29 May 2017

އައިސްތު އާއި އައްޅޯ

އައިސްތު އާއި އައްޅޯ

By: Ahmed Nadym

އެހެން މީހުންނެކޭ އެއްފަދައިން ހިނގާ ނޫޅެވޭނެ ކަމާއި ނިކަމެތި ހާލު އޭނާ އަށް ވަރަށް ރަނގަޅަށް އެނގެ އެވެ. ދުއްވައި ނުގަނެވޭނެ ކަން ވެސް އެނގެ އެވެ. އައިޝަތު ނަސީރުގެ ހަމައެކަނި "ބަލި ފަޔަކީ" އެއީ އެވެ. އެހެން ހުރިހާ ގޮތަކުން ވެސް ބަރާބަރެވެ. އެކަމަކު ދިރިއުޅުމަކަށް ބޭނުންވާ އެންމެ މުހިންމު އެއް ގުނަވަން މަސައްކަތް ނުކުރެވި، ފުރޮޅުލީ ގޮނޑިއެއްގައި މުޅި އުމުރު ހޭދަކުރަން ޖެހުނަސް، އެހެން އެންމެންނެކޭ އެއްފަދައިން އޭނާގެ އިހުސާސްތައް ވެސް ހަމަހަމަ އެވެ. ބަރާބަރެވެ.

ޓީން އޭޖުގެ ދުވަސްވަރު އޭނާގެ ހިތުގައި ވެސް ލޯބި އުފެދެމުން ދިޔަ އެވެ. ކުދިންނަށް ހިތް ވެސް ކިޔެވެ. ލޯބި ވެސް ވި އެވެ. ޒަވާޖީ ހަޔާތަކަށް ވެސް ދާން ބޭނުންވި އެވެ. އެކަމަކު ކަންވީ ހީކުރި ގޮތަކަށް ނޫނެވެ.

"ވަރަށް ގިނަ ކުދިން ރައްޓެހިވާން އަހާ. ރައްޓެހިވާން ވެސް ވިން. އެކަމަކު ކޮންމެ ފަހަރަކު ވެސް މައްސަލައަކަށް ވަނީ އަހަންނަށް ނުހިނގުން. އަހަރެންގެ ނުކުޅެދުންތެރިކަން،" އައިސްތު ބުންޏެވެ. "އެހެން ކުދިންހެން މަށަކަށް ބޭނުންހާ އިރަކު ތަންތަނަކަށް ދެވޭކަށް ނޯވޭ. މީހެއްގެ އެހީތެރިކަމެއް ނެތި އެކަންޏެއް ނުވެއް ދެވޭ. އެހެން ކުދިންހެން ސައިކަަލް ފަހަތަށް އަރައިގެން ދުއްވާލެވޭކަށް ވެސް ނެތް. މިއީ ލޯތްބެއްގައި އަހަންނަށް ލިބޭ އެންމެ ބޮޑު ނާކާމިޔާބު."

އޭގެ ތެރެއިން އެއް ހާދިސާއެއް އައިސްތު ވަރަށް އަސަރާ އެކު ކިޔައިދިނެވެ.

"އެއް ކުއްޖަކު ކައިވެންޏާ ހަމައަށް ވެސް ގޮސް، ހުރިހާ ކަމެއްހެން ހަމަޖައްސައިފައި ބުނީ އާއިލާ ގަބޫލެއް ނޫނޭ ނުހިނގޭ ކުއްޖެއް ވީމަ. ވަރަށް ވަރަށް ލޯބިން އުޅެފައި އެހެން އެ ދިމާވީ. އެކަހަލަ ކަންތައްތައް ދިމާވީމަ ވަރަށް ގިނައިން އެކަނިމާއެކަނި އިނދެ އަހަރެން ރޮން. ވަރަށް ދެރަވޭ. ވަރަށް އަސަރު ކުރޭ."

އެކަމަކު އައިސްތު އަކީ ހިތް ސާފު، އަދި އޭނާގެ ނިކަމެތި ކަމާއި ފަގީރުކަން އަމިއްލަ އަށް ގަބޫލުކުރާ މީހެކެވެ. އެކަހަލަ ކޮންމެ ކަމެއްގައި ހިތާހިތުން ރޮއެލާފައި ހިތްހަމަޖައްސާލައިގެން ހުންނަނީ އެވެ. އައިސްތު ގަބޫލުކުރާ ހަގީގަތެއް އޮވެ އެވެ؛ އުމުރު ދުވަހު ވެސް ފުރޮޅުލީ ގޮނޑިއެއްގައި އިންނަން ޖެހިދާނެ އެވެ. އެކަން އޭނާގެ ސިކުނޑިން އެންމެ ސިކުންތަކު ވެސް ވަތްކެއް ނުވެ އެވެ. ހިތްދަތި ކަމާއި ހިތަމާތައް އެހާ ފަސޭހައިން އެއް ފަރާތްކޮށްލެވެނީ އެހެންވެ އެވެ.

މުޅި ހަޔާތް ހިތްދަތިކަމާއި ކެކުޅުމާއި ވޭނުގައި!

އުފަންވީއްސުރެ އައިސްތަކަށް ނުހިނގެ އެވެ. މިއީ އޭނާގެ މަންމަ، ދޮންދީދީ އަށް ކުރިމަތިވި ވަރަށް ބޮޑު ހިތާމައެކެވެ. ވަރަށް ބޮޑު ޗެލެންޖެކެވެ. އައިސްތުގެ ފަހުން ދޮންދީދީ އަށް އެހެން އަންހެން ދަރިޔަކު ލިބުމާ އެކު އޭނާގެ މަސައްކަތް ދެ ގުނަވި އެވެ. އައިސްތު ބޮޑުވަމުން ދިޔަ ވަރަކަށް ބަރުހެލިވެ، މަންމަގެ މަސައްކަތް ވެސް ދިޔައީ ބުރަވަމުންނެވެ. އެންމެ ކުޑައިރުން ފެށިގެން ބައްޕަގެ އެހީތެރިކަމެއް އައިސްތަކަށް ވެސް، އައި އެ ކުޑަކުޑަ އާއިލާ އަކަށް ވެސް ނުލިބެ އެވެ. މާލެއިން ކޮޓަރިއެއް ކުއްޔަށް ހިފައިގެން، މަންމަ ފަހައިގެން އާމްދަނީ ހޯދަމުން އައި އިރު، ހަމަ އެއްވެސް ވަރަކަށް ނުހިނގޭ ދަރިފުޅަށް ދޭން ޖެހޭ އަޅާލުން ވެސް އެހާ ބޮޑުވާން ޖެހުނެވެ.

"މަންމަ އަކީ ޖަވާހިރެއް،" މީގެ ހަތަރު އަހަރު ކުރިން ދުނިޔެ ދޫކުރި މަންމައާ ބެހޭ ގޮތުން އައިސްތު ބުންޏެވެ. "އަމިއްލަ އަށް މަގޭ ޒަރޫރީ ބޭނުންތައް ވެސް ނުކޮށްލެވޭ މީހެއް މަށަކީ. މި ބޮޑު ހަށިގަނޑު އުފުލައި، ފެންވަރުވައިދީ ފާހާނާކޮށްދީ ހުރިހާ ކަމެއް ކޮށްދިނީ މަންމަ. އެ ހުރިހާ ދުވަހަކު އެކަނިމާ އެކަނި އަހަރެން އުފުލީ ހަމަ އެއްވެސް ޝަކުވާއެއް ނެތި. ބައެއް ފަހަރު މަންމަ އަހަރެން އުފުލާތަން ފެނިފައި މީހުން ހައިރާންވެފައި ވެސް ތިބޭ. އެހެންވެ މަރުވުމުގެ ކުރިން އަހަރުތަކެއް ވަންދެން މަންމަ އުޅުނު މައިބަދައިގަައި ރިއްސާތީ ވެސް ވަރަށް ބޮޑަށް. އަހަރެން އުފުލައި، ކުރަންޖެހޭ އެންމެހައި ކަންކަންކޮށްދީ، ބަލިވުމުން ހޮސްޕިޓަލަށް ގެންގޮސްދީ، ފިޒިއޯ ހަދަން ގެންގޮސްދީ، މިހިރީ އަންހެނަކު އެކަނިމާއެކަނި ކުރާކަށް ފަސޭހަ ކަމެއް ނޫން. އެކަމަކު އެ ނޫން ގޮތެއް ވެސް އޭރު އަހަރެމެންނަކަށް ނެތް."

"އޭރު އަބަދުވެސް ހިތަށް އެރި މަންމަ އަށް ވުރެ ކުރިން މަރުވާނެނަމައޭ. މަންމަ ނެތް ދުނިޔެއެއްގައި އަހަރެން ބަލާނެ މީހަކު ނެތޭ. މަންމަ ނެތްދުނިޔެއަކު އުޅޭކަށް އަހަރެން ބޭނުމެއްނެތޭ!"

ތަނަވަސްކަން ނެތުމާއި އުޅެން ޖެހިފައި އޮތް ގޮތުން، އައިސްތު އަށް މަހުރޫމްވީ ހަމައެކަނި ހެލިފެލިވެ އުޅުމުގެ ފުރުސަތު އެކަންޏެއް ނޫނެވެ. އޭނާ އަށް އެންމެ އެކަށީގެންވާ ތައުލީމެއް ވެސް ނުލިބުނެވެ. ނަމަވެސް އައިސްތުގެ އުމުރުން އެންމެ އަށް އަހަރުގައި، އުޅެބޮޑުވި ރަށް ދޫކޮށް ދޮންދީދީ މާލެ އައީ އައިސްތުގެ ބައްޔަށް ފަރުވާއެއް ލިބޭތޯ އެވެ. ބޭސްފަރުވާގެ އިތުރުން ގޭގައި އައިސްތު އަށް ކިޔަވައިދޭން މީހަކު ވެސް ގެންދިޔަ އެވެ. ހަމަ އެހެންމެ، އައިސްތު އަށް ފަހަން ވެސް ދަސްކޮށްދިނެވެ.

"އަހަރެން ކަހަލަ ކުދިން އޭރު ވަރަށް މަދުން ބޭރު ތެރެއިން ފެންނާނީ ވެސް. އެކަމަކު އެންމެ ކުޑައިރުން ފެށިގެން ވެސް މަންމަ އަހަރެން ބޭރަށް ނެރެ ހަދާނެ. އީދު ދުވަސް ދުވަހާއި ހާއްސަ ދުވަސްދުވަހު މަންމައާ އެކު ބޭރަށް ގެންދޭ. ވަރަށް ކުޑައިރު ގެންދާނީ އުރާލައިގެން."

ބައްޕައަކު ދުނިޔޭގައި ހުރެ އޭނާގެ އެހީތެރިކަން ހަމަ އެއްވެސް ވަރަކަށް ނުލިބެއެވެ. ރައްޓެހިންތައް ދެތިން ދުވަހުގެ ތެރޭގައި ގެއްލެ އެވެ. ތިމާގެ މީހުން ތިއްބަސް އެއީ މަދުމަދުން ފެނިދެނިވާ ބަޔަކަށް ވިއެވެ.

"ސަބަބަކީ ކޮންމެ މީހަކު ވެސް ލައިފްގައި މާ ބިޒީ ވީ ކަމަށް ވެދާނެ. އެކަމަކު އޭރު ވެސް އަދި މިހާރު ވެސް ވަރަށް ގާތް، ވަރަށް މަދު ރަނގަޅު ރަހުމަތްތެރިން އެބަތިބި،" އޭނާ ބުންޏެވެ.

ސައުދީ ޕްރިންސްގެ އެހީ

މީގެ ގާތްގަނޑަކަށް 17 ވަރަކަށް އަހަރު ކުރިން ސައުދީގެ ޕްރިންސަކު ރާއްޖެ ވަޑައިގެން ކެއާ ސޮސައިޓީ އަށް ބޭސްފަރުވާގެ ދެ ފުރުސަތު ދެއްވި އެވެ. އައިސްތު އަކީ އޭރު ކެއާ ސޮސައިޓީގެ ޚާއްސަ ޕޭޝަންޓަކަށް ވާތީ، އޭގެ ތެރެއިން އެއް ފުރުސަތު ލިބުނީ އައިސްތު އަށެވެ. ހިނގިދާނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޭނާ އަށް އެ ފަހަރު ލިބިގެން ދިޔަ އެވެ. ސައުދީގެ ސީދާ ރޯޔަލް ހޮސްޕިޓަލަކުން ހުރިހާ އެހީއެއް ވެދީ، އައިސްތު ރަނގަޅުވުމުގެ ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމަށް އޭރު ބައެއް ތަޖުރިބާކާރުން ވެސް ވިދާޅުވެފައި ވެ އެވެ.

އެހެންވެ، އޭނާގެ މަންމަ އާ އެކު ސައުދީ އަށް ފުރީ މުޅި ރާއްޖޭގެ މީޑިއާތަކުގެ ވެސް ސުރުހީތަކުން ޖާގަ ހޯދައިގެންނެވެ. މަޖައްލާތަކުގެ ކަވަރުތަކަށް ވެސް އައިސްތު އެރި އެވެ. އެކަމަކު ހަ މަސް ދުވަހުގެ ތެރޭގައި ވަރުގަދަ އޯޕަން ސާޖަރީއެއް ހަދައި އެކިއެކި އެހެން ފަރުވާތައް ދީ، މައިބަދަޔަށް ދަގަނޑުލައްވައި ހެދިއިރު ވެސް ސީދާ ހިނގޭ ގޮތެއް ނުވި އެވެ. ބައެއް ކަންކަން ރަނގަޅުވި އެވެ. އަނެއްބައި ކަންކަން އިތުރަށް ގޯސް ވެސް ވި އެވެ. ސައުދީ އަރަބިއްޔާ އަށް ދެ ފަހަރު ގޮސްގެން ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އޭގެ ފަހުން، ވިސާ ހަމަޖެހުމުގައި މައްސަލަތައް ވެސް ކުރިމަތިވެ، އަލުން ދާއިމީ ގޮނޑީގައި އިންނަން ޖެހުނީ އެވެ. ސައުދީ ޕްރިންސްގެ އެހީ އަލްވަދާއު ކީ އެވެ.

އައިސްތުގެ ހަޔާތަށް އައި ފަހުލަވާނު

ސައުދީ ދަތުރަށް ފަހު އައިސްތުގެ މަންމަ ވެސް ވަރަށް ބޮޑަށް ބަލިވެއްޖެ އެވެ. މަންމަގެ ބަލި ބޮޑުވަމުން ގޮސް، ބައެއް ފަހަރު ވަރަށް ހާލުގައި އުޅެން ޖެހޭ ހިސާބަށް ހިނގައްޖެ އެވެ. އައިސްތު އަށް ކަންކަން ނުކުރެވޭ ގޮތް ވާން ފަށައިފި އެވެ. މަންމަގެ ދެ ކިޑްނީ ފެއިލްވީ އެވެ.

"މުޅި ހަޔާތުގައި ވެސް އައި އެންމެ ހިތްދަތި ދުވަސްތައް އެއީ. ހިތަށް އެރި ކިހިނެއްހޭ ދެން އަހަރެން ހަދާނީ،" އެ ދުވަސްތައް އައިސްތު ހަނދާން ކުރި އެވެ. "ހިތަށް އެރީ ދެން އަހަރެން ބަލާނީ ކާކުހޭ؟ ކާކުހޭ ދެން އަޅާލާނީ. ކާކު ހޭ މަށަށް ކޮށްދޭން ޖެހޭ ކަންކަން ކޮށްދޭނީ. ކާކުހޭ މިހާރު ދެން އަމުދުން ހަޔާތުގެ ބައިވެރިއަކަށް އަންނާނީ."

އެކަމަކު ﷲގެ ކުޅަދުންވަންތަވެރިކަން އެއަށް ވުރެ މާ ބޮޑެވެ. އައިސްތުގެ ހަޔާތަށް އައީ އާދައިގެ މީހެއް ނޫނެވެ. އޭރު މެސެޖިންގައި އެންމެ ހިނގާ އެޕް "މިގް 33"ގެ ރޫމެއްގެ ތެރެއިން އައިސްތުގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ މި ޒުވާނާ އެވެ. އަބްދުﷲ މޫސާ ރަފީއު (އައްޅޯ) އެވެ.

"އައްޅޯ އެހީ ކައިފިން ހެއްޔޭ. އޭރު ނުކައި ހުންނަތާ ގާތްގަނޑަކަށް 24 ގަޑިއިރު ވެސް ވެދާނެ. މަންމަ ހުރީ އޭރު ކިޑްނީގެ ފަރުވާއަކަށް އިންޑިއާ އަށް ގޮސް. އެކަމަކު އަހަންނަކީ ކިތަންމެ ދެރަވެފައި ހުއްޓަސް އެކަން އެހެން މީހުންނަށް ދައްކާ މީހެއް ނޫން. އެހެންވެ އައިސްތު ބުނިން ކައިފީމޭ ވެސް، އޭރު އައިސްތު އުޅެމުން އައީ އެކަނިމާ އެކަނި. މަންމަ ވީ އިންޑިއާގައި ފަރުވާގައި،" އައްޅޯ އާ ދިމާވި ފުރަތަމަ ފަހަރުގެ ވާހަކަތައް އައިސްތު ފެށި އެވެ.

"(މަންމަ ނެތީމަ) އޭރު ބައެއް ދުވަސް ދުވަހު ހުންނަން ޖެހޭ މުޅި ދުވަހު ވެސް އެކަނި. އައްޅޯ އާ ރަހުމަތްތެރިކަން އުފެދި ފޯން ނަންބަރު ބަދަލުކޮށް އޭގެ ދެ މަހެއްހާ ދުވަސް ފަހުން ދެ މީހުން ފުރަތަމަ ފަހަރަށް ބައްދަލުވީ."އެކަމަކު ފުރޮޅުލީ ގޮނޑިއެއްގައި އިން އައިސްތު ފެނިގެން އެ ދުވަހު އައްޅޯ ހައިރާނެއް ނުވެ އެވެ. އައްޅޯ ކަޑައެއް ވެސް ނުވެ އެވެ. ސަބަބަކީ އެ ފުރޮޅުލީ ގޮނޑީގައި އިން އަންހެން ކުއްޖާގެ ހިތަށް ވުރެ ސާފު އަދި އެއަށްވުރެ "ބޮޑު" ހިތެއް އައްޅޯގެ މޭ ތެރޭގައި އެ ކުއްޖާ އަށް އޭރު ވެސް ހުސްކޮށްފައި އޮތުމެވެ. އެކަނިވެރި ދުވަސްތަކެއްގެ ތެރެއަށް އުފާވެރިކަމެއް ފޭދި، ހެޕިލީ އެވާ އާފްޓާއެއްގެ ކުލަ ޖެހިފައިވާ ލޯބީގެ ހަގީގީ ފެއަރީ ޓޭލްއަކަށް އައިސްތު އާއި އައްޅޯގެ ވާހަކަ ނިއުޅުވެން ފެށި ހިސާބަކީ މިއީ އެވެ. މިއީ އާދައިގެ ވާހަކައެއް ނޫނެވެ.

ޕާފެކްޓް ޕްރިންސެއް

އޭގެ ފަހުން މިހާރު ނުވަ އަހަރުވީ އެވެ. މި ވޭތުވެދިޔަ ނުވަ އަހަރަކީ، އައިސްތުއާ ނީނދެ ހުއްޓަސް އައްޅޯގެ ވަރަށް ހާއްސަ އެހީތަކެއް އައިސްތު އަށް ވެ ދީފައިވާ ދުވަސްތަކެކެވެ. އައިސްތުގެ ބޭސް ފަރުވާގައި އައްޅޯ އަމަލީ ގޮތުން އުޅެން ވަގުތުތައް ހުސްކުރި އެވެ. އައިސްތު ބުނާ ގޮތުން، އައްޅޯއާ ދިމާވީ، މަންމަ ފަދަ އެހީގެ އެފަދަ އެހެން އަތަކަށް ހިތުގެ އަޑިން ރޮއެ އާދޭސް ކުރަމުން ދިޔަ ދުވަސްތަކެއްގަ އެވެ. އަނެއްކޮޅުން އައްޅޯގެ ޒުވާން ދުވަސްވަަރު އޭނާ ވެސް ލޯބީގައި ފީނަމުން ދަނިކޮށެވެ.

އައްޅޯ އާއި އައިސްތު ލޯބީގެ ގޮތުން ގުޅުނީ ހަގީގަތުގައި، އެ މީހަކާ ދޭތެރޭ މާ ބޮޑު ޔަގީން ކަމެއް އޮވެގެނެއް ނޫނެވެ. ހަޔާތުގައި ކުރިން ވެސް ކުރި ހިތި ތަޖުރިބާ, އަލަށް ދިމާވި މީހާ އާ އެންމެ ފަހު ވަގުތު ވެސް ކުރަން ނުޖެހޭނެ ކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވެ އެވެ. އެކަމަކު އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އައިސްތު އަށް އައްޅޯ އާއި އެހެން މީހުންނާ ހުރި ތަފާތުތައް ފެނުނެވެ.

"އައްޅޯގެ އަހުލާގާއި އައްޅޯގެ މަޑުމައިތިރިކަން އަހަންނަށް ވަރަށް ބޮޑަށް ފާހަގަކުރެވުނު. އައްޅޯ ޔަގީންކަން ދިން [އަހަރެން] ދޫކޮށްނުލާނެކަން. އަނެއްކާ އޭރު ވެސް އޭނާއަކަށް މައްސަލައެއް ނޫން އަހަންނަށް ނުހިނގުމަކީ ވެސް،" ސ. ހިތަދޫ އަށް އުފަން އައިސްތު ބުންޏެވެ. "އަހަރެން އެއްވެސް އެއްޗެއް ސިއްރެއް ނުކުރަން. އެއްވެސް އެއްޗެއް އޮޅުވައެއް ނުލަން. އަހަރެންގެ ހަގީގަތް އޭނާ އަށް ފެންނާނެ. އޭރު ވެސް ހަމަ ދަންޏާ ދާންވީ ދޫކޮށްލާފައި. އެކަމަކު އައްޅޯ ވަރަށް އިޚުލާސްތެރިކަމާ އެކު އަހަންނާ އެކު މަޑުކުރީ."

"އަނެއްކާ އަހަންނާއި އައްޅޯ އަކީ އުޑާއި ބިމާ މުޅިން ތަފާތު ދެ މީހުން ފެންވަރުގެ ގޮތުން. އަހަންނަކީ ދިރިއުޅުމަށް ޓަކައި ވަރަށް މުހިންމު އެއްޗެއް މަދު މީހެއް. ރަށަކުން އައިސް ހުރި ވަރަށް ނިކަމެތި މީހެއް. މަންމައެއް ބައްޕައެއް ނެތް. އަނެއްކޮޅުން އައްޅޯއަކީ މާލޭގައި ގެދޮރު ހުރި ވިސްނޭ، ހުނަރުވެރި މީހެއް."

ސަމާސާއަކަށް ހަދާލާފައި އައިސްތު ބުނީ އައްޅޯއަކީ އޭނާ ކުޑައިރުން ފެށިގެން ވެސް "ހަޔާތުގެ ބައިވެރިޔަކަށް ހަދަން ޑްރީމްކުރި ކަހަލަ މީހާ" ކަމަށެވެ.

"އަބަދުވެސް ވަރަށް ބޮޑު ޑްރީމްއެއް އެއީ، މިއުޒިކް ކުޅޭ، އިސްތަށިގަނޑު ދިގުކޮށްފައި ހުންނަ މީހަކު ހަޔާތުގެ ބައިވެރިޔަކަށް ހެދުން. އެއީ ކުޑައިރު ވެސް އިންނަ ޑްރީމްއެކޭ. ދެން ވަރަށް އަލީ ރަމީޒުވެގެނެއް އޭރު އުޅޭނީ ވެސް. އެކަހަލަ މީހަކު ބޭނުންވީ ވެސް،" ސަމާސާ ހިނިގަނޑަކަށް ފަހު އައިސްތު ކިޔައިދިނެވެ. "މިއީ ހަމަ އެންމެ ޕާފެކްޓް މީހާ."

ނުކުޅެދޭ ކުއްޖަކަށް ޓަކައި ގުރުބާންވާ ޒުވާނާ

އައިސްތު އެ ބުނީ ވަރަށް ބޮޑު ތެދެކެވެ؛ އައްޅޯ އަށް ވަރަށް ގިނަ ގޮތްގޮތް އެބައޮތެވެ. ސުވާލަކީ މި އެވެ؛ ފެންވަރުގައި ދިރިއުޅެމުން ދިޔަ ޒުވާނެއްގެ ހިތް އައިސްތު ކަހަލަ ނިކަމެއްޗެއްގެ އުނގަށް ބަންޑުންވުމަކީ ވެދާނެ ކަމެއް ހެއްޔެވެ؟ އައްޅޯގެ އާއިލާ މި ގުޅުމަށް ގަބޫލުވީ ކީއްވެގެން ހެއްޔެވެ؟ އައްޅޯގެ ރަހުމަތްތެރިން ބުނީ ކީކޭ ހެއްޔެވެ؟

"ސޮސައިޓީ، އައި ޑޯންޓް ކެއާ. މީހުން ދެކޭ ގޮތް ބަލާކަށް މަށެއް ބޭނުމެއް ނޫން. އީވަން ފެމިލީ، އައި ޑޯންޓް ކެއާ،" އައްޅޯ ބުނީ މިހެންނެވެ.

"ފުރަތަމަ އައި (އައިސްތު އަށް އައްޅޯ ލޯބިން ކިޔާ ކުރު ނަން) އާ ވާހަކަ ދެއްކީ ރައްޓެހި ކަމުގައި. އެކަމަކު ޑޭ ވަން ގަ ވެސް ލައިކްވި ވަރަށް ބޮޑަށް. އޭތި އިން [ބޮލުގައި]. އެކަމަކު ވިސްނަން ޖެހުނު ބައިވަރު ކަންތައްތަކެއް ހުރި ޑިސްއޭބަލް ވީމަ. އެކަމަކު މަށަކަށް އެއްވެސް އޮޑު ސިފައެއް ނާދޭ އެހެން ވުމަކުން ވަކި. އެކި މީހުންނަށް ދުނިޔެ މަތީގައި މާތް ރަސްކަލާނގެ ދައްކަވާނީ އެކި ގޮތް. ޝީ ވޯޒް ބޯން ލައިކް ދިސް. ޝީ ހޭޒް ޓު ސަވައިވް،" އަމިއްލަ ވަރަށް ރީތި ރާގުތަކެއް އެހުންތެރިންނަށް ދޫކޮށްލައިފައިވާ މިއުޒީޝަން ބުންޏެވެ.

"އައި އަކީ މެންޓަލީ މައްސަލައެއް ހުރި މީހެއް ނޫން. އޭނަގެ ޑިސްއޭބިލިޓީ އަކީ، އޭނަ އަކީ ސްޕެޝަލް ކެއާ ބޭނުންވާ މީހަކަށްވުން އެކަނި. މަށަށް ވިސްނޭގޮތުގަ ކޮންމެ އިންސާނަކީ ވެސް، އަމިއްލައަށް ކަންކަން ނުވުމުން އަނެކާގެ އެހީއަށް ބޭނުންވާނެ މީހެއް. އެހެންވީމަ މަށަކަށް ގަބޫލެއް ނުކުރެވޭ (އައިސްތު) އަކީ މި ސޮސައިޓީން ބޭކާރު މީހެއްގެ ގޮތުގައެއް، އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް."

އައްޅޯގެ ހިތް އޮތީ މިހާ ސާފުކޮށެވެ.

"އައިގެ ހާލަތު ވަރަށް ރަނގަޅަށް އެނގުނު. ދެނެގަތިން. އަައްޅޯ އާއި އަައި ދިމާވިއިރު އައްޅޯ އަށް ފެނުނީ ބަލި މަންމަޔަކު އެ ހާލުގައި ހުރެ ވެސް ބޮޑުވެފައި ހުރި ދަަރިޔަކަށް އެކަނިމާއެކަނި ވަމުންދިޔަ ޤުރުބާންތައް. ވަރަށް ހާލުގައި އުޅުނީ. އެކަމަކު އެ ދެމައިންގެ ކިބައިން ފެނުނީ އޯގާތެރިކަމާއި ލޯތްބާއި އަޅާލުން. އައި ކިތަންމެ ހާލުގައި ހުއްޓަސް އައިގެ ކިބައިން ފެންނަނީ އައި ގެ ހިތްވަރުގަދަކަން. މީހުންނާ ކުރިމަތިލަނީ ހިނިތުންވުމާއެކު. އައި އާ ރައްޓެހިވުމުގެ ކުރިން ވަރަށް ވިސްނިން. އައި ދޫކޮށްލާކަށް ނޫން އައި ޔާ ރައްޓެހިވީ. ހަޔާތުގެ ބައިވެރިއަކަށް ހަދަން." އައްޅޯ ބުންޏެވެ. "މަށަކަށް ނުވާނެއޭ، މަށަކަށް ނެތޭ އުޅެވޭކަށް ބުނެފައި ދިއުމުގެ އިހްތިޔާރު ވެސް މަށަށް އޮތް އޭރު ވެސް. އޭރު އައްޅޯ ޖޮބްލެސް. އޭރު ގެ ވެސް ނަހަދައި ހުރީ. އުޅޭނެ ރަނގަޅު ތަނެއް ނެތް. މަންމަ އޮތީ މުސްކުޅި ބަލީގައި އެނދުމަތިވެފައި. އާމްދަނީއެއް ވެސް ނުލިބޭ އޭރަކު."

"އެކަމަކު ވެސް ބޭނުމެއް ނުވި އައި ދޫކޮށްލާކަށް. ދުވަހަކު ވެސް ބޭނުމެއްނުވޭ އައި ދޫކޮށްލާކަށް. ވަރަށް ލޯބިވާތީ އުޅުނީ. ދެން ބޭނުންވީ އެ ސްޓްރަގްލްކުރަން. އެކަމާ ކުރިމަތިލާން. ބޭނުންވި އައި އަކީ އައްޅޮގެ މީހަކަށް ހަދަން. އެކަމަކު އެކަމަށް ބައިވަރު ގޮންޖެހުންތަކެއް ހުއްޓަސް، މާތްﷲގެ އިރާދަފުޅާއެކު ހުރިހާ ކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް. ހިތް އެދުނު ގޮތަށް އައި އާ އެކު ޒަވާޖީ ހަޔާތެއް ފެށޭނެ ގޮތް މާތްﷲ މެދުވެރިކުރެއްވި. އެކަމަށް ހަމްދުކޮށް އިންތިހާ އަށް ޝުކުރުވެރިވަން. އަހަރެން މުޅިން ހަމަޖެހިލަންދެން އައި އަހަންނަށް ޓަކައި މަޑުކޮށްލައިގެން ހުރިކަން އެއީ އައި އަށް އަހަރެން ޝުކުރު އަދާކުރަން ޖެހޭ ކަމެއް."

ކައިވެންޏަށް އަހަރެއް! މިކަހަލަ ލޯތްބެއް ދުށިންތަ؟

އެކި އާއިލާތަކުގަ އާއި ރަހުމަތްތެރިންގެ ތެރޭގައި ޖެހޭ މައްސަލަތަކާއި، ދިރިއުޅުމުގެ ހަރަދުތައް އައްޅޯ އަށް ވަރަށް ރަނގަޅަށް ވިސްނެ އެވެ. ރައްޓެހިވެގެން އުޅޭތާ ހަތް އަހަރު ވީ އިރު ކައިވެނި ނުކޮށް ތިބި ސަބަބަކީ ވެސް އެއީ އެވެ. ބޭނުންވީ އެންމެ ފުރިހަމަ މިނިވަން ކަމެވެ.

"އައި ގާތު އަހަރެން ބުނިން ގެ ހަދާ ނިމެންދެން މަޑުކޮށްލަދޭށޭ. އަހަރެން ބޭނުންވީ އައި އާއި އަހަރެން ހަމަ ސީދާ ވަކިން ދިރިއުޅެން،" އައްޅޯ ބުންޏެވެ.

ގެ ހެދުމުގެ މަސައްކަތް ވީ ހީކުރިހާ ފަސޭހަ ކަމަކަށް ނޫނެވެ. އެކަމަށް ވަރަށް ގިނަ އަހަރު ހޭދަވެގެން ދިޔަ އެވެ. އެންމެފަހުން އައިސްތު އާ އައްޅޯ މިދިޔަ އަހަރު ކައިވެނިކުރީ އައިސްތުގެ ސިކުނޑީގައި އޮތް ހުވަފެނީ "ގަނޑުވަރު" ހަގީގަތަކަށް ހަދައިދީފަ އެވެ.

"އަބަދުވެސް ބުނާނެ މެރީކުރަންވެގެން ގަނޑުވަރެއް ހަދަނީއޭ ދާން. އެކަމަކު ވެސް ހިތަކަށް ނާރާ މިހާ މިހާ ހިތްހަމަޖެހިގެން އުޅެވިދާނެއެކޭ،" 10 ބުރީގެ އެންމެ ޒަމާނީ އިމާރާތުގެ އެންމެ މަތީ ބުރީގައި އިނދެ އައިސްތު މިހެން ބުނެލުމުން އައްޅޯ ޖަހާލީ ކުރު ހިނގަނޑެކެވެ.

އައްޅޯ އާއި އައިސްތު ކައިވެނި ކުރީ ވަރަށް އުފަލުން ތިބެގެންނެވެ. އައްޅޯގެ ހަޔާތުގައި އައިސްތު ވަރުގެ އެހެން މީހަކު ނެތެވެ. އައިސްތު އަށް އޮތް ޔަގީން ކަމާއި އިތުބާރު އިންތިހާ އެވެ. ނުކުޅެދެއޭ ކިޔައިފައި ހަމަ އެއްވެސް ތަފާތެއް ނުކުރެ އެވެ. އައްޅޯ ބޭނުންވީ އައިސްތު ބޭނުންވާ ހުރިހާ އުފަލެއް ފުރިހަމަކޮށްދޭށެވެ. އަބަދު ވެސް އުފަލުގައި ބަހައްޓާށެވެ!

"އައިގެ ދިރިއުޅުން މީގެ ކުރިން އެންމެ ކައިރިން ފެނުނު އެކަކަށް އަހަރެން ވާނެ. ވަރަށް ހާލުގައި ވަރަށް ހިތްދަތިކޮށް އުޅުނު އެވަރުގެ މީހަކު ދުނިޔޭގައި ވަރަށް މަދުވާނެ. އަހަރެން ބޭނުމެއް ނުވޭ އެ ތަޖުރިބާގެ އެންމެ ކުޑަ މިންވަރެއް ވެސް އަހަރެންނާ އެކު އައި ކުރާކަށް،" އައްޅޯ ބުންޏެވެ. "އައިގެ ހަޔާތުން އަހަންނަށް ފެނުނީ އެހެން މީހުން އައި ޔޫސްކުރިތަން. އައިގެ ހުންނަ ހިތްހެޔޮ ކަމުގެ ފައިދާ އޭނާގެ އެންމެ ގާތް މީހުން ވެސް ނެގި ތަން."

ކައިވެނީގެ ގޮށް ޖެހީ ވަރަށް ގިނަ ވައުދުތަކަކާ އެކު އެވެ. ވަރުގަދަ ޕާޓީއެއް ބޭއްވި އެވެ. އުފާވެރި ދިރިއުޅުން ފެށި އެވެ.

އައްޅޯ އަށް އައިސްތުގެ ކިބައިން ފެނުނީ އާދަޔާހިލާފު ސިފަތަކެކެވެ. އެކުގައި އުޅެން ފެށުމާ އެކު އައިސްތު ވެގެން ދިޔައީ ވަރަށް ޒިންމާދާރު އަންހެނަކަށެވެ.

"އައި އަކީ ވަރަށް ރީތިކޮށް ފަހާ ކުއްޖެއް. އައި އަކީ އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ، އެހާމެ ކްރިއޭޓިވް މައިންޑަޑް ކުއްޖެއް. އައި އަކީ އަބަދުވެސް ސާފުތާހިރު ކަމަށް ލޯބިކުރާ ކަންކަން ތަރުތީބުކޮށް ބެހެއްޓުމަށް ލޯބިކުރާ ކުއްޖެއް. އައި އަކީ ހިތްތިރި ކެތްތެރިކަން ލިބިގެންވާ ކުއްޖެއް. އައި އަަކީ އޯގާތެރި ހިތެއް ލިބިފައިވާ އަމިއްލަ ކަންކަމަށް ވުރެ އެހެން މީހުންގެ ކަންކަމަށް އިސްކަން ދޭ އަބަދުވެސް އަނެއް މީހާ އަށް ރަނގަޅު ކަންކަން ވުމަށް އެދޭ ކުއްޖެއް،" އައްޅޯ ބުންޏެވެ. "އައި އަކީ އައްޅޮ ދެކެ ލޯބިވާ، މި ދުނިޔެމަތިން އައްޅޮ އެންމެ ލޯބިވާ އިންސާނާ."

އައިސްތު އާއި އައްޅޯ ވެގެން ދިޔައީ ލޯބީގެ ނަމޫނާ އަކަށެވެ. ކައިވެންޏަށް ފަހު ފުރަތަމަ މަަސް ދުވަސް ހޭދަވެގެން ދިޔައީ ކައިވެނީގެ ކޮންމެ ހަފުތާއެއް ވަކިވަކިން ފާހަގަކުރަމުން ދިޔަ ދުވަސްތަކަކަށެވެ. އޭގެ ފަހުން ކޮންމެ މަހެއްގެ އެ ދުވަސް ފާހަގަކުރަމުން ދިޔައީ އައިސްތު އަށް ސަޕްރައިޒްތައް ގެނުވަމުންނެވެ. އައްޅޯގެ ވަރަށް ގާތް ރަހުމަތްތެރިއަކު ބުނި ގޮތުގަައި، ކޮންމެ ތަނެއްގައި ހުރެފައި ވިޔަސް އެ ރޭގެ އެ ވަގުތަށް އައިސްތު އަށް ސަޕްރައިޒް ދޭން ގެެއަށް ދާނެ އެވެ.

"އެ ދުވަސް އޭނާ ހޭދަކުރާނީ އައިސްތު އަށް ސަޕްރައިޒް ދޭނެ ގޮތަކާ މެދު. އައިސްތުގެ އަތުގައި އޮންނާނީ އެންމެ ފަހުގެ ފޯނު. ކޮޓަރީގައި ހުންނާނީ އެންމެ ފަހުގެ ސެންޓް. މާ ބޮނޑިބޮނޑި އެ ގެއަށް ގެންދިޔަވަރުގެ އަދަދެއް ވެސް ނޭނގޭނެ،" އައްޅޯގެ އެކުވެރިޔަކު ބުންޏެވެ.

އައިސްތު ވެސް އެކަން ފާހަގަކުރެ އެވެ.

"ކޮންމެ އެނިވާސަރީއެއް ވެސް ވަރަށް ވަރަށް ސެލެބްރޭޓް ކުރާނެ. ވަރަށް ސަޕްރައިޒް ދޭ ފިރިއެއް. މިދިޔަ އަހަރު ބާތް ޑޭ ވަރަށް ވަރަށް ހާއްސަ. ވަރަށް ގިފްޓްސް ދިން. ސެލެބްރޭޓް ކުރިން. ސެލެބްރޭޝަން ނިމުމުން ޓަސް ލާފައި ދިއްކޮށްލީ ލަންކާގެ ދެކޮޅު ޓިކެޓް. ވީ އުފަލެއް ބުނަން ވެސް ނޭނގުނު. އައްޅޮޔާ އެކު އެކަނި ރާއްޖެއިން ބޭރަށް ދެވުމުން އިހުސާސް ކުރެވުނު އުފާތައް ބުނެދޭނެ ގޮތް މަށަށް ނޭނގޭ،" އައިސްތު ބުންޏެވެ. "އައްޅޮޔަކީ ރޮމޭންޓިކް، ލަވިން، ކެއަރިން ހަޒްބަންޑެއް. ކޮންމެ އަންހެން ކުއްޖެއްގެ ވެސް ޑްރީމްއެއް ދޯ! (ސްޕެޝަލް) ދުވަސްތައް ފާހަގަކުރުމަކީ. އަބަދުވެސް ވަރަށް ސަޕްރައިޒް ދޭނެ. އުއްމީދުނުކުރާ ކަހަލަ ކަންތައްތައް ކުރާނީ އަބަދުވެސް. އޮންނާނެ އައި އަށް އައްޅޯ ހަދައިދީފައި އޮތް ލަވައެއް ވެސް."

އައިސްތު އަށް އައްޅޯ އަމިއްލަ އަށް މިއުޒިކް ހަދައިގެން އުފައްދައިދިން ލަވަ

މި އެއް އަހަރުގެ ތެރޭގައި އައްޅޯ ވަނީ އައިސްތުގެ މުޅި ހަޔާތް އުފާވެރިކަމަށް ބަދަލުކޮށްލައިދީފަ އެވެ. ހަގީގަތަކީ، އައްޅޯ ގަބޫލު ކުރާ ގޮތުގައި، އޭނާ އަށް ވެސް އައިސްތުގެ ސަބަބުން ވަރަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ.

"މިއަދު އަހަރެން ކާމިޔާބު މީހަކަށްވީ އައި އާ ހެދި. މި ގުޅުމުގައި ކުރިއަށް ދާން ލިބުނު ހިތްވަރެއް ލިބުނީ އައިސްތު ދެއްކި ހިތްވަރާއި ނަމޫނާއިން. އަހަރެން ގަބޫލުކުރަނީ އަހަރެންގެ އެންމެ ބޮޑު ކާމިޔާބީއަކީ އަދި ހަޔާތުގެ ވަނަ އަކީ އައި ކަމަށް."

އައްޅޯގެ އަތްމައްޗަށް އައިސްތު އެރިއިރު، އައިސްތުގެ ހާލަތު އެންމެ ރަނގަޅެއް ނޫނެވެ. އައްޅޯ ދެން އަވަސްވެގަތީ، އައިސްތުގެ އުމުރުގައި ނުވެ ހުރި ކަންކަން ވީ ވަރަކުން ފުއްދައިދެވޭތޯ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް އައްޅޯ ދިނީ ސިއްހަތަށެވެ.

"މިހާރު އަށެއްކަ މަސް ދުވަސް ވެއްޖެ ފިއްޓޭ (ފިޓްނަސް އިންސްޓްރަަކްޓަރު) ކައިރި އަށް ބަރާބަރަށް ގެންގޮސް ފިޒިކަލްތެރަޕީ ހައްދާތާ ވެސް. ހަތަރުވަރަކަށް މަސް ވަނީ ޕާސަނަލް ޓްރޭނިން ފިއްޓޭ ކައިރިން ނަގާތާ. އައި އަށް ހިނގުން އެއީ އަހަރެންގެ ވެސް މިހާރުގެ އެންމެ ބޮޑު އުންމީދު. ފިއްޓޭ ކައިރި އަށް ދާން ފެށި ފަހުން ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަން ފަށައިފި،" އައްޅޯ ބުންޏެވެ.

"ހަގީގަތުގައި ސައުދީގައި ކުރި ބޮޑު އޮޕަރޭޝަނަށް ފަހު ރަނގަޅަށް ބަރާބަރަށް ފިޒިއޮތެރަޕީ ނުދެވުމުގެ ސަބަބުން އައި އަށް ވަނީ ވަރަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައި. ކުރިން އައި އަކީ ތަނެއްގައި ގިނައިރު އިށީނދެލަން ވެސް ފަސޭހަ މީހެއް ނޫން. އެކަމަކު މިހާރު ބަލާބަލަ."

ކިޔަވައިދިނުމާއި އައިސްތު އަށް ދެން ބޭނުންވާ އެހެނިހެން ވަރަށް ގިނަ ކަންތައްތައް އައްޅޯ ވަނީ ފުރިހަމަކޮށްދީފަ އެވެ. އައްޅޯ ނެތް ވަގުތުތަކުގައި އައިސްތު އަށް އެހީތެރިވެދީ ބަލަހައްޓައިދޭ، އައިސްތުގެ ވަރަށް ގާތް ރަހުމަތްތެރިއަކު އެ ގޭގައި ހުރެއެވެ. އައިސްތު ބުނާ ގޮތުން، މީގެ އަހަރުތަކެއް ކުރިން ދިމާވި އެ އަންހެން ކުއްޖާ އަކީ އޭނާގެ ދެވަނަ މަންމަ ފަދަ ކުއްޖެކެވެ. އެހާ ވެސް ރަނގަޅެވެ: "ސުޒާ! އައި ބުނެލަން ބެނުންވަނީި ވަރަށް ވަރަށް ތޭންކިޔޫ އޭ!"

އައިސްތު، އައްޅޯގެ ގެއަށް ބަދަލުވީ ވެސް، ގޭގެ ޑިޒައިނަށް ވެސް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ. އައިސްތު އަށް އަމިއްލަ އަށް ފަސޭހަ ކަމާ އެކު ދެވޭނެ ގޮތްތައް ގޭތެރެއިން ވަނީ ހަމަޖައްސައިދީފަ އެވެ. ގޭގެ ބައެއް ތަންތަން ތަޅައި، ވީލް ޗެއާ އަށް ދެވޭނެ ފަސޭހަ ގޮތްތައް ވަނީ ހަމަޖައްސައިދީފަ އެވެ. އައިސްތު ބޭނުން ނަމަ ޓެރަސް އަށް ވެސް މިހާރު އެކަނި ދެވޭނެ އެވެ.

"މިހާރު 10 ބުރީގެ އިމާރާތަކުން އަމިއްލަ އަށް ނުކުމެގެެން ގޮސް މާލޭގެ ކޮންްމެ ތަނެއްގައި އުޅެފައި އެނބުރި އާދެވޭނެ ގޮތް އައި އަށް އޮންނާނީ ހަމަޖެހިފައި އެހެން އެއްވެސް މީހެއްގެ އެހީތެރިކަމެއް ނެތި،" އައްޅޯ ބުންޏެވެ.

އައިސްތުގެ ފުރޮޅުލީ ގޮނޑީގެ ބަދަލުގައި، އެންމެ ޒަމާނީ އިލެކްޓްރިކަލް ވީލް ޗެއާ އެއް ވެސް އައްޅޯ ވަނީ ހޯދައިދީފަ އެވެ. އެ ގޮނޑީގެ އެންމެ ފިތަކުން އައިސްތު ބޭނުންވާ ތަނަކަށް ދެވެ އެވެ.

"އައިގެ އެންމެ ބޮޑު ހުވަފެން އެއީ މިކަހަލަ ގޮނޑިއެއް ހޯދުން،" އޭނާ ބުންޏެވެ. "އައިއަށް ހިނގަން ޖެހޭނެއޭ އެއީ މަސްޓެއް ނޫން. އެކަމަކު މިހެން އުޅެވެން ޖެހޭނެ އޭނަ އަށް."

ދިރިއުޅުމުގެ މަތިން މުޅިން ފޫހިވެ، ހަތަރު އުދަރެސް ފެނުޖެހި މާޔޫސްވެ، އުންމީދު ގެއްލިފައި ހުރި އައިސްތުގެ ހަޔާތް މުޅިން ބަދަލުވެއްޖެ އެވެ. އެކަން އޭނާ ދަންނަ އެންމެނަށް ވެސް އެނގެ އެވެ. ޚުދު އައިސްތު ވެސް އެކަން ޝުކުރުވެރިކަމާ އެކު ގަބޫލުކުރެ އެވެ.

"ﷲ އަށް ހަމްދުކުރަން. ނުކުޅެދުމަކީ ހަގީގަތުގައި ތިމަންނާ އަށް ދެން އަޅާލާނެ މީހަކު ނެތް ކަމަށް ގަބޫލުކޮށްލައިގެން މާޔޫސްވާންވީ ކަމެއް ނޫން. އަހަންނަކީ ވެސް ވަރަށް ހާލުގައި އުޅުނު މީހެއް. އެކަަމަކު ކެތް ކޮށްލަން ޖެހޭ ވަގުތުތަކުގައި ކެތްކޮށްލައިގެން ހުރީ. އިރާދަކުރެއްވީތީ މިއަދު މުޅިންް ބަދަލުވެއްޖެ. ގަބޫލުކުރަންވީ ކޮންމެ މީހަކަށް ވެސް މިކަހަލަ ހަޔާތެއް ލިބިދާނެކަން. ދުނިޔޭގައި ރަނގަޅު ހިތްހެޔޮ މީހުން އުޅޭކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ނުކުޅެދޭ އެކަކު ވެސް ދިރިއުޅުމުން އުންމީދު ކަނޑާނުލުން އެއީ އަހަރެންގެ ނަސޭހަތް،" އައިސްތުގެ ތަޖުރިބާ ކިޔައިދިނެވެ. "އެއްވެސް މީހަކީ ބޭކާރު މީހެއްނޫން ދޯ....!"

ނުކުޅެދުންތެރިކަން ހުންނަ މީހުން ޕްރޮފައިލް

Popular