8 Apr 2026

އެންޑޯމެޓްރިއޯސިސްގައި އުޅެނީ ވަރަށް ހާލުގައި

އެންޑޯމެޓްރިއޯސިސްގައި އުޅެނީ ވަރަށް ހާލުގައި

By: Asima Nizar

މާ ގިނައިން މި ވާހަކަ ނުދެކެވެ އެވެ. ނަމަވެސް، މައްސަރު ދުވަސްވަރު އަންހެނުން އުފުލާ ވޭން އިތުރަށް ބޮޑުވާ އެއް ސަބަބަކީ އެންޑޯމެޓްރިއޯސިސެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ލަފާކުރާގޮތުގައި އެންޑޯމެޓްރިއޯސިސްގެ އަސަރު، ދަރިމައިވާ އުމުރުގެ 10 ޕަސެންޓު ނުވަތަ 190 މިލިއަން މީހުންނަށް ކުރާނެ އެވެ. ނަމަވެސް، އޭގައި އޮތް އެންމެ ބޮޑު ދެރައަކީ، ވޭނުގައި އުޅޭ މީހުން ކިތަންމެ ގިނަވިއަސް އެކަމަށް ދާއިމީ ފަރުވާއެއް ނެތުމެވެ.

އެ ޖަމިއްޔާގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ލިޔުމެއްގައި ބުނާ ގޮތުން އެންޑޯއަށް ސީދާ ވަކި ފަރުވާއެއް ނެތަސް އޭގެ އަލާމާތްތައް ކުޑަކުރެވޭނެ އެވެ. އެހެންވެ، ދުރާލާ އެ ހާލަތު ދެނެގަނެވުމާއި ފަރުވާ ފެށުމަކީ، ދިގު މުއްދަތަކަށް ބަލާއިރު ހެޔޮ ބަދަލެއް އަންނާނެ ކަމެއް ކަމަށް ބުންޏެވެ.

ބަލި ދެނެގަންނާނެ ގޮތް

އެންޑޯމެޓްރިއޯސިސް ދެނެގަންނާނީ ސްކޭންކޮށްގެންނެވެ. އަދި ސާޖަރީ ފަދަ އިންވޭސިވް ޕްރޮސީޖާތަކާއެކު ވެސް ބަލި ދެނެގަނެވޭނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

އެ އަލާމާތްތަކުން ބަލި ދެނެގަނެވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ނަމަވެސް، ލޭ ބޭރުވާ މިންވަރާއި ތަދު އަދި އެކަމާ ގުޅޭ އެހެން ކަންކަމާ ގުޅުވައިގެން އެކަން ދެނެގަނެވޭނެ އެވެ.

އޭގެ ތެރެއިން ލެޕަރޮސްކޯޕިކް ސާޖަރީ އަކީ އެންޑޯމެޓްރިއަލް ޓިޝޫ ސީދާ ވިޝުއަލައިޒް ކުރުމަށް ނުވަތަ ސާޖަރީގައި ނަގާ ޓިޝޫ ސާމްޕަލްތައް ޓެސްޓް ކުރުމަށް ކުރެވިދާނެ ކަމެކެވެ.

އަސަރު

އެންޑޯމެޓްރިއޯސިސް އަކީ އެކަން ތަހައްމަލުކުރާ މީހާއަށް ނަފްސާނީގޮތުން ވަރަށް ބޮޑު އަސަރެއް ކުރާ ކަމެކެވެ. އެ ބަލީގައި މާ ބޮޑަށް ވަރުބަލިވުމާއި ޑިޕްރެޝަނާއި އެންޒައިޓީ އަދި ދަރިމައިވުމުގެ މައްސަލައަކީ ޖިންސީ ދުޅަހެޔޮކަން ދަށްވުމާއި ދިރިއުޅުމުގެ ފެންވަރު ދަށްކޮށްލާ ކަމެކެވެ.

ޑަބްލިއުއެޗްއޯއިން ބުނީ އެންޑޯމެޓްރިއޯސިސްގައި ގިނައިން ލޭ އައުމަކީ ދަގަނޑުގެ ބައި ދަށްވެ، ވަރުބަލިވުން ފަދަ މައްސަލަތައް ކުރިމަތިވާ ކަމެއް ކަމަށެވެ. އޭގެ އިތުރުން، ޖިންސީ ގުޅުން ހިންގާއިރު ތަދުވުމާއެކު، ދެ މީހުންގެ ގުޅުމަށް އަސަރުކުރެ އެވެ.

އެންޑޯމެޓްރިއޯސިސް ހުންނަ ބައެއް މީހުންނަށް ޕީރިއަޑު ދުވަސްވަރު ވަޒީފާއަށް ދާން އުނދަގޫވެ އެވެ. އެކަމާ ހެދި އާއިލާތަކަށް ލިބޭ އާމްދަނީ ވެސް މަދުވެ އެވެ. އޭގެ އަނެއްކޮޅުން އެ ފަރުވާއަށް އަމިއްލަ ޖީބުން ވެސް ބޮޑު ހަރަދެއް ކުރަންޖެހެ އެވެ.

ފަރުވާ

ޑަބްލިއުއެޗްއޯއިން ބުނީ ވަކި ފަރުވާއެއް ނެތަސް ބައެއް ބޭސްތަކުން އެންޑޯމެޓްރިއޯސިސްގެ އަލާމާތްތައް ކޮންޓްރޯލް ކުރުމަށް އެހީވެދޭ ކަމަށެވެ. އަދި އެގޮތަށް ދޭ ފަރުވާ ބިނާވަނީ އެ މީހެއްގެ ހާލަތަށް ބަލާފައި ކަމަށް ވެސް ބުންޏެވެ.

އޭގެ ތެރޭގައި، އެ މީހާގެ ހާލަތުގެ ސީރިއަސްކަމާއި ބޭހުން ކުރާ ސައިޑު އިފެކްޓްސް ހިމެނެ އެވެ.

އެޑްމިޓްރިއޯސިސްގެ އަލާމާތްތައް ކުޑަކުރަން ދެވޭ ބޭސްތައް:

- ނޮން-ސްޓިރޮއިޑަލް އެންޓި-އިންފްލެމަޓްރީ ޑްރަގް (ތަދުކަނޑުވާ ބޭސް ހިމެނޭ)

- ހޯމޯނަލް ބޭސް

ސިއްހަތު

Popular