10 Oct 2017

ކާމިޔާބު 10: ހަނދާން ބަހައްޓާތި

ކައިވެންޏަށް ފަހު މައްސަލަތައް ކުރިމަތިވެ އެވެ. ހައްލު ކުރަން އުނދަގޫ ވަރަށް ގިނަ ކަންތައްތަކާ ދިމާވެ އެވެ. އެކަމަކު، ތަޖުރިކާރުން ބުނަނީ އެއްވެސް ކަމަކީ ހައްލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ކައިވެންޏަށް ފަހު މައްސަލަތައް ކުރިމަތިވެ އެވެ. ހައްލު ކުރަން އުނދަގޫ ވަރަށް ގިނަ ކަންތައްތަކާ ދިމާވެ އެވެ. އެކަމަކު، ތަޖުރިކާރުން ބުނަނީ އެއްވެސް ކަމަކީ ހައްލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

By: Aishath Mihna Nasih

ދިރިއުޅުމެއް ފެށުމަކީ، ނިކަން ފަސޭހަ ކަމެކެވެ. އެހެން ނަމަވެސް، އެ ދިރިއުޅުން ދެމެހެއްޓުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. ކައިވެންޏަށް ފަހު މައްސަލަތައް ކުރިމަތިވެ އެވެ. ހައްލު ކުރަން އުނދަގޫ ވަރަށް ގިނަ ކަންތައްތަކާ ދިމާވެ އެވެ. އެކަމަކު، ތަޖުރިކާރުން ބުނަނީ އެއްވެސް ކަމަކީ ހައްލު ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މީގައި ބޭނުންވަނީ ވިސްނުންތެރި ކަމާއި ފަރުވާތެރި ކަމާ އެކު މައްސަލަ ހައްލު ކުރަން ދަސްކުރުމެވެ. އަދި އެގޮތަށް އަމަލު ކުރުމެވެ.

ހާސް ނުވާށެވެ! ތަޖުރިބާކާރުންގެ ލަފަޔާ އެކު އަހަރެމެން މި ދެނީ އޭގެ ބައެއް ޓިޕްސްތަކެވެ.

1. ގާތް ދެ ރަހްމަތްތެރިންކަން ހަނދާންނައްތާ ނުލާށެވެ.

ކައިވެންޏަކަށް ފަހު ދެމަފިރިންނަށް ވުމަކީ އެ ދެ މީހުންގެ ރަހްމަތްތެރިކަމާ އަލްވަދާއު ކިޔަން ޖެހޭ ކަމެއް ނޫނެވެ. ހަނދާންކުރަންވީ އެފަދަ ގުޅުމެއް، އުފެދި ފައްކާވެގެން ދިޔައީ ދެ މީހުންގެ ދެމެދުގައި އުފެދުނު ގާތް އެކުވެރިކަމާއި އިތުބާރުގެ ސަބަބުން ކަމެވެ. އެހެންކަމުން އެ ގުޅުން އެގޮތުގައި ދެމެހެއްޓުމަކީ އަބަދުވެސް ދެ މީހުންގެ ގުޅުން ވަރުގަދަ ކޮށްދޭނެ ކަމެކެވެ. އޭރުން އެކަކު އަނެކަކުގެ ކަންތައްތަކުގައި ޚިޔާލުދީ، ކަމެއް ގޯސްކޮށް ހިނގަމުންދާ ނަމަ އެކަން ބޮޑު ފޮއްޓަށް ލައި ތަޅުލާކަށް ނުޖެހޭނެ އެވެ. ނުވަތަ ނުރުހުންވާ ކަންތައްތައް ހިތުގެ އަޑީގައި ފޮރުވާފައި ވެސް ނުބަހައްޓާ، އަބަދުވެސް މުއާމަލާތު ކުރެވެމުން ދާން ވެސް ޖެހޭނެ އެވެ. މާނަ އަކީ މައްސަލަތައް ފުނިޖެހިފައި ހުރުމުގެ ބަދަލުގައި، ކޮންމެ ދުވަހަކު ވެސް އެ ދުވަހެއްގެ މައްސަލަތައް ހައްލުވެ ނިމިގެން ދިއުމެވެ.

2. ލޯބިވާ ކަން ހަނދާންކޮށްދިނުމަކީ މައްސަލައެއް ނޫނެވެ!

ލޯބިވާ ވާހަކަ އަބަދުވެސް ބުނަންވާނެ އެވެ. އެ ކަމަކަށް ވަކި ވަގުތެއް، ވަކި އިރެއް އަދި ވަކި ދުވަހެއް ނެތެވެ. އެކަމަކު ލޯބިވާކަން އަންގައިދެވޭނީ ހަމައެކަނި އެހެން ބުނުމަކުންނެއް އެކަންޏެއް ވެސް ނޫނެވެ. ނުވަތަ މެސެޖަކުންނެއް ވެސް ނޫނެވެ. ކޮންމެ ދުވަހަކު ވެސް ބައިވެރިޔާ އުފާކޮށްދޭން ކުޑަ ކަމެއް ކޮށްލަދޭށެވެ. މިކަމަކަށް ފައިސާއެއް ނުވަތަ މާ ގިނަ ވަގުތެއް ވެސް ބޭނުމެއް ނުވާނެ އެވެ. އަނބިމީހާ ގޭތެރޭގައި ކުރާ ކުޑަ މަސައްކަތެއްގައި އެހީއެއް ވެދިނުން، ނުވަތަ މާޒީގެ ފޮނި ހަނދާނެއް އާކޮށްދިނުން ނުވަތަ، އެކުގައި ކުޑަ ވަގުތުކޮޅެއް ދެ މީހުން އެކަނި ހޭދަކޮށްލުމަކީ ހީނުކުރާ ވަރުގެ ހިތްހަމަޖެހުމާއި އުފާވެރިކަން ބައިވެރިޔާ އަށް ގެނެސްދޭނެ ކަމެކެވެ.

3. އިހުތިރާމުކޮށް ގަދަރުކުރާށެވެ.

ދިރިއުޅުމެއްގައި މިއަށްވުރެ ވަކި މުހިންމީ ކޮން ކަމެއް ހެއްޔެވެ؟ ގިނަ ބަޔަކު ބުނާގޮތުން އިހްތިރާމް ކުރުމުން ދައްކުވައިދެނީ އެކަކު އަނެކަކަށް ކުރާ އިތުބާރެވެ. އަދި މިކަމުގެ ސަބަބުން، އެކުގައި އުޅުމަށް އިތުރު ހިތްވަރު ލިބިދޭ ކަމަށް ވެސް ވެއެވެ. ނަމަވެސް އިހްތިރާމް ލިބޭނީ އިހްތިރާމް ކޮށްގެންކަން ވެސް ހަނދާން ބަހަށްޓާށެވެ.

އެކަކު އަނެކަކަށް ގަދަރު ކުރާށެވެ. އެހެން މީހުން ކައިރީ ބައިވެރިޔާގެ ރަނގަޅު ވާހަކަތައް ހިއްސާ ކުރާށެވެ. އަދި ދިރިއުޅުމަކީ ދެ މީހުން އެކުގައި ކައްޕިކަން ކުރާ ދަތުރެއްކަން ހަނދާންކޮށް، އެކި ކަންކަމުގައި އެކަކު އަނެކަކުގެ ޚިޔާލު ހޯދައި އޭގެ މައްޗަށް އަމަލުކުރާށެވެ.

4. ދޫ ދޭށެވެ!

ބައެއް ގުޅުންތަކުގައި ފިރިމީހާ އަދި އަނބިމީހާ ވެސް މަގުން ކައްސައިލައިގެން ހިނގައިދާނެތީ މާ ވަރަކަށް ހިފަހައްޓައިގެން އުޅެ އެވެ. ރަށްޓެހިންނާ އެކު ބޭރަށް ދިއުން، ކޮފީއަކަށް ދިއުން އެއީ ކުށަކަށް ވެއެވެ. ނަމަވެސް މިއީ އަދި އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ދެމަފިރިން އެކުގައި ވެސް އަދި ވަކީން ވެސް ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެކެވެ. އޭގެ ސަބަބުން، ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ދެމަފިރިން ވެގެންދާނެ އެވެ.

އިލަސްޓްރޭޝަން: އިލަސްޓްރޭޓެޑް މޯލްޑިވްސް

5. ކުރީން ޖެހިފައި ހުރި މައްސަލަތައް އެއީ މާޒީ އެވެ.

މައްސަލަޖެހި ހައްލުވުމަށްފަހު، އަލުން އަނެއްކާ އެ މައްސަލަ ނަގައިގެން އެ ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް އެބަ އޮތް ހެއްޔެވެ؟ މިއީ ގިނަ ބައިވެރިން އަނެއް ބައިވެރިޔާ ފޫހިކުރުވާ ކަމެކެވެ. ކަމެއް ގޯސްކޮށް ކުރެވި، އެކަމެއް ހައްލުވެ، މާފަށް އެދެވިފައިވުމުން ދެން އެ ބާބު ނިންމާލާށެވެ. އަލުން އަނެއްކާ އެ ކަންތައްތަކުގެ ވާހަކަ ދެއްކުމުން، އަނެއް ބައިވެރިޔާގެ ޖަޒުބާތުތަކުގެ އަގު ތިޔަ ވައްޓާލެވެނީކަން ހަނދާން ކުރާށެވެ.

6. ޚާއްސަ ދުވަސްތަކުގައި އެކުގައި ވާށެވެ.

މިއީ އެއްބަޔަކު ކޮންމެހެން ވެސް ކުރާ، އަދި އަނެއް ބަޔަކު އެހާ ބޮޑު ފަރުވާލެއް ބަހައްޓާ ކަމެއް ނޫނެވެ. ނަމަވެސް މިހެން ވިސްނާށެވެ. ކިޔަވާ ކުދީންނަށް ވެސް އެއް އަހަރުގެ ކިޔެވުމަށް ފަހު އަނެއް އަހަރު ކިޔަވަން ފެށުމުގެ ކުރީން ޗުއްޓީއެއް ލިބެ އެވެ. ކިތަންމެ މަތީ ފަންތިއެއްގެ ވަޒީފާއެއް ނަމަވެސް ވަކި ހިސާބަކުން ޗުއްޓީއެއް ބޭނުންވެއެވެ. ބައެއްފަހަރު އެއީ މަސައްކަތްކުރަން ޖެހޭ ވަރު ބުރަކަމުން ސިކުނޑި ހަމަޖައްސާލުމަށެވެ. ހަމަ މިފަދައިން، ތިޔަ ގުޅުމަށް ވެސް ދެމަފިރިންގެ ބިޒީ ދިރިއުޅުމުގެ ބޭރުން، އުފާކޮށްލަން ވަގުތުކޮޅެއް ހޯދުމަކީ، ހަމަ ތިގުޅުން ފައްކާ ވާނޭ ކަމެކެވެ. އެހެންކަމުން ކައިވެނީގެ ގޮށްޖަހާލި އުފާވެރި ހަނދާންތައް އަހަރަކު އެއްފަހަރު ނަމަވެސް އާ ކޮށްލުމަކީ ސަޅި ޚިޔާލެކެވެ. އެ އިހްސާސްތަކާއި ޝުއޫރުތައް އިއާދަވެ ކޫސަނި ކަންތައްތައް އޭރުން އަލްވަދާއު ކިޔައިފާނެ އެވެ.

7. ފައިސާ އަކީ ބޮޑު މައްސަލައެކެވެ.

ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ފައިސާގެ މައްސަލަ ނުކުންނާނެ އެވެ. ނަމަވެސް މިއީ ހައްލު ނުވެގެންގޮސް ދެ މީހުންނަށް އެކުގައި ނޫޅެވެން ވީ ވަރުގެ މައްސަލައަކަށް ހެދުމުގެ ޖާގަ ނުދެމާހެއްޔެވެ. ފޯބްސް މެގަޒިން އިން ބުނާގޮތުން ދެމަފިރިންގެ މެދުގައި ދިމާވާ މާލީ މައްސަލަތައް ހައްލުކުރުމަށްޓަކައި އެންމެ މުހިންމު ކަމަކީ، ކައިވެނީގެ ކުރީން މިކަމާއި ދޭތެރޭ ވިސްނައި ދިރިއުޅުން ރަގަޅަށް ރާވާލުމެވެ. އަދި ދިރުއުޅުމުގެ ކަންކަމަށް ބަޖެޓެއް އެކުލަވާލާ، އެކަކު އަނެކަކުގެ ބޭނުންތައް ދެނެގަތުމަކީވެސް މުހިންމު ކަމެކެވެ. އަދި ދެމަފިރިންނަށް މިފަދަ މައްސަލަތައް ހައްލުނުވުމުން، ފައިސާގެ ކަންތައްތައް ބަލަހަށްޓަން ދަންނަ އެހެން ފަރާތެއްގެ ޚިޔާލެއް ހޯދުމަކީވެސް ލުއި ވެގެންދާނޭ ކަމެކެވެ.

8. ހާސިލްކުރަން ބޭނުންވާ ލަޑުދަނޑިތައް ހިއްސާކުރާށެވެ.

ދެމީހުން އެކުގައި ނަމަވެސް ދެމަފިރިން ވަކިވަކީން ކަމުގައިވިޔަސް ދިގު މުއްދަތެއްގައި ހާސިލް ކުރަން ބޭނުންވާ އުންމީދުތަކެއް ހުންނާނެ އެވެ. އެއީ އަދި ވިޔަފާރި އެއް ފެށުންކަމުގައި ވިޔަސް، ދަރީން ހޯދަން ބޭނުންވާ އިރެއް ކަމުގައިވިޔަސް، އަމިއްލަ ގެއެއް ބިނާކުރުން ކަމުގައިވިޔަސް މެއެވެ. އެ އުންމީދުތަކަކީ ދެ މީހުން އެކުގައި، އެކަކު އަނެކަކަށް އެއްބާރުލުން ދީގެން ހާސިލްކުރާ ކަންކަމަށްވާނަމަ ގުޅުން ވަރުގަދަވެ، އެ ކަންތައްތައް ހާސިލްކުރަން ފަސޭހަ ވާނެ އެވެ.

9. މާ ބޮޑަށް އެއްފަރާތަށް ނުޖެހޭށެވެ.

މިކަމާ ޚިޔާލު ތަފާތުވުން އެކަށީގެން ވެއެވެ. ނަމަވެސް، ދިރިއުޅުމަކީ ދެ މީހަކު އެކުގައި ކުރާ ދަތުރެއް ކަމަށް ވާއިރު، އެ ދަތުރުކުރާ ދޯނީގައި ފަލިޖަހަން ހުންނަން ޖެހެނީ އެކަކު ކަމަށް ދެކިގެން ނުވާނެ އެވެ. ދެ މީހުންގެ ޚިޔާލާއި، ބައިވެރިވުމާއި އަދި ހިތްހަމަޖެހުން ކޮންމެ ކަމެއްގައިމެ ހިމެނުމަކީ ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ގޭތެރޭގެ އެކި މަސައްކަތްތަކުގަ އާއި ދަރީން ތަރުބިއްޔަތު ކުރުމުގަ އާއި، އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގައި ވެސް ދެމަފިރިން އެކުގައި މަސައްކަތް ކުރުމުގެ އުފާ ހާސިލް ކުރާށެވެ.

10. އެއްވެސް ގުޅުމެއް ޕާފެކްޓް ނޫންކަން ދަންނާށެވެ.

ފިލްމުތަކާއި ވާހަކަތަކުން ދައްކާ 'ހެޕިލީ އެވާ އާފްޓާ' ހޯދުމަށް ބައެއް މީހުން މަސައްކަތް ކުރެއެވެ. ނަމަވެސް ހަގީގަތަކީ އެއްވެސް މީހަކީ އެފަދައިން އެންމެ ފުރިހަމަ މީހެއް ނޫން ކަމެވެ. އަދި އެއްވެސް ގުޅުމަކީ ވެސް އެފަދައިން އެންމެ ފުރިހަމަ އެއްޗަކަށް ނުވެދާނެ އެވެ. ބައެއް ކަންތައްތައް ބައިވެރިޔާ އަށް ގޯސްކޮށް ވެސް ކުރެވިދާނެ އެވެ. ނަމަވެސް ރަނގަޅު އުފާވެރި ގުޅުމަކީ އެފަދަ މައްސަލަތައް ދިމާވުމުން ވާހަކަ ދައްކައި އެކަންކަން ހައްލުކުރާ ގުޅުންތަކެވެ. ރަނގަޅު ނޫން ގުޅުމަކަށް ވާނީ މިފަދަ މައްސަލަތައް ދިމާވަމުން އެކަންކަން ހަނދާން ނައްތާ ނުލެވި މައްސަލަތައް ބޮޑުކުރެވޭ ނަމަ އެވެ.

ކައިވެނި

Popular