11 Apr 2021

By: Ifraz Ali

"މަށަށް ވެފައި މި ހުރީ ކީއް"ބާވައޭ ބައެއް ފަހަރަށް ހިތަށް އަރާ ދޯ އެވެ. މިއީ ވަރަށް ގިނަ މީހުނަށް ކުރެވޭ އިހުސާސެކެވެ. އެކި މީހުނަށް މިކަން އިހުސާސް ކުރެވޭ ގޮތް ވެސް ވަރަށް ތަފާތެވެ. ބައެއް މީހުނަށް މިއީ ހިނދުކޮޅަކަށް އަންނަ އިހުސާސަކަށް ވިޔަސް، އަނެއް ބަޔަކު މުޅި އުމުރު މިކަމުގެ ތެރޭގައި ހޭދަކުރެ އެވެ. އަމިއްލަ ނަފުސަށް ކުރާ އިތުބާރު މާ ބޮޑަށް ކުޑަވެ އެވެ. ކުރާ އެއް ކަމަކުން ވެސް ހިތްހަމަޖެހުމެއް ނުލިބެ އެވެ. އަދި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން ވެސް މި ކަހަލަ އިހުސާސްތަކެއްގެ ތެރެއަށް މީހާ ގެނބިގެންދެ އެވެ.

ދިރިއުޅުމުގައި ކިރިޔާ ވެސް ކަމެއް ގޯސްކޮށް ދާ ކަމަށް ހީވާ ނަމަ، އެހީ ހޯދުން އަވަސްކުރަން ވާނެ އެވެ. އެ ވާހަކަ ދައްކަން ވާނެ އެވެ. އެކަމަށް މާ ބޮޑު ފަރުވާލެއް ނުދީ ހުރުން ގޯހެވެ. އެ ހީކުރުންތަކާ ދުރަށް ދިއުމަށް، އެކަމުގެ މަތިން ހިނދުކޮޅަކަށް ހަނދާން ނައްތާލުމަށްޓަކާ އެކި ކަންކަން ކުރުމުގެ ބަދަލުގައި އެ ގޮތަށް އިހުސާސް ކުރެވެނީ ކީއްވެތޯ ބަލަންޖެހެ އެވެ. އަދި ހާލަތު މާ ގޯސް ކަމަށް ފެންނަ ނަމަ، ނަފުސާނީ ފަރުވާ ހޯދުން އަވަސްކުރަން ޖެހޭނެ އެވެ.

- ތިމާގެ މައްސަލައެއް ހުރި ކަމަށް ހީކުރެވެނީ ކީއްވެ؟

ދިރިއުޅުމުގެ ހާލަތު އެ ވަގުތެއްގައި ހުންނަ ގޮތަކުން، މީހާގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮ ކަމަށް ވަރަށް ގިނަ އަސަކުރެ އެވެ.

1. ގޮތްހުސްވެއްޖެ ކަމަށް ހީވުން

ބައެއް ފަހަރަށް ކަމެއް ގޯސްކޮށް ދާހެން ހީކުރެވެނީ ދިރިއުޅުމުގައި ދަތި ދުވަސްވަރަކާ ކުރިމަތިލާންޖެހުމުންނެވެ. އަދާކުރާ ވަޒީފާއިން ހިތްހަމަޖެހުމެއް ނުލިބުމާއި އާއިލާގެ ބޮޑެތި ޒިންމާތަކާއި ފައިސާއަށް ދަތިވުމާއި އަދި މި ކަހަލަ ތަފާތު އެކި ކަންކަމާއި ކުރިމަތިލާންޖެހުމުން ހިތްނުތަނަވަސްވެ އެވެ. އަދި ވަކި ހިސާބަކުން އިތުރު ގޮތެއް ނެތި، ގޮތްހުސްވެއްޖެ ކަމުގެ އިހުސާސްކުރެވެ އެވެ.

2. ކުރިއަށް ނުދެވޭ ކަމަށް ހީވުން

އަހަރެން މިހެން ހުއްޓާ އެހެން މީހުން ދިރިއުޅުމުގައި ކާމިޔާބީތައް ހޯދަނީ އެވެ. އެމީހުން ކުރިއަށް ދާނެ މަގު ވެސް އޮތީ ފަހިވެފަ އެވެ. އަހަންނަށް އެ މަގު ހުޅުވިފައި އެބަ އޮތް ހެއްޔެވެ؟ އެހެން މީހުން ގޮތަށް ހިތްހަމަނުޖެހޭ ވަޒީފާއަކުން ވަކިވެ ގޮސް، އެހެން ވަޒީފާއެއް ހޯދިދާނެ ހެއްޔެވެ؟

މި ކަހަލަ ތަފާތު ސުވާލުތައް އަމިއްލަ ނަފުސާ ކުރެވެން ފެށެ އެވެ. ދިރިއުޅުމުގެ ވަކި ހިސާބެއްގައި ކުރިއަށް ނުދެވި، މީހާ "ސްޓަކު" ވެފައި ހުންނަ ކަމުގެ އިހުސާސެއް ކުރެވެ އެވެ. އަދި ދިރިއުޅުމުގައި ހާސިލުކުރަން ބޭނުންވާ ކަންކަން ނުވެދާނެ ކަމަށް ހީވެ އުއްމީދު ގެއްލިފައި ހުރެވެ އެވެ.

3. އެކަނިވެރިކަން

އެކަނިވެރިކަން އިހުސާސްވާ ސަބަބުތައް ބައިވަރެވެ. އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ކުޑަވުމާއި އެ ގުޅުން ކުރިއަރުވާނެ ގޮތް ނޭނގުމާއި އަދި އާ ރައްޓެހިން ހޯދަން އުނދަގޫވުމަކީ މީގެ ތެރެއިން ކިޔާ ނަމަ، އެއް ސަބަބެވެ.

4. ހިތްދަތިވާ ކަމެއް ދިމާވުން

ލޯބިވާ މީހަކު ވަކިވުމާއި ވަޒީފާ ގެއްލުމާއި އަނިޔާ ލިބުމާއި އަދި މި ނޫން ވެސް ދިރިއުޅުމުގައި ހިތްދަތި ކަންކަމާއި ކުރިމަތިލާންޖެހުމުން މީހާގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ކުޑަ ކުރެވޭ ސަބަބެކެވެ. ދިމާވާ ހިތްދަތި ކަންކަމުގެ ސަބަބުން މީހާގެ ނަފުސާނީ ދުޅަހެޔޮ ކަމަށް ވެސް ނޭދެވޭ އަސަރުކުރެ އެެވެ.

5. ޖިސްމާނީ ގޮތުން ބަލިކަށިވުން

ގައިގެ ތަންތަނުގައި ރިއްސުމާ އަދި މީހާ ބަލިވާ ކަމަށް ހީވާން ފެށުމުން ވެސް އަހަންނަށް މި ވަނީ ކީއްބާއޭ ހިތަށް އަރާ ދޯ އެވެ. ނުވަތަ ހަށިގަނޑުގައި ހުރި ކަމެއްގެ ސަބަބުން ކަމަށް ގޯސްވެއްޖެހެން ވެސް ހީވާތަން އާދެ އެވެ. ބައްޔެއް ހުރުމުން ނުވަތަ ބައްޔެއްގެ އަލާމާތެއް ފެނުމުން ވެސް މިހެން ހިތަށް އަރުވަ އެވެ. އެކަމާ ކަންބޮޑުވެ، ހާސްވެ އެވެ. މި ހާލަތުގައި މި ގޮތަށް އެއްޗެހި ހިތަށް އެރުވުމަކީ ގޯހެއް ނޫނެވެ. އެކަމަކު، މި ހީކުރުންތަކާ ދުރަށް ދިއުމަށް ވީހާ ވެސް އަވަހަކަށް ފަރުވާ ހޯދުމަށް އިސްކަންދޭށެވެ.

6. އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލުން

އަމިއްލަ ނަފުސަށް ކުރާ އިތުބާރު ގެއްލުން ނުވަތަ މާ މުހިންމު ނޫން މީހެއް ކަމަށް އަމިއްލައަށް އިހުސާސްކުރެވެން ފަށައިފި ނަމަވެސް، ކަމެއް ގޯސް ކަމަށް ހީވެދާނެ އެވެ. މިފަދަ ހާލަތެއްގައި އެންމެ މުހިންމީ ތިމާ އެހެން ހިތަށް އަރުވަން ޖެހުނު އަސްލު ސަބަބުން ހޯދުމެވެ.

7. ނަފުސާނީ ބަލި

ކަންކަން ކުރާ ހިތްނުވުމާއި ޝައުގުވެރިކަން ގެއްލުމުން ތިމާއަށް ވެފައި ހުރީ ކީއްތޯ އަބަދު ވެސް އަމިއްލަ ނަފުސާ ސުވާލުކުރެވޭނެ އެވެ. މީގެ ސަބަބަކަށް ނަފުސާނީ ބައްޔެއް، އެއީ ޑިޕްރެޝަން، އެންޒައިޓީ ޑިސްއޯޑާ އަދި ޕާސަނަލިޓީ ޑިސްއޯޑާ ކަހަލަ ކަމަށް ވުމުގެ ފުރުސަތު ވެސް ބޮޑެވެ. ޖިސްމާނީ ބަލިތަކަށް ފަރުވާ ހޯދާ ބީދައިން، ނަފުސާނީ ބަލިތަކަށް ވެސް ފަރުވާ ހޯދުމުގައި ފަރުވާކުޑަކުރާށެވެ. މާ ލަސް ނުވަނީސް ފަރުވާ ހޯދާށެވެ.

- ހައްލު ހޯދާނީ ކިހިނެއް؟

1. ހިތްހަމަޖައްސާނެ ގޮތްތަކެއް ހޯދުން

ގުދުރަތީ މާހައުލެއްގައި ހިނގާލަން ދިއުން

އަމިއްލަ އިހުސާސްތައް ލިޔުން

ތިމާގެ އަޑުއަހާ އާއިލާގެ މެމްބަރެއް، ރައްޓެއްސެއް ނުވަތަ އެ ނޫން ވެސް ހިތްހެޔޮ މީހަކާ ވާހަކަދެއްކުން

ގޮތްހުސްވެއްޖެ ކަމަށް ހީވުމާއި ކަމެއް ކުރަން ފަށާނެ ހިސާބު ނޭނގިއްޖެ ނަމަ ކުރެވިދާނެ ކަންކަމުގެ ލިސްޓެއް ލިޔުން

"ހެޑްސްޕޭސް" ކަހަލަ މެޑިޓޭޝަން އެޕެއް ބޭނުންކުރުން

ޔޯގާ ކުލާހެއް ނުވަތަ ކަސްރަތު ކުލާހެއްގައި ބައިވެރިވުން

ފޮތެއް ކިޔާލުން (މީހާގެ ހިތްދަތި އިހުސާސްތަކާ ދުރަށް ގެންދާ ކަހަލަ، ފަސޭހައިން ކިޔާލެވޭ ފޮތެއް ހިޔާރުކުރޭ)

ޓީވީ ޝޯއެއް ނުވަތަ ފިލްމެއް ބެލުން (ތަންކޮޅެއް މަޑުމައިތިރި، މަޖާ ނުވަތަ މި ދެ ކަންތައް ހިމެނޭ ފިލްމެއް ނުވަތަ ޝޯއެއް ހިޔާރުކުރޭ)

2. އެކްޝަން ޕްލޭނެއް ހެދުން

ނަފުސާނީ ބައްޔަށް ފަރުވާ ހޯދުން

ހިތްހަމަޖެހޭ ވަޒީފާއެއް ހޯދުން

އާއިލާ އާއި ރައްޓެހިންނާ އޮންނަ ގުޅުން ވަރުގަދަ ކުރަން މަސައްކަތްކުރުން

އިތުރު ކަންކަމަށް ޝައުގުވެރިވުން (މިސާލަކަށް، ކުޅިވަރެއް ކުޅުމާއި ހެދުން ފަހަން ދަސްކުރުން ކަހަލަ ތިމާ އާންމުކޮށް ކޮށް ނޫޅޭ ކަމެއް)

މިހާ ހަރުދަނާ މީހަކަށް ވުމަށް އެހީވާ ފޮތްތައް ކިޔުން

ތިމާ ކުރިއަށް ދިއުމަށް އެހީއެއްގެ ގޮތުގައި ޖަވާބުދާރީ ވާންޖެހޭނެ މީހަކު ހޯދުން

3. ހަށިގަނޑަށް އަންނަ ބަދަލުތައް ދެނެގަތުން

މާ ގިނައިން ކަންކަމާ މެދު ވިސްނޭ ނަމަ، އެ ވިސްނުންތަކާ ދުރަށް ދިއުމަށް ކުރިން ބުނި ގޮތަށް ކުރާނެ ކަންކަމުގެ ލިސްޓެއް ހަދާ ސިކުނޑީގެ ތެރެއިން އެ ވިސްނުންތައް ބޭރުކޮށްލަން ވާނެ

މާ ބޮޑަށް އަބަދު ވަރުބަލި ވާ ނަމަ، ނިދަން އަދި ނިދިން ހޭލަން ވަކި ގަޑިއެއް ކަނޑައަޅާ، ބަރާބަރަށް ނިދި ހަމަކުރަން ވާނެ

ހިތްނުތަނަވަސް ވާ ނަމަ، ހިނގާލަން ދިއުން ނުވަތަ ކަސްރަތުކުރުން ކަހަލަ ކަމެއް ކުރެވިދާނެ

ތަނަކަށް ތަދުވާ ނަމަ ޑޮކްޓަރެއްގެ އެހީ ހޯދުން

މާ ބޮޑަށް ކަންކަމާ މެދު ކަންބޮޑުވެ ހާސްވާ ނަމަ، ފުން ނޭވާލުމާއި މެޑިޓޭޝަން ކުރުމާއި ކަސްރަތު ކުރުމަކީ ވެސް ކުރެވިދާނެ ކަންކަން

4. ކަންކަމާ މެދު ވިސްނަން ވަކި ވަގުތެއް

ދުވަހުގެ ހުރިހާ ވަގުތެއް ކަންކަމާ ފިކުރުކުރަން ދޫކޮށްނުލައި، ދުވަހުގެ ވަކި ވަގުތެއް އެކަމަށް ކަނޑައެޅުން

ވިސްނާ ކަންކަން ނޯޓްކުރުން

ވިސްނަންޖެހޭ ކަންކަމާ މެދު ވިސްނައިފައި، އެ ކަންކަން ހައްލުކުރެވިދާނެ ގޮތްތަކެއް ނިންމުން

5. އަމިއްލަ ނަފުސަށް ލޯބި ދިނުން

"ސެލްފް-ކެއާ" ނުވަތަ ޖިސްމާނީ ގޮތުންނާއި އަދި ނަފުސާނީ ގޮތުން ވެސް އަމިއްލަ ނަފުސަށް އަޅާލައި ލޯބިދިނުން މިއީ އެންމެ މުހިންމު އެއް ކަންތައް

ކޮންމެ ދުވަހު 7-8 ގަޑިއިރުގެ ނިދި ހަމަކުރުން، 10 ގަޑިއިރަށް ވުރެ ނިދި އިތުރު ނުކުރުން

ހަށިގަނޑަށް ފައިދާހުރި ގޮތަށް ކެއިންބުއިން ބައްޓަންކުރުން

ކޮންމެ ދުވަހަކު ގަވާއިދުން ކަސްރަތުކުރުން

ކޮންމެ ދުވަހަކު ވެސް އަރާމުކުރަން ވަގުތުކޮޅެއް ހުސްކުރުން

ޝައުގުވެރިވާ ކަންކަން ކުރުމަށް ވަގުތުކޮޅެއް ކޮންމެ ދުވަހަކު ވެސް ހާއްސަކުރުން

އަބަދު ގޭގައި ނޯވެ ބޭރަށް ނިކުތުން

6. ނަފުސާނީ ފަރުވާ ހޯދުން

މާޒީގައި ހިތްދަތި ތަޖުރިބާތަކެއް ކޮށްފައި ނުވަތަ މިހާރު ވެސް ދިރިއުޅުމުގައި ހިތާމަވެރި ކަންތައްތަކެއް ތަޖުރިބާކުރަމުން ދަނީތޯ އެވެ؟ ނަފުސާނީ ބައްޔެއް ތަހައްމަލުކުރަނީތޯ އެވެ؟ މިފަދަ ހާލަތެއްގައި އެންމެ އިސްކަންދޭން ވާނީ ވީ އެންމެ އަވަހަކަށް ނަފުސާނީ ބައްޔަށް ފަރުވާ ހޯދުމެވެ. ޑިޕްރެޝަން، އެންޒައިޓީ، ޕާސަނަލިޓީ ޑިސްއޯޑާ ނުވަތަ އެ ނޫން ވެސް ނަފުސާނީ ބަލިތަކަށް މިހާރު ވަރަށް ރަނގަޅު ފަރުވާތައް ހުރެ އެވެ. ބޭހައި ތެރަޕީ ލިބެ އެވެ. މި ފަރުވާތައް ހޯދާ އެތައް ބަޔަކު ރަނގަޅުވެފައި ވެސް އެބަހުއްޓެވެ. އުއްމީދު ކަނޑާލައިގެން ނުވާނެ އެވެ.

***

ނޯޓް: މި އާޓިކަލްއަށް މައުލޫމާތު ނަގާފައިވަނީ މެންޓަލް ހެލްތުގެ ތަފާތު މައުލޫތަކަށް ލިޔުންތައް ޝައިއުކުރާ ވެބްސައިޓެއް ކަމަށްވާ "ވެރީވެލްމައިންޑް" އިންނެވެ.

ޑިޕްރެޝަން މެންޓަލް ހެލްތް

Popular