11 Nov 2022

By: Aminath Ibrahim

މަލާމާތާއި ފުރައްސާރަ އާއި ޖޯކުތަކުން މީހެއްގެ ހިތް ބަލިކަށިވެގެން އަޒުމަށް ލޮޅުން އަރާނެ ނަމަ މަޝްހޫރު އިންސްޓަގުރާމް މޮޑެލް އަދި ފިޓްނެސް އިންސްޓްރަކްޓަރު ފާޒިލް (ފިޓް ފާޒިލް) އެ ހުރިހާ ކަމެއް ތަހައްމަލުކޮށްފި އެވެ. އެކަމަކު ފަހަރަކު "މަޅިގަނޑަކުން" ނެއްޓި މި ޒުވާނަކު ކުރިއަށްދާން ހިޔާރުކޮށްފައި އޮތް މަގުން ފަސް އެނބުރި ބެލުމެއް ނެތެވެ.

ފާޒިލް ބުނަނީ، މިވީހާ ދުވަހުގެ ތަޖުރިބާއިން އޭނާ އަށް ދަސްވެފައި އޮތީ، އެގޮތަކުން ދިރިއުޅުން ކުރިއަށް ނުދާނެ ކަމެވެ. އަމުދުން އަމިއްލަ ހުވަފެންތަކަށް މިސްރާބެއް ނުދެވޭނެ ކަމެވެ. އެހެންވީމާ ފާޒިލް އަތުލީ އޭނާގެ ލަގަނެވެ.

މި އިންޓަވިއުގައި ފާޒިލް މި ދެނީ އޭނާގެ ދިރިއުޅުމުގެ އަޕްޑޭޓަކާ އެކު ފުރައްސާރަ އާއި އާޑައިގެ އޮއެވަރުން ނެއްޓެން ނޭނގިފައިތިބި ޒުވާނުންނަށް، ހަދަންވީ ގޮތެވެ.

"އެންމެ ފުރަތަމަ މީހުން މަލާމާތްކުރީ ފާޒިލްގެ ހަށިގަނޑު އަނަރޫފަކޮށް ހުންނާތީ، ބަރުދަން އިތުރުކުރަން ޖިމަށް ދާންފެށީމާ. ހާދަ ހުތުރޭ، ހައްތަހާވާނީ ހިއްކޭ، ހައްތަހާ ވާނީ ކުރޭ ބުނެ މަލާމާތްކުރި މީހުން ކުރި. އެކަމަކު ހުއްޓާނުލައި ކުރިއަށް ގޮސް، ފަހުން ފާޒިލްގެ ބޮޑީ ޓްރާންސްފޮމޭޝަން ފެނުމުން ފާޑު ކީ މީހުން ވެސް އެޕްރޯޗްކުރި،"

އެއީ ތެދެކެވެ. އޭނާ އަކީ މިހާރު ޖިމް އިންސްޓްރަކްޓަރެކެވެ. އަނަރޫފަކޮށް ތިބޭ ފިރިހެން ކުދިންނަށް ބޭނުންވާ މޯޓިވޭޝަނާއި ހިތްވަރު އެހެރަ ދެނީ އެވެ. ފާޒިލް ބުނަނީ، އޭނާއަށް ވަންޏާ، ކޮންމެ މީހަކަށް ވެސް ވާނެއޭ އެވެ.

"އިސްކޮޅުން އަދިވެސް ވަރަށްކުރު. އެކަމަށް ވެސް މީހުން މަލާމާތްކުރޭ ދެން އެއަށް ކުރެވޭނެ ކަމެއް ނެތް، އެހެން ނަމަވެސް 2012 ވަނަ އަހަރު ފެށި އިރު ބަރުދަނުގައި ތިރީސް ކޮންމެވެސް ވަރެއްގައި ފެށި މީހެއް ފާޒިލް އަކީ. މިހާރު، އިތުބާރު އެބައޮތް އަމިއްލަ ހަށިގަނޑަށް ބޭނުންވާ ކޮންމެ ޓްރާންސްފޯމޭޝަނެއް ގެނެވޭނެ ކަމުގެ،" އޭނާ ބުންޏެވެ.

View this post on Instagram

A post shared by Fazil Ismail | FITFAZIL (@fitfazil)

ފިޓްނަސްގެ ދާއިރާގައި ފާޒިލް ފިޔަޖަހަމުން އެދަނީ ރާއްޖޭގެ އުދަރެހުގައި އެކަންޏެއް ނޫނެވެ. ބޭރުގެ ފިޓްނަސް މޮޑެލިން ޕްރޮޖެކްޓް ތަކުގައި ވެސް މަސައްކަތްކުރަމުން ރާއްޖޭގެ ބޯޑަރުން ބޭރަށް ވެސް އޭނާ ޖެހިލައިފި އެވެ.

"އިންޓަގްރާމުން ވެސް ފެންނަން ހުންނާނެ، ދުނިޔޭގައި ވެސް ފިޓްނަސްގައި ފާހަގަކޮށްލެވޭ މީހުންނާ އެކު މަަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ،"

އެހެންވީމަ މިޓްނަސް އާއި ގްލެމާގެ މި ދުނިޔެއެއްގައި ފާޒިލް މިހާރު އެހުރީ މަދުން ނޫނީ ދިވެއްސަކަށް ނުދެވޭނެ ހިސާބަކަސް ގޮހެވެ. އެ ހިސާބުގައި ހުރެގެން ހުރިހާ ފޯކަސްއެއް، އޭނާ ފަދަ ޒުވާނުންނަށް ދީގެން މި ޖީލު ކަސްރަތަށް ވެއްދުމަކީ އޭނާގެ އަޒުމެވެ.

"އަބަދުވެސް ބޭނުންވޭ ފާޒިލް ކަހަލަ އެހެން ކުދިންނަށް އެހީވާން. އޭތި ހިތުގައި ބައިންދައިގެން ކުދިން ޓްރެއިންކުރަން ފެށީ ވެސް،"

އެލެވޭޓް ފިޓްނަސް ޖިމަށް އޭނާގެ އިރުޝާދުގެ ދަށުން އެ ބުނާ ކާމިޔާބީ ހާސިލްކުރަން ބޭނުންވެގެން ދާ މީހުން މިހާރު މަދެއް ނޫނެވެ.

"ވަރަށް ބިޒީ ޝެޑިއުލްއެއްގައި މިހާރު ވެސް މި އުޅެނީ. 2018 އިން ފެށިގެން ފުލްޓައިމް އިންސްޓްރަކްޓަރެއްގެ ގޮތުގައި މި އުޅެނީ. ޖިމްގެ މަސައްކަތަށް ފަތިހު ފަހެއްގައި ހޭލާގޮތަށް ހެނދުނު 11 ޖަހަންދެން އެ މަސައްކަތް. ދެން ހަވީރު އަނެއްކާވެސް ފަށާ ގޮތަށް ރޭގަނޑު ދިހައެއްގަ ނިންމާލަނީ،"

މި ޝެޑިއުލެއްގެ އަނެއް ފަންސާސް ޕަސެންޓްގައި އޮތީ ޕަބްލިކް ދިރިއުޅުމުގެ ކޮންޓެންޓް ތައްޔާރުކުރުމާއި ޕްލޭން ހެދުމެވެ. ދެކަމަކީ ވެސް، އޭނާގެ ޕެޝަން އެވެ.

"އެހެންވީމަ މި ބުނަނީ ނެގެޓިވިޓީ އަށް ލައިފްގަ ނެތޭ އެއްވެސް ޖާގަ އެއް. ފާޒިލް އަށް ހީވަނީ ނަފްރަތު ފާޅުކުރާ މީހުން އެގޮތަށް އެކަން ކުރަނީ އެމީހުންނަށް ނުކުރެވޭ ކަންކަން ފާޒިލް އަށް ކުރެވޭތީ ހެން. ގިނަ މީހުން ބޭނުންވާނީ މަސައްކަތް ނުކޮށް، ކާމިޔާބީ އާއި މަޝްހޫރުކަން ހޯދަން. އެކަމަކު އެއީ މަސައްކަތް ކޮށްގެން ހުވަފެންތައް ހާސިލްކުރަން އުޅޭ މީހުންނަށް ލިބޭ އެއްޗެއް،"

މި މެސެޖުތަކާ އެކު ފާޒިލް ދެނީ، ހިތްވަރު އެލުވާނުލައި މަސައްކަތް ކޮށްފި ނަމަ ކާމިޔާބީ އާއި ނަފްސުގެ ކޮންޓްރޯލް ލިބޭނެ ކަމުގެ ޔަގީންކަމެވެ. އެ ކޮންފިޑެންސް ލިބޭ ހިސާބުން ފާޑާއި ފުރައްސާރައިން ލިބޭނީ ހަމައެކަނި ހިތްވަރު ކަމަށް ވެސް ބުންޏެވެ.

ސިއްހަތު ފިޓްނެސް އެމްޕަވާ ފިޓްނަސް

Popular