By: Asima Nizar
އުރަމަތީ ކެންސަރަކީ އަންހެނުންގެ މެދުގައި އެންމެ އާއްމު ކެންސަރަށް ވިޔަސް އެކަމުގެ އެންމެ ރަނގަޅު މައުލޫމާތު ނޭނގި ފަރުވާ ކުޑަކޮށްލެވެ އެވެ. މި ބަލީގެ އަލާމާތްތައް ރަނގަޅަށް ދެނެގަންނަން ނޭނގުމާއި އޮޅުންތައް ހުންނާތީ ބަލީގެ ކުރީކޮޅު ފަރުވާ ފެށުމަށް ހުރަކަށް ވެސް ވެ އެވެ.
ރާއްޖޭގައި ހުންނެވި ހަމައެކަނި ކެންސަރު ސާޖަން، ޑރ. މުހައްމަދު ޝިފާން، އޭނާގެ ބްލޮގުގައި މިކަމާ ބެހޭ ބައެއް މައުލޫމާތު ހިއްސާކުރައްވާފައިވެ އެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އުރަމަތީގެ ކެންސަރު ފެށެނީ އުރަމަތީގައި ހިމެނޭ ބައިތަކުގެ އެތެރެ ފަށަލައިގެ ސެލްތައް، ވަރަށް އަވަހަށް އިތުރުވެ، ބޮޑުވާން ފަށައި އަދި ކޮންޓްރޯލް ގެއްލި ކުޑަމުއްދަތެއްގެ ތެރޭގައި އިތުރުވުމުންނެވެ.
ނަމަވެސް، ދެނެގަންނަން ޖެހޭ އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ޝިފާން ފާހަގަކުރެއްވީ އުރަމަތީގައި ލާ ގިނަ ގަނޑުތަކަކީ އުރަމަތީގެ ކެންސަރަށް ނުވުމެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި އޭގެ ތެރޭގައި ގިނައީ ކެންސަރަށް ބަދަލުވާ ވައްތަރުތަކެއް ވެސް ނޫނެވެ.
އާންމުކޮށް އުރަމަތީގެ ކެންސަރު ފެށެނީ، ކިރު ދައުރުކުރާ ޑަކްޓުތަކުގަ އެވެ. އެއީ ޑަކްޓަލް ކާސިނޯމަ އަދި ކިރުއުފައްދައި ދޭ ގްލޭންޑް، ލޮބިއުލާ ކާސިނޯމާގަ އެވެ. މަދު ފަހަރެއްގައި އުރަމަތީގެ އެހެން ޓިޝޫތަކުން ކެންސަރު އުފެދިދާނެ ކަމަށް ޝިފާންގެ ބްލޮގްގައިވެ އެވެ.
ރާއްޖޭގައި 2018 ވަނަ އަހަރު އަލަށް ކެންސަރު ދެނެގަނެވުނު މީހުންގެ ތެރޭގައި އެންމެ ގިނައީ އުރަމަތީގެ ކެންސަރުގެ ބަލިމީހުންނެވެ. އެ އަހަރު 73 މީހުން އަލަށް ޑައިގްނޯޒް ކުރެވުނެވެ. އެއީ އެ އަހަރު ކެންސަރަށް އަލަށް ޑައިގްނޯސްވީ މީހުންގެ 17 ޕަސެންޓެވެ.
ޖެހިގެން އައި، 2019 ވަނަ އަހަރު އައިޖީއެމްއެޗްގައި 52 މީހުން ވަނީ އުރަމަތީގެ ކެންސަރަށް އޮޕަރޭޝަންކޮށް އިތުރު ފަރުވާ ހޯދައިފަ އެވެ. އަދި 2020 ވަނަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް 34 މީހަކަށް އަލަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން ކަށަވަރުކުރެވުނު ކަމަށް ޝިފާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކެންސަރު ޖެހޭ އެންމެ އާންމު އުމުރަކީ 40-60 އަހަރާ ދެމެދު ކަމަށެވެ. އަދި 60 އަހަރުން މަތިވުމުން ފުރަތަމަ ބަލި ދެނެގަނެވޭ އިރު ބަލި ހުންނަނީ ގިނަ ފަހަރަށް އެ ބަލި ދުރަށް ފެތުރިފަ އެވެ.
އުރަމަތީގެ ކެންސަރުގައި އެންމެ އާންމު އަލާމާތަކީ އުރަމަތިން އަލަށް ފާހަގަކުރެވޭ ދުޅައެއް ނުވަތަ ތަދުނުވާ ހަރު، ގަނޑުކޮޅެއް އިނުމެވެ. އެހެންވެ، ވީހާ ވެސް އަވަހަކަށް ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުމަށް ޝިފާން އިލްތިމާސްކުރެއްވި އެވެ.
- ގަނޑުކޮޅެއް ވަކިން ނެތްކަމުގައި ވިޔަސް އުރަމަތި އެއްކޮށް ނޫނީ ބައެއް ދުޅަވެފައި ހުރުން
- އޮރެންޖު ތޮށިގަނޑެއްހެން ހަންގަނޑު ރޫޖެހި އެތެރެއަށް ވަދެފައި ހުރުން
- އުރަމަތި ނުވަތަ ވައްގަނޑުގައި ރިއްސުން
- ވައްގަނޑު އެތެރެއަށް ވަދެފައި އިނުން
- ވައްގަނޑު ނޫނީ އުރަމަތީގެ ހަންގަނޑު ބޯވުމާއި ރަތްވެ، ހަން ނޮޅޭގޮތްވުން
- ވައްގަނޑުން ކިރު ނޫން އެއްޗެހި އައުން
- ގޮށެއް ދުޅަވެފައި އިނުން. ބައެއްފަހަރު އުރަމަތިން ގަނޑެއްފެނުމުގެ ކުރިން ކިހިލި ފަތްދޮށުން ނުވަތަ ކަނދުރާއިން ގޮށެއް ފެނިދާނެ.
ޝިފާން ވިދާޅުވީ ބަލަންވީ އަލާމާތްތައް އެނގި އަދި 40 އަހަރުން މަތިވާއިރު ވެސް އެ ފަދަ އަލާމާތެއް ނުފެނުމަކީ އަހަރަކު އެއްފަހަރު ހަދަންޖެހޭ މެމޯގްރާމް ނުވަތަ ސްކްރީންނަށް ފަރުވާކުޑަކުރަންވީ ކަމެއް ނޫން ކަމަށެވެ. އޭގެ އިތުރުން 45-54 އަހަރާ ދެމެދުގެ އަންހެނުން އަހަރަކު އެއްފަހަރު މެމޯގްރަމް ހަދަން ބާރުއެޅުމާއި 55 އަހަރުން މަތީގެ އަންހެނުން ދެ އަހަރުން އެއް އަހަރު ނުވަތަ އަހަރަކު އެއް ފަހަރު މެމޯގްރާމް ހެދުމަށް ޑޮކްޓަރު އިރުޝާދު ދެއްވަ އެވެ.
- ސީދާ މި ބަލިން ރައްކާތެރިވެވޭނެ ގޮތެއް ނޯވެ އެވެ. ނަމަވެސް ބަލި ޖެހުން ދުރުކުރުމަށް ކުރެވިދާނެ ކަންކަން ހުރެ އެވެ. އޭގެ ތެރެއިން އަމިއްލަ އިހުތިޔާރުގައި ބަދަލުކުރުމުގެ ބާރު ހުރިކަންކަން ދެނެގަނެ އެކަމަށް ރަނގަޅު ފިޔަވަޅު އެޅިދާނެ އެވެ.
އާދަކާދައާ ގުޅިފައިވާ އަދި އަމިއްލަ އިހުތިޔާރުގައި ބަދަލުކުރެވިދާނެ އަދި ބަދަލެއް ނުގެނެވުނަސް ސަމާލުކަން ދެވިދާނެ ކަންކަން އެބަހުއްޓެވެ؛
- މާބޮޑަށް ހަށިގަނޑުގެ ބަރުދަން އިތުރުވުން
- ދޭތެރެ ދުރުކުރާ ބޭސް ކެއުން
- އާއިލާގެ ގާތް މީހަކަށް އުރަމަތީގެ ކެންސަރު ޖެހުން
- ކުރިން އުރަމަތީ ކެންސަރަށް ފަރުވާކޮށްފައިވުން
ޝިފާން ވިދާޅުވީ ބަލީގެ ކުރީކޮޅު އުރަމަތީގެ ކެންސަރު ދެނެގަނެވިއްޖެ ނަމަ ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އޭގެ ފަހުން ބަލި ދެނެގަނެވުނަސް ފަރުވާއަށް އައިސްފައިވާ ބަދަލާ އެކު ކެންސަރު އިތުރުވިޔަނުދީ އެހެނިހެން ދާއިމީ ބައްޔެކޭ އެއްފަދައިން ފަރުވާކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.