By: Asima Nizar
މައިންބަފައިންގެ ބުރަ މަސައްކަތަކީ ދަރިންގެ ހަޔާތުގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ހިއްސާ އެވެ. ހާއްސަކޮށް، ކުރިމަތިލާ ބޮޑެތި އިމްތިހާނުތަކަށް ކުދިން ތައްޔާރުވާ ދުވަސްވަރަކީ ބެލެނިވެރިންގެ ޒިންމާ ދެގުނަވެ، އެކުދިންނަށް ދެވޭ ސަމާލުކަން އިތުރުކުރަންޖެހޭ ވަގުތެކެވެ. އަންނަ އޮކްޓޯބަރު/ނޮވެމްބަރު މަހު ބާއްވާ އޯ ލެވެލް އިމްތިހާނަށް ދަރިވަރުން ތައްޔާރުވަމުންދާ މި ދަނޑިވަޅަކީ، ގޭތެރޭގެ މާހައުލަށް ހާއްސަ ބަދަލުތަކެއް ގެންނަންވީ ވަގުތެވެ.
ތައުލީމީ ދާއިރާގެ ތަޖުރިބާކާރު، ނިއުމާ މުހައްމަދު (ނިއުމާ މިސް) ހިއްސާކުރައްވާފައިވާ މި މުހިއްމު އިރުޝާދުތަކަށް ބަލައި، އިމްތިހާނު ދުވަސްވަރު ދަރިންނަށް އެހީތެރިވުމަށްޓަކައި ބެލެނިވެރިންނަށް ސަމާލުކަން ދެވިދާނެ ބައެއް ޓިޕްސްތައް ތިރީގައި އެވަނީ އެވެ.
ގެއަކީ އުފާވެރި، ހިތްވަރުދޭ މާހައުލަކަށް ހެދުން
ކުއްޖާ ފަސޭހަކަމާ އެކު ފިލާވަޅުތަކަށް ސަމާލުކަން ދިނުމަށްޓަކައި ގޭތެރެއަކީ ހިތްހަމަޖެހޭ އުފާވެރި ތަނަކަށް ހަދަންޖެހެ އެވެ. ބެލެނިވެރިން ދަރިންނާ މުހާތަބުކުރާއިރު ހެޔޮ ބަސްތަކުން ވާހަކަދެއްކުމާއި، ހިތްވަރު ދިނުމަކީ ކުއްޖާގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެ، ނަތީޖާ ރަނގަޅުވުމަށް ސީދާ ގޮތުން ބާރުއަޅާނެ ކަމެކެވެ. ދަރިންނާ ދިމާލަށް ބުނެވޭ އެންމެ ބަހަކުން ވެސް އެކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް ބޮޑު އަސަރެއް ކޮށްފާނެ އެވެ.
ސިއްހަތަށް ފައިދާހުރި ކާނާ އާއި ހަމަނިދި
އިމްތިހާނަށް ތައްޔާރުވާއިރު ސިކުނޑި ތާޒާކޮށް ބެހެއްޓުމަށްޓަކައި ދިރިއުޅުމުގެ އާދަތަކަށް ބަދަލުތަކެއް ގެންނަންޖެހެ އެވެ.
- ރަނގަޅު ކާނާ: ސިކުނޑީގެ މަސައްކަތްތަކަށް ބާރުދޭ، ހަށިގަނޑަށް ފައިދާހުރި ކާނާ ދަރިންނަށް ދިނުމަށް ސަމާލުކަންދޭށެވެ.
- ހަމަނިދި: ފިލާވަޅު ދަސްކުރުމުގައި ކިތަންމެ ގިނަ ވަގުތެއް ހޭދަކުރިނަމަވެސް، ރޭގަނޑުގެ ހަމަނިދި ނުލިބޭ ނަމަ ހަނދާން ބަލިވާނެ އެވެ.
އަރާމުކުރާނެ ވަގުތު ދިނުން
ސްކޫލްގެ އިތުރު ގަޑިތަކާއި، ޓިއުޝަން ކްލާސްތަކުގެ ސަބަބުން ކުދިން ވަރަށް ބޮޑަށް ވަރުބަލިވާނެއެވެ. އެހެންކަމުން، މެދުކެނޑުމެއްނެތި ކިޔަވަން މަޖުބޫރުކުރުމުގެ ބަދަލުގައި، ފިލާވަޅުތަކުގެ މެދުތެރެއިން ސިކުނޑި ތާޒާކޮށްލުމަށްޓަކައި އަރާމުކުރާނެ ވަގުތު ދަރިންނަށް ހޯދައިދޭންޖެހެ އެވެ.
މިއީ ބެލެނިވެރިންނަށް ކުރިމަތިވާނެ އެންމެ ބޮޑު އެއް އިމްތިހާނެވެ. ކުދިން ފިލާވަޅު ހަދަން ފަސްޖެހޭ ވަގުތުތަކުގައި ނުވަތަ ވަރުބަލިވެފައި ތިބޭ ވަގުތުތަކުގައި ރުޅިމޫނު ދެއްކުމުގެ ބަދަލުގައި ކެތްތެރިކަން އިސްކުރަންވާނެ އެވެ. ކުދިން މާޔޫސްވެ، ދެރަވާ ފަދަ ބަސްތައް ބުނުމުން ދުރުހެލިވުން މުހިންމެވެ.
އެހެން ކުދިންނާ އަޅާނުކިޔުން
ކޮންމެ ކުއްޖަކީވެސް ތަފާތު ހުނަރުތަކާއި ގާބިލުކަން ލިބިފައިވާ ކުއްޖެކެވެ. އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަކީ ދަރިފުޅުވެސް އެންމެ ބޭނުންވާނެ ކަންތަކެވެ. އެހެންވެ، ކިޔެވުމުގެ ހާސްކަމާއި ބިރުވެރިކަމެއްގެ ތެރޭގައި ކުއްޖާ އުޅެނިކޮށް، އެހެން ކުދިންގެ ނަތީޖާއާ ނުވަތަ ކިޔަވާ ގޮތާ ދަރިފުޅު އަޅާކިޔުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ.
މި ބަދަލުތަކަކީ ބެލެނިވެރިންނަށް ދިރިއުޅުމުގެ އާދަތަކުގެ ތެރެއިން ވަރަށް ފަސޭހައިން ކުރެވިދާނެ ކަންކަމެވެ. ނަމަވެސް، މިކަމުގެ ހެޔޮ ނަތީޖާ ދަރިންގެ ކިބައިން މުޅި އުމުރަށް ފެންނަން ހުންނާނެ އެވެ. ދަރިފުޅަށް ބޭނުންވަނީ ހަމައެކަނި ފޮތްތަކެއް ނޫނެވެ؛ އެކުދިންނަށް ބޭނުންވަނީ ބެލެނިވެރިންގެ ލޯތްބާއި، އަޅާލުމާއި، އަދި ހިތްވަރެވެ!