25 Jun 2017

ތަރުކާރީ އާއި މޭވާގައި ހުސް ޕެސްޓިސައިޑްސް! ކާނެ ރައްކާތެރި ގޮތަކީ ކޮބާ؟

ތަރުކާރީ އާއި މޭވާގައި ހުސް ޕެސްޓިސައިޑްސް! ކާނެ ރައްކާތެރި ގޮތަކީ ކޮބާ؟

By: Fathmath Aneesa

އެއްވެސް ކެމިކަލެއް ނުޖަހާ ހައްދާފައި ހުންނަ ގަހަކުން ދޮންވެފައިވާ މޭވާއެއް ބިނދެގެން ކާލުމަކީ މިހާރު ހުވަފެނަކުން ވެސް ފެންނަ ވަރުގެ ކަމަކަށް ނުވެ އެވެ. ކާ މޭޒާ ހަމައަށް ގިނަ ތަރުކާރީ އާއި މޭވާ އަންނައިރު އެ ހުންނަނީ ޖަރާސީމާއި ޕެސްޓިސައިޑްސް އަދި ފާޓިލައިޒާ އިން ތަޣައްޔަރު ވެފަ އެވެ. މިފަދަ އެއްޗެތި ކެވުމުން އިންސާނުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކުގެ ވާހަކަ އަބަދު އަބަދު އިވެ އެވެ. ނަމަވެސް ތަރުކާރީ އާއި މޭވާ ނުކައި ވެސް ވާކަށް ނެތެވެ. އެހެންކަމުން އެންމެ ރަނގަޅުގޮތަކީ އެ ތަކެތީގައި ހުންނަ ސިއްހަތަށް ގެއްލުންވާ ބައިތައް ދުއްވާލައިގެން އެ ކެވޭނެ ގޮތެއް ހޯދުމެވެ.

އެންމެ ފުރަތަމަ ކަމަކީ ކިތަންމެ ރީތިކޮށް ބޭރުގެ ކުލަވަރު ހުރި ތަރުކާރީއެއް ނުވަތަ މޭވާއެއް ވިޔަސް ރީއްޗަށް ދޮވެގެން ނޫނީ ބޭނުން ނުކުރުމެވެ. އަލުވި ކަހަލަ ބައެއް އެއްޗެތީގެ ހަންގަނޑުގެ ތެރެއަށް ވަރަށް ބޮޑަށް ކިލަލާއި ޖަރާސީމު ވަދެފައި ހުރެ އެވެ. އެހެންވީމާ ރަނގަޅަށް އަތުން އުނގުޅައިގެން ފެނުން މި ފަދަ ތަކެތި ދޮވުން މުހިއްމެވެ.

ލޮނު ފެނަކީ ވެސް ތަރުކާރީ އާއި މޭވާގައި ހުންނަ ކެމިކަލްތަކާއި ޕެސްޓިސައިޑްސް ނައްތާލަން ރަނގަޅު އެއްޗެކެވެ. ސަބަބަކީ ލޮނަކީ ޖަރާސީމު އުފެދުން ހުއްޓުވާ އަދި ޖަރާސީމު މަރާލާ އެއްޗަކަށް ވާތީ އެވެ.

އާފަލު ފަދަ ވަރަށް ގިނަ މޭވާގެ ތޮށިގަނޑަށް ކެމިކަލް ސްޕްރޭ ކޮށްފައި ހުރެ އެވެ. އެ ތަކެތީގެ ތޮށިގަނޑު ހަލާކުނުވެ ގިނަ ދުވަހު ބެހެއްޓުމަށެވެ. ވަޅިއަކުން ނުވަތަ ނޭފަތިން ނަމަވެސް ތޮށިގަނޑުގައި ތަންކޮޅެއް ބާރަށް ހާކާލާއިރަށް ވެކްސް ކަހަަލަ އެއްޗެއް ނެގެން ފަށާނެ އެވެ. އަދި މިކަމަށް ޚާއްސަ ފުޑް ބްރަޝް އެއް އެއްވެސް މިހާރު ބާޒާރަށް ނެރެފައި ވެއެވެ. މީގެ އިތުރުން ހިރަފުހާއި ޖަރާސީމުވެސް މޭވާގެ ތޮށީގައި ހުރެ އެވެ. އެހެންވެ ރަނގަޅަށް ސާފު ނުކުރެވޭނަމަ މޮޅީ ތޮށި މަށައިގެން ކެއުމެވެ.

ދެންއޮތީ ފްރެންޗް މީހުން ތަރުކާރީ އާއި މޭވާ ދޮންނަން ބޭނުންކުރާ އުކުޅެކެވެ. ދެ ވައްތަރުގެ ފެނުން ދޮވުމެވެ. އެންމެ ހޫނު ފެނާއި ފިނި ފެނެވެ. މިއީ ކެމިކަލާއި ޕެސްޓިސައިޑްސްތައް ނައްތާލަން ވަރަށް މޮޅު ގޮތެއް ކަމަށް ވެއެވެ. ތަރުކާރީ އާއި މޭވާ މިގޮތަށް ދޮވުމަށްޓަކައި ކެކިކެކި ހުރި ފެންއެއްޗެއް ތެރެއަށް އަޅާލުމަށްފަހު 15 ސިކުންތާ އެއް މިނިޓާ ދޭތެރޭ ނަގާފައި އައިސް ފެން ހުރި އެއްޗަކަށް ވަގުތުން އަޅަނީ އެވެ. މިހެން ހެދުމުން އެ ތަކެތީގައި ހުންނަ ހުރީ ނުތާހިރުކަމެއް ފިލައިގެން ދާކަމަށް ވެއެވެ.

ލުނބޯ/ސިޓްރިކް އެސިޑް ފެނާ އެއްކޮށް މި ފެނުން ތަރުކާރީ އާއި މޭވާ ދޮވުމަކީ އޭގައި ހުންނަ ޖަރާސީމުތައް ނައްތާލެވޭނެ ގޮތެކެވެ. މިކަމަށް ލުނބޯ ފަޅިއެއް ނުވަތަ އެނޫންވެސް ހުތް މޭވާއެއް ބޭނުންކުރެވިދާނެ އެވެ. އަދި ބޭކިން ސޮޑާ އާއި ލުނބޯ ހުތާއި ފެން އެއްކޮށްގެން ތައްޔާރުކުރާ ފެން ސްޕްރޭ ކުރެވޭ ކަހަލަ ފުޅިއަކަށް އަޅާފައި މޭވާ އާއި ތަރުކާރީތަކުގެ މައްޗަށް ސްޕްރޭ ކޮށްލާފައި 8-10 މިނިޓް ބަހައްޓާފައި ދޮވެލާށެވެ. އޭރުން ހުރިހާ ކެމިކަލްތަކެއް ނެތިގެން ދާނެ އެވެ.

ރީނދޫ ފެން ވެސް މިއީ ތަރުކާރީ އާއި މޭވާ ދޮންނަން ވަރަށް ކުރިއްސުރެ މީހުން ބޭނުންކުރާ އުކުޅެކެވެ. ސައިސަމުސަލެއްހާ ރީނދުލުގެ ތެރެއަށް ފެން އެޅުމަށްފަހު ތަރުކާރީ އާއި މޭވާތައް އަޅާފައި ދޮވެލުމުން އޭގައި ހުރިނަމަ ހުރި ޖަރާސީމެއް ނައްތާލެވޭނެ އެވެ.

ރާހުތް ނުވަަތަ ވިނެގާ ވެސް ބައެއް މީހުން މިކަމަށް ބޭނުންކުރެ އެވެ. ދިހަ ޕަސެންޓް ވިނެގާގެ ތެރެއަށް 90 ޕަސެންޓަށް ފެން އަޅާފައި ތަރުކާރީ އާއި މޭވާތައް އަޅާފައި 15-20 މިނިޓް ބަހައްޓާފައި ފެނުން ރީއްޗަށް ދޮވެލާށެވެ. މީގެ ސަބަބުން މި ތަކެތީގައި ހުރިނަމަ ހުރި ޕެސްޓިސައިޑްސް އެއްގެ ބޮޑު ބައެއް ނައްތާލެވެ އެވެ. ނަމަވެސް ތަންކޮޅެއް ދުވަސްވެފައިވާ މޭވާ އާއި ބެރީޒް ކަހަލަ އެއްޗެތި މި ފެނުން ދޮވުމުން އެ އެއްޗެތި ހަލާކުވެ އެވެ.

ސިއްހަތު

Popular