27 Dec 2024

By: Aishath Mihna Nasih

ރެޑް ފްލެގަކީ ނުރައްކަލުގެ ސިގްނަލެވެ. މޫސުން ގޯސްވީމާ ނެރޭ އެލާޓްތަކެކޭ އެއްފަދައިން އަހަރެމެންގެ އާންމު ދިރިއުޅުމުގައި ވެސް، މީހުންނާއި ތަންތަނާއި ކަންކަމުން ބައެއް ރެޑް ފްލެގްތައް ނުވަތަ ނުރައްކަލުގެ ސިގްނަލްތައް ފެނެ އެވެ. މިގޮތުން ބަލާއިރު، ރައްޓެއްސަކު ނުވަތަ ލޯބިވެރިއެއް ނަމަވެސް، ގިނަ ފަހަރު ދެމީހެއްގެ ދެމެދުގައި މައްސަލައެއް ނުވަތަ ނުތަނަވަސްކަމެއް އުފެދެން މެދުވެރިވާ އެއް ސަބަބަކީ އެމީހެއްގެ އަމިއްލަ އިހުސާސްތަކާއި ޝުއޫރުތައް ހިއްސާކުރަން ނުވަތަ ރަނގަޅަށް ބޭރު ނުކުރެވުމެވެ. އެހެންކަމުން އެ ހާލަތަކަށް ބަލައި އެންމެ އެކަށޭނަ ގޮތަކަށް މިކަން ކުރަން ދެނެގަތުން މުހިންމެވެ.

މިއީ ހަމަ އެހާ އުނދަގޫ ކަމެއްތަ؟

ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ.ސޫސަން ބްލޭކް ބުނާ ގޮތުން އިހުސާސްތައް ހިއްސާކުރުމަކީ ގުޅުންތައް ބިނާކުރުމާށާއި، މައްސަލަތައް ހައްލުކުރުމާއި އަމިއްލަ ތަޖުރިބާތައް ޕްރޮސެސްކުރުމަށް މުހިންމު ކަމެކެވެ. ރަނގަޅަށް މިކަން ނުކުރެވޭ ނަމަ މިސްއަންޑަސްޓޭންޑިން އާއި ހިތްހަމަނުޖެހުމާއި އަދި އެހެން މީހުންނާ އެކަހެރިވާން ބޭނުންވުން ފަދަ ކަންކަން ކުރިމަތިވެ އެވެ. ނަމަވެސް ބައެއް މީހުންނަށް މިއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އެމީހަކު އުޅެބޮޑުވި ގޮތާއި، ވަށައިގެންވީ މާހައުލާއި، ސަގާފަތްތަކާއި، މިޒާޖާއި ނަފްސާނީ ދުޅަހެޔޮކަމަކީ މިކަންކަމަށް އަސަރު ފޯރުވާ އެތައް ކަމެއްގެ ތެރޭގައި ހިމެނޭ ކަންތައްތަަކެވެ.

ގުޅުންތައް ހީނަރުވޭ

ލޯބިވެރިއެއް، އާއިލާގެ މެންބަރެއް ނުވަތަ މަސައްކަތުގެ މާހައުލުގައި ވެސް މިފަދައިން އިހުސާސްތައް ބޭރުކުރަން ނުދަންނަ މީހެއް ހުންނަ ކަމުގައިވާ ނަމަ ފާހަގަ ވެދާނެ ބައެއް ކަންކަން ހުރެ އެވެ. މިގޮތުން އިމޯޝަނަލް ކަނެކްޝަން ނުވަތަ ދެމީހެއްގެ ދޭތެރޭގައި އޮންނަ ޖަޒުބާތީ ގުޅުން ވަރަށް ބޮޑަށް ކެޑިގެން ދިއުމަކީ މިކަމުގެ ރަަތް ސިގްނަލެކެވެ.

މިސާލަކަށް، އެކުގައި ގިނަ ދުވަސްތަކެއް ހޭދަކުރަމުން އަންނަ ދެމަފިރިއެއްގެ ކިބައިގައި އެކަކު އަނެކަކު ހިތްހަމަނުޖެހޭ އެތަށް ބައިވަރު ކަމެއް ނުވަތަ ސިފައެއް ފެންނާނެ އެވެ. މިކަންކަމާއި ގުޅިގެން އެމީހެއްގެ އިހުސާސްތަކާއި ޝުއޫރުތައް ހިއްސާނުކޮށް ފުނިޖައްސައިގެން ހުރެ، ވާހަކަ ދެކެވޭ ވަރު މަދުވެ، ހިތްހަމެނުޖެހިފަައި ހުންނަ ހުރުން އިތުރުވެ ގާތްކަމާއި، އިތުބާރާއި ލޯބި ހީނަރުވެ އެވެ. ތަކުރާރުކޮށް މިފަދަ ކަންކަން ކުރިމަތިވާނަމަ، އެއީ ކުރީގައި ހިނގާފައިވާ ކޮންމެވެސް ކަހަލަ ޓްރޯމާއެއް ރަނގަޅަށް ހައްލުކުރެވިފައި ނުވާކަމުގެ ނިޝާނަކަށް ވެސް ވެދާނެ އެވެ.

ހަމައެޔާ އެކު ތިމާގެ އިހުސާސްތައް ހިއްސާކުރަން އުނދަގޫވުމަކީ ނަފްސާނީ މައްސަލައެއްގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ. އެމެރިކާގެ ނެޝެނަލް އެލަޔަންސް އޮން މެންޓަލް އިލްނަސް (ނަމީ) އިން ބުނާ ގޮތުން އެންޒައިޓީ، ޑިޕްރެޝަން އަދި ޕޯސްޓް ޓްރޯމެޓިކް ޑިސްއޯޑާ ހުންނަ ފަރާތްތަކަށް މިއީ ކުރަން އުނދަގޫވާނެ ކަމެކެވެ. މިފަދަ ފަރާތްތަކަށް ތެރަޕިއުޓިކް އިންޓަވެންޝަންތަކެއް ބޭނުންވާނެ އެވެ.

ހަމައެޔާ އެކު، ކޮންފްލިކްޓް ނުވަތަ މައްސަލައާ ކުރިމަތިލާން ބޭނުން ނުވާ މީހުން، މިފަދައިން އިހުސާސްތައް ހިއްސާކުރަން ބޭނުންނުވެދާނެ އެވެ. އެހެންނަމަވެސް އެނގެން މުހިންމީ ގިނަ ފަހަރު މިފަދައިން ހިއްސާނުކުރުމަކީ އަދި މާ ބޮޑެތި މައްސަލަތަަކަށް މަގުފަހިވާ ކަމަކަށްވުމެވެ.

އިހުސާސްތައް ހިއްސާކުރަން ނޭގުމަކީ ރެޑް ފްލެގެއްތަ؟

ބައެެއް ހާލަތްތަކުގައި މިއީ ރެޑް ފްލެގެއް ނޫން!

ބައެއް މީިހުން އިހުސާސްތަކާއި ބެހޭގޮތުން ވާހަކަ ނުދައްކަނީ އެމީހެއްގެ މިޒާޖާއި، އުޅެ ބޮޑުވި ބައެއް ސަގާފީ އާދަތަކުގެ ސަބަބުން ކަމުގައިވެދާނެ އެވެ. އަހަރެމެން އާންމުކޮށް ބުނާގޮތަށް ނަމަ "އިންޓްރޮވާޓްސް" އާއި ވަރަށް ޕްރައިވެޓްކޮށް އުޅެން ބޭނުންވާ މީހުންނަކީ އެހާ ބޮޑަށް މިފަދައިން އަމިއްލަ އިހުސާސްތަކާއި ބެހޭގޮތުން ވާހަކަދައްކާނެ ބައެއް ނޫނެވެ. ނަމަވެސް އަމިއްލަ އެހެން ބައެއް އުކުޅުތަކާއެކު ދުޅަހެޔޮ ގުޅުންތައް މެއިންޓެއިން ކުރާ ފަރާތްތަކެކެވެ.

މިއީ ވަގުތީ ކަމަކަށްވެސް ވެދާނެ!

މީގެއިތުރުން ބައެއް ކަހަލަ ދުވަސްވަރު ބައެއް މީހުންނަށް އިހުސާސްތަކާއި ބެހޭގޮތުން ވާހަކަދައްކަން އުނދަގޫވެ އެވެ. މިސާލަކަށް މަސައްކަތުގައި މާ ސްޓްރެސްބޮޑު ދުވަސްކޮޅެއް، ގްރީފް ނުވަތަ ގާތް މީހެއްގެ ވަކިވެދިއުން، ދިރިއުޅުމުގެ ބޮޑެތި ކަންކަމާއި ކުރިމަތިލާންޖެހޭ ދުވަސްކޮޅެއްނަމަ ފަހަރުގައި އެކަންކަމާއި ގުޅޭހެން ވާހަކަދައްކަން އުނދަގޫވެ އެވެ. މިކަހަލަ ހާލަތްތަކުގައި، ވަގުތު ދޭށެވެ. އަދި މީހާ ރަނގަޅަށް ހަމަޖެހިލުމުން ހަމައަކަށް އެޅޭނެ އެވެ.

އެހީވެދޭނީ ކިހިނެއް؟

ތިމާގެ ގާތްމީހަކު މިފަދަ ކަމެއް ތަހައްމަލު ކުރާނަމަ މިފަދައިން ކަންތައްތައް ކުރެވޭތޯ ބަލާށެވެ.

- ސޭފް ސްޕޭސް: އެމީހަކު ދައްކާ ވާހަކަައަކަށް ޖަޖް ނުކުރާނެ ކަމާއި، ބޭނުންވާ ވާހަކައެއް ހިއްސާކުރުމަށް ހިތްވަރުދީ، އަޑުއެހުމާއި، އޯގާތެރިކަން އަނެކާއަށް އިހުސާސް ކޮށްދޭށެވެ.

- އޯގާތެރިކަމާ އެކު ޕްރޮމްޕްޓް ކުރުން: ބޮޑަށް ވާހަކަ ދެއްކޭނެހެން ބައެއް ސުވާލުތައް ކުރުން. މިސާލަަކަށް: "އެހެން އެކަން ވީމަ އިހުސާސްވީ ކިހިނެއް؟ "

- ކެތްތެރިވުން : މިއީ އަނެކާއަށް ކުރަން އުނދަގޫކަމެއް ކަމުގައިވާނަމަ ތިމާގެ ފަރާތުން ކެތްތެރިކަން ކޮންމެހެން ވެސް ބޭނުންވާނެ އެވެ. އިތުރު އެހީތެރިކަމާއި ސަޕޯޓް ބޭނުންވެދާނެ ކަން ދަންނާށެވެ.

މެންޓަލް ހެލްތް

Popular