24 Jun 2017

އީދުގެ ފެށުމާއި ނިމުން ވެސް އާ ހެދުމަކުން

އީދު ފާހަގަކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަޔަސް އީދު ހެދުމަކާ ނުލައި އީދު އަދިވެސް ފުރިހަމައެއް ނުވޭ.

އީދުގެ ފެށުމާއި ނިމުން ވެސް އާ ހެދުމަކުން

އީދު ފާހަގަކުރާ ގޮތަށް ބޮޑެތި ބަދަލުތަކެއް އަޔަސް އީދު ހެދުމަކާ ނުލައި އީދު އަދިވެސް ފުރިހަމައެއް ނުވޭ.

By: Aishath Mihna Nasih

އީދު ނަމާދަށް ފަހު، ތިމާގެ ގޭގެއަށް ގޮސް އީދުގެ ތަހުނިޔާ ކިޔައި ހަދިޔާ ބަދަލުކުރެ އެވެ. އަންހެންވެރިން ހެނދުނުގެ ސަޔަށް ފަހު މެންދުރުގެ މާ ކެއުން ތައްޔާރުވާން ފަށަ އެވެ. ސުފުރާ މަތި ފުރާލަނީ ހެނދުނު ކަތިލި ތާޒާ ކުކުޅާއި ރިހަތަކާއި މީރު އެކި ބާވަތަކުންނެވެ. މެންދުރުފަހުގެ ވަރުބަލިކަން ފިލުވާލެވެނީ ކޯޑިކެނޑުމަށް ފަހު އެވެ. އެކަމަކު މިއީ މާޒީގެ ވާހަކަ އެވެ. ގިނަ ދިވެހިންނަށް މިހާރު އީދު ފެށެނީ ވެސް އަދި ނިމެނީ ވެސް އާ ހެދުމަކުންނެވެ.

މުސްލިމުންގެ އެއްބައިވަންތަކަމާއި އެކުވެރިކަން ހާމަކޮށްދޭ އީދު ދިވެހިން ފާހަގަކުރަމުން އައީ ފޯރިއާ އެކުގަ އެވެ. ނަމަވެސް މި ރިވެތި އާދަތަކާއި ކުޅިވަރުތައް މުޅީންހެން ނެތިގެން މިދަނީ އެވެ.

ފިތުރު އީދު ފާހަގަކުރުމަށް މާލޭގައި މިދިޔަ އަހަރު ބޭއްވި ކުޑަކުދިންގެ ހިނގާލުމުގައި މާއްޔެއް ކުދިންނާ ސަލާންކުރަނީ

މީގެ ޒަމާންތަކެއް ކުރިން އީދު އައިކަން އިއުލާންކުރަމުން ދިޔައީ ދުން ބަޑީގެ ސަލާމަކުންނެވެ. މިއީ ރަސްމީކޮށް އީދު އައިކަން ރައްޔިތުންނަށް އަންގައިދިނުމަށް ކުރާ ކަމެކެވެ. ރޯދަޔަށް ހަނދު ބެލުމާ އެކު އިންތިޒާރުކުރަމުން ދަނީ މި ބަޑީގެ ސަލާމަށެވެ. ބަޑީގެ އަޑާ އެކު އީދުގެ ފޯރިގަނޑު ފެށުނީ އެވެ. ރަށްފުުށުގައި ބޯކިބާތައް ފިހަން ފަށާއިރު އެއްބަޔަކު ކަޅިއަޅަމުންދާނީ ޖެހިގެން ހުރިގޭގެ ބޯކިބާ ސިއްރުން ފޮރުވައި ސަމާސާ ކުރުމަށެވެ. މިއީ ވެސް އީދުގެ މަޖަލެވެ. ރޭޑިއޯ އާއި ޓީވީން އިއްވާލާ އީދުގެ ލަވަތައް ކޮންމެ މީހެއްގެ ވެސް ކަންފަތުގައި ހަރުލާފައިވެ އެވެ.

އީދު ނަމާދުން އީދުގެ ފެށުން އައުމުގެ ކުރިން ރާއްޖޭގެ އެކި ހިސާބުތަކުގައި އެކި ކަންތައް ކޮށް އުޅެ އުޅެ އެވެ. ކުދި ބޮޑު އެންމެން އީދު ނަމާދު ޖަމާއަތުގައި ކުރުމަށް އިސްކަންދެ އެވެ. އެކަމަކު މި އިތުރު އަޅުކަމަށް ވެސް ދެވޭ ސަމާލުކަން ކުޑަވެއްޖެ އެވެ.

މަކުނުދޫގައި ބަޔަކު އީދު ބޮނޑި ތައްޔާރުކުރަނީ

ފެންޖެހުމަކީ ވެސް ގިނަ ހިސާބުތަކުގައި ހެނދުނު ކުރިއަށްދާ ހަރާކާތެކެވެ. ކުދި ބޮޑު އެންމެން ބައިވެރިވާ މި ހަރަކާތަކީ ފަހަކަށްއައިސް ވެސް އެންމެ ގިނަބަޔަކު ކުރާ ހިތްވާ އަދި މަދުން ނަމަވެސް ފެންނަ ކުޅިވަރެކެވެ. ދެންކުރިއަށް އޮންނަނީ ސަޤާފީ ކުޅަވަރުތަކެވެ. މަންޑި ކުޅުމާއި ދަފި ނެގުމާއި ބޮޑު މަސް ބޭނުމާއި ކޯޑި ކެނޑުން ފަދަ ފޯރިގަދަ ހަރަކާތްތަކެވެ.

ހަވީރު ފިނިވެލުމުން އަންހެންވެރިން ނަލަވެލައިގެން ކުދިވެރީންނާ އެކު ހިނގާލަން ދެ އެވެ. ގިނަފަހަރަށް ރަހްމަތްތެރި ގިނަ ބަޔަކު އެކީގަ އެވެ.

ފިތުރު އީދު ނުވަތަ ކުޑަ އީދުގައި މި ކަންކަން އޮންނަ ވަރަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް އަޟްހާ އީދު ނުވަތަ ބޮޑު އީދުގައި ފޯރި ނަގަ އެވެ.

މިދިޔަ އަހަރު އަޟްހާ އީދުގެ އުފަލުގައި ލ.ގަމުގައި ބޭއްވި ޕެރޭޑެއް.

މި އުފާވެރިކަން ދޫކޮށް ރިސޯޓަކަށް ނުވަތަ ރާއްޖެއިން ބޭރަށް ފުރައިގެން ދިއުމަކީ އީދުގައި މިހާރު ގިނަ ބަޔަކު ކުރާ ކަމެކެވެ. ފަހަރެއްގައި ޒަމާނަށް އައި ބަދަލާ އެކު، ވަޒީފާގައި މާ ގިނަ ވަގުތު ހޭދަކުރަންޖެހުމުން މާ ބޮޑަށް ވަރުބަލިވެ، އަރާމުކޮށްލަން ބޭނުންވަނީ ކަމަށް ވެދާނެ އެވެ. އީދު ތަހުނިޔާ ކިޔަން ބައްދަލު ނުކުރިޔަސް ފޯނުން ފޮނުވާލާ މެސެޖެއް ނުވަތަ ސްޓިކާއަކުން ވެސް މިހާރު އެކަން ނިމެ އެވެ. ފޮތި މާއްޔާއި ދެލި މާލީގެ ކުޅިވަރު ކޮންމެވެސް ވަރަކަށް އޮތް ނަމަވެސް މިިހާރު އޮންނަ ކުޑަކުދީންގެ ހަވީރުތަކުން ފެންނާނީ ސުޕަ މޭން އާއި ބެޓްމޭން ފަދަ އެކި ކާޓޫން ކެރެކްޓާތަކެވެ. ނަމަވެސް އީދަށް އާ ހެދުމެއް ލުމަކީ އަދިވެސް އެހާ ބޮޑު ބަދަލެއް އައި ކަމެއް ނޫނެވެ.

ރޯދަ މަސް ނިމެން ގާތްވުމާ އެކު މިފަހަރު ވެސް އާ ހެދުން ގަތުމާއި ހެދުން ފެހުމުގައި އެތައް ބަޔަކު އުޅެނެ ފެށި އެވެ. އެއްބަޔަކު އޮންލައިންކޮށް އޯޑަރުކޮށްގެން ހެދުމުގެ އިންތިޒާރުގައި ތިބިއިރު އަނެއްބަޔަކު ރޭގަނޑުގެ ހަކަތަ ދޫކޮށްލަނީ ހެދުމެއް ހޯދަން ފިހާރަތަކަށް ހިނގުމުގަ އެވެ. އަނެއްބަޔަކު ހެދުން ފަހަނީ އެވެ. އަންނައުނު ވިއްކާ ގިނަ ފިހާރަތަކަށް ވެސް މި އަންނަނީ ބޮޑު އީދެކެވެ. ފިހާރަތަކުގައި އީދު ސޭލެވެ.

މިހާރު އީދަކަށް ވަނީ އާ ހެދުމެއް ލައިގެން ބުރެއް ޖަހާލުމަކުންނެވެ. ނުވަތަ އީދު ކޮފީއަކުންނެވެ. ނަމަވެސް މި ކަންކަމުން ކުރީގެ އުފާވެރި އިހްސާސްތައް ލިބޭހެއްޔެވެ؟ އާދަކާދަ އާއި ސަގާފަތް ގެއްލި އަމިއްލަވަންތަކަމާ މި ދެވެނީ ދުރަކަށް ނޫން ހެއްޔެވެ؟ އެންމެންނަށް އީދުގެ ތަހުނިޔާ އެވެ!

އީދު އަޟްހާ އީދު ފިތުރު އީދު ސަގާފަތް ޝޮޕިން އީދު ފާހަގަކުރުން

Popular