20 Nov 2025

ހަކުރު ބައްޔަކީ ހަށިގަނޑުގެ ސައިޒާ ގުޅޭ ކަމެއް ނޫން

By: Asima Nizar

ހިކިކޮށް ހުންނާތީ ހަކުރު ބައްޔާ މެދު ބިރެއް ނެތި އުޅޭ މީހުން ބައިވަރެވެ. ހަކުރު ބައްޔަކީ ހަށިގަނޑު ބަރުހެލިވުމުން ޖެހޭ ބައްޔެއް ކަމަށް ހީވެފައި އޮންނާތީ ގިނަ ބަޔަކަށް އެހެން ހީވަނީ އެވެ.

އެކަމަކު ހަކުރު ބައްޔަކީ ހަށިގަނޑުގެ ބަރުދަނަށް ނުވަތަ ހިކި، ފަލަ މިނަކަށް ހާއްސަ ބައްޔެއް ނޫނެވެ.

އާއްމު ބަލިތަކުގެ ޑޮކްޓަރު، ޑރ. އަބްދުލްއަޒީޒް ހަމީދު، އޭނާގެ ބްލޮގް، "ސިއްހަތު" ގައި ލިޔުއްވާފައިވާ ގޮތުގައި ލޭގައި ހަކުރު އެކުލެވޭ މިންވަރު މަތިވުމުން ޖެހޭ މި ބައްޔަކީ އެއްކޮށް ރަނގަޅު ނުކުރެވުނަސް ކޮންޓްރޯލް ކުރެވިދާނެ ހާލަތެކެވެ.

ހަކުރު ބަލީގައި އާއްމުކޮށް އުޅެނީ ދެ ވައްތަރެކެވެ. އެއީ ޓައިޕް 1 އަދި ޓައިޕް 2 އެވެ. އޭގެ އިތުރުން ދެން ހިމެނެނީ މާބަނޑު ދުވަސްވަރު ޖެހޭ ގޭސްޓޭޝަނަލް ޑައިބެޓީސް އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ލޭގައި ހަކުރު ހުންނަނީ ހަމައެކަނި ހަކުރު ބަލި ޖެހުމުންނެވެ. ނަމަވެސް އެއީ ކުށް ހީއެއް ކަމަށް ޑޮކްޓަރުގެ ބްލޮގުގައިވެ އެވެ.

އޭނާ ވިދާޅުވީ ހަކުރު ބަލި ނުހުން މީހަކު ހެނދުނު އެއްވެސް އެއްޗެއް ނުކައި ލޭގެ ޓެސްޓު ހަދާއިރު، ގުލްކޯޒުގެ މިންވަރު 120 މިލިގްރާމަށް ވުރެ ދަށްވާންޖެހޭ ކަމަށެވެ. ހަކުރު ބަލި ނުޖެހޭ މީހެއް ވިޔަސް ކާ ކޮންމެ ފަހަރަކު ލޭގައި ހުންނަ ހަކުރުގެ މިންވަރު މައްޗަށް ދެ އެވެ. އަދި ވަގުތުކޮޅަކަށް ފަހު އަނެއްކާ ވެސް ހަކުރު ހަމަ މިނަށް އެނބުރި ދެ އެވެ.

ލޭގައި ހުންނަންޖެހޭ ގުލްކޯޒުގެ މިންވަރު ދަށްވުމަކީ ވެސް ރިސްކު އޮތް ކަމެކެވެ. މި ފަދަ ދަނޑިވަޅުތަކުގައި ގުލްކޯޒު ހުންނަން ޖެހޭ މިންވަރަށް އިތުރުކޮށްދެނީ ފުރަމޭގައި ކުރިން ރައްކާކޮށްފައި ހުންނަ ގްލައިކޯޖަން އަލުން ގުލްކޯޒު އަށް ބަދަލުވެގެންނެވެ. ގްލައިކޯޖަން، ގުލްކޯޒަށް ބަދަލުކޮށްދެނީ ޗިސްމޭގެ ތެރޭގައި ހުންނަ ގުލްކޮގޮން ކިޔާ ހޯމޯނެއްގެ ސަބަބުންނެވެ.

ޓައިޕް 1 އަދި ޓައިޕް 2 ގެ ހަކުރު ބަލީގެ ތަފާތު.

ޓައިޕް 1ގެ ހަކުރު ބަލި

އިންސިއުލިން އިންޖެކްޝަން ބޭނުންވާ ހަކުރު ބަލީގެ މީހުންނަށް، ބަލިޖެހިއްޖެކަން އެނގޭ ހިސާބަށް ދާނީ ހަށިގަނޑުގައި ވަރަށް ބޮޑަށް އިންސިއުލިން މަދުވުމުންނެވެ. އަދި އެ ޓައިޕްގެ ހަކުރު ބަލި ޖެހިއްޖެ ނަމަ ބަލީގެ އަސަރުތައް ވަރަށް އަވަހަށް ބޮޑުވާނެ އެވެ.

ޓައިޕް 1 ގެ ހަކުރު ބަލި ގިނައިން ޖެހެނީ އެ މީހެއްގެ ބަރުދަން ހުންނަންވާ ވަރަށް ވުރެ ލުއިކޮށް ހުންނަ މީހުންނަށެވެ. މިގޮތަށް ދިމާވަނީ ލޭގައި ހަކުރު ޖަމާވާގޮތްވެގެންނެވެ. އަދި ހަށިގަނޑުގައިވާ ސެލްތަކަށް ގުލްކޯޒުގެ މާއްދާ ފޯރުކޮށް ނުދެވޭތީ އެވެ.

ޓައިޕް 2ގެ ހަކުރު ބަލި

މިއީ އާންމު ގޮތެއްގައި 40 އަހަރުވުމަށް ފަހު ނުވަތަ އުމުރުގެ ފަހުކޮޅު ޖެހޭ ހަކުރު ބައްޔެވެ. އެ ވައްތަރުގެ ހަކުރު ބަލި ބޮޑަށް ފެންނާނީ ބަލި ވާރުތަކުރާގޮތް ހުންނަ މީހުންނާއި މެދު އުމުރުގެ ނުވަތަ އުމުރުން ދުވަސްވީ މީހުންގެ ފަރާތުންނެވެ.

އެ މީހުން ޑޮކްޓަރުން ދޭ ލަފައާ އެއްގޮތަށް، ހަކުރު އިތުރުވާ ފަދަ ކާނާ ކެއުން މަދުކޮށް، ކަސްރަތުކުރުމާއެކު ހަކުރު ބަލީގެ މީހުންނަށް ދޭ ފަރުވާ (ބޭސް) ގަވާއިދުން ބޭނުން ކުރާ ނަމަ އެ ބަލި ކޮންޓްރޯލް ކުރެވޭނެ އެވެ. އެންމެ އާންމުކޮށް ޖެހެނީ ހަކުރު ބަލީގެ އެ ވައްތަރެވެ. ނަމަވެސް ޓައިޕް 2 ގެ ހަކުރު ބަލި ޖެހޭ މީހުންގެ ލޭމައްޗަށް ދިއުމާއި ހިތުގެ ލޭހޮޅިތަކުގައި ސަރުބީ ޖެހުމުގެ މައްސަލަ ވަރަށް ގިނައިން ދިމާވެ އެވެ.

މާބަނޑުވުމާ ގުޅިގެން ޖެހޭ ހަކުރު ބަލި

ބަލިވެ އިންނަ ކޮންމެ މީހަކު ޓެސްޓްކުރުމަކީ މުހިއްމު ކަމެކެވެ.

ހަކުރު ބަލީގެ ސަބަބުން ދިމާވާ އުނދަގޫތައް ނުވަތަ ހަކުރުބަލި ޖެހުމަށް މަގުފަހިކޮށްދޭ ކަމެއް ކުރިމަތި ނުވާ ހާލުގައި ވެސް މާބަނޑުވުމުން ހަކުރުބަލީގެ މައްސަލަ ކުރިމަތިވެ އެވެ. މާބަނޑުވުމާ ގުޅިގެން ޖެހޭ ހަކުރު ބަލި، ވިހެއުމުން ރަނގަޅުވެ އެވެ. އަދި މާބަނޑު ދުވަސްވަރު އުނދަގޫ ކުރިމަތިވާ ގިނަ އަންހެނުންނަށް އަހަރުތަކެއް ފަހުން ހަކުރު ބަލީގެ އުނދަގޫތަކާ ކުރިމަތިލާންޖެހޭ ކަމަށް ވެސް ބްލޮގުގައި އަޒީޒް ލިޔުއްވި އެވެ.

ހަކުރު ބަލީގެ އަލާމާތްތައް

- ގިނައިން ކުޑަކަމުދިއުމާއި ދެވޭ މިންވަރު އިތުރުވުން. ރޭގަނޑު ނިދަން އޮށޯތުމުން އެ އުނދަގޫ ބޮޑުވުން

- އާދަޔާ ހިލާފަށް ކަރު ހިއްކާ ފެންބޮވުން. ގިނައިން ފެން ބޭނުން ވަނީ ހަށިގަނޑަށް ފެން ބޭނުންވާ މިންވަރު ގިނަވުމުން އެތެރެ ހަށި ހިކޭތީ. ނަތީޖާއަކީ ގިނައިން ފެންބޮވާގޮތް ވުން

- އާދަޔާ ހިލާފަށް ބަނޑުހައިވުން ނުވަތަ މާ ބޮޑަށް ކާހިތްވުން

- ބަރުދަނަށް ލުއިވުން ނުވަތަ ބަރުވުން. ހަކުރު ބަލީގެ މީހުންގެ ހަށިގަނޑު އަނަރޫފަވުން ނުވަތަ ފަލަވުމަކީ ވެސް ވެދާނެ ގޮތެއް. ބައެއް މީހުންނަށް އެ ބަލި ޖެހިފައިވާކަން އެނގޭއިރު ހުންނަނީ ވަރަށް ބޮޑަށް ފަލަވެފައި

- ލޮލުގެ ފެނުމަށް ދަތިވުމާއި ފުސްވުން

- އަތްފައި އައްސިވުން

ކުރިމަތިވެދާނެ މައްސަލަތައް

- ނާރުތަކަށް ގެއްލުންވުން

- ކިޑްނީއަށް އަސަރުކުރުން

- ހަކުރު ބަލި ޖެހި، ފައި ހަލާކުވުން

- ހަމުގެ ބަލިތައް ޖެހުން

ސިއްހަތު ހަކުރު ބަލި

Popular