26 May 2022

By: Ahmed Jaishan

ހަފުތާގެ މަސައްކަތް ފެށުމާ އެކު ދެން އިންތިޒާރުކުރާނީ ހަފުތާ ބަންދަށެވެ. މުޅި ހަފުތާގައި ގެއްލޭ ނިދި ހަމަކުރަން ބަންދު ދުވަހު ނިދަން ގިނަ ބަޔަކު ނިންމާނެ އެވެ. ނަމަވެސް އޯފް ޑޭ އަތުވެއްޖެ އެވެ. އެހެން ދުވަސްތަކަށް ވުރެ މާ އަވަހަށް ހޭލެވެނީ އެވެ.

އޮފީހަށް ނުކުންނަ ދުވަސްތަކުގައި ހެނދުނު ތައްޔާރުވެގެން އޮފީހަށް އައުމަކީ ފަސޭހަ ކަމެއް ނޫނެވެ. ކިތަންމެ ކުރިން ނިދައިގެން އޮފީހަށް އަންނަން އުޅުނަސް ހެނދުނު ނިދި ހަމަވާ ގޮތެއް ނުވެ އެވެ. ނިދިން ހޭލަން ވެސް އެހާ އުނދަގުލެވެ.

ދެން އޮފީހަށް އަންނަ އިރުވެސް އެ ނިދިގަނޑު ހުންނާނީ ނުފިލަ އެވެ. އެކަމަކު ބަންދު ދުވަސް ޖެހޭ އިރަށް އެހެން ދުވަސްތަކުގައި ހޭލާ ވަގުތަށް ވުރެ މާ އަވަހަށް ހޭލެވޭނެ އެވެ. ކިތަންމެ ކުޑަ ވަގުތުކޮޅެއް ނިދުމުގައި ހޭދަކުރި ނަމަވެސް ހޭލާ އިރު ހުންނާނީ ނިދި ހަމަ ވެފަ އެވެ. މިހެން ވަނީ ކިތައް މީހުންނަށް ހެއްޔެވެ؟

.

ބަންދު ދުވަސްތަކުގައި އަވަހަށް ހޭލެވުމާއި އޮފީހަށް ދާ ދުވަސްތަކުގައި ހޭލަން އުނދަގުވުމުގެ ފަހަތުގައި ސަބަބުތަކެއް އެބަހުއްޓެވެ.

ނިންޖާއި އިންސާނާގެ އިންޓާނަލް ވޮޗު

ނިންޖާއި އިންޓާނަލް ވޮޗާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ އަދި މި ކިޔާ އިންޓާނަލް ވޮޗަކީ ކޮބައިހެއްޔެވެ؟

އިންޓާނަލް ވޮޗަކީ އިންސާނުންގެ ނިންޖާއި ހޭލުމުގެ ޕެޓާންތައް ރާވައި ބެހެއްޓުމުގައި މަސައްކަތްކުރާ ސިސްޓަމެކެވެ. މި ސިސްޓަމް ބޮޑަށް ބަރޯސާ ވަނީ އިރުގެ އަލިކަމާއެވެ. ދުވާލު ގަޑީގައި ހޭލައި ހުރެ ރޭގަނޑުވުމުން ނިދި އައުމަށް ހަށިގަނޑު ބުނެދޭ ސިސްޓަމަކީ އިންޓާނަލް ވޮޗެވެ.

މި ސިސްޓަމަކީ އާންމުކޮށް ނިދީގެ އިތުރުން ހަކަތަ ހުންނަ ވަރާއި ބަނޑުހައިވުމާ ވެސް ގުޅޭ ކަމެކެވެ.

ގިނަ ފަހަރަށް އާންމުކޮށް އެއްކަމެއް ތަކުރާރުކޮށް ކުރަން ޖެހުމަކީ އިންސާނާ ފޫހިވާ ކަމެކެވެ. އެހެންވީމާ ވޮޗް ގިނަ ފަހަރަށް ސިގްނަލް ދެނީ ވަރުބަލިވެފައި ހުންނަ ގޮތަކަށެވެ.

.

ކޮންމެ ދުވަހަކު ހެނދުނު ހޭލައިގެން އޮފީހަށް ދިޔުމަކީ ގިނަ ބަޔަކު ކުރާހިތްވާ ކަމެއް ނޫނެވެ. އެހެންވީމާ މުޅި ދުވަހު ވަރުބަލިވެ ނިދި އައިސް ހުންނާނެ އެވެ. ނަމަވެސް ބަންދު ދުވަހަކީ މީހާ މުޅިން ރިލެކްސްކޮށްލައިދޭ ކަމެކެވެ.

އޯފް ދުވަސް އަންނަ އިރަށް ގިނަ ފަހަރަށް އެ ދުވަހަށް ތިބެނީ އިންތިޒާރު ކޮށްލަކޮށްލަ އެވެ. އެހެންވީމާ މުޅި މީހާ ހުންނަނީ ވަރަށް "އެކްސައިޓެޑް" ވެފަ އެވެ. ނަތީޖާއެއްގެ ގޮތުން، ގަޑި ހަމަވަންދެއް ނުނިދިޔަސް ހަމަޖެހިލައިގެން ނިދިން ހޭލެވޭނެ އެވެ.

މުޅި ދުވަހު ވަކި ކަމެއް ކުރަން މަޖުބޫރުވެފައި ނެތުމުން އޯފް ދުވަހު ހޭލެވީ އިތުރު ކަމަކާ ވިސްނަން ނުޖެހި އެވެ. އެހާ ފަސޭހައިން ހޭލެވެނީ އެހެންވެ ކަމަށް ވެދާނެ އެވެ. އަދި ގިނަ އިރު ނިދަން އޮތުމުން ތަނަކަށް ލަސް ނުވާނެ ކަން އެނގޭތީ އެއީ ވެސް ހަމަޖެހިލެވޭނެ ކަމެކެވެ. އެހެންވީމާ އަވަހަށް ހޭލެވުނަސް މާ ކަންބޮޑުވާކަށް ނުޖެހެ އެވެ. އެހެން ވަގުތެއްގައި އެ ނިދި ހަމަ ކޮށްލެވޭނެ އެވެ.

އާއްމު ދިރިއުޅުން

Popular