9 Jul 2025

މަޑީގެ ލަޝްކަރު: މާލޭން އެންމެ ތަފާތު މަންޒަރު!

މަޑީގެ ލަޝްކަރު: މާލޭން އެންމެ ތަފާތު މަންޒަރު!

By: Maaidha Mohamed Rashad

ވަޅޯ މަސް މާރުކޭޓުގެ ބޭރުން ފަޅަށް ކޮންމެ ދުވަހަކު ޖަމާވާ މަޑިތަކުގެ އަދަދު 100 އިން ގުނޭނެ އެވެ. ތޮށިގަނޑު މަތީގައި ކުޑަކުދިންނާއި ބޮޑެތި މީހުން މަޑުކޮށްލައިގެން އެ ތިބެނީ އެސޮރުމެން އެ އުޅޭ ހިތްގައިމު މަންޒަރު ބަލާށެވެ. މާލެއަށް އަންނަ ޓޫރިސްޓުންނަށް ވެސް މިހާރު މި މަންޒަރު މާ ގަޔާވާ ތަނަކަށް ވެއްޖެ އެވެ. ހާއްސަކޮށް، ޗައިނާގެ ޓޫރިސްޓުންގެ މެދުގަ އެވެ.

މިހާ ގިނައިން މިތަނަށް މަޑިތައް ޖަމާވާން ފެށީ މަސް ކަނޑާފައި އުކާލާ ބައި އެތަނަށް އަޅަން ފެށުމުންނެވެ. މަޑިތައް އެ ކާން އަންނަން ފެށުމުން، އެ ސަރަހައްދުގައި އުޅޭ މީހުން މިހާރު ވަނީ އެސޮރުމެންނަށް ގަވައިދުން ކާން އެޅުން އެއީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ހަދައިފަ އެވެ. އެހެންވެ މިހާރު އެއީ މަޑިތަކުގެ ހާއްސަ ސަރަހައްދެވެ. ކުޑަކުދިން ގޮވައިގެން މީހުން ގޮސް އެތަނަށް ކާން އެޅުމުން ވެސް މަޑިތައް އައިސް ކުދިން ހިތްއުފާވާ މަންޒަރު ދައްކާލަ އެވެ.

މާރުކޭޓު ސަރަހައްދުން ބޭރަށް މަޑިތައް ޖަމާވެފައި.

ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މަޑިތައް މި ސަރައްދަށް ފުންޏަކަށް ޖަމާވެ ތިބެނީ އެ ސޮރުމެންގެ ކޮއްތު ލިބޭނެ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

ޗައިނާގެއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ކޮންގް ޝިއަންހު، މި މަންޒަރު ސިފަކުރެއްވީ "ސްޓިންގްރޭ ސްޓޯމް" އެއްގެ ގޮތުގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ އިންޓަނެޓުގައި އެ މަންޒަރުތައް ވަރަށް ބޮޑަށް ވަނީ މަގުބޫލުވެފަ އެވެ. އެހެންވެ، އެ މަންޒަރުތައް އަމިއްލަ ލޮލުން ދެކެލަން ސަފީރު ވެސް އެތަނަށް ވަޑައިގަތީ އެވެ.

ސޯޝަލް މީޑިއާގައި އެ ޕޯސްޓު ހިއްސާކުރައްވަމުން ސަފީރު ވިދާޅުވީ އެއީ އިންސާނުންނާއި ގުދުރަތާ ދެމެދުގައިވާ ގުޅުން ދައްކުވައިދޭ ފުރިހަމަ މިސާލެއް ކަމަށެވެ.

މާލޭގެ ހަލަބޮލި މާހައުލުން ނުކުމެ ކުޑަކުދިންނާ އެކު ފިނި ބުރެއް ޖަހާލަންދާ މީހުންނަށް މިއީ ކަމުދާނެ ރަނގަޅު ސޮޕަޓަކަށް ވާނެ އެވެ. ތޮށިމަތީގައި އިށީނދެލައިގެން ތިބެ މި ހިތްގައިމު މަންޒަރު ދެކިލަން އެތަނަށް ދާން ރަނގަޅެވެ. މިއީ މިހާރު މާލޭން ފެންނާނެ އެންމެ ތަފާތު ގުދުރަތީ ރީތިކަމުގެ މަންޒަރެވެ.

ޗައިނާ ޓޫރިޒަމް

Popular