3 Dec 2022

By: Aminath Ibrahim

ހަފްތާއެއް ކުރިން ފޭސްބުކްގައި ގިނަ ބަޔަކު ޝެއާކުރަމުން ދިޔަ ދިވެހި ޒުވާނެއްގެ ޕޯސްޓެކެވެ. އޭނާގެ ކުރީގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއެއް ފެންނަ ކޮލާޖަކާ އެކު އެ ޕޯސްޓުގެ ކެޕްޝަންގައި ލިޔެފައިވެ އެވެ. "އެއްވެސް މީހަކަށް މާދަމާ ވާނެ ގޮތެއް ނޭނގޭނެ،" އެވެ.

އެ ކޮލާޖުގެ އެއް ފޮޓޯގައި އެ ޒުވާނާ ހުރީ ރަސްމީ ހެދުމުގައި، ރާއްޖޭގެ ބޮޑު އޮފީހެއްގެ ތެރޭގައި ހުއްޓިލައިގެން ކޮޅަށެވެ. ދެވަނަ ފޮޓޯގައި ފެންނަނީ ހަމަ އެ ޒުވާނާ، ރަށެއްގެ މަގުމަތީގައި، ފުރޮޅުލީ ގޮނޑިއެއްގައި އިންދަ އެވެ. އެ ދެ ފޮޓޯގެ ދެމެދުގައި ވަނީ އަށް ވަރަކަށް އަހަރުގެ ތަފާތެވެ.

އެއީ 35 އަހަރުގެ، ގދ. ތިނަދޫ ފުލޫނިއާގޭ އަހުމަދު އަފްރާހެވެ. ރަސްމީ ހެދުމުގައި ކޮޅަށް ހުއްޓައި ނަގާފައިވާ ފޮޓޯއިން ދައްކަނީ އަށް އަހަރު ކުރިން އޭނާ ހުރި ގޮތެވެ. ދެން އެއީ، އެހައި ދުވަހުން މިހާތަނަށް ހޭދަކުރި ދުވަސްތަކުގެ ހާލަތު ދައްކާ ފޮޓޯއެކެވެ.

މިއީ، އަފްރާހުގެ އެ ޕޯސްޓުގައި ލިޔެފައިވާ މާނަފުން ލަފްޒުތަކާއި އޭގައި އޭނާ ދޭން ބޭނުންވި މެސެޖުގެ ވާހަކައެވެ. އޭނާގެ ވާހަކަ އެވެ.

.......

ދެހާސް ސާދަ ވަނަ އަހަރުގެ އޭޕްރިލް މަހުގެ ދިހަވަނަ ދުވަހަށް ގަޑި ހިނގަން ފަށައި މެންދަންވިތާ މާ ގިނަ އިރެއް ނުވެ އެވެ. ވެސްޓްޕާކު ރެސްޓޯރަންޓުން ކޮފީއެއް ބޯލައިގެން، އަފްރާހާއި އޭނާގެ ރަހުމަތްތެރިޔާ އަމީޒު ސައިކަލުގައި ބާރު ސްޕީޑުގައި ދުއްވަމުންދިޔައީ ބޮޑުތަކުރުފާނު މަގުން އިރަށެވެ. އެ އައި ގޮތަށް އައިސް، ރައީސް އޮފީސް ފަސްދީ ބެންކް އޮފް މޯލްޑިވްސް އިމާރާތާ އަރައި ހަމަކޮށްފައި، ޗާންދަނީމަގުން އެތެރެއަށް ވަނުމަށް ސައިކަލުގެ މިސްރާބު އަނބުރައިލި އެވެ. އަދި ދުވެލި ކުރިއަށްވުރެ ބާރުކޮށްފައި ދުއްވާފައި ގޮސް އެމްއެމްއޭ ކޮޅުން އެ މަގަށް ވަނުމަށް ދިމާކޮށްލި ވަގުތު އުޅެވުނު ގޮތަކުން އަމީޒްގެ އަތުން ސައިކަލުގެ ކޮންޓްރޯލް ދޫވި އެވެ. އަދި ސައިކަލާ އެކު ބާރުމިނުގައި ދެ މީހުން ވިއްސައިގެން ގޮސް ބޮޑު އެކްސިޑެންޓެއް ހިނގި އެވެ.

ދުއްވަން އިން އަމީޒުގެ ގައިގެ އެކި ތަންތަން ވަރަށް ބޮޑަށް ޒަހަމްވި އެވެ. އަފްރާހަށް، އަތުގެ ބޮޑުވާ އިނގިއްޔަކުން ތަންކޮޅަކާއި އުޅަބޮއްޓެއްގެ ތަންކޮޅެއް މަށައިގެން ދިއުން ނޫން އަނިޔާއެއް ލިބުނުކަމުގެ ނިޝާނެއް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ފެންނާކަށް ނެތެވެ.

"އެހެންވީމަ، އެމަޖެންސީ ފަރުވާ ދީފައި އެމީހުން ބުނީ ގެއަށް ދާށޭ. އެހެން ބުނީމައި ތެދުވާން ވެގެން ހިފާލީމަ ފައި ހަރަކާތެއް ނުކުރި. ކިރިޔާ ބޯ ހިއްލާލެވެނީ. އަތް ހަރަކާތްކުރޭ. އެކަމަކު މޭ މައްޗާ ހަމައިން ތިރީގައި އެއްވެސް ހަރަކާތެއް، އިހުސާސެއް ނެތް،" އަށް އަހަރު ކުރިން ހިނގި އެކްސިޑެންޓުގައި ހަޔާތުގެ އޮއެ ބަދަލުވެއްޖެކަން އިހުސާސްކުރެވުނު ހިނދުކޮޅު އަފްރާހް ސިފަކޮށްދިނެވެ.

އޭރު، ހަތަރު އަހަރު އެމްއެންޑީއެފް ވަޒީފާގައި އުޅެފައި މަޖިލީހުގެ ސެކިއުރިޓީ އަށް އޭނާ ބަދަލުވިތާ މާ ގިނަ ދުވަހެއް ނުވެ އެވެ. އުމުރުން 27 އަހަރެވެ. އެކްސިޑެންޓްގައި ވެއްޓި ޖެހުނު ގޮތަކުން އޭނާގެ މައިބަދައިގެ ބޮޑު ބައެއް ފުނޑުނީ އެވެ. މައި ނާރު ވަރަށް ބޮޑަށް ހަލާކުވި އެވެ. އެ ގެއްލުންތަކުގެ ސަބަބުން މެއިން ތިރީގެ ބާރު މުޅިން ކެނޑުނެވެ.

"އަދިވެސް ހަނދާން އެބަހުރި ސާޖަރީކޮށްގެން ވޯޑަށް ނެރުނު ދުވަހު ޑރ ޝާން ވިދާޅުވި ބަސް. ބުނީ، ދެން އަފްރާހަކަށް ނުހިނގޭނެއޭ. މިހާރު އޮތް ގޮތަކީ މިއޭ. މާނައަކީ އުމުރުދުވަހު މީހެއްގެ އެހީތެރިކަމަށް ބޭނުންވާނެއޭ،" އޭނާ ކިޔައިދިނެވެ.

އަށް އަހަރު ކުރީގެ އެކްސިޑެންޓުގެ މި ހަނދާނަކުން ފައްޓަން ޖެހުނަސް، އަފްރާހުގެ މި ސްޓޯރީ ގެންދަނީ ދިރިއުޅުމުގެ ކެއްސާއި ބޭވަފާތެރިކަމާ މާ ދުރަށެވެ. އޭނާގެ ހަޔާތް ބަނަވެ ކަޅުކޮށްލި ވަގުތު، ހިތާއި ސިކުނޑީގެ ސާބިތުކަން ދަމަހައްޓަމުން އުންމީދުގެ ވޮށުން ދިރިއުޅުމަށް އަލިކަން ގެންނަން ކުރާ ހިތްވަރުގެ ވާހަކައިންނެވެ.

އަފްރާހް އޭނާގެ އާއިލާއާ އެކު: ބޭނުންވާ ކޮންމެ ވަގުތަކު ހުރިހާ އެހީތެރިކަމެއް އޭނާ އަށް ލިބެނީ އާއިލާގެ ފަރާތުން. އާއިލާގެ ފަރާތުން ދޭ ލޯތްބާއި އަޅާލުމަކީ އޭނާގެ ހާލަތަށް އައި ކުރިއެރުމުގެ އެއްބައި ކަމަށް ބުނޭ

މިހާރު އަފްރާހަށް ތަނެއްގައި ހިފަހަށްޓައިގެން ސިކުންތުކޮޅެއް ވަންދެން ކޮޅަށް ހުރެވެ އެވެ. ފެންވެރުމާއި ކެއުމާއި އިސްތިރިކުރުމާއި ތަންމަތި އެޅުން ފަދަ ހުރިހާ ކަމެއް އަމިއްލަ އަށް ކުރެވެ އެވެ.

"ދެކޭގޮތް ބަދަލުކޮށްލުމުން ދިރިއުޅުމަށް ހިނިތުންވުން ގެނެވޭނެ"

ރާއްޖެއިން ކުރި ސާޖަރީއަށް ފަހު އިންޑިއާ އަށް ގޮސް، އެތަނުގައި ފިޒިއޮތެރަޕީ ފެށި އެވެ. ދިގު އިސްކޮޅާ އެކު ބަރު ހަށިގަނޑު އުފުލޭ ހަކަތަ އޭނާގެ ދެއަތުގައި އޭރު ނުހުންނާތީ ފިޒިއޮތެރަޕީގެ އިތުރަށް އަމިއްލައަށް ވެސް ކަސްރަތުކުރަން ފެށި އެވެ.

"އޭރު ގޮނޑިއަށް ނޭރިގެން ގަޑިއެއްހާ އިރު ވެސް ބިންމަތީގައި އިންނަން ޖެހިދާނެ،"

އޭނާ ކިޔައިދިނީ އަމިއްލަ ހަށިގަނޑުގައި ހަކަތަ ނެތުމާއި މީހުންގެ އެހީތެރިކަމަށް އަބަދު ބަރޯސާވާން ޖެހުމުން ރުޅިގަދަވުމާއި ގޯސް ޖަޒުބާތުތަކަށް ސިކުނޑި ދީލައިލާ އަވަސް ގޮތެވެ. ޑިޕްރެޝަން އާއި މާޔޫސްކަމުގެ ތެރެއަށް ދަނީ މިފަދަ ޖަޒުބާތުތަކަށް ނަފްސުގެ ލަގަން ދޫކޮށްލުމުން ކަމަށް ވެސް ބުންޏެވެ. އޭނާ ވެސް އެފަދަ ކަންތައްތަކެއް ތަޖުރިބާކުރި އެވެ. އެދެނީ އެ އިހުސާސް އެގޮތަށް ކުރެވެން ފެށުމުން ދެނެގަތުމަށެވެ. އެކަމަށް ފަރުވާތެރިވެ، މުހިއްމު ވަގުތުގައި ނަފްސުގެ ކޮންޓްރޯލް އަތުލެވޭނެ ވަރުގެ ހޭވެރިކަން ބެހެއްޓުމަށެވެ.

"ހުސްވަގުތު ގިނަވެ، އެއްވެސް ކަމެއް ނުކޮށް ހޭދަކުރުމަކީ ގިނައިން ކަންކަމާ ވިސްނި، މާޔޫސްކަމުގެ ތެރެއަށް ފަސޭހައިން ދާ ކަމެއް. އަހަރެން މަސައްކަތްކުރީ އަޅުކަމުން ހިތްހަމަޖެހުން ހޯދަން. ދެން ޔޫޓިއުބް އިން އަހަރެން ކަހަލަ މީހުންގެ ދިރިއުޅުމާއި ކަންކަން ހޯދައި ބަލައި، އަމިއްލައަށް އިންސްޕަޔާވާން މަސައްކަތްކުރަނީ،" އޭނާ ކިޔައިދިނެވެ.

އެގޮތަށް ދުވަސް ޝެޑިއުލްކޮށްލުމުން ފައިދާހުރި ގޮތުގައި ވަގުތުތުގެ ބޭނުންކުރެވޭކަމަށް ބުންޏެވެ.

އަފްރާހް އޭނާގެ ރަށުގެ ކުދިންތަކަކާ އެކު. ޑިޕްރެޝަން އާއި މާޔޫސްކަމާ ދުރުވުމަށް ވީހާވެސް ބޮޑަށް މީހުންގެ ތެރެއަށް ނިކުމެ ގުޅިގެން އުޅެން މަސައްކަތްކުރާ ކަމަށް ބުނި

"އަޅުކަމަށް ލޯބި ޖެއްސުމުން ތިމާއާ އެކު މާ ބާރުގަދަ ފަރާތެއް ވާހަކަމުގެ އިހުސާސް ކުރެވޭނެ. ކަންކަން ހޯދައި ބަލައި މީހުން އުޅޭ ނޫޅޭގޮތް ބަލައި ބޭރުތެރެއަށް ނިކުމެލުމުން އެކަނިވެރިކަމުގެ އިހުސާސްވުން ކުޑަވާނެ."

އަފްރާހު ބުނީ، އެގޮތަށް ވިސްނުން ބަދަލުކުރުމުން އޭނާގެ ދިރިއުޅުމުގައި "ނަމަ" އަށް ދޭނެ ޖާގައެއް ނޯންނަ ކަމަށެވެ. ހާލަތާމެދު ދެރަވުމާއި ކަންބޮޑުވުމާއި އޭގެ ސަބަބުން ލިބޭ ނިކަމެތިކަމާއި ހިތާމަތަކަށް ވެސް ފުރުސަތު ނޯންނަ ކަމަށެވެ.

"ނަމާދު ކޮށްލާ، ގުރުވާން ކިޔަވާލާ، ނޭނގޭ ކޮންމެވެސް ކަހަލަ މައުލޫމާތެއް ކިޔާލައި، މީހުންގެ ތެރެއަށް ނިކުމެލައި ފޮފީތަކަށް ގޮސްލައި، އަބަދުވެސް ހިތްއުފާކުރަން މަސައްކަތްކުރަން. ދައްތަމެން އެހީވާން ތައްޔާރަށް ތިއްބަސް، ބަލަނީ އަމިއްލައަށް ހުރިހާ ކަމެއް ކުރެވޭތޯ،" އޭނާ ބުންޏެވެ.

ފުރޮޅުލީ ގޮނޑީގައި ވޭތުވާ ކޮންމެ ދުވަހަކު ދިރިއުޅުން ދެކެ ލޯބިވާން އޭނާއަށް ދަސްވާ ކަމަށް ވެސް ބުންޏެވެ. ހާސިލްކުރެވޭ ކުދިކުދި ކަންތައްތައް އެޕްރިޝިއޭޓްކުރަން ދަސްވާ ކަމަށް ބުންޏެވެ. ދިރިއުޅުން މަޑު ޖެހިލާ ކޮންމެ ފަހަރަކީ ހަމައެކަނި މުސިބާތެއް ކަމަށް ދެކިގެން އެ ގޮތުގައި މާޔޫސް ކަމުގައި ހޭދަކުރަން ބޭޏުން ނުވާކަމަށް ވެސް ބުންޏެވެ.

އަފްރާހު އޭނާގެ 11 އަހަރުގެ ދަރިފުޅާއެކު

"މެއިން ތިރީގައި އިހުސާސް ނުހުންނާތީ ކުރިން ޑައިޕާ ބޭނުންކުރަން ޖެހޭ. މިހާރު އަމިއްލައަށް ކޮންޓްރޯލްކުރެވޭ އެފަދަ އެހީތެރިކަމަކާ ނުލައި ވެސް. އެއީ ވެސް އަފްރާހަށް ވީ ވަރާއި ކުރިން އޮތް ހާލަތަށް ބަލައި ލިބުނު ވަރަށް ބޮޑު ކާމިޔާބީ އެއް." އޭނާބުންޏެވެ.

އަފްރާހުގެ ފޭސްބުކް ގައި ކޮޓަރި ރީތިކޮށް ހެދުންތައް ފަށްޖަހައި ހަދާ ވީޑިއޯ އެއްވެސް އޭނާ ހިއްސާކުރި އެވެ. އޭނާ ބޭނުންވަނީ ކޮންމެ ފަދަ ދަތި ހާލަތެއްގައި ހުއްޓަސް، ހިއްވަރު ކުރަން ހަނދާންކޮށްދިނުމަށެވެ.

"ހާލަތު އަބަދު އެއް ގޮތެއްގައި ނޯންނާނެކަން ހަނދާންކުރަންވާނެ. ދަތި ހާލަތު މެދުވެރިވުމުން އަގީދާ ވަރުގަދަކޮށްފައި އުންމީދު ދެމެހެއްޓުމަކީ މީހުންނަށް ނުވާނެއޭ ހީވާ އެތައް ރަނގަޅު ކަންތައްތަކެއް ހާސިލްވުމަށް އެހީވެދޭނެ ކަމެއް." މުހިއްމު މެސެޖެއް ދެމުން އަފްރާހް ކުރުކޮށްލި އެވެ.

މެންޓަލް ހެލްތް އެކްސިޑެންޓް ނުކުޅެދުންތެރިކަން ހުންނަ މީހުން

Popular