12 May 2019

ރައުފާގެ ރާހަތު: ބަރުހެލި ހަޔާތަށް ޓާޓާ!

By: Ahmed Nadym

މީގެ އަހަރެއްހާ ދުވަސްކުރިން އައިމިނަތު ރައުފާ އުޅުނީ އެހެންނޭ، އޭނާ ހުންނަނީ މިހެންނޭ ކިޔައިގެން މި ވާހަކައެއް ފަށައިގެންފި ނަމަ، 22 އަހަރުގެ މި ޒުވާނާއާ މިއަދު ބައްދަލުވާ މީހަކު އަހަރެންގެ އެ ވާހަކަ ހަމަ އެއްގޮތަކަށް ވެސް ގަބޫލުނުކޮށްފާނެއެވެ. އެކަމަކު ވެސް، ކިޔައިދޭން އުނދަގޫހާ ބަރު، 120 ކިލޯގެ އެ އިހުސާސްތަކުން ފަށައިގަންނަމާ ހިނގާށެވެ. ---

ރީތި ވަރެއްގެ އިސްކޮޅެއް ލިބިފައިވިޔަސް "އޮޑް ޝޭޕަކަށް" ހުންނާތީ ބޭރަށް ނުކުމެ އާންމުންގެ ތެރޭގައި އުޅުމަކީ އޭނާ އަށް މީގެ އަހަރެއްހާ ދުވަސް ކުރިން ފަސޭހަ ކަމެއް ނޫނެވެ. މީހުންގެ ތެރޭގައި އުޅޭ ހިތެއް ނުވެއެވެ. މީހުންނާ ގުޅޭ ހިތެއް ނުވެއެވެ. މަސައްކަތެއް ކުރާހިތެއް ނުވެއެވެ. މަސައްކަތެއް ކުރިޔަސް ނުކުރިޔަސް ހުންނާނީ ވަރުބަލިވެ ލޮޑުވެފައެވެ. އޮފީހުގައި މަސައްކަތް ކުރާ ހިތް ވެސް ނުވަނީއެވެ. އެ ޝައުގުވެރިކަން ނުވެސް އުފެދެނީއެވެ. އުޅޭ ހިތްވަނީ އެކަންޏެވެ. އެހެންވެ، އޭރު އޭނާ ހުންނަނީ ވެސް އެކަނިވެފައެވެ. ނަމަވެސް މި މައްސަލަތަކެއް، މައްސަލަތަކެއްގެ ގޮތުގައި އޭރަކު އޭނާ އަށް ފާހަގައެއް ނުކުރެވުނެވެ. އެ އުޅުން މައްސަލައަކަށް ވެސް ނުވިއެވެ. އެހެންވެ، އަބަދުވެސް އޮފީސް ނިންމާލާފައި ގެއަށް ގޮސް އެނދަށް އަރައި އޭނާގެ ކަމަކަށް އޭރު އޮންނަނީ ނެޓްފްލިކްސް އެވެ. ނުވަތަ ކަލިނަރީ ކުލާހުން ދަސްވި ކޮންމެވެސް ފޮނި އެއްޗެއް ތައްޔާރުކޮށްލައިގެން އެތިއެތިކޮޅުން ވަރުވަރަށް އޭގެ ފޯރި ނެގުމެވެ. --- މީގެ އަހަރެއްހާ ދުވަސް ކުރިން ރައުފާ އުޅުނު ގޮތަކީ މިއީއެވެ. މިހެން އުޅެނިކޮށް އެއް ދުވަހަކު އޮފީހަށް ދިޔަތަނުން އޭނާއާ ބައްދަލުކުރީ އެ ބަރުހެލި ދިރިއުޅުން ކޮށައި ތިރިކޮށްލި ސަޕްރައިޒެވެ.

"އެއީ ބީއެމްއެލް އިން ހީޓާ ގުޅިގެން ޓްރިމް އެންޑް ޓޯންގެ ނަމުގައި މުވައްޒަފުންނަށް ހިންގި ވެއިޓް ލޮސް ޕްރޮގްރާމެއް. އޮފީހުން އެދުނީ އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ އެންމެން އެމީހުންގެ ނަން ފޮނުވުމަށް. އެކަމަކު އަހަންނަށް ނުކެރުނު އޭގައި ބައިވެރިވާކަށް. ނަން ފޮނުވާކަށް ވެސް،" ލަދުރަކި ހިނިގަނޑަކަށް ގޮސް ރައުފާގެ ވާހަކަ ހިނދިއްޖެއެވެ.

ކުރީގެެ ރައުފާ އާއި މިހާރުގެ ރައުފާގެ ތަފާތު

އެކަމަކު "ޓްރިމް އެންޑް ޓޯން" ޕްރޮގްރާމަކަށް އޭނާ އަކަށް ނުފިލުނެވެ. އޮފީހަށް ދިޔައިރު، އެކުގައި މަސައްކަތްކުރާ އެހެން މީހުން އޮތީ އޭނާގެ ނަން ވެސް ފޮނުވައިފައެވެ. އަދި ޕްރޮގްރާމަށް ހޮވުނު މީހުންގެ ލިސްޓުގެ އެންމެ ކުރީގައި ވެސް އޮތީ ރައުފާގެ ނަމެވެ.

"ހިތްހަމަވެސް ނުޖެހުނު ނަން އޮތްތަން ފެނުމުން. ބުނަން ވެސް ބުނިން ކީއްވެގެން ހެއްޔޭ ނަން ފޮނުވީ ވެސް. ނުކެރޭނެއޭ ދާކަށް. އެއީ އަހަންނަކީ ކުރިން ވެސް ހިކެން މަސައްކަތްކުރި މީހެއް. އެކަމެއް ނުވި. ދެން ވެސް ހިތަށް އެރީ ނުވާނެއޭ،" ފިލަން އުޅުނު ފިޓްނެސް ޕްރޮގްރާމުގައި ގަދަކަމުން ލައްވާލުމުން ރައުފާގެ ރިއެކްޝަން އެ ދުވަހު އައީ މިހެންނެވެ.

"އޭރު ހިތަށް އަރަނީ ކީއްކުރަން ކުރާ ކަމެއް ހެއްޔޭ ވެއިޓްލޮސްކުރުމަކީ. ފަލަކޮށް ހުއްޓަސް ހަމަ އުޅެވިދާނެއެއް ނޫން ހެއްޔޭ؟ އެހެންވީމަ ކޮބައި ހެއްޔޭ ހިކުމުގެ ބޭނުމަކީ ކޮންމެހެން؟ ފަލަވުމުގެ ސަބަބުން ދިމާވާ ސިއްހީ އެކި ކަހަލަ މައްސަލަތައް ވެސް ހުރޭ. އެކަމަކު ވެސް ހިކުން ވީ އެންމެ ކުރާ ހިތްވި ކަމަކަށް ނޫން އޭރަކު"

މިހާރުގެ ރައުފާ އާއި ކުރީގެ ރައުފާ

"އޮފީސް ނިންމާލާފައި ގެއަށް އަންނަ ގޮތަށް ނިދާފަ އަނެއްކާވެސް އޮފީހަށް ދާނީ އޭރު. އެއީ ކުރީގެ ލައިފަކީ އަހަރެން އުޅުނު."

އެ ލައިފާ އެކު އޭނާ ފުރަތަމަ ދުވަހު ވެސް ނެޓްފްލިކްސްއާ އެކު ކޮޓަރިއަށް ވަދެ ޖިމަށް ފިލީއެވެ. ނަމަވެސް ހިތާއި ހަށިގަނޑާއި ސިކުނޑިއާ ދެކޮޅަށް ގޮސް ހީޓުގެ ޖިމަށް ވަދެ އެތަނުގެ ފޯރި އާއި ގަދަ ހޫނުގައި ޖެހުނު ދުވަހަކީ ރައުފާގެ އެ ހަޔާތުގައިވީ ނެގެޓިވް އެ ހުރިހާ ބަރުދަނެއް ވިރިގެން ފޭބި ދުވަހެވެ. އޭގެ ފަހުން ފަސް އެނބުރި ބެލުމެއް ނެތެވެ. ކަސްރަތު ކުލާހުގެ އެންމެ ފަހަތުން ފަށައިގެން ލަދާއެކު ސަރުބީ ތަޅައި ކުދިކޮށް އޭނާ މިހާރު އެހުރީ ސަފުގެ އެންމެ ކުރިއަށް އަރައެވެ.

ރައުފާގެ ކާމިޔާބު ވެއިޓްލޮސް ތަޖުރިބާ އަށް ފަހު ފޮޓޯއަކަށް ހުއްޓިލައިގެން

ސަތޭކަ ވިހި ކިލޯ އިން ފަށައިގެން 78 ކިލޯ އަށް ރައުފާގެ ބަރުދަން ތިރިކުރި މި އާދަޔާހިލާފު ތަޖުރިބާގެ ހުރިހާ އިހުސާސެއް އޭނާ މި ވަނީ "ސެޝަން" ގެ މި އެޕިސޯޑަށް ބަންޑުންކޮށްފައެވެ. މިއަށް ވުރެން އިންސްޕަޔަރިން މޫނަކާ މިއަދަކު ބައްދަލެއް ނުވާނެއެވެ. އެހެންވީމަ ދެން ހުރި ހުރިހާ ވާހަކައެއް ކިޔައިދޭ ރައުފާއެވެ. އޭނާގެ "ސެޝަން" ޕްލޭކޮށްލާށެވެ.

Popular