14 May 2019

މިދިޔަ އަހަރު ރޯދަ މަހުގައި އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެކަށްޗަކަށް ވީ މީރު ކާއެއްޗެއްސާއެކު މާލެ ތެރޭގައި އެނބުރުނު ތަށިބަރި މޫވްމަންޓުގެ ތަށިބަރިތަކެވެ. މި ރޯދަ މަހު ވެސް ތަށިބަރިތައް، އެއް ގެއިން އަނެއް ގެޔަށް ދަތުރު ފަށައިފި އެވެ.

މީއީ ކުރީގައި ދިވެހިންގެ މެދުގައި އޮތް ވަރަށް ރީތި ސަގާފަތެކެވެ. އަވައްޓެރި ގެޔަކުން ކޮއްތު ތަށިބަރިއެއް ލިބިއްޖެ ނަމަ އެ ތަށިބަރި އެ ގެނައި ގެޔަކަށް އަނބުރާ ގެންދަނީ ހަމަ މީރު ކާނާތަކުން ފުރާލައިފަ އެވެ. މިދިޔަ އަހަރު މި މޫވްމަންޓް ފެށީ ވެސް އެ ސަގާފަތް އަލުން އާލަކޮށް ދިރުވުމަށެވެ.

ދެ ބަޔަކު މިފަހަރު ތަށިބަރި އެބަ ގެންގުޅެ އެވެ. އެކަމަކު މަގްސަދު އެއްގޮތެވެ.

"މިއީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި ހަދިޔާ ބަދަލު ކުރުމުގެ އާދަކާދަ ކުރިއެރުވުމަށް މި ރޯދަމަހު ހިންގާ ހަރާކަތެކެވެ،" ތަށިބަރިއެއްގައި އެލުވާފައިވާ ގަނޑުކޮޅުގައި ލިޔެފައިވެ އެވެ.

ތަށިބަރި ލިބުނު ބައެއް މީހުން އިއްޔެ ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރި އެވެ. ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރު ވެސް ތަށިބަރި ލިބެނީ ސޯޝަލް މީޑިއާގެ ތެރެއިން، އެ ދޭން ބޭނުންވާ މީހަކު ނޮމިނޭޓުކޮށްގެންނެވެ. ތަށިބަރި ލިބޭ މީހާ އަށް ޖެހޭނީ ޖެހިގެން އަންނަ ދުވަހު ތަށިބަރި ފުރާފައި އެހެން މީހަކަށް އަނެއްކާ ވެސް ހަދިޔާކުރާށެވެ.

Popular