18 Apr 2026

ދެމަފިރިން ވަޒީފާ ދޫކޮށްލާފައި މި ފުރީ ދުނިޔެ ބަލަން

ދެމަފިރިން ވަޒީފާ ދޫކޮށްލާފައި މި ފުރީ ދުނިޔެ ބަލަން

By: Asima Nizar

އާއިލާ އާއި ރައްޓެހިންނާ ދުރުގައި، ރިސޯޓު އިންޑަސްޓްރީގައި މުޅި އުމުރު ހޭދަކުރުމަކީ އައިޝަން ނައިޝަން (ނާނި) އަދި އިބްރާހިމް މިރްނާން މާނިއު (އިއްކޮ) އަށް ފަސޭހަކަމެއް ނޫނެވެ. ރަނގަޅު ތަޖުރިބާއެއް ހޯދައި ވަޒީފާއިން ބޮޑު ބްރޭކެއް ނަގަން މި ޒުވާން ދެމަފިރިން ވެސް ތިބީ ބޭނުންވެފަ އެވެ.

އެކި ގައުމުތަކަށް ދަތުރުކޮށް، ތަފާތު ސަގާފަތްތައް ތަޖުރިބާކުރުމާއި ފޮތް ކިޔުމަކީ އިއްކޮ އެންމެ ލޯބިކުރާ ކަމެވެ. ނަމަވެސް، އޭނާއަށް އެނގުނީ އަހަރަކު އެއް ފަހަރު 30 ދުވަހުގެ ޗުއްޓީއެއް ނަގައިގެން އެ ހިތްހަމަޖެހުމެއް ނުހޯދޭނެ ކަމެވެ.

މީހާ ޑިސިޕްލިން ކޮށްދީ އަދި ގިނަ ކަންތައްތައް ދަސްކޮށްދިނުމުން ދާއިރާއަށް ކިތަންމެ ލޯތްބެއް ޖެހުނަސް، ނާނި ވެސް ހުރީ މަސައްކަތުން ދުރަށް ޖެހިލާން ބޭނުންވެފަ އެވެ. އެހެންވެ، އެއް މަންޒިލަކަށް އަދި އެއް އަމާޒަކަށް ދަތުރުކުރަން މި ދެ މީހުން ވަނީ ވަރުގަދަ ދަތުރެއް ފަށައިފަ އެވެ.

@thefreedomtrails8

This is definitely the hardest part so far 💔 This isn’t just a trip. It’s leaving behind everything familiar.. for something we’ve only ever imagined. Let’s see where this takes us. Stay with us on this journey 🌏

♬ original sound - angga megantoro

ރިސޯޓުގައި ދެ މީހުން ވެސް އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށް، ދުނިޔެ ވަށައި ބުރު ޖެހުމުގެ ދަތުރަށް މި މަހުގެ ކުރީކޮޅު ވަނީ ފުރައިފަ އެވެ. ސޯޝަލް މީޑިއާގައި ހިންގާ "ދަ ފްރީޑަމް ޓްރައިލްސް" އެކައުންޓުން އަންނަނީ އެ ދަތުރުތައް އާއްމުންނަށް ހިއްސާކުރަމުންނެވެ.

ހޮސްޕިޓާލިޓީގައި 10 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތްކުރި އިއްކޮ، 32، ބުނީ ދަތުރު ކުރުމަށް ދިގު ބްރޭކެއް ނެގުމަކީ ދިރިއުޅުމުގައި ކުރިއަށް ދާން ބޭނުންވާ ކަންކަމާ މެދު ތަފާތު ވިސްނުމެއް ގެންގެން އެހީވެދޭނެ ކަމެއް ކަމަށެވެ.

View this post on Instagram

A post shared by The Freedom Trails | Ikko & Nani (@thefreedomtrails)

"އެކަން ކުރަން އެކަށީގެންވާ ވަގުތު ދޭންޖެހޭ ކަމަށް ގަބޫލުކުރެވިގެން މި ދަތުރު ފެށީ." އިއްކޮ ބުންޏެވެ.

ފޮތް ކިޔުމާއި އަމިއްލަ ހިޔާލުގައި ތަކެތި އުފައްދަން ޝައުގުވެރިވާ ނާނި ގަބޫލުކުރާ ގޮތުގައި ހެނދުނު 9 އިން ހަވީރު 5 އަށް މަސައްކަތް ނިމޭ ވަޒީފާއަކާއި ރިސޯޓުގައި އަދާކުރާ ޒިންމާތައް ވަރަށް ތަފާތެވެ. ރިސޯޓު އިންޑަސްޓްރީގެ ވަޒީފާއަކީ ނަފްސާނީގޮތުން މީހާ ވަރަށް ބޮޑަށް ވަރުބަލިކޮށްލާ ކަމެއްކަން، އެ ވަޒީފާގައި އުޅޭ މީހުންނަށް ނަގައިގަނެވޭނެ ކަމަށް ނާނި ބުންޏެވެ.

އިއްކޮ އަދި ނާނި. މި ދެ މީހުން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރީ ޓޫރިޒަމް އިންޑަސްޓްރީގައި.

"ރިސޯޓު ވަޒީފާގެ ތަޖުރިބާގެ ސަބަބުން ދިރިއުޅުމުގައި އިތުރު ކަންތައްތަކެއް ހުރިކަން ވިސްނުނު. މީގެ އިތުރުން އެތައް ދުވަހެއް ވަންދެން އަހަރެން ދެކެމުން އައި ހުވަފެނެއް ވެސް ހަނދާން ކޮށްދިން. އެއީ ތަފާތު ސަގާފަތްތައް ތަޖުރިބާކޮށް، ދުނިޔޭގެ އެކި ހިސާބުތަކުން މީހުންނާ ބައްދަލުކުރުން،" ނާނި، 29، ބުންޏެވެ.

އެ މީހުން ދަތުރުގެ ފުރަތަމަ މަންޒިލަކީ އިންޑިއާ އެވެ. އެ ގައުމުގެ ތަފާތު އެކި ސަގާފަތް ތަޖުރިބާކޮށް އެކަން ޑޮކިއުމެންޓުކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި 25 ގައުމަށް ދަތުރުކުރަން ވަނީ ނިންމައިފަ އެވެ. އޭގެ ތެރޭގައި އޭޝިއާގެ އެކި ގައުމުތަކާއި މެދުއިރުމައްޗާއި ޔޫރަޕްގެ ގައުމުތައް ވެސް ހިމެނެ އެވެ.

އިއްކޮ ބުނީ އެ ދަތުރަށް ތައްޔާރުވާން ދެ މީހުން ފަސް އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ފައިސާ ރައްކާކުރީ ކަމަށެވެ. އެ ދަތުރުގެ ހުރިހާ ހަރަދެއް މިހާރު ކުރަމުން އަންނަނީ އެ ފައިސާއިންނެވެ.

ނާނި ބުނީ މި ދަތުރު ސިކުނޑީގައި ކުރަހާލައި ހުރިހާ ކަމެއް ވަރަށް ބޮޑަށް ދަސްކުރި ކަމަށެވެ. އޭގެ ތެރެއިން، މި ފަދަ ދަތުރުތަކަށް ހަރަދުކުރާ ގޮތްތަކާއި ކުރާ ހަރަދުތައް ބެލި އެވެ. އޭނާ ބުނި ގޮތުގައި މި ވަގުތު ހަރަދުތައް މެނޭޖުކުރަނީ އެކްސްޕެންސް ޓްރެކާ ޝީޓެއްގަ އެވެ. ނަމަވެސް، އެއަށްވުރެ ފަސޭހައިން އެކަން ކުރެވޭނެ ގޮތަށް ރަނގަޅު އެޕެއް ވެސް އަންނަނީ ބަލަމުންނެވެ.

ނާނި (ކ) އަދި އިއްކޮ.

އެ ގައުމުތަކަށް ދަތުރުކޮށް އެކޮމޮޑޭޝަން ހަމަޖައްސަނީ އެއާބީއެންބީ އަދި ބުކިން.ކޮމް އިން ތަންތަން ހޯދައިގެންނެވެ. ހަރަދު ކުޑަކުރުމަށް ބަލަނީ ވީހާ ވެސް ގިނައިން ގޭގައި އަމިއްލައަށް ކައްކައިގެން ކެއުމަށެވެ. އަދި އެ ގައުމެއްގެ ކާނާ ތަޖުރިބާކުރުމަކީ އެ ދެ މީހުން ލޯބިކުރާ ކަމެކެވެ.

"މި ވަގުތުގެ ފޯކަސްއަކީ ދެ އަހަރަށް މި ކުރާ ދަތުރު ޑޮކިއުމެންޓުކޮށް، ކޮންޓެންޓު ހެދުން. އަދި ހޮބީސްތަކަށް ފޯކަސްކުރުމާއި ސިއްހަތަށް ސަމާލުކަން ދިނުން. މި ދަތުރުކުރާއިރު، އާމްދަނީ ހޯދޭނެ މަގުތައް ވެސް ފަހިވާނެ ކަމަށް މި އުއްމީދުކުރަނީ ކޮންޓެންޓުގެ ތެރެއިން. އަދި ދެ އަހަރަށް ވުރެ ގިނަ ދުވަހަށް ދަތުރު ދިގުވެގެން ދިއުމަކީ އުއްމީދެއް. އެކަން ހާސިލްނުވެއްޖެ ނަމަ އުފާވެރި ހިތަކާ އެކު އަނބުރާ ރާއްޖެއަށް ދާނީ،" ނާނި ބުންޏެވެ.

މި ދެމަފިރިންގެ ދަތުރު އޮތީ ކުރިއަށެވެ. ނިޔާމަ ބާއްޖަވެރި ދަތުރަކަށް އެދެމެވެ!

Popular