12 May 2022

By: Aishath Maaha

އަގުހެޔޮކޮށް ރީތި އަންނައުނު ގަތުމަކީ ފަސޭހަކަމެއް ނޫނެވެ. އާންމުކޮށް މާލޭގެ ގިނަ ފިހާރަތައް އަދި އޮންލައިންކޮށް އަންނައުނު ވިއްކާ ތަންތަނުން ވެސް އަގުހެވޭ ބުނާވަރަށް ވުރެ އަގު ބޮޑެވެ. އެހެންވެ ކުޑަ ބަޖެޓަކުން ޝޮޕިން ކުރަން ނުކުންނަ މީހުން މުޅި ރޭ މާލޭގައި ދުއްވާފައި އެއްޗެއް ނުގަނެ ގެއަށް އަންނަން ޖެހޭލެއް މަދެއް ނޫނެވެ. އަގުހެޔޮ ފިހާރައެއް ނުފެނިގެންނެވެ.

އެކަމަކު ވަރަށް އަގުހެޔޮކޮށް ވެސް އަންނައުނު ވިއްކާ ފިހާރަތައް މާލޭގައި އެބަހުއްޓެވެ.

މިއީ އެންމެ ކޮލިޓީ ބްރޭންޑްތަކުގެ އެއްޗިއްސަށް ނުވެދާނެ އެވެ. އެކަމަކު އެންމެ ދެރަ ކޮލިޓީއެއް ވެސް ނޫނެވެ. މިއީ ލޯ ބަޖެޓަކުން ޝޮޕިން ކުރަން ބޭނުން މީހުން ދާންވީ ފިހާރަތަކެވެ.

ކަނބާ ފިހާރަ

ކަނބާ ފިހާރައަކީ ބޮޑެތި މީހުން އަދި ކުޑަކުދިންގެ އަންނައުނަށް ހާއްސަ ފިހާރަ އެކެވެ. މި ފިހާރައިން އަބާޔާ ވެސް ލިބެން ހުރެ އެވެ. އަންހެނުންގެ ފައިވާނާއި އަންޑާ ގާމެންޓްސް ވެސް ލިބެން ހުރެ އެވެ. އާންމުކޮށް މި ފިހާރައިން ލިބެ ހެދުންތަކުގެ އަގު ފެށެނީ 150 ރުފިޔާއިންނެވެ.

ކަނބާ ފިހާރަ ހުންނާނީ ބްލޫކިޔާ މަގުގަ އެވެ.

ހޯތު

ހޯތުގެ ދެ ފިހާރަ މާލޭގައި ހުންނާނެ އެވެ. އެއީ މަޖީދީމަގު (ހެންވޭރުކޮޅުގައި) އަދި ދަނބުރުއް މަގުގަ އެވެ. މިތަނުގައި ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަންނައުނުގެ އިތުރުން ފައިވާނާއި އެހެނިހެން ސާމާނު ލިބެން ހުރެ އެވެ.

މިތަނުގައި ޓީޝާޓް އަގުތައް 45 ރުފިޔާއަށް ފެށޭއިރު ޖީންސުގެ އަގުތައް ފެށެނީ 120 ރުފިޔާ އަށެވެ.

ބްލޫސް ކްލޫސް އަދި ޑްރެސް އެމްވީ

މި ދެ ފިހާރަ ވެސް ހުންނާނީ މާވެޔޮމަގުގަ އެވެ. ދެ ފިހާރަ ވެސް ހާއްސައީ އަންހެނުންނަށެވެ.

އާންމުކޮށް ހުރިހާ ހެދުމެއް ވެސް އުޅެނީ 150 ރުފިޔާއަށެވެ. ހެދުމުގެ އިތުރުން އަތްދަބަހާއި ފައިވާން ވެސް ހެޔޮ އަގުގައި މި ދެ ފިހާރައިން ލިބެން ހުރެ އެވެ.

ކްލޯތުލީ

ކްލޯތުލީ އަކީ ސޭލް ފިހާރަ އެކެވެ. ކްލޯތުލީގެ ފިހާރަތައް މާލެ އާއި ހުޅުމާލެ، ވިލިނގިލި އަދި އަތޮޅުތަކުގައި ވެސް މިހާރު އެބަހުއްޓެވެ.

ކްލޯތުލީ އިން ބޮޑެތި މީހުން އަދި ކުޑަކުދިންގެ އަންނައުނު ލިބެން ހުރެ އެވެ. މިތަނުން ހުރިހާ އެއްޗެއް ވެސް އުޅެނީ 100 ރުފިޔާއިން ދަށުގަ އެވެ.

ވޭލާ

ވޭލާގެ ފިހާރަތަކަކީ ގިނަ ބަޔަކަށް އެނގޭ އަދި ގިނަ ބައެއްގެ މަގުބޫލު ފިހާރަތަކެއް ވެސްމެ އެޮވެ. އަންނައުނާއި، ފައިވާނާއި ތުވާލި އަދި އެހެނިހެން ވެސް ސާމާނު އެންމެ އަގުހެޔޮކޮށް ގަންނަން ލިބޭނެ އެއް ތަނަކީ ވޭޅާގެ ފިހާރަތަކެވެ. ވޭލާގެ ފިހާރަތައް މާލޭގެ ހުރިހާ ހިސާބެއްގައި ވެސް އެބަހުއްޓެވެ.

ރީސޭލް ވޭވް

މިއީ ތްރިފްޓް އަންނައުނު ވިއްކާ ފިހާރަ އެކެވެ. މިތަން ހުންނާނީ ސަބުދެރިޔާ މަގުގައި ހުންނަ އޮޓޯ ޕާޓްސް ގަލޯ ކުރީމަތީގައި ހުރި ހިމަ ގޯޅިއެއްގަ އެވެ.

މިއީ މުޅިން އާ އަންނައުނު ވިއްކާ ތަނެއް ނޫން ނަމަވެސް މިތަނުން ލިބެން ހުންނަ އަންނައުނަކީ އާކޮށް ރީތިކޮށް ހުންނަ އަންނައުނެވެ.

ޝޮޕިން

Popular