14 Jul 2025

ކޮކާ ސެންޓު ފުޅިއެއް ލިބިއްޖެތަ؟

ކޮކާ ސެންޓު ފުޅިއެއް ލިބިއްޖެތަ؟

By: Fathimath Ajufan

މިހާރު ސޯޝަލް މިޑިއާގެ ކޮންމެ ޕްލެޓްފޯމަކުން ވެސް ފެންނަނީ ކޮކާޖެހި ސެންޓުފުޅިތަކެވެ. ދިވެހި އަންހެން ކުދިންނާ ހަމައަށް ވެސް މި ވަނީ މި ސެންޓު އައިސްފަ އެވެ.

އެއީ ކެރޮލައިނާ ހެރެރާގެ "ލަ ބޮމްބާ" އެވެ. އެ ސެންޓު އުފެއްދީ ކްރިސްޓޮފް ރައިނޯޑް، ކުއެންޓިން ބިޝް އަދި ލުއީސް ޓާނާ އެވެ.

މުޅި ސޯޝަލް މީޑިއާގައި ފެންނަނީ ސެންޓު ފުޅިތަކުގެ "އަންބޮކްސިން" ވީޑިއޯތަކާއި ރިވިއުދޭ ވީޑިއޯތަކެވެ. ސެންޓު ވިއްކުމަށް މަޝްހޫރު ޕޭޖުތަކުންނާއި ފިހާރަތަކުން ވެސް ވަނީ ރާއްޖޭގައި ވިއްކަން ފަށައިފަ އެވެ. އަގު އުޅެނީ 2،500ރ. އާއި 3،000ރ. ދެމެދުގަ އެވެ.

ލަ ބޮމްބާ ސެންޓު

ކެރޮލީނާ މިފަހަރު ނެރުނު ސެންޓުގެ ވަސް ހަ ގަޑިއިރަށް ވުރެ ގިނައިރު ހުންނާނެ ކަމަށް އޭނާ ބުނެ އެވެ.

އޭނާ ބުނެފައިވާ ގޮތުގައި މިއީ އަންހެނެއްގެ މިނިވަންކަން އިހްސާސްކޮށްދޭ ނޯޓުތައް އެކުލެވޭ ސެންޓެކެވެ. ޑްރެގަން ފްރުޓް، ރެޑް ޕިއޯނީ އަދި ގުލްޗަމްޕާމާ (ޕްލުމޭރިއާ) އާއި ވެނީލާގެ އިތުރުން ޕެޗުލީ މަލުގެ ވަސް ހުރެ އެވެ.

އެ ހުރިހާ ވަސްތަކެއް އެއްވެފައި ހުންނައިރު، ބައެއް މީހުން މި ސެންޓުގެ ވަސް ސިފަކުރަނީ ފޮނި މޭވާއެއްގެ ވަސް ނުވަތަ މާ ބަގީޗާއެއްގެ ތެރެއިން ދުވާ ކަހަލަ ވަހެއްގެ ގޮތުގަ އެވެ.

މި ސެންޓުން ދުވާ މީރު ވަހުގެ އިތުރުން، އަންހެނުންނަށް "ލަ ބޮމްބާ" އެންމެ ކަމުދާ އަނެއް ސަބަބަށް ހަމަ ގައިމު ވެސް ވާނީ ފުޅީގެ ރީތި ކަމެވެ.

ކެރޮލައިނާ ހެރެރާގެ ލަ ބޮމްބާ ސެންޓުފުޅިއެއް.

ކޮކާލެއްގެ ބައްޓަމަށް ހަދާފައިވާ އެ ފުޅި ހުންނަނީ ގަދަ ފިޔާތޮށި ކުލައިގަ އެވެ. މިއީ މި ސެންޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ ކަމެކެވެ. ހުސްވުމުން އެއްލައި ނުލައި ބަހައްޓަން އެކަނި ވެސް މީގެ ފުޅިއެއް ހޯދަންޖެހޭ ސަބަބެއް ކަމަށްވެ އެވެ.

އަންހެނުންނަށް ހާއްސަ އެ ސެންޓު ތައާރަފްކުރީ މިދިޔަ މަހު އެވެ. އޭގެ ނަމުން މާނަކޮށްދެނީ ހަކަތަ އާއި އުފާވެރިކަމެވެ. ލަ ބޮމްބާގެ މާކެޓިން އަމާޒުކޮށްފައި ވަނީ ޒުވާން، މިނިވަން އަދި ބާރުވެރި އަންހެނުންނަށެވެ.

ބިއުޓީ ސެންޓު

Popular