By: Asima Nizar
ލޭމައްޗަށް ދިއުމަކީ ދިރިއުޅުމުގައި އެޅޭ ބޮޑު ތަޅެކެވެ. ބޮޑެތި އެހެން ބަލިތައް ޖެހުމުގެ އަސްލަކަށް އެކަން ވެ އެވެ. ކިޑްނީ ފެއިލްވުމާއި ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުމަށް މަގުފަހިވާ އެންމެ ބޮޑު އެއް އަސްލަކީ ލޭމައްޗަށް ދިއުން ކަމަށް އެތައް ދިރާސާއަކުން ދައްކަ އެވެ.
އެހެންވެ، ލޭގެ ޕްރެޝަރު ހުންނަންޖެހޭ ވަރުގައި ބަހައްޓަން ކޮންމެހެން ވެސް މަސައްކަތް ކުރަންޖެހެ އެވެ. ކެއުމުގައި ގެންގުޅޭ ނުރަނގަޅު ގޮތްތައް ކުޑަ ބަދަލެއް ގެނެސްގެން ވެސް ދިރިއުޅުމަށް ބޮޑު ބަދަލެއް ގެނެވިދާނެ އެވެ. އަތުން މާ ބޮޑު ހަރަދެއް ކުރާކަށް ވެސް ނުޖެހޭނެ އެވެ. އެކަމަކު، އަޅާނުލައި ހުއްޓާ ބޭސްފަރުވާއަށް މިލިއަނުން ވެސް ހޭދަކުރަންޖެހިދާނެ އެވެ.
ޔޫރަޕް ސޮސައިޓީ އޮފް ކާޑިއޮލޮޖީ (އީއެސްޖީ) އިން ކުރިން ނެރެފައިވާ ގައިޑްލައިންގައި ބުނެފައިވާ ގޮތުގައި ލޭގެ ޕްރެޝަރު ދަށްކުރަން މަހުގެ ބާވަތްތަކާއި ތަރުކާރީ، މޭވާ އަދި އޮލިވް އޮއިލް ބޭނުންކުރަން ރަނގަޅުވާނެ ކަމަށެވެ. އޭގެ އިތުރުން "ރެޑް މީޓް" ކެއުން މަދުކޮށް، ފެޓް މަދުން ހުންނަ ކިރުގެ ބާވަތްތައް ބޭނުންކުރަން އިރުޝާދު ދީފައިވެ އެވެ.
އެކަމަކު، އެންމެ ފަހުން ނެރުނު، ލޭގެ ޕްރެޝަރު މަތިވުމާއި ހައިޕަޓެންޝަން މެނޭޖްކުރުމާބެހޭ ގައިޑްލައިންގައި ވަނީ ލޭ މައްޗަށް ދާ މީހުންގެ ކެއުން ބައްޓަން ކުރަންވީ ގޮތުގެ އިރުޝާދު ފަސޭހައިން ނަގައިގަނެވޭ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ.
މިިދިޔަ އޮގަސްޓް މަހު ނެރުނު އެ ގައިޑްލައިންގައި ބުނެފައިވަނީ ލޭ މައްޗަށް ދިއުމާއި ހިތުގެ ބަލީގެ ނުރައްކާ ކުޑަކުރުމަށް ރަނގަޅު ޑައިޓެއް ގެންގުޅުން މުހިންމު ކަމަށާއި އެފަދަ މައްސަލަތައް ކުރިމަތިވާ މީހުންނަށް މެޑިޓެރޭނިއަން ނުވަތަ ޑޭޝް ޑައިޓެއް ގެންގުޅުން މުހިންމު ކަމަށެވެ.
މެޑިޓެރޭނިއަން ޑައިޓުގައި ގިނައިން ކާން ޖެހޭނީ ތަރުކާރީ، މޭވާ، ފަތްޕިލާވެލީގެ ބާވަތްތައް، ބަދަން، ބީންސް އަދި ގޮދަނުގެ ބާވަތްތަކެވެ. މަހުގެ ބާވަތްތައް ކާން ޖެހެނީ މެދު މިންވަރެއްގަ އެވެ. ރެޑް މީޓާއި ފޮނި އެއްޗެހި ވީހާ ވެސް މަދުން ކެއުމަށް އިރުޝާދު ދެ އެވެ.
މިއީ، ރާއްޖެއިން ފަސޭހައިން ލިބެން ހުންނަ ތަކެއްޗައް ވާތީ އެ ބާވަތްތަކުން ސެލެޑުތަކާއި ރެޕްތައް ހަދާލަން އުނދަގުލެއް ނުވާނެ އެވެ.
ބްލަޑް ޕްރެޝަރު މަތި ކަމަށް ބަލާނީ ގޭގައި، ބީޕީ ބަލާ ޑިވައިސްއަކުން ބަލާއިރު މަތީގައި އިންނަ އަދަދު 120 އަށް މަތި އަދި ތިރީގައި އިންނަ އަދަދު 80 އަށް ވުރެ މަތިވެއްޖެ ނަމަ އެވެ.
ކެއުމުގެ އިތުރުން ކަސްރަތު ވެސް ހަފުތާ އަކު، މަދުވެގެން 150 މިނެޓުގެ އެރޮބިކް ކަސްރަތު ނުވަތަ ހަފުތާއަކު ތިން ދުވަހު މަދުވެގެން 75 މިނެޓުގެ އެރޮބިކް ކަސްރަތު ކުރަން ވަނި ލަފާ ދީފަ އެވެ. ލޭގެ ޕްރެޝަރު ދަށްކޮށް، ހިތުގެ ބަލިން ސަލާމަތްވުމަށް 2-3 ދުވަހު މަދުވެގެން ރެސިސްޓެންސް ޓްރެއިނިން ހަދަން ވެސް އީއެސްޖީން ލަފާދެ އެވެ.