By: Asima Nizar
ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެންމެ އުނދަގޫ އެއް ކަމަކީ ކާންދިނުމެވެ. އެހެންވެ، ކޮންމެ ގޮތަކުން ވިޔަސް ދަރިފުޅު ކަނިކޮށް ބެލެނިވެރިންނަށް ވަރިހަމަ އެވެ. އެކަމަކު، ވަގުތީ ފަސޭހައަކަށް ކޮށްލެވޭ ކަމަކުން ތި ހެދެނީ ވަރަށް ބޮޑު ގޯހެކެވެ. ނަތީޖާއަކީ އެ ކުދިންގެ ހެދިބޮޑުވުމަށް ހުރަސްއެޅުމެވެ.
ސްޕީޗް ތެރަޕިސްޓެއްގައި ގޮތުގައި 10 އަހަރު މަސައްކަތްކޮށްފައިވާ އައިޝަތު ޒިމްނާ ހުސެއިން ވިދާޅުވި ގޮތުގައި ކާން ދޭ ވަގުތަކީ ކުއްޖާގެ ބަހުގެ ހުނަރު ރަނގަޅުކުރުމަށް ވަރަށް ރަނގަޅު ވަގުތެކެވެ.
ފޯނާއި ޓެބްލެޓް ދައްކައިގެން ކުދިންނަށް ކާން ދިނުމުގެ ބަދަލުގައި އެ ވަގުތު ދަރިފުޅާއި ބެލެނިވެރިޔާ ވާހަކަދެއްކުން ވަރަށް ރަނގަޅު ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމުން ހޭލުންތެރިކުރުވަން އިންސްޓަގްރާމާއި ފޭސްބުކްގައި ޕޭޖު ހިންގާ ޒިމްނާ ވިދާޅުވީ ދަރިފުޅުގެ ހަޔާތުގެ ފުރަތަމަ އަހަރުތަކަކީ ސިކުނޑީގެ ކުރިއެރުމަށް ވަރަށް މުހިންމު ދުވަސްތަކެއް ކަމަށެވެ.
މުއާމަލާތްކުރުމުގެ ގާބިލްކަމާއި ބަހުގެ ކުރިއެރުމަށްޓަކައި އެކަށީގެންވާ މާހައުލަކާއި ރަނގަޅަށް އިންޓަރެކްޓުވާނެ ގޮތަށް މަގުފަހިކޮށްދިނުން ކޮންމެހެން ބޭނުންތެރި ކަމަށް ވެސް، އޭޑީކޭގައި މަސައްކަތްކުރައްވާ ތެރަޕިސްޓު ވިދާޅުވި އެވެ.
ކާ ވަގުތު ކުއްޖާ ސްކްރީނަށް ގެއްލުވާލާފައި ބެއިންދުމުގެ ބަދަލުގައި، އެ ގަޑީގައި ބެލެނިވެރިންނަށް ކުރެވޭނެ ކުދިކުދި ސުވާލުތައް ޒިމްނާ ފާހަގަކުރެއްވި އެވެ. އޭގެ ތެރެއިން "މިއީ ކޯއްޗެއް"، "ވަރަށް މީރު"، "އަދި ބޭނުންތަ"، "ކުޑަކޮށް ހޫނު އަދި"، މިއީ ބޮޑު ތައްޓެއް" މި ފަދަ ގޮތަކަށް ކުދިންނާ ވާހަކަދައްކައި ސުވާލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް ފަހަރު ކުދިންނަށް ސްކްރީން ދެއްކިޔަސް، އެއީ ވާހަކަދައްކައި މުއާމަލާތްކުރަން އެހީވުމަށް ބޭނުންކުރާ ކަމަކަށް ވެސް ހެދިދާނެ އެވެ. އެގޮތުން، ސްކްރީން ބަލާ ވަގުތު ފެންނަ މަންޒަރުތަކާ ގުޅޭގޮތުން ދަރިފުޅާ އެކު ވާހަކަދެއްކުމާއި އުމުރާ ގުޅޭ އަދި ލަސްލަހުން މަންޒަރު ބަދަލުވާ ޕްރޮގްރާމްތައް ބެލުމަކީ ވެސް، ވާހަކަދެއްކުމުގެ ހުނަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަމެކެވެ.
ފޯނާއި ޓެބްލެޓްގައި ކުޑަކުދިން ހޭދަކުރާ ވަގުތު މަދުކުރުން އަދި ހާއްސަކޮށް ފަސް އަހަރުން ދަށުގެ ކުދިންނަށް ވީހާ ވެސް ސްކްރީން ވަގުތު މަދުކުރުން މުހިއްމު ކަމަށް ތެރަޕިސްޓް ވިދާޅުވި އެވެ.
އެހެން ޕޯސްޓެއްގައި ޒިމްނާ ކިޔައިދެއްވީ ތުއްތު ކުދިން ކުޅެން ފަސޭހައިން ބޭނުންކުރެވިދާނެ ތަކެއްޗެވެ.
އޭނާ ބުނީ ކުޑަކުދިން ހަރުދަނާގޮތެއްގައި ކަންކަން ދަސްކުރަނީ ކުޅުމުގެ ތެރެއިން ކަމަށެވެ.
ނަމަވެސް ގިނަ އިހުތިޔާރުތަކާ އެކު، ކުޅޭ އެއްޗެހި ހޮވުމަކީ ބެލެނިވެރިންނަށް އުނދަގޫ ކަމަކަށް ވެދާނެ އެވެ. އެހެންވެ، އޭނާ ވަނީ ދަސްކުރުމާއި ކުރިއެރުމަށް އިތުރު ކުރިއެރުމެއް ގެނެސްދޭ ކުޅޭ ފަސް އެއްޗެއް ފާހަގަކޮށްފަ އެވެ. އެއީ؛
- ޕަޒުލްސް (ޖަނަވާރު/ މޭވާ/ ދުއްވާ އެއްޗެހި)
- "ޕްރިޓެންޑް ޕްލޭ" ކުޅޭ ސެޓް (ކައްކާ ސެޓް/ ޑޮކްޓަރު ޕްލޭ ސެޓު/ ކުޅޭ ކާ އެއްޗެހި)
- ސްޓެކް ކުރާ ރިންގްސް/ ތަށި
- ބައްޓަން ކަފާފައި ލައްވާ ގޮތަށް ހުންނަ ކުޅޭ އެއްޗެހި
މިކަންކަމުގެ އިތުރުން ވެސް ކުއްޖާގެ ހެދިބޮޑުވުމަށް މުހިއްމު މައުލޫމާތުތައް ޒިމްނާ ކިޔައިދެ އެވެ.