14 Jul 2017

މިހާރު ފެންނަނީ 90ގައި ބާކުރި ޓްރެންޑްތައް

މިހާރު ފެންނަނީ 90ގައި ބާކުރި ޓްރެންޑްތައް

By: Aishath Hazmath

ފައިކުރި ފުޅާ ޖިންސް، ޗޮކާސް، ގޮޅިޖެހި ގަމީސް، މަހުމާ ފޮތީގެ ޓޮޕް މިއީ މިހާރުގެ އެންމެ ހޫނު ޓްރެންޑްތައް ކަމަށް އެންމެން ވެސް އެއްބަސް ވާނެ އެވެ. ކޮންމެ ފިހާރައަކަށް ވަދެލި ނަމަވެސް އެންމެ ގިނައިން ފެންނަނީ މިއެވެ. އަދި ޕާޓީ ފަދަ ހަފުލާތަކުގައި ހުރިހާ އެންމެން ހެން ފެންނަނީ މަހުމާ ފޮތީގެހެދުންތަކެވެ. ނަމަވެސް މިއީ އައު ސްޓައިލްތަކެއް ނޫން ދޯ އެވެ.

ނުވަދިހައިގެ އަހަރު ތަކުގައި ރައްޓެހިންނާ އެކު ނަގާފައި ހުންނަ ފޮޓޯތަކަށް ބަލާލާއިރު ވެސް ހެދުން އަޅާފައި ހުންނާނީ މިހެންނެވެ. ނައިންޓީސްގެ ފެޝަންތައް ފެންމަތި ވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި މިކަމުގެ ސަބަބުން އަހަރު ތަކެއް ވަންދެން ހިފަހައްޓާލި ޓްރެންޑްތަކުގެ ނިމުން އަންނަ ތަން ފެނެ އެވެ. އެންމެ ބޮޑު ބަދަލަކީ ސްކިނީ ޖިންސްގެ ނިމުމެވެ. ފައިކުރި އަށް ފުޅާ އަދި ސްލިމް ފިޓް މިއީ އެންމެ މަގްބޫލް ފެޝަނެވެ. ސެލެބްރިޓިންގެ ތެރޭގައި އާއި ސްޓްރީޓް ސްޓައިލްތަކުން ފެންނަމުން ދަނީ ފެޝަންގެ ބަހުރުވައިން ނަމަ ފްލެއާ ޖިންސެވެ. ނުވަތަ މޮމް ޖިންސް އެވެ.

ނުވަ ދިހައިގެ ސްޓްރީޓް ޓްރެންޑް

ޕްރިންޓަށް ބަލާއިރު ހުރަހަށް ރޮނގު ދެމި ޓީޝާޓް، ގޮޅިޖެހި ގަމީސް އާންމެވެ. ތަފާތު ސްޓައިލްތަކަށް ބަލައިލީމާ ހަނދާންވަނީ އޭރު ބަލާ އުޅުނު ފްރެންޑްސް ފަދަ ޓީވީ ޝޯތަކެވެ. އަދި ގޮޅި ޖެހި ގަމީސްތައް ފެނުމުން، ރާއްޖޭގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒް ހަނދާނެއް ނުވޭހެއްޔެވެ؟

ހެދުމުގައި ޖަރީ ކޮށްލަން ބޭނުންކޮށްފައި ހުންނަ އެމްބްރޮއިޑަރީ މާތަކަކީ 90ގެ އަހަރު ތަކުގައި ވަރަށް ކަމުދިޔަ ސްޓައިލެކެވެ. އަދި މިފަދަ ޖިންސާއި ޓޮޕް ފެނުމުން މާޒީގެ ހަދާންތައް އާވެ އެވެ. މިހާރު މި ފެންނަ ޕްލެޓްފޯމް ފައިވާން، ޓްރެއިނާސް، އަދި ބޮލްކް ހީލްސް މިއީ ފައިވާން ހަރުގަޑުގައި އޭރުވެސް އަތުރާލާފައި ހުރި ފައިވާން ތަކެވެ.

ވައިގައި ހިފާލާފައި މިވަނީ ހަމަ އެކަނި 90ގެ ހެދުން އެޅުން އެކަންޏެއް ނޫނެވެ. މޭކަޕާއި އެކްސެސަރީސް ވެސް މެ އެވެ. މިގޮތުން ގަދަ ކުލަތަކުގެ ލިޕްސްޓިކް އަދި ގްރަންޖް މޭކަޕްތައް ވެސް ވަނީ ރަންވޭތަކުގައި ގިނަ ގިނައިން ފެންނަމުންނެވެ. އަދި ޗޮކާސް އާއި ބޮޑެތި އިއަރިންގްސް ފަދަ އެކްސެސަރީސް ނޫން އެއްޗެއް ފަހަކަށް އައިސް ނުފެނެ އެވެ. މިއީ ވަރަށް ސަޅި ޓްރެންޑެއް ދޯ އެވެ. މިގޮތުން ދިވެހިންގެ ތެެރޭގައި އެންމެ މަގްބޫލު ސްޓައިލަކަށް ބަލާލަންހިގާށެވެ.

ރިހާނާ ނައިންޓީސް ފެޝަން ގައި

ގޮޅިޖެހި ޕްރިންޓް

ގޮޅިޖެހި ފޮތި އެންމެ ފުރަތަމަ ފެނިފައިވަނީ 1500ގެ އަހަރު ތަކުގައި އިގިރޭސިވިލާތުގެ ހަގުރާމަވެރިންގެ ޔުނިފޯމްގަ އެވެ. އަދި ގޮޅިޖެހި ގަމީސް ކެޝުއަލް ވެއާއެއް ގޮތަށް ތައާރަފް ކޮށްދީފައި ވަނީ 1924ގައި ޕެންޑްލްޓަން ނަމަކަށް ކިޔާ އެމެރިކާގެ ކުންފުންޏަކުންނެވެ. އެހިސާބުން ފެށިގެން ޕްލެއިޑް ނުވަތަ ގޮޅިޖެހި ޕްރިންޓް ގިނަބައެއްގެ މެދުގައި ފޭވަރިޓަކަށް ބަދަލުވެއްޖެ އެވެ.

ގޮޅި ޖެހިގަމީހެއް ލައިގެން ހުރި މީހެއް

ގޮޅި ޕްރިންޓް މިހާރު މިފެންނަ ފަދައިން ގްރަންޖް ސްޓައިލަށް ނިސްބަތްވާން ފެށީ ނުވަ ދިހައިގެ އަހަރު ތަކުގަ އެވެ. ސަބަބަކީ ނިރްވާނާ، ޕާލް ޖޭމް ފަދަ ބޭންޑް ތަކުގެ އާޓިސްޓުން ގޮޅި ޖެހި ގަމީހުގައި ފެންނަން ފެށުމެވެ.

މި ޓްރެންޑް ފަނޑުވުމަށް ފަހު އަނެއްކާވެސް ފެންނަން ފެށީ 2013ގައި އެވެ. އެއާ އެކު އަނެއްކާވެސް މި ޓްރެންޑް ފެންމަތި ވެއްޖެ އެވެ. އަދި މިދުވަސްކޮޅު ގޮޅިޖެހި ގަމީހަކީ ދިވެހިންގެ ތެރޭގައި ވެސް އެންމެ ފޭވަރިޓް އެކައްޗެވެ. މީގެ ސަބަބަކަށް ބެލެވެނީ މިއީ ޒުވާނުންގެ ތެރޭގައި ކޫލް، އަދި ލައިގެން އުޅެން ފަސޭހަ އެއްޗަކަށްވީމާ ކަމަށް ބެލެވެ އެވެ.

މަހުމާ ފޮތި

މަހުމާ ފޮއްޗަކީ އެންމެ ޒަމާންވީ އެއް ފޮތްޗެވެ. އަދި އެންމެ ކުރީ ޒަމާނުގައި މި ފޮތި ފެންނާނީ ހަމައެކަނި ގަނޑުވަރުތެރެއިންނާއި މަހުޖަނުންގެ ތެރެއިންނެވެ.

ނަމަވެސް ނަވާރަސްތޭކައިގެ އަހަރުތަކުގައި ވެލްވެޓް ނުވަތަ މަހުމާފޮތި ތަފާތު ކޮލިޓީތަކުގައި ފަރުމާކުރަން ފެށުމުން މި ފޮތީގެ މަގުބޫލްކަން ހުރިހާ ފަންތިއެއްގެ މީހުންގެ ތެރޭގައި އިތުރުވި އެވެ. އަދި މިހާރު ދިވެހިންގެ ތެރޭ އެންމެ މަގްބޫލީ ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވި ކްރަޝްޑް ވެލްވެޓެވެ. ފިހާރަތަކުގެ ރެކްތަކުން ވަރަށް ހިތްގައިމު ޑިޒަައިންތަކުގެ މަހުމާ ޓޮޕްތައް ފެނެ އެވެ. އަދި ނަލަ ޑިޒައިންތަކުގެ ވެލްވެޓް ފޮތީގެ ހަވީރީހެދުން ފެންނަލެއް ވަރަށް ގިނަ އެވެ.

ރަންވޭގައި މަހުމާ ފޮތީގެ ހެދުމެއް

ފެޝަން

Popular