17 Feb 2025

ދުރުގައި އުޅެންޖެހުމުން ވަކިވާންޖެހޭތަ؟

By: Aishath Mihna Nasih

ދެ ހިތެއްގެ ދެމެދުގައި އުފެދޭ ވަގުތީ ދުރުކަމަކީ ދެ މީހުން ވަކިވާންޖެހޭ ސަބަބެއް ނޫނެވެ. އަހަރެމެންގެ ތެރޭގައި ލޯންގް ޑިސްޓަންސް ރިލޭޝަންޝިޕްތައް ވަރަށް އާންމު ކަމެކެވެ. ކިޔެވުމާއި ވަޒީފާގެ ގޮތުންނާއި ދިރިއުޅުމުގެ ހާލަތު ހުރި ގޮތުގެ ސަބަބުން، ރަށްޓެހިވުމަށް ފަހު އަދި ކައިވެންޏަކަށް ފަހު ދުރުގައި އުޅެންޖެހިފައިވާ މީހުން ގިނަ އެވެ.

ބައެއް މީހުންގެ ގަބޫލުކުރަނީ މިއީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަަމަށެވެ. އެކަމަކު ދުރުގައި، ނަމަވެސް ކާމިޔާބުކަމާ އެކު އެތައް އަހަރެއް ހޭދަކުރާ މީހުން މަދެއް ނޫނެވެ. މުހިންމީ އެ ގުޅުމެއްގެ ހުޅުކޮޅު ނިއްވާނުލައި ކުރިއަށް ދިއުމެވެ.

މިފަދަ ގުޅުމެއް ވަރުގަދަކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ހިމަނާލާނަމެވެ.

މުއާސަލާތު ކުރުން

ކޮންމެ ގުޅުމެއްގައި ވެސް އެންމެ މުހިންމު އެއް ކަމަކީ މުއާސަލާތު ކުރުމެވެ. ހާއްސަކޮށް، ދުރުގައި ދިރިއުޅޭ ދެމީހެއް ނަމަ، ލޯތްބާއި ކުލުނު ދެމެހެއްޓުމަށްޓަކައި އެކަކު އަނެކަަކަށް ވަގުތު ހުސްކޮށްގެން ވާހަކަދެއްކުން މުހިންމެވެ. އަދި ވާހަކަދައްކާއިރު އެ މީހެއްގެ އިހުސާސްތަކާއި، ހަޔާތުގައި ހިނގަމުންދާ މުހިންމު ކަންކަމާއި މުސްތަގުބަލުގެ ވާހަކަދެއްކުން މުހިންމެވެ. ބޮޑަށް ސަމާލުކަންދޭންވީ ވާހަކަ ދެއްކުމުގައި ހޭދަކުރާ ވަގުތުތަށްވުރެ، ވީހާ ވެސް ކޮލިޓީ އަދި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށެވެ.

މިހެން މުއާސަލާތު ކުރުމަށް ދަތިވާ އެއްކަމަކީ ވަގުތުގެ ފަރަގެވެ. ކިޔަވަން ހުންނައިރު، ކްލާސްތައް ނިމި ހުސްވެވޭ ވަގުތަކީ ބައިވެރިޔާއަށް ދަންވަރު ކަމަށް ވެސް ވެދާނެ އެވެ. އެހެންވެއްޖެ ނަމަ ކޮންމެ ދުވަހަކު މިހެން ގުޅައި ވާހަކަދެއްކުން ފަސޭހަ ނުވެދާނެ އެވެ. ނަމަވެސް މެސެޖަކުން ނަމަވެސް، އެކުގައި ހުރިކަން ހަނދާންކޮށްދޭށެވެ.

ކުދިކުދި ސަޕްރައިޒްތައް

ދުރުގައި ތިބޭ ދެމީހުން ނަަމަ ކުދިކުދި ހަދިޔާތަކަކީ ވެސް ތަފާތު ގޮތަކަށް ލޯބި ދެމެހެއްޓުމަށް ކުރެވިދާނެ ކަމެކެވެ. ނޭނގި ހުއްޓާ ނުވަތަ އުންމީދު ނުކުރަނީސް އެކި ހަދިޔާތަކުން ބައިވެރިޔާ ސަޕްރައިޒް ކުރެވިދާނެ އެވެ. މިފަދަ ހަދިޔާތަކުގެ ތެރޭގައި ކޮންމެހެން އަގުބޮޑު ހަދިޔާތަކެއް ދިނުމުގެ ބަދަލުގައި އަތުން ލިޔެފައިވާ ނޯޓުތަކާއި، އެކި ކަހަލަ ކެއާ ޕެކޭޖުތަައް ހިމެނިދާނެ އެވެ. މުހިންމީ ބައިވެރިޔާއަށް، އެކުގައިވާކަމުގެ ހަނދާންތައް އާކޮށްދީ އުފާވެރި ހަނދާންތަކެއް ދިނުމެވެ.

ބައްދަލުވާނެ ދުވަސްތައް ރޭވުން

ދުރު ގައުމެއްގައި ނުވަތަ ކައިރި ރިސޯޓެއްގައި ހުއްޓަސް، ބައިވެރިޔާއާ ބައްދަލުކުރާނެ ދުވަހެއް ދުރާލައި ކަނޑައަޅައި އެ ދުވަހަކަށް ތައްޔާރުވުމަކީ އެ ގުޅުމެއް ވަރުގަދަވެ ލޯބި އިތުރުވާނެ ކަމެކެވެ. އަދި ދުރުގައި ތިބުމަށްފަހު ބައްދަލުވާ ދުވަސްތައް ހޭދަކުރާނެ ގޮތް ރާވާ އެ ވާހަކަތައް ދެއްކުމަކީ ދެމީހުންގެ ދެމެދުގައިވާ ދުރުކަން އިހުސާސްވުމުން ދުރުކޮށްދޭނެ ކަމެކެވެ.

މުސްތަގުބަލުގެ އަމާޒުތަކެއް ހުރުން

ކޮންމެތަނެއްގައި ތިއްބަސް ގިނަފަހަރަށް ގުޅުންތައް ބަލިކަށިވަނީ އެކުގައި ދެކޭނެ މުސްތަގުބަލެއް ނެތުމުންނެވެ. ވަކި އުންމީދުތަކެއް ހާސިލުކުރުމަށް ދެމީހަކު ދުރުގައި ތިއްބަސް، އެ ދުވަސްތައް ނިމި އެކުގައި ދިރިއުޅޭނެ މުސްތަގުބަލަކަށް އުންމީދުކުރެވުމަކީ މިފަދަ ގުޅުމެއް ކުރިއަށް ދިއުމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރެވެ.

އެހެންވެ، އަބަދުވެސް އެކުގައި ދެ މީހުން ކުރަން ބޭނުންވާ ކަންކަމާއި، ދެމީހުންގެ ލަނޑުދަނޑިތަކާއި އުންމީދުތަކުގެ ވާހަކަ ހިއްސާކުރާށެވެ. ދުރުގައި ތިބުމަށް ފަހު އެކުގައި ހަޔާތް ބިނާކުރާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާށެވެ.

އިތުބާރުކުރުން

ކޮންމެ ގުޅުމެއްގައިވެސް އިތުބާރަކީ އެންމެ މުހިންމު އަސާސެވެ. ހާއްސަކޮށް، ދުރުގައި ތިބޭ ދެމީހެއް ނަމަ، ވަރަށް ފަސޭހައިން އިތުބާރު ދޫވެ، ނުތަނަވަސްކަން އެ ގުޅުމަކަށް ވެރިވެ އެވެ. އެހެންކަމުން ބައިވެރިޔާއަށް އިތުބާރު ހޯދައިދެވޭތޯ މަސައްކަތްކުރުން މުހިންމެވެ. އަދި ނުތަނަވަސް ވަގުތުތަކުގައި ވެސް މަޑުމައިތިރިކަމާ އެކު އިހުސާސްތައް ހިއްސާކޮށް، އުނދަގޫވާ ކަންކަން ވެސް އަނެކާއަށް ބުނެދޭށެވެ. އިތުބާރު ކުރުމާއެކުއެކީ ދެމީހުންނަށް ވެސް އަމިއްލަ މިނިވަންކަމާ އެކު ކަންކަން ކުރުމުގެ ފުރުސަތު ވެސް އޮންނަންވާނެ އެވެ. އެ މީހެއްގެ މިޒާޖާއި ޝައުގާ ގުޅޭގޮތުން ތަފާތު ތަޖުރިބާތައްކޮށް އެ ވާހަކަތައް ހިއްސާކުރާމީހަކީ ބައިވެރިޔާ ކަމުގައި ހަދާށެވެ.

ކާމިޔާބީތައް ފާހަގަކުރުން

ކުދި އަދި ބޮޑެތި ކާމިޔާބީތައް ފާހަގަކުރުމަށް ހަނދާންކުރާށެވެ. އެއީ އަހަރީ ދުވަހެއް ކަމަށް ވިޔަސް، ވަޒީފާގައި ކުރިއެރުމެއް ލިބުން ކަމުގައި ވިޔަސް، ނުވަތަ ހަމައެކަނި ދުރުގައި ތިބެ އަނެއް ހަފްތާއެއް ފާއިތުވެގެން ދިޔުން ކަމުގައިވިޔަސް، މިފަދަ ވަގުތުތައް ފާހަގަކުރުމުން ދެ މީހުން ގުޅިފައިވާކަމާއި އެކަކު އަނެކަކުގެ ސަޕޯޓު ލިބޭކަމުގެ އިހްސާސް ލިބިގެންދާނެ އެވެ.

Popular