ހޯމޯނާ ގުޅޭ ބަލި، ތައިރޮއިޑު ދުޅަވުމުގެ ސަބަބުން މީހާއަށް އެކި އުނދަގޫތައް ދިމާވެ އެވެ. އަދި އަޅާނުލައި ހުރެއްޖެނަމަ މުޅި އުމުރަށް އޭގެ އަސަރު ހުރެ އެވެ.
ހޯމޯނާ ގުޅޭ ބަލި، ތައިރޮއިޑު ދުޅަވުމުގެ ސަބަބުން މީހާއަށް އެކި އުނދަގޫތައް ދިމާވެ އެވެ. އަދި އަޅާނުލައި ހުރެއްޖެނަމަ މުޅި އުމުރަށް އޭގެ އަސަރު ހުރެ އެވެ.
އާއްމު ބަލިތަކުގެ ޑޮކްޓަރު، ޑރ. އަބްދުލް އަޒީޒް އޭނާގެ ބްލޮގުގައި ލިޔުއްވި ގޮތުގައި ތައިރޮއިޑް ގްލޭންޑުގެ މަސައްކަތް ދަށްވުމުން އެ ގްލޭންޑުން ހޯމޯން އުފެއްދުން ދަށްވުން ނުވަތަ އެއިން އުފައްދާ ހޯމޯންގެ ބޭނުން ހަށިގަނޑަށް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭނެ ކަމަށެވެ. އެއީ ވަރަށް އާންމު މައްސަލައަކަށް ވިއަސް، އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާ ކަމަށް އެ ބްލޮގުގައި ވެ އެވެ.
"ތައިރޮއިޑް ދަށްވުމަށް ފަރުވާ ނުކުރެވިއްޖެނަމަ ހަށިގަނޑުގައި ސަރުބީގެ މިންވަރު މަތިވެ ސްޓްރޯކް ޖެހުމާއި ހާޓް އެޓޭކް ޖެހުމަށް މަގުފަހިކުރުވަ އެވެ. މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެ، އެކަމަށް ފަރުވާ ނުކުރެއްވިޖެނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ،" ބްލޮގުގައި ބުންޏެވެ.
އެ ހާލަތު ކޮންމެ މީހަކަށް ވެސް ކުރިމަތިވެދާނެ އެވެ. އެކަމަކު، އުމުރުން ދުވަސްވީ މީހުންނަށް އެ ރިސްކު ބޮޑެވެ. އާއިލާގައި ތައިރޮއިޑް ދަށް މީހަކު ހުރުމަކީ ވެސް އެ އާއިލާގެ އެހެން މީހުންނަށް އެކަން ދިމާވެދާނެ ކަމެއް ކަމަށް ސިއްހަތު ޑޮޓްކޮމްގައި ލިއެފައިވެ އެވެ.
ތައިރޮއިޑް ދަށްވާ ސަބަބުތައް
- އަޔޮޑިން ދަށްވުން: އިންސާނާގެ ހަށިގަނޑުން އަޔޮޑިން އުފައްދައިނުދޭތީ ކާނާގެ ތެރެއިން ހަށިގަނޑަށް އަޔޮޑިން ލިބެންޖެހޭ. މޭޒުމަތީ ލޮނަކީ އަޔޮޑިން މުއްސަނދި އެއްޗެއް. އޭގެ އިތުރުން ކަނޑުމަހާއި ބިސް އަދި ކިރުގެ އުފެއްދުންތައް އަޔޮޑިން ލިބޭ.
- ބައެއް ކަހަލަ ބޭސް ބޭނުންކުރުން: ހިތުގެ ބައެއް މައްސަލަތަކާއި ކެންސަރުގެ ބައެއް ބަލިތައް އަދި ނަފްސާނީ ބައެއް މައްސަލަތަކަށް ބޭނުންކުރާ ބޭހުން ތައިރޮއިޑް ހޯމޯން އުފެއްދުމަށް އަސަރު ކުރޭ. އެ ބޭސްތަކުގެ ތެރޭގައި 'އެމިއެޑެރޯން'، 'އަލްފާ އިންޓަފީރަން'، 'ލިތިއަމް'، އަދި 'އިންޓަލޫކިން2' ފަދަ ބޭސްތައް ހިމެނޭ.
- ބައެއް ކަހަލަ އިންފެކްޝަންތައް ޖެހުން: ބައެއް ވައިރަހާއި ބެކްޓީރިއާ ފަދަ ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތަކުން ތައިރޮއިޑް ގްލޭންޑުގެ މަސައްކަތް ދަށްވޭ. މިއީ ވަގުތީ ކަމެއް.
ތައިރޮއިޑުގެ މައިގަނޑު އަލާމާތްތައް
- ވަރުދެރަވެ، ވަރުބަލިވުން
- އަބަދު ނިދިއައިސްފައި ހުންނަހެން ހީވުން އަދި ތާއްޔަށްޖެހުން
- ކާ މިންވަރާ އަޅާބަލާއިރު ހަށިގަނޑުގެ ބަރުދަން އިތުރުވުން
- ނިޔަފަތިތައް ދެރަވެ، ފަސޭހައިން ރެނދުލައި ބިނދުން
- ކާހިތްނުވުން އަދި ފިނި ތަންތަނުގައި ހުންނަން އުދަނގޫވުން
- ބޮލުން އިސްތަށި ފައިބައި، ތުނިވުން
- މުޅި ގައި އަދި ހުޅުތަކުގައި ރިއްސުން
- އަކުނިވަޔަށް ދެމުން
- ގަވައިދުން ޕީރިއަޑު ނުވުން
އަޒީޒް ވިދާޅުވީ ފިރިހެނުންނަށް ވުރެ އަންހެނުން އަދި ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށް ތައިރޮއިޑް ދަށްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ފަރުވާ
ތައިރޮއިޑް ހުރިކަން ޔަގީންވުމުން ލޭގެ ތެރޭގައި އެ ހޯމޯންގެ މިންވަރު އާދައިގެ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ލީވޯތައިރޮކްސިން ބޭސް ކާންޖެހެ އެވެ. އެ ގުޅަ ބޭސް ކާންޖެހޭނީ ލޭގެ ރިޕޯޓުތަކަށް ބެލުމަށްފަހުގަ އެވެ. އަދި އޮޕަރޭޝަނަށްފަހު ތައިރޮއިޑް ގްލޭންޑް އެއްކޮށް ނަގާފައިވާނަމަ، މުޅި އުމުރަށް އެ ބޭސް ކާންޖެހޭނެ ކަމަށް ވެސް އަޒީޒްގެ ބްލޮގުގައިވެ އެވެ. އެގޮތަށް ތައިރޮއިޑުގެ އެހެނިހެން މައްސަލަތަކާ ހެދި ބޭސް ބޭނުންކުރާއިރު، މަދުވެގެން އަހަރަކު އެއްފަހަރު ތައިރޮއިޑް ހޯމޯންގެ މިންވަރު ބެލުމަށްޓަކައި ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ.