތުތަކުގައި ވެސް މައިގަނޑު ކެއުމަކަށް ބައެއް މީހުން ލޮނު ބިސްކޯދު ބޭނުން ކުރެއެވެ. އަދި ހަކުރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރުމަށް ވެސް ބަތާއި ރޮށި ދޫކޮށް ބައެއް މީހުންނަށް ވަނީ ލޮނު ބިސްކޯދު ބޭނުން ކުރެވެން ފަށައިފަ އެވެ.

އަޅުގަނޑުމެން ދިވެހިންގެ ފިހާރަތަކުގައި ހުރި ލޮނު ބިސްކޯދުގެ ބާވަތްތަކަށް ބަލައިލި އިރު ގިނަ ބާވަތްތަކުގެ ލޮނު ބިސްކޯދަކީ ފުރާނާފައި ނުވަތަ ބްލީޗް ކޮށްފައި ހުންނަ ގޮދަންފުށް ތެރެއަށް ޕާމް އޮއިލް، އަކުރު، ލޮކުއިޑް ގްލޫކޯޒް (ހަކުރުގެ ބާވަތެއް)، ކިރު އަދި ލޮނު އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ ބިސްކޯދެވެ. އަޅުގަނޑު ބެލި ބްރޭންޑްތަކުން ކޮންމެ ބްރޭންޑެއްގެ ވެސް ބިސްކޯދު ސާވިންގް އެއް ކަމަށް ބެލެވޭ ތިން ބިސްކޯދުގެ މިންވަރަކީ 150–160 ކިލޯ ކެލަރީއާ ދޭތެރޭ މިންވަތެކެވެ. އެއީ ބަތްއަޅާ ސަމްސަލުގެ ގާތްގަނޑަކަށް ދެ ސަމްސާ ބަތް ނުވަތަ ދެ ރޮއްޓާ އެއް ފަދަ މިންވަރެކެވެ. އަދި މީގެ އިތުރުން ބިސްކޯދަކީ ގިނަ މިންވަރަކަށް ހަކުރާއި ހަށިގަނޑަށް ގެއްލުންވާ ތެޔޮ އެކުލެވޭ ބާވަތެކެވެ.

ހަވީރު ގަޑީގެ ސަޔަށް ދެތިން ބިސްކޯދު ކާލުން އަޅުގަނޑު ގޯހެއް ނުކުރާނަމެވެ. ނަމަވެސް އެއަށް ވުރެ ގިނައިން އެއް ގަޑިއެއްގައި ކާނަމަ ހަށިގަނޑުގެ ބަރުދަން އިތުރުވުން ނުވަތަ ހަކުރާއި ކޮލެސްޓްރޯލް ކޮންޓްރޯލް ކުރަން އުނދަގޫވުން ފަދަ ކަންކަން މެދުވެރި ވެދާނެއެވެ. ޚާއްސަކޮށް މައިގަނޑު ކާ ވަގުތެއްގައި ހަށިގަނޑަށް ފައިދާ ހުރި ބަތް ފަދަ ތަކެތީގެ ބަދަލުގައި ލޮނުބިސްކޯދު ކެއުމަކީ ހަށިގަނޑަށް ގިނަ ދުވަހުން ލިބޭ ގެއްލުންތައްވެ ހަށިގަނޑުގެ ބަރުދަން އިތުރުވެ ހަކުރު މައްޗަށް ދާ މީހުންގެ ހަކުރު ކޮންޓްރޯލް ކުރަން އުނދަގޫވެ އަދި ކޮލެސްޓްރޯލް މަތިވުން އެކަށީގެންވާ ކަމެކެވެ.

ލޮނު ބިސްކޯދު މީރު މީހަކު ކޮންމެހެން ލޮނު ބިސްކޯދު ކާލަން ބޭނުން ނަމަ އޭގެ ތެރެއަށް ޓޮމާޓޯ ފޮއްޗަކާއި ކިޔުކަމްބާފޮއްޗެއް ކަހަލަ ތަރުކާރީ ކޮޅެއްލައިގެން ތިން ބިސްކޯދަށް ވުރެ ގިނަ ނުވާ މިންވަރަކަށް ކާލެވިދާނެ އެވެ.

ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular