10 Oct 2017

ނަމަނަަމަ އައްޑޫ މީހަކާ ނީންނާތި!

ހައިރާން ނުވާށެވެ! އެންމެ ނަސްލެއްގެ މީހުން އުޅޭ މި ގައުމުގައި ވެސް "ނަސްލީ" އިމްތިޔާޒު އޮވެ އެވެ. އަދިވެސް އެބަ އޮތެވެ.

ހައިރާން ނުވާށެވެ! އެންމެ ނަސްލެއްގެ މީހުން އުޅޭ މި ގައުމުގައި ވެސް "ނަސްލީ" އިމްތިޔާޒު އޮވެ އެވެ. އަދިވެސް އެބަ އޮތެވެ.

By: Asiyath Mohamed Saeed

"މާލެ-ރާއްޖެތެރެ" އަކީ ހަގީގަތެކެވެ. ސަރުކާރުތަކުން މާލެ އާއި "ރާއްޖެތެރެ" ތަފާތުކުރާކަން އެއީ ވެސް ހަގީގަތެކެވެ. ކުރިންސުރެ މާލޭގެ ބައެއް މީހުން، "ރާއްޖެތެރޭ" މީހުންނަކީ އެ މީހުންނަށް ވުރެ ދަށް އަދި ވިޔާނުދާ ބައެއް ކަމަށް ދެކޭކަން އެއީ ވެސް ހަގީގަތެކެވެ.

ހައިރާން ނުވާށެވެ! އެންމެ ނަސްލެއްގެ މީހުން އުޅޭ މި ގައުމުގައި ވެސް "ނަސްލީ" އިމްތިޔާޒު އޮވެ އެވެ. އަދިވެސް އެބަ އޮތެވެ.

މާލޭ މީހުންނާއި މާލެ އިން އުތުރުގެ ރަށްރަށުގެ މީހުން ދެކުނު މީހުންނާ ދޭތެރޭ ކުރިންސުރެ ދެކެނީ މުޅިން އެހެން ގޮތަކަށެވެ. ހާއްސަކޮށް، އެންމެ ދެކުނުގެ ހަތަރު އަތޮޅު - ގއ، ގދ، ފުވައްމުލައް އަދި އައްޑޫ - ގައި އުޅެނީ މާ ނުބައި ނުލަފާ ބައެއް ކަމަށް ގަބޫލުކުރެ އެވެ. ދެކުނު މީހުންނާ މެދު "ވިސްނައިގެން" އުޅެން އިންޒާރުދީ އެކަކު އަނެކަކަށް ނަސޭހަތްތެރިވެ އެވެ. މިކަން އެންމެ ބޮޑަށް އަންނަނީ ކައިވެންޏާ ހިސާބުންނެވެ. ދެކުނު މީހަކާ އިނުމަކީ މާލޭގެ ބައެއް އާއިލާތަކުގައި މުޅިން "މަނާ" ކަމެކެވެ. މިއީ މާޒީގައި ހިނގައި ނިމިފައި އޮތް ކަމެއް ވެސް ނޫނެވެ. އަދިވެސް ހިނގަމުންދާ ކަމެކެވެ.

މާ ކުރީ ޒަމާނަށް ދާކަށް ނުޖެހެ އެވެ. މިދިޔަ އަހަރެވެ. ސްކޫލު ދައުރުން ފެށިގެން ރައްޓެހިވެގެން އުޅުނު ދެ ޒުވާނަކު 19 އަހަރުގައި ކައިވެނިކުރަން ބޭނުންވި އެވެ. އަންހެންކުއްޖާ ނިސްބަތްވަނީ އައްޑު އަށެވެ. ފިރިހެންކުއްޖާއަކީ މާލޭގެ "ބޭފުޅު" އާއިލާއެއްގެ ދަރިއެކެވެ. ދެ ލޯބިވެރިން ދެކެމުން އައި ހުވެފަނަކީ ކައިވެނިކޮށްގެން ރާއްޖެ އިން ބޭރަށް ގޮސް އެކުގައި މަތީ ތައުލީމު ހާސިލްކުރުމެވެ. އެކަމަކު ކައިވެނީގެ ބޮޑު ހަފްލާއެއް ބާއްވަން ތައްޔާރުވަމުން ދަނިކޮށް ފިރިހެންކުއްޖާގެ މަންމަ އެ ހުވަފެން ވިއްސިވިހާލިކޮށްލީ އެވެ. އެންމެ ސަބަބަކާ ހެދި އެވެ. އައްޑޫ މީހަކު އޭނާގެ ޅީދަރިފުޅަކަށް ހަދަން ބޭނުން ނުވީ އެވެ.

"އަސްލު ކުރިންސުރެ ވެސް ފިރިހެންކުއްޖާ މަންމަ އައީ އަންހެންކުއްޖާއަކީ އައްޑޫ ކުއްޖެއްކަން ފާހަގަކޮށް އެކި ކަހަލަ އެއްޗެހި ބުނަމުން. އެންމެ ފަހުން ފިރިހެންކުއްޖާގެ ކެތްތެރިކަން ކޮޅުން ލައިގެން ގޮސް ކައިވެނި ކެންސަލްކޮށްލީ،" އެކަން ދެނެހުރި މީހަކު ކިޔައިދިނެވެ.

"އަންހެންކުއްޖާ ރޮއެރޮއެ ހަލާކުނުވީ ކިރިޔާ! އޭނަގެ އާއިލާގެ މީހުން ވަރަށް ހިތްހަމަނުޖެހިގެން ފިރިހެންކުއްޖާގެ އާއިލާއާ ބައްދަލުކުރަން ވެސް ދިޔަ. އައްޑޫ މީހަކަށް ވީމައޭ ކިޔާފައި އެހެން ހެދީމަ އެ މީހުން ކިހާ އޮފެންޑް ވާނެ!"

އެންމެ ފަހުން ފިރިހެންކުއްޖާއާ ވަކިން އަންހެންކުއްޖާ އެކަނި ކިޔަވަން ދިޔައީ އެވެ.

އަނެއްކާވެސް ދާދި އެއްކަހަލަ ހާދިސާއެކެވެ.

މާލޭގެ މުއްސަނދި އާއިލާއެކެވެ. ފިރިހެންކުއްޖާ ލޯބީގެ ގޮތުން ގުޅެން ބޭނުންވީ އައްޑު އަށް ނިސްބަތްވާ އަންހެންކުއްޖަކާ އެވެ. އެކަމަކު އަންހެންކުއްޖާއާ ވާހަކަދައްކަން ފެށި ހިސާބުން މަންމަ އެކަމާ ނުރުހިއްޖެ އެވެ. ފިރިހެންކުއްޖާ އަށް އެކަން މަނާކޮށް މަންމަ ބުނީ "އައްޑޫ މީހުން ފަންޑިތަ ހަދާނެ" ކަމަށާއި އައްޑޫ މީހުން އުޅޭނީ މުދަލުގެ ދަހިވެތިކަމުގައި ކަމަށެވެ. އައްޑޫ ކުއްޖަކަށް ވާތީ އަންހެންކުއްޖާ ފިރިހެންކުއްޖާގެ މުދާގަނޑު ޖަހައިގަނެގެން ހިނގައިދާނެ ކަމުގެ ބިރު އެ މަންމަ އަށް ހީވީ އެވެ.

މަންމަގެ އެ ވާހަކަ އަށް ފަރުވާލެއް ނުބަހައްޓާ ފިރިހެންކުއްޖާ އަންހެންކުއްޖާއާ ރައްޓެހިވި އެވެ. އެކަމަކު އެކަން ވީ ކުރެވުނު މޮޔަ ކަމަކަށެވެ. ރުޅިގަނޑު ފަޅައިގެން ގޮސް މަންމަ ހުރިހާ ވަރެއް ބޭލީ ދަރިފުޅުގެ ފޭސްބުކް ވޯލް އަށެވެ. މަންމަގެ ނުގަބޫލުގައި އެ އަންހެންކުއްޖާއާ ގުޅުމަކީ ގަބޫލުކުރަން ވެސް ދަތި ކަމެއް ކަމަށް ލިޔުނެވެ. ފިރިހެންކުއްޖާގެ ހިތް ހަލާކުކޮށްލި އިރު އެންމެންގެ ތެރޭގައި އޭނާ ލަދު ވެސް ގަންނަވާލީ އެވެ.

"އަންހެންކުއްޖާއަކީ ވަރަށް ހިތްހެޔޮ، ވަރަށް ރަނގަޅު ކުއްޖެއް. ނުވިތާކަށް، އަމިއްލަ މަސައްކަތުން އޮސްޓްރޭލިޔާ އަށް ގޮސް ކިޔަވައިގެން އައިސް ހުރި ލޯޔަރެއް. އެކަމަކު ވެސް ފިރިހެންކުއްޖާގެ މަންމަ ހަމަ އެ ދެ މީހުން ރުޅިކުރުވައިފި!" އެކަން އެނގޭ މީހަކު ކިޔައިދިނެވެ.

މީގެ ހައެއްކަ އަހަރު ކުރީގެ މި ހާދިސާ ފަދަ އެތައް ކަމެއް، ދުރު މާޒީގައި ވެސް ހިނގާފައި އެބަ ހުއްޓެވެ.

ފުރާވަރުގައި މާލޭ އަންހެންކުއްޖަކާ ރައްޓެހިވާން އުޅުނު އައްޑޫ ފިރިހެންކުއްޖެއްގެ ވާހަކަ ކިޔައިދޭނަމެވެ. އެތައް މަސައްކަތެއް ކޮށްގެން އަންހެންކުއްޖާ ކާމިޔާބުކުރިތަނާ އަތުން ބީވެގެން ދިޔައީ އެވެ. އޭނާގެ ވެސް "ކުށަކަށް"ވީ އައްޑޫ އާއިލާއަކަށް ނިސްބަތްވުމެވެ.

"އެއީ ހަތަރު ކަށިމަތި މާލޭ ކުއްޖެއް،" ނުވަދިހައިގެ އަހަރުތަކުގައި ކުރި ލޯބީގެ ހިތި ތަޖުރިބާ ކިޔައިދެމުން އަހުމަދު، 38، ބުންޏެވެ.

"އަހަރެން ރައްޓެހިވާން އެހީމަ އޭނަގެ އާއިލާ އިން އޭނަ ކައިރީ މި ބުނަނީ ތިއީ އައްޑޫ މީހެކޭ، ވަރަށް ނުލަފާވާނޭ، މަސްތުވާތަކެއްޗާއި ވައްކަމާ ހުރިހާ ކަމެއް ކުރާނެއޭ. އެހެންވީމަ ގުޅިގެން ނުވާނޭ. އޭނަ ރައްޓެހިވި ހަފްތާއަކަށް. އެ ހިސާބުން އޭނަ ބައްޕަ މަގޭ ފަހަތުން ދުވަން ފެށީ، ލަކުޑިބުރި ހިފައިގެން! ދެން ޖެހޭނީ ރުޅިވާންތާ!"

ދެކުނު މީހުންނާ މެދު މި ނުބައި ވިސްނުން ގެންގުޅެން ފެށީ ކޮން އިރަކު ނުވަތަ ސީދާ ކީއްވެގެން ކަމެއް ނޭނގެ އެވެ. އެކަމަކު މިކަން 17 ވަނަ ގަރުނާ ހިސާބުން ވެސް ފެންނަން އެބަ އޮތެވެ. އޭރު ރާއްޖެ އައިސް ރާއްޖެއާ ބެހޭ ގޮތުން ފޮތެއް ލިޔުނު ފަރަންސޭސި ދަތުރުވެރިޔާ ޕިރާޑު ވެސް ދެކުނު މީހުން ވަރަށް ބޮޑަށް ކުޑައިމީސްކޮށްފައިވެ އެވެ. މުހައްމަދު އިސްމާޢީލް ދީދީ ލިޔެފައިވާ ތަރުޖަމާ، "ޕިރާޑުގެ ގަލަމުން ދިވެހިރާއްޖެ" އިން އެނގޭ ގޮތުގައި "އުތުރާއި ދެކުނު މީހުންގެ ތަފާތު" ޕިރާޑަށް ވެސް ފެނުނެވެ.

"...އުތުރުގެ އަތޮޅުތަކާ އަދި މާލޭ މީހުން، ދެކުނުގެ މީހުންނާ އަޅާބެލުމަށް ރީތިވެފައި އަޚްލާގާއި އާދަކާދަތައް މާމޮޅެވެ. ދެކުނު އަތޮޅުތަކުގެ މީހުން އެކަނި ސިފަ ހުތުރުވެފައި ކަޅުވެފައި އުޅުން ނުބައްޔަކީ ނޫނެވެ. އެބައިމީހުންގެ ވާހަކަދައްކާ ބަސް ވެސް ކުރަކިވެފައި މާ ހަޑި އެވެ،" އެ ފޮތުގެ 93 ވަނަ ސޮފްހާގައިވެ އެވެ.

"ބޭރުގެ މީހުން ގިނައިން ރާއްޖެ އައިސް އުޅެނީ އުތުރުގެ ރަށްރަށުގަ އެވެ. އެ ތަންތަނުން މީހުންނާ އިންނަނީ މަދެއްކޮށެއް ނޫނެވެ. މިކަމުގެ ސަބަބުން އެތަންގަނޑުގެ ދިވެހިން އެކަނި މުއްސަނދިވަނީއެއް ނޫނެވެ. އުޅުން ރީތިވެ ތަހުޒީބު ވެސް ލިބެނީ އެވެ. އެހެންވީމާ ރަނގަޅު މޮޅު މީހުން މުޅީންހެން އުފެދެމުންދަނީ މާލެއިން އުތުރުގެ ރަށްރަށުގައެވެ."

ދެކުނު މީހުންނާ މެދު މާލޭ މީހުން މި ގޮތަށް ދެކޭ ކަމަށް މާލޭގެ އާއިލާތަކަށް ނިސްބަތްވާ ޒުވާނުން މިހާރު ވެސް ހެކިވެ އެވެ.

"އަހަރެން ކުރިންސުރެ އަޑުއަހަން، (މާލޭ މީހަކު) އައްޑޫ ހިސާބަށް ދިޔަޔަސް، ވަރަށް ވިސްނައިގެން އުޅެއްޗޭ ބުނާ އަޑު. މީހަކާ އިނދެގެން އުޅުނަސް ނުބަލާނެއޭ، އެ މީހަކު ޖަހައިގަންނާނެއޭ، ގޯތީގެ ދަހިވެތިކަމުގައި،" މާލެ އަށް ނިސްބަތްވާ އަންހެނަކު ބުންޏެވެ.

ހައިރާންވެ އަންތަރީސްވެ އެވެ! މާލޭގެ ގޯތިގެދޮރުގެ އަގު، ދުނިޔޭގައި ވާހާ ރަނަކާއި ޖަވާހިރަށް ވުރެ ވެސް އަގުހުރި އެއްޗަކަށް ވީމާ ވާ ގޮތެއް ކަމަށް ވެސް ވެދާނެ އެވެ.

އެކަމަކު ހަގީގަތުގައި އައްޑޫ ރައްޔިތުންނަކީ ރާއްޖޭގެ ނިސްބަތުން މިހާރު އެންމެ ކުރީގައި އުޅޭ އެއް ބަ އެވެ. ތައުލީމަށް މޮޅެވެ. ވިޔަފާރީގެ ދާއިރާ އިން އެހާ ކާމިޔާބެވެ. އަދި އައްޑޫ ގިނަ މީހުން ކުރާ ކަމެއްގައި، އެހެން އެއްވެސް ބަޔަކަށް ބެލުމެއް ނެތި ކުރިއަށް ދާން ކުރާ ހިތްވަރު، ރާއްޖޭގެ އެހެން ސަރަހައްދުތަކުގެ މީހުންނަށް ނަމޫނާއަކަށް ވެސް ނެގިދާނެ އެވެ.

ދެކުނު މީހުންނާ މެދު ގެންގުޅުނު ނުބައި ވިސްނުންތައް ކުރިއަށް ވުރެ މިހާރު ވަނީ ވަރަށް ބޮޑުތަން ކުޑަވެފަ އެވެ. ރާއްޖޭގެ އެންމެ އުތުރުގެ ޒުވާނުންނާއި ދެކުނުގެ ޒުވާނުންގެ މެދުގައި ވެސް ކައިވެނިކުރުން މިހާރު އާންމެވެ. އެކަމަކު އަދިވެސް މާލޭގެ ބައެއް މީހުންގެ ހިތުގައި ދެކުނު އަތޮޅުތަކުގެ ރައްޔިތުންނާ މެދު އޮތް ކުށްހީ ފިލައިގެންނެއް ނުދެ އެވެ.

ދިވެހިރާއްޖެ އައްޑޫ މުޖުތަމައު ކައިވެނި ދޯ މަޖައްލާ

Popular