1 Apr 2026

ގަދަ ހޫނުގައި ފިހެން ތިހެން ނޫޅެބަލަ!

By: Asima Nizar

ބޭރަށް ނުކުމެ، ކުޑަކޮށް ހިނގާލާއިރަށް ދާހިއްލައި ފޯވެ އެވެ. އެހާ ހޫނުގަދަ އެވެ. އެހެންވެ، އަވިގަދަ މި ދުވަސްވަރު މަޖުބޫރުވެގެން ނޫނީ ބޭރަށް ނުނިކުތުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އަދި ނުކުންނަން ޖެހުނަސް ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭންޖެހެ އެވެ.

އެޗްޕީއޭއިން ބުނީ އިރުގެ ދޯދިން ބޮޑު އަސަރެއް ކުރާނެ އެއް ބަޔަކީ ތުއްތު ކުދިންނާއި ކުޑަކުދިން ކަމަށެވެ.

އަވި ގަދަ ވަގުތުތަކުގައި ކުދިން ބޭރަށް ނުނެރެން، އެ އިދާރާއިން އެދެ އެވެ. އޭގެ އިތުރުން، ގާތުން ކިރު ދޭ އަދި ހަ މަސް ފުރިފައިވާ ކުދިންނަށް ދިޔާ ތަކެތި ނުވަތަ ފެން އެކަށީގެންވާ ވަރަށް ދިނުމުގެ މުހިންމުކަން މި ހޫނުގައި ވަރަށް މުހިއްމެވެ.

ތުނި ހެދުން ލުމާއި ހޫނުގަދަ ގަޑިތަކުގައި ބޭރަށް ދާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ވެސް ވިސްނާލަންޖެހޭ ކަމެއް ކަމަށް، އެޗްޕީއޭއިން ބުންޏެވެ.

ގަދަ ހޫނުގައި އެންމެ ބޮޑަށް ނުރައްކާވެދާނެ މީހުން

- ކުޑަކުދިން

- އުމުރުން ދުވަސްވީ މީހުން

- މާބަނޑު މީހުން

- ދާއިމީ ބައްޔަކަށް ފަރުވާ ކުރާ މީހުން

އިރުގެ ދޯދިންނާއި ހޫނުން ރައްކާތެރިވާން ކުރެވިދާނެ ކަންތައް

- ހެނދުނު 10 އިން ފެށިގެން ހަވީރު 4 އަށް، އަވީގައި އުޅޭ މިންވަރު މަދުކުރުން

- ކުޑަ ނަގައިގެން އުޅުން

- ބޮޑަށް ހިޔާވާ ކަހަލަ ފުޅާ ތޮތްޕެއް އެޅުން

- ގިނަ ވަގުތު އަވީގައި އުޅޭ ނަމަ އެސްޕީއެފް-15 އަށްވުރެ މަތީގެ ސަންސްކްރީން ބޭނުންކުރުން

ހޫނު ގަދަވުމުން ވީހާ ވެސް ގިނައިން ދިޔާ ތަކެތި ބޭނުންކުރަން ޖެހެ އެވެ. ރަނގަޅަށް ހައިޑްރޭޓްވެގެން ހުރުމަކީ، މި ގަދަ ހޫނުން މީހާގެ ސިއްހަތަށް ކުރާ އަސަރުތައް ކުޑަކުރެވޭނެ ކަމެކެވެ.

ސިއްހަތު މޫސުން ހީޓް

Popular