12 May 2022

By: Ahmed Jaishan

ވާހަކަ ކިޔުމަކީ ހުސްވަގުތު ރަނގަޅު ގޮތުގައި ހޭދަކޮށްލެވުމުގެ އިތުރުން މީހާ އަށް ފައިދާ ވެސް ހުރި ކަމެކެވެ. އެއާ އެކު ގިނަ ގިނައިން ވާހަކަ ކިޔުމަކީ ވަރަށް ރަނގަޅު ކަމެކެވެ. ވާހަކަތަކުގެ ތެރެއިން ވެސް ލޯބީގެ ވާހަކަ ނުވަތަ ރޮމޭންސް އަކީ ވަރަށް މަގުބޫލު ޖޯންރާއެކެވެ.

ލޯބީގެ ވާހަކަ ކިޔުމަކީ ވަރަށް ގިނަ ވާހަކަ ކިޔުންތެރިން ހުސްވަގުތު ފުރާލުމަށް އާންމުކޮށް ކުރާ ކަމެކެވެ. ކޮންމެ ދުވަހަކު ގިނަ އަދަދަކަށް ރޮމޭންސް ވާހަކަ ނުކުތުމަކީ ކިޔާ މީހުންނަށް ވަރަށް ގިނައިން ކުރިމަތިވާ ދަތިކަމެކެވެ.

މިކަމަށް ކުޑަ ހައްލެއް ހޯދުމަށް މިއޮތީ ލޯބީީގެ ވާހަކަތައް ހިމެނޭ ތަފާތު ފޮތްތަކެއްގެ ލިސްޓެކެވެ.

ދަ ރޯޑް ޓްރިޕް - ބެތު އޮ ލިއަރީ

.

ދަ ރޯޑް ޓްރިޕަކީ ކުރީން ރަށްޓެހިވެގެން އުޅުމަށް ފަހު ރުޅިވެފައިވާ ދެ "އެކްސް" ގެ ވާހަކައެކެވެ. ޑިލަން އާއި އެޑީ ފުރަތަމަ ދިމާވަނީ މީގެ ހަތަރު އަހަރު ކުރިންނެވެ. އެއަށްފަހު ދެމީހުން އެކަކު އަނެކަކު ދެކެ ލޯބިވެގެން އުޅެ ދެ އަހަރު ފަހުން ދެމީހުން ރުޅި ވަނީ ކުއްލި ގޮތަކަށެވެ. އެއަށްފަހު ދެމީހުން އެކަކު އަނެކަކާ ވާހަކަ ނުދައްކާތާ ދެ އަހަރު ވެއްޖެ އެވެ،

ނަމަވެސް ޑިލަންގެ ގާތް އެކުވެރިޔާ ޗެރީގެ ކައިވެންޏަށް ދާން އުޅުމުގެ ތެރޭގައި ޑިލަންގެ ކާރު ހަލާކު ވެގެން ދަތުރުގެ ބައިވެރިއަކަށް ވަނީ އެޑީ އެވެ. އެޑީގެ ކާރުގައި ދެމީހުން ދަތުރުކުރަމުން ދާއިރު އެންމެފަހުން ވާހަކަ ދެކެވެން ފަށަނީ ދެމީހުން ރުޅިވި އިރު ކަންތައް ވީގޮތާ މެދުގަ އެވެ.

ޕީޕަލް ވީ މީޓް އޮން ވެކޭޝަން - އެމިލީ ހެންރީ

.

އެމިލީ ހެންރީގެ މި ވާހަކައަކީ މިދިޔަ އަހަރު ގުޑްރީޑްސްގެ އެންމެ މަގުބޫލު ރޮމޭންސް ފޮތުގެ އެވޯޑު ލިބިފައިވާ ވާހަކަ އެވެ. މި ވާހަކައިގައި މައިގަނޑު ރޯލަކަށް އުޅޭނީ އެލެކްސް އާއި ޕޮޕީ އެވެ.

އެލެކްސް އާއި ޕޮޕީ އަކީ ވަރަށް ކުޑައިރުއްސުރެ ގާތް އެކުވެރިންނެވެ. ދެމީހުން އެކަކު އަނެކަކުގެ ބެސްޓް ފްރެންޑުންނަށް ވީ ހިސާބެއް ވެސް ނޭނގެ އެވެ. ދެމީހުންނަށް 18 އަހަރު ވީފަހުން ދެމީހުން ވަނީ ހާއްސަ ގަވާއިދެއް ހަދާފަ އެވެ. އެއީ ކޮންމެ އަހަރަކު އެއް ފަހަރު ބޮޑު ވެކޭޝަނަކަށް ނުވަތަ ދަތުރަކަށް ދިޔުމަށެވެ. މި ދަތުރުގައި ދާނީ ދެމީހުން އެކަންޏެވެ. އަދި ދަތުރަކީ މަޖާ އަދި "އަންކޮމްޕްލިކޭޓެޑް" ދަތުރަކަށް ވާން ޖެހޭނެ އެވެ.

ނަމަވެސް އެންމެ ފަހުގެ ދަތުރުގައި ކަންތައް ވެގެން ދަނީ މުޅިން ތަފާތުކޮށެވެ. ދެމީހުންގެ ދެމެދުގައި އެކަކު އަނެކަކަށް އޮތް އިހުސާސްތައް ފަޅައި އަރައި ދެމީހުންނާއި ދެމީހުންގެ ވަށައިގެންވާ ހުރިހާ އެންމެނަށް އޭގެ އަސަރު ކުރަން ފަށަ އެވެ.

ޑޭޓިން ޕްލޭން - ސާރާ ދޭސާއި

.

ޒުވާން ސޮފްޓްވެއާ އިންޖިނިއަރު ޑެއިޒީ ޕަޓެލް އަށް ލޯޯތްބާއި ރިލޭޝަންޝިޕްތަކަށް ވުރެ ބޮޑަށް އުނދަގޫ ކޯޑުތައް ދަސްކުރަން ފަސޭހަ އެވެ. ލިއަމް މާފީ އަކީ ވެސް ލޯބި ހޯދަން އުޅޭ މީހެއް ނޫނެވެ. އޭނާގެ ގޯލަކީ އެކި ގޮތްތައް ހޯދައިގެން މުއްސަނދި ވުމަށެވެ.

ލިއަމް އަށް މުއްސަނދި ވެވެން އޮތީ އޭނާގެ އާއިލާގެ ވާރުތަ މުދާއާއެކު ކުންފުނި އޭނާގެ ނަމަށް ބަދަލުވުމުންްނެވެ. މިކަން ކުރެވެން އޮތީ އޭނާ ކައިވެނި ކުރުމުންނެވެ. އެކަމަށް އޮތް އެންމެ ފުރިހަމަ ހައްލަކީ ޑެއިޒީ އެވެ. ޑެއިޒީގެ އާއިލާގެ ފާޑުކިޔުންތަކުން ސަލާމަތްވާން އޭނާ ވެސް ކައިވެނި ކުރަން ޖެހެ އެވެ.

އެއާއެކު ދެމީހުން ފަށަނީ މަކަރު ހަދައިގެން ފޭކް ރިލޭޝަނެއްގައި އުޅޭށެވެ. ދެމީހުންނަށް ވެސް ބޭނުންވާ ކަންތައް ވަނީ އޭރުންނެވެ. ނަމަވެސް ދެމީހުންގެ ފޭކް ގުޅުމުގެ ފޭކުކަން މަޑުމަޑުން ގެއްލެން ފަށަނީ ދެމީހުން ގިނައިން ދިމާވަމުން ދިޔުމާއެކުގަ އެވެ.

Popular