13 Aug 2017

މަބްރޫކް: ކޮފީ އާއި ކެއުމުގެ ރަހައިން ލޯތްބާއެކު

"އަބަދުވެސް ބޮލުގައި އިންނަ ސުވާލެއް އެއީ، ކީއްވެހޭ މީހުންނަށް ކޮފީ މީރީ. ރައްޓެހިން ގާތު ވެސް އަބަދުވެސް އަހަން ކީއްވެގެން ބޯ އެއްޗެއް ހެއްޔޭ؟"

"އަބަދުވެސް ބޮލުގައި އިންނަ ސުވާލެއް އެއީ، ކީއްވެހޭ މީހުންނަށް ކޮފީ މީރީ. ރައްޓެހިން ގާތު ވެސް އަބަދުވެސް އަހަން ކީއްވެގެން ބޯ އެއްޗެއް ހެއްޔޭ؟"

By: Ahmed Nadheem

ގާތްގަނޑަކަށް ހަ ފޫޓް ދެ އިންޗިއެއްހާ އިސްކޮޅުގައި އޭނާ އަހަރެމެންގެ އޮފީހަށް ވަދެގެން އައިއިރު އަހަންނަށް ހީވީ އަހަރެން ކުރިއަށް ވުރެ ވެސް އިސްކޮޅުން ކުރުކޮށްލިހެންނެވެ. ޑިސްޕޯސަބްލް ކޮފީ ތައްޓަކުން ކޮފީ ބޮމުން ގޮސް އޭނާ ދެން ޖައްސާލީ އިންޓަވިއު އަށް ސެޓްކޮށްލާފައި ހުރި މީޓިންރޫމުގެ ކަނެއްގަ އެވެ. -- ދެން ނިކަން މީރުކޮށް ކޮފީގެ ފޮދުވަރުތައް ބޮމުން ދިޔަ އެވެ.

މިއީ ކޮފީގެ ސުވަރުގެއެއްގެ ގޮތުގައި ޒުވާނުންގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މެރާކީގެ ފައުންޑާ އަދި އެތަނުގެ ވެރިޔާ މަބްރޫކް އަޒީޒް މިހާރު އާންމުކޮށް ފެނިދާނެ ގޮތެކެވެ. ކޮފީގެ އަޅަކަށް ނުވިޔަސް އަދި ކޮފީ އޭނާގެ އަޅަކަށް ނުވިޔަސް، ކޮފީ، އޭނާގެ ހަޔާތުގެ ވަރަށް މުހިންމު ކުލައަކާއި ރަހައަކަށް ބަދަލުވެއްޖެ އެވެ. ނަމަވެސް މީގެ އަހަރުތަކެއް ކުރިން މަބްރޫކާއި ކޮފީއާ ދެމެދު އޮތީ ހިތާއިހިތުގެ ގުޅުމެކޭ ނުބުނެވިދާނެ އެވެ. އެކަމަކު ހިތާއިހިތުގެ މި ގުޅުމެއް ފައްކާވި ދުވަހާއި، އެ ހިނދުކޮޅާއި، އެ ތަޖުރިބާގެ ވާހަކަ ކިޔައިދެން ހެއްޔެވެ؟

މަކްރޫކް އޭނގެ "މެރާކީ" ކޮފީ ޝޮޕްގައި -- ފޮޓޯ: މިލްކް އެންޑް ޔޯކް

މި ވާހަކަ ފެށެނީ މީގެ އަށެއްކަ އަހަރު ކުރިން ބެންކޮކުންނެވެ. އޭރު މަބްރޫކް އުޅެނީ ދަސްކުރަން ޖެހޭ ފިލާވަޅުތަކަށް ކެތްކުރެވޭ ވަރުގެ ސިކުނޑިއެއް އުފެއްދުމުގެ މަސައްކަތުގަ އެވެ. އޭނާ އަށް އޭރު ކޮފީ އަކީ "ހިތި ވިހައެއްހާ" ނުބައި ބުއިމެކެވެ. ނަމަވެސް ދަންވަރަށް ހޭލާ ހުންނަން ބޭނުންވާ ކެފެއިންގެ ޑޯޒަށް ކޮފީ ބޮއެ އުޅުނީ އެވެ.

އޭރު އޭނާގެ ރޫޓިން އަކީ މިއީ އެވެ. ފްރެންޗް ޕްރެސްއަކުން ކޮފީއެއް ހަދާލައިގެން، ބޯލައިގެން، ޕޫލަށް އެރި ފަތާލައިގެން ދެން އޭނާ ދަނީ ސްކޫލަށެވެ. މި ރޫޓިން ދޫކޮށް، ސްކޫލް ނިންމާލާފައި ކޮންމެ ދުވަހަކު ގެއަށް ނުގޮސް މާ ދުރުގައި ހުރި ކެފޭއަކަށް ކޮފީ ބޯން ދާ ހިތްވީ "ކޮފީގެ އަނދިރި ނޫން" ފަރާތެއް ބަޔަކު މީހުން އޭނާ އަށް ދެއްކި ހިސާބުން ފެށިގެންނެވެ.

"އަބަދުވެސް ބޮލުގައި އިންނަ ސުވާލެއް އެއީ، ކީއްވެހޭ މީހުންނަށް ކޮފީ މީރީ. ރައްޓެހިން ގާތު ވެސް އަބަދުވެސް އަހަން ކީއްވެގެން ބޯ އެއްޗެއް ހެއްޔޭ؟ އާންމުކޮށް އޭރު މަ ތަނަކަށް ދިޔަޔަސް ބޯނީ ޖޫހެއް ނުވަތަ ކޮންމެވެސް އެކަހަލަ އެއްޗެއް،" މެރާކީގެ ކޮފީން ސިޕްކުރަމުން ވާހަކަ ކިޔައިދެމުން މަބްރޫކް ދިޔައެވެ.

"ފިލްމުތަކުން ވެސް ފެންނާނެ މީހުން ވަރަށް އަރާމުކޮށް ޖައްސާލައިގެން ކޮފީ ބޯން ތިބޭތަންތަން. އެކަމަކު ގެޓެއް ނުވޭ އެއީ ކީއްވެގެން ކަމެއް. އެހެން އުޅެނިކޮށް އެއް ދުވަހަކު އާޓް އެގްޒިބިޝަނަކަށް ގޮސްފައި ވަދެވުނީ ޑްރިޕް ގެލެރީއޭ ކިޔާ ކެފޭއަކަށް"

"އެމީހުން އެ ދުވަހު ދިން ކޮފީ އަދިވެސް ހަނދާން އެބަހުރި. އެއީ ނިކަރާގޮއަން ކޮފީއެއް."

އެކަމަކު އެންމެ ފުރަތަމަ އޭނާ އަށް އެ ކޮފީއަށްވުރެ ހާއްސަވެފައި ހިތްބަންޑުންވީ އެ ކެފޭއަކަށެވެ. ތަނުގެ ހިތްގައިމު އިންޓީރިއާ އަށާއި ކޮފީ ތައްޔާރުކުރުމަށް އެތަނުގައި ބޭނުންކުރަމުން ދިޔަ މެޝިނަރީސްތަކަށެވެ. އެ ހިތްގައިމުކަމަށް ބަލަމުން ގޮސް އޭނާ އިށީނީ ކެފޭގެ ފަހަތަށް ގޮސް ކަނެއްގަ އެވެ.

މަބްރޫކް -- ފޮޓޯ: މިލްކް އެންޑް ޔޯކް

ދެން ވެސް އޭނާ އާޝޯހުވަމުންދިޔައީ އެ ކެފޭއެއްގެ އެތެރޭގެ ހިތްގައިމު ކަމަށެވެ. އެ މީހުން ދިން ކޮފީ ތައްޓަށް މަބްރޫކްގެ ހިތް ތާ އަބަދަށް ގެނބިގެން ދިޔައީ އެހެން ހުރެފައި ބޭއިހްތިޔާރުގައި ފޫހިގޮތަކަށް ޖަހާލި ކޮފީ ސިޕަކުންނެވެ. އެކަމަކު އެވަގޮތުކޮޅާ އެކު ކޮފީގެ ރަހަ އޭނާ އަށް އަބަދުގެ އަބަދަށް ބަދަލުވީ އެވެ.

"ފުރަތަމަ ސިޕު ޖަހާލާފައި ކުއްލިއަކަށް ބަލައިލެވުނީ ކޮފީ ތައްޓަށް. އޯވަޑްރެމެޓިވް ވަނީކީއެއް ނޫން. އެކަމަކު އެތަނުގައި އިނދެފައި މަށަށް ހަމަ ޓައްކިޔާފައި އައީ، މިއީއޭ މީހުން ކޮފީ މީރުވެގެން އުޅޭ ކަމަކީ،" މަބްރޫކް ބުންޏެވެ.

"އެއީ މަގޭ ލައިފުގައި އަދިވެސް އެންމެ އެންޖޯއިކޮށްލި ކޮފީ ކަޕް އަދިވެސް."

މެރާކީ އިން ސާވްކޮށްދޭ ސްޕެޝާލިޓީ ކޮފީގެ ދުނިޔެ އަށް މަބްރޫކު ގަންބާލި ދުވަހަކީ އެއީ އެވެ. އެއަށް ފަހު ފަތަމުން އައިސް ދެން ނޭވާލީ މެރާކީ ގޮނޑުދޮށަށެވެ. އެކަމަކު މަބްރޫކްގެ ވާހަކަ އަކީ ކޮފީއަކުން ފެށިގެން ގޮސް ކޮފީއަކުން ނިންމާލެވޭ ވަރަށްވުރެ "ސިއްރު ރެސިޕީ" އެކެވެ. މިހައި ހިސާބުން މި ޒުވާން ވިޔަފާރިވެރިޔާގެ އެހެން ހުނަރުވެރި ކަމަކާއި ޝައުގުވެރިކަމެއްގެ ވާހަކަ އަށް ޖެހިލަމާ ހިނގާށެވެ.

ކޮފީއާ އެއްވަރަކަށް އޭނާ އަކީ ކެއުމުގެ ވެސް ބޮޑެކެވެ. އަދި ކޮޮފީގެ ކުރިން މަބްރޫކްގެ ހިތް އެންމެ ބޮޑަށް ގެނބިގެންދިޔައީ ވެސް ކެއުމުގެ އާދަޔާހިލާފު ރަހަތަކަށެވެ.

މަބްރޫކުގެ މަޖުބޫރު މާއްދާ!

އުމުރުން ގާތްގަނޑަކަށް 16-17 އަހަރުގައި މަބްރޫކްގެ ދިރިއުޅުން ބެންކޮކަށް ބަދަލުވެއްޖެ އެވެ. އޯލެވެލްއާ ހަމައަށް މާލޭގައި ކިޔެވިއިރު އޭނާ އެންމެ މޮޅީ ހިސާބު އިލްމަށެވެ. އެންމެފަހުން ސޯޝަލް ސައިންސްގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރި ނަމަވެސް އޭނާ އަކީ "ހިތުގެ އެންމެ ފުންމިނުން" އަބަދުވެސް އާޓިސްޓެކެވެ. މެރާކީ ކޮފީ އާއި އަދި އަހަރެމެން ދެން ދައްކަން މި އުޅެނީ ވާހަކަ ވެސް އެކަމަށް ހެކިވެ އެވެ.

އާޓުގެ ކުލަތަކުގެ ތެރެއަށް ހިތް ގެނބިގެން ދިޔަ ވަރު ބޮޑުކަމުން އޭނާ ކުޑައިރު ނައުޝާދު އާޓްސްގެ ކްލާސްތަކަށް ވެސް ދިޔަ އެވެ. އެ ދާއިރާއިން މޮޅު ކުރެހުންތެރިއެއްގެ ގޮތުގައި އޭނާ އާންމުންގެ ތެރެއަށް މަޝްހޫރު ނުވިޔަސް މަބްރޫކް އެންމެފަހުން އޭނާގެ ދަތުރުގައި ބަދަލުވީ ވާހަކަ ކިޔައިދޭ އާޓިސްޓަކެވެ. ކޮފީ އިން އޭނާ ކިޔައިދޭ ވާހަކަތައް ވަރަށް ވެސް ހިތްގައިމެވެ. އެކަމަކު ތަފާތު އެކި ރަހަތަކުގެ ކެއުންތަކުން އޭނާ ކިޔައިދޭ ވާހަކަ އަދި ވަކިން މާ ބޮޑެވެ.

ކެއުމާއި މީރުކޮށް ކެއްކުމަކީ އޭނާގެ އެންމެ ޝައުގުވެރިކުރުވަނިވި "އެގްޒިބިޝަނެވެ." ނަމަވެސް މަބްރޫކް ބުނީ ކާއެއްޗިއްސާއި އޭނާއާ ދެމެދު އޮތް ގުޅުން އޭނާ އަށް ހޯދުނީ ވަރަށް ވެސް ފަހުންނެވެ.

"އޭރަކު ހިތަކަށް ނާރާ ފުޑަކަށް އެހާ އިންޓްރެސްޓެއް ހުރެއެކޭ. އެކަމަކު މިހާރު ފަހަތަށް ބަލައިލީމަ ފެނޭ ކުރިން ނުފެނުނު މަންޒަރުތަކާއި ރަހަތައް މިހާރު ފެންނަނީ. މަށަށް މީރުވާ އެއްޗިއްސަކީ އަބަދުވެސް އައުޓް ސައިޑް ދަ ބޮކްސް،" މަބްރޫކް ކިޔައިދިނެވެ.

މަބްރޫކް އޭނާގެ "މެރާކީ" ކޮފީ ޝޮޕްްގައި -- ފޮޓޯ: މިލްކް އެންޑް ޔޯކް

"ކުޑައިރު ހަނދާންވޭ ތެލުލި ބަނބުކޭލާ ޗިލީ ސޯސް ޖަހައިގެން ކާ ހަނދާންވެސް. އެއްވެސް މީހަކު އެގޮތަށް ހަދާތަން ފެނިގެނެއް ވެސް ނޫން. ހަމައެގޮތަށް، ވަރަށް ގިނަ މީހުންނަށް މީރު އެއްޗެއް ހުތްއަނބާއި ތެލުލި ރިހާކުރަކީވެސް. ހުތްއަނބު އެއީ މަށަށް ވެސް ވަރަށް މީރު އެއްޗެއް. އެކަމަކު ހިތްއަނބު ނުލިބޭ ދުވަސްކޮޅު ފެހި އާފަލު ރިހާކުރުގަ ޖައްސައިގެން ކާލާނީ."

ކާނެ، ކެވޭނެ ގޮތެއް ނެތިގެން އޭނާ އޭރު ވެސް ގޮތެއްހުހެއް ނުވެ އެވެ.

"ދޮންކެޔޮ އެއްޗެހި ރަނގަޅަށް ދޮންނުވެ ހުއްޓަސް ސެލްވަރީއެއްގެ ގޮތުގައި ކައިހަދާ ހަނދާން ވެސްވޭ."

މަބްރޫކް ބުނީ އޭނާގެ އާއިލާ އަކީ ވެސް ކެއުމުގެ ފޯރި އާއި ލޯތްބަށް ހިތްޖެހިފައިވާ ބަޔަކަށްވުމަކީ އޭނާގެ މި ރަހައިގެ ދުވެލީގެ ބާރުވުމުގެ ސަބަބެއް ކަމަށެވެ. ކުޑައިރު އޭނާ އެންމެ މީރުކޮށް ކެއީ ގެއިން ނުވަތަ އާއިލާގެ ތެރޭގައި ތައްޔާރުކުރި އެއްޗިއްސެވެ. އެހެން އުޅެނިކޮށް ބެންކޮކަށް ބަދަލުވިހިސާބުން މަބްރޫކްގެ ކެއުމުގެ ރަހަތަކާއި އޭގެ އިލްމު ވެސް އެއްކޮށް ބަދަލުވީ އެވެ.

"ޑަންލާފައި ތައިލެންޑަށް މޫވްވިތަނުން ގޭގައި ކައްކަކީ ފްރެންޗް އަންހެނެއް. އޭނަ ދަންވަރު ގަޑީގައި ވެސް އައިސްދާނެ ކުކީސްތަކެއް ބޭކުކޮށްލައިގެން. ދެން މުޅި ގޭތެރޭގައި ވެސް އެ ވަސްގަނޑު ހިފާލާފައި ހުންނާނީ. ދެން އެކުގައި ގޭގައި އުޅުނީ ޖަޕަނީސް ތިން ކުދިން. ދެންވާ ގޮތަކީ މި ފްރެންޗް އަންހެން ކުއްޖާ ކައްކާތީ ޖަޕަނީސް ކުދިންތައް ވެސް އެހެން އުޅެލާފަ އެމީހުންގެ ކެއުންތައް ކައްކާލަފާނެ،" މަބްރޫކް ކިޔައިދިނެވެ.

"ވަރަށް ކޮންޓްރާސްޓިން ދެ ފުޑް ގޭތެރެއިން ކުއްލިއަކަށް ލިބެން ފެށީ. ތައި، ފްރެންޗް، ޖަޕަނީސް ރަހަތަކަށް ބަންލާފައި ގެނބިގެން ދިޔައީ."

މި ރަހަތަކަށް އާވެފައި މަބްރޫކަށް އެންމެ ފުރަތަމަ އެއިން އެއްވެސް ރަހައެއް ކަމުދާގޮތެއްނުވި އެވެ. ކޮފީގައި ވެސް އޭނާ އަށް ފުރަތަމަ ޖެހުނު ހާލު ޖެހުނީ އެވެ.

"ތެދުތެދަށް ބުނަނީ ނަމަ އަސްލު އެންމެ ފުރަތަމަ އެއިން އެއްވެސް ވައްތަރެއް މަށަކަށް މީރެއް ނޫން. ބޮޑަށް ކޮންފިއުޒްކަން ނޭނގެވީ އެގޮތަށް ކައިގެން. ހިތަށް އެރީ ކީއްވެގެން ހެއްޔޭ މީހުންނަށް މި ވައްތަރުގެ ކެއުން މީރުވަނީ. ކަމުދަނީ،" މީހުންނަށް ކޮފީ މީރުވަނީ ކީއްވެގެންތޯއޭ ބުނެ ކުރި ސުވާލަށް އަލިއަޅުވާލާފައި އޭނާ ބުނެލި އެވެ.

ބެންކޮކްގައި އޭނާ ހޭދަކުރި އަށް ވަރަކަށް އަހަރަކީ ކެއުންބުއިމުގެ އެންމެ އާދައިގެ މިންވަރުން ފެށިގެން އެންމެ މަތީ ފަންތީގެ ރަހަތަކަށް އޭނާގެ ޓޭސްޓްބަޑްތައް ތައާރަފްވެގެންދިޔަ ދުވަސްތަކެވެ. ތަފާތު ރަހަތަކުގެ ކެއުންތައް ތަޖުރިބާކުރަން ލިބެން ފެށުމުން މަބްރޫކް ވެސް ދިވެހި ރަހަތައް އޭނާގެ ބޭރު ރައްޓެހިންނަށް ކައްކައިދޭން އުޅުމުގެ ތެރެއިން އެންމެފަހުން ކެއްކުމުގެ ލޯތްބަކާއި ފޯރިއެއް އޭނާގެ ކިބައިގައި އަށަގަތީ އެވެ.

ތައިލެންޑްގައި ކޮފީ އާއި "ދުނިޔޭގެ ކެއުންތަކުގެ ރަހަތައް" ބެލުމަށް ހޭދަކުރި އަށް ވަރަކަށް އަހަރަށް ފަހު އޭނާ ދެން ދިޔައީ އިންޑޮނީޝިއާ އަށެވެ. އެއަށް ފަހު ޗައިނާ އަކީ ވެސް އޭނާގެ ކެއުމުގެ ތަޖުރިބާގެ މުހިންމު މަންޒިލެކެވެ.

"ޗައިނާ އިން ހެން ހީވަނީ އެންމެ ބޮޑަށް ފުޑަށް ވަދެވުނީ. އެކަމަކު ދުވަހަކު ވެސް އަހަރެން ނުނިންމަން ފުޑްގެ ދާއިރާއަށޭ ވަންނާނީ. އަހަރެން ބޭނުންވީ ކޮފީގެ ދާއިރާ އަށް ވަންނަން. އެކަމަކު ކުކިންގެ މެއިން އެކްސްޕީރިއަންސެއް ލިބުނީ ޗައިނާ އިން،" އެކުގައި އުޅުނު ތައި، ޗައިނީސް އަދި މެކްސިކަން ރައްޓެހިންނާއި ކައްކާއިންނާ އެކު އަމިއްލަ އަށް ކައްކައި، ކައި އުޅުނު ދުވަސްތައް ހަނދާންއާކުރަމުން މަބްރޫކް ބުންޏެވެ.

"ޗައިނާގައި އެޕާޓްމަންޓްގައި ކައްކަން އުޅޭއިރު އޮންނާނެ އެކަކު އަނެކަކުގެ ކެއްކުންތަކަށް ފާޑުކިޔުން ވެސް. އޭގެ ތެރެއިން އެންމެފަހުން ގޮސް އަހަރެން ބޭނުންވީ އެ އެންމެނަށް ވުރެން މޮޅުވާން ކެއްކުމުގައި."

އެންމެފަހުން މަބްރޫކާއި އޭނާގެ ރައްޓެހިން ކައްކަން ފެށީ އެމީހުންނަށް އެންމެ މީރު ކެންތައް ލިބުނު ރެސްޓޯރެންޓްތަކުން ކެވުނު ރަހަތައް ނުއޮޅޭ ފެންވަރެއްގަ އެވެ. މި އާދަޔާހިލާފު ތަޖުރިބާ އަށް މާލެ އަނބުރިއައިއިރު ކިޔެވި ދާއިރާ އިން ކުރިއަށް ދިއުމުގެ އެއްވެސް ހިޔާލެއް އޭނާގެ ނެތެވެ.

އޭނާ ހާއްސަވީ ރާއްޖެއިން ބޭރުގައި ކިޔެވިއިރު ނަގަން ޖެހުނު "މަޖުބޫރު މާއްދާއާއެކު" ކުރިއަށް ދިއުމަށެވެ. އެ މަޖުބޫރު މާއްދާ އަކީ ކެއްކުމެވެ.

"ކައްކަން ފެށީ އެންމެ ފުރަތަމަ މަޖުބޫރުވެގެން. އެކަމަކު ދެން ހަމަ ޝައުގުވެރިކަން އުފެދި އެކަން ބޮޑުވީ،" މަބްރޫކް ބުނެލި އެވެ.

"މިހާރުގެ އެންމެ ބޮޑު ފެސިނޭޝަނަކީ ދިވެހި ފުޑްސްގައި އުޅޭ ސަތުލް ފްލެވާސް. ދެނެގަތުމަށް، ހޯދަން، ވަކިކުރަން އުނދަގޫ ރަހަތައް ހޯދައި ބެލުން. އަމިއްލަ ޕެލެޓް ދަސްކޮށް އިތުރަށް މުއްސަނދިކުރަން ބޭނުންވަނީ. ދިވެހި ފުޑްސް ދަސްކުރަން މިހާރު ބޭނުންވަނީ."

މީރު ކެއުމަކީ، ކޮފީ އަކީ އަދި މެރާކީ އަކީ ކޮބާ؟

"ކުރިން ކޮށްފަ އެކްސްޕީރިއަންސެއްގެ ސަބަބުން ކަނެކްޓްކުރެވޭ ޑޮޓްތަކަކާ ހެދި މަށަށް ކޮންމެވެސް ރަހަތަކަށް މި މީރުވަނީ. އެކި މީހުންގެ ރަހަ އާއި ތަޖުރިބާ ތަފާތުވާނެ،" ކެއުމެއް ނުވަތަ ކޮފީއެއް އެއީ މީރު އެއްޗެއް ކަމަށް ކަނޑައަޅާނީ ކޮން މިންގަނޑަކުންތޯ ސުވާލުކުރުމުން އެ ސުވާލު ތަކުރާރުކޮށްލާފައި މަބްރޫކް ދިން ޖަވާބަކީ މިއީ އެވެ.

"މިސާލަކަށް ކޮފީ ނަގާ ނަމަ މަށަށް އަންޑަސްޓޭންޓްވޭ މެރާކީ ކޮފީ އަށްވުރެން ޔޭޔޭ ކޮފީ މީރު ވެދާނެކަން މީހަކަށް. އެގެއިން ދިސް ގޯސް ބެކް ޓު އަމިއްލަ އެކްސްޕީރިއަންސަށް. އެކްޕޯޝާ އާއި މިކަހަލަ ސަބަބުތަކަށް."

"އެހެންވީމަ އެންމެ މޮޅު ޝެފަކަށް ނުކެއްކިދާނެ ދޯ އެންމެނަށް މީރު އެއްޗިހިތަކެއް ވެސް. މޮޅު ކްރިޓީކަކަށްވުމަކީ އެންމެނަށް ކަމުދާ އޮބްޖެކްޓިވް ރަހައެއް ހޯދަން އެނގުން."

ދެން އޭނާ ކިޔައިދިނީ މެރާކީގެ އާދަޔާހިލާފު ކޮންސެޕްޓެވެ. މަބްރޫކަކީ އެއް އިރެއްގައި "ކުޑަވަރެއްގެ ސިޔާސީ އެކްޓިވިސްޓެކޭ" އަހަރެންގެ ކޮލީގަކު ބުންޏެވެ. އެ ސިޔާސީ ފޯރީގައި އޭނާގެ ފިކުރަށް އިންގިލާބެއް ނުގެނެވުނަސް މަބްރޫކް އަބަދުވެސް ހިތްކިޔައިގެން އުޅުނު އާޓްގެ ތެރެއިން އޭނާ އަށް ތައާރަފްވި އަދި ދަސްވި ކެއުންބުއިމުގެ ރަހަތަކާ އެކު އޭނާ މި ވަނީ އެންމެފަހުން ފާޑެއްގެ އިންގިލާބެއް މި ކުޑަކުޑަ މާލެއަށް ގެނެސްފަ އެވެ. – އެއަށް މިކިޔަނީ މެރާކީ އެވެ.

މަބްރޫކް ބުނީ މާލޭގައި އުޅެންޖެހިފައިވާ ހާލަތަކަށްބަލާއިރު ރައްޓެހިން ހޯދުމަކީ އުނދަގޫ ކަމަކަށްވުމުން މެރާކީ ކެފޭ އޭނާ އުފެއްދިއިރު އެންމެ ބޮޑު ވިސްނުމަކަށް ގެންގުޅުނީ މީހުން އެއްތަންކޮށް އެކުވެރިކޮށް ގުޅުން ބަދަހިކުރެވޭ ކަހަލަ ރަހަ އާއި މާހައުލަކަށެވެ.

Popular