21 Dec 2022

By: Aminath Ibrahim

އެންމެ ގަޔާވާ ހޮބީގެ ވާހަކަ ދައްކާ ނަމަ، ރައުޝަން އިމާދަށް އެ ވާނީ ފުޓްބޯޅަ އެވެ. އެއީ އޭނާ އެންމެ ލޯބިވާ ކުޅިވަރެވެ. އެންމެ ކުޑައިރުއްސުރެ މިއަދާ ހަމައަށް ނުވީއްލައި ކުޅެމުން، ރަސްމީ ކުރިއެރުންތަކެއް ހޯދަމުން އަންނަ ކުޅިވަރެވެ. އެކަމަކު މި ލިސްޓަށް ކުރެހުމާއި ދަތުރުކުރުން ވެސް ލެވިދާނެ އެވެ. މި ހުރިހާ ކަމަކަށް އެއްވަރަކަށް އިސްކަންދީގެން ރައުޝަން މި އުޅޭ ހުނަރުވެރި، އެހާމެ ޝައުގުވެރި ދިރިއުޅުމެއްގެ ވާހަކަ މި ކިޔައިދެނީ ލައިފް ބިޒީވެގެން ކުރަން ބޭނުންވާ ކަންކަން ނުކުރެވިފައި ތިބި އެންމެންނަށެވެ.

"ރަސްމީކޮށް އުޅެނީ އޮޑިޓް އޮފީހުގެ ޓްރެއިނިން އެންޑް ސްޓޭކްހޯލްޑާ ރިލޭޝަންސް މުވައްޒަފަކަށް. ޕްރީލާންސްކޮށް ސޯޝަލްމީޑިއާ މާކެޓިންގައި އުޅެން، އިތުރަށް ލާރި ހޯދަން ކޮމިޝަނަށް އާޓްވޯކް ހަދައިދެން، އެކަމަކު އިސްކަންދެނީ ހަމައެކަނި މަސައްކަތްކުރުމަކަށް ނޫން. ހިތްހަމަޖެހޭ، ޝައުގުވެރިވާ ހޮބީތަކަށް ވަގުތު ހޯދުމަކީ ވެސް އެއް ވަރަކަށް އިސްކަންދޭ ކަމެއް."

ރައުޝަންގެ މި ފިލޯސަފީ އާއި ޕޮޒިޓިވް މައިންޑްސެޓް އޭނާގެ ދިރިއުޅުމަށް ގިނަ ހެޔޮ ބަދަލު ގެނުވަ އެވެ.

"ފުޓްބޯޅަ ކުޅޭތީ މުރާލިކޮށް ހުންނަން ހިތްވަރު ލިބޭ. ދަތުރުކުރަން ފެށި ފަހުން އަމިއްލަ ނަފްސަށް ވަރަށް ބޮޑު ކޮންފިޑެންސެއް ލިބިއްޖެ،" ރައުޝަން ބުންޏެވެ.

،

އޭނާ އަކީ އިންޑިއާ އިން ޑިގްރީއަށް ކިޔަވައިގެން، 2015 ވަނަ އަހަރު މާލެއަށް ބަދަލުވި ފަހުން ކްލަބް މޯލްޑިވްސް ކަޕްތަކާއި، އާރޯ ކަޕް އަދި މި މަހުގެ 4-11 އަށް މިނިވަން މުއައްސަސާތަކުގެ މެދުގައި ބޭއްވި "މިނިވަން ކަޕް"ގައި ވެސް އަންހެން ކެޓަގަރީ އިން ފާހަގަކޮށްލެވުނު ނަމެކެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ބޭއްވި އާރޯ ކަޕްގެ އަންހެން ޗެމްޕިއަން ޓީމްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނެވެ. މި މަހު ބޭއްވި މިނިވަން ކަޕްގެ އަންހެން މެޗުތަކުގެ ތެރެއިން ފައިނަލް މެޗް ފިޔަވައި އެހެން ހުރިހާ މެޗެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި މުބާރާތުގެ ފެއާ ޕްލޭޔާ، އަދި އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް އެނާ ހިމެނުނެވެ.

"ފުޓްބޯޅައިގެ ތެރެއަށް ވަދެވުނީ އިންޑިއާގައި ކިޔަވަން ހުރި އިރު. ޔުނިވަސިޓީގެ ފުޓުބޯޅަ ޕްރެކްޓިސް އަށް ފުރަތަމަ ދާން ފެށީ. އެހެން އުޅެނިކޮށް ޔުނިވަސިޓީގެ ޓީމަށް ހޮވިގެން ވަރަށް ޕްރޮފެޝަނަލްކޮށް އެމީހުން ތަމްރީން ދިން. އިންޑިއާގެ އެކި ސްޓޭޓްތަކަށް ޔުނިވަސިޓީތަކުގެ މެދުގައި ބާއްވާ މެޗްތަކުގައި ކުޅެން ދަތުރުކުރެވުނު. ފުޓުބޯޅައިގެ ހުނަރު ދަސްވެ، ބޯޅައާ ރައްޓެހިވެވުނު ގޮތަކީ އެއީ،" އޭދަފުއްޓަށް އުފަން ރައުޝަން ކިޔައިދިނެވެ.

އޭގެ ފަހުން މާސްޓާސް ކިޔެވުމަށް މެލޭޝިއާގައި ހުރި އިރު އެ ޔުނިވަސިޓީގެ ޓީމުގައި ވެސް ކުޅުނެވެ.

މިނިވަންކަޕްގެ އެންމެ މޮޅު ފަސް އަންހެން ކުޅުންތެރިންގެ ތެރޭގައި ހިމެނުނު ރައުޝަން އަށް ތަށި ހަވާލުކުރަނީ

އެހެންވީމާ ކިޔަވައިގެން ނިމިގެން މާލެއަށް އައިސް، އޭނާ އެންމެ ފުރަތަމަ ބެލީ ކުޅިވަރާ ގާތުގައި ހުރެވޭނެ ގޮތެކެވެ.

"ފުރަތަމަ ކްލަބްމޯލްޑިވްސް ކަޕްގައި ބައިވެރިވީ ވެސް އޭރު އުޅުނު އޮފީސް އެ މުބާރާތުގައި ބައިވެރި ނުވާތީ އެހެން އޮފީހަކާ ވާހަކަ ދައްކައިގެން އެ އޮފީހުގެ ޓީމަށް ކުޅޭގޮތަށް. ޖެހިގެން އައި ފަހަރު ވެސް ހެދީ އެގޮތަށް."

ކުރެހުން، ދަތުރުކުރުން، ފްރީލާންސް މަސައްކަތް، ރަސްމީ މަަސައްކަތް

މި ހުރިހާ ކަމެއް ކުރެވޭނީ ވަކިވަކިން، ކޮންމެ ކަމަކަށް ވެސް ވަގުތު ލިބިގެން ކަމަށް ގަބޫލުކުރާ ނަމަ ރައުޝަން މި ދައްކަނީ އޭގެ ދިމާ އިދިކޮޅެވެ.

ރައުޝަން އާންމުކޮށް ހަފްތާ ބަންދުގައި މާލެއަކުން ނުފެންނާނެ އެވެ. އެ ދެ ދުވަހު ކޮންމެވެސް ތަނަކަށް ދަތުރުކޮށްލަން ހާއްސަ އިސްކަމެއް ދެ އެވެ.

"އިންސްޓަ ފީޑު ބަލާ މީހުންނަށް ބައެއް ފަހަރަށް ހީވާނެ އަބަދުވެސް އުޅެނީ ވެކޭއެއްގައޭ. އަސްލު އެކަން އެގޮތަށް ކުރެވެނީ މަލްޓި ޓާސްކު ކުރާތީ. މިސާލަކަށް ހަފްތާ ބަންދުގައި ރަށަކަށް ދާއިރު މި ދަނީ މަސައްކަތް ވެސް ހިފައިގެން. ރައުޝަން މި ދާ ކުރު ދަތުރުތަކުގައި އޮންނާނީ އަބަދު ހުސް ވަގުތެއް ނޫން،" އޭނާ ބުންޏެވެ.

،؛ރައުޝަން

އޭނާގެ ނަޒަރުގައި ޗުއްޓީ މާނަކުރާގޮތް ބަދަލުކޮށްލުމުން މިކަމަށް ހާއްސަ ދުވަސްވަރަކާއި ހާއްސަ ބަޖެޓެއް ހަދާކަށް ނުޖެހޭނެ އެވެ. އާންމު ކަމެއް ކުރާ އުސޫލުން ދަތުރުކުރުމަށް ވެސް އޭރުން ވަގުތު ހޯދިދާނެ އެވެ.

އޭނާ އެންމެ ގިނައިން ދަނީ ރާއްޖޭގެ އެކި ރަށް ރަށަށެވެ. އެއްބައި ފަހަރު، އެވަގުތަކު އެކުގައި ދެވޭ ރައްޓެހިންނާ އެކު، އަނެއްބައި ފަހަރު އެކަނި ވެސް ރަށްރަށަށް ދެ އެވެ. ދަތުރުތައް ރާވާއިރު ބަޖެޓް ލިމިޓްކޮށް، ހަރަދު ކުޑަކުރަން އިސްކަންދެ އެވެ. މި ދަތުރުތަކުގެ އަސްލު މަގުސަދަކީ މާހައުލު ބަދަލުކޮށްލައި ތަފާތު ކަމެއް ހޯދުމެވެ.

"މިގޮތަށް ދާން ފެށީމަ އެނގޭނެ ދަތުރުކުރުމަކީ އެހާ ހަރަދު ހިނގާ ކަމެއް ނޫންކަން. ހާއްސަކޮށް ރާއްޖޭގެ ރަށްރަށަށް ދަތުރުކުރާއިރު ޓިކެޓަށް ގިނައިން ހަރަދު ހިނގާނީ. އެހެން ކަންކަން ވަރަށް ކުޑަ ހަރަދަކުން ހަމަޖައްސާލެވޭ ބަޖެޓް ލިމިޓްކޮށްފައި ރަނގަޅަށް މެނޭޖްކޮށްލެވުނީމަ،" މިނިވަންކަމާ އެކު ކަންކަން ކުރަން މައިންބަފައިން ދޭ ފުރުސަތަށް ޝުކުރު އަދާކުރަމުން ރައުޝަން ބުންޏެވެ.

އެހެންވީމަ ރައުޝަން މި ދައްކަނީ ކުރަން ބޭނުންވާ ހުރިހާ ކަމެއް އެއްކޮށް ކުރާނެ ގޮތެވެ. ބިޒީ ލައިފެއްގައި އުޅެމުން، އެއާ އެއްވަރަށް ދަތުރުކުރުމުގެ އުފަލާއި ހިތްހަމަޖެހުން ވެސް ހޯދިދާނެ ގޮތެކެވެ.

އާޓިސްޓް

Popular