16 Aug 2017

މަސްވެރިން ދޯނީގައި ފުޓްސަލް ކުޅެނީ

މަސްވެރިން ދޯނީގައި ފުޓްސަލް ކުޅެނީ

By: Niumathullah Idhurees

"ގެލަރީ ސްޓޭޑިއަމުން މި ބައްދަލުކޮށްލީ ކަނޑުމަތިން ދޯނިތަކުގެ ތެރޭގައި ކުޅެވޭ އެކުވެރިކަމުގެ ފުޓްބޯޅަ މެޗްތައް ގެނެސްދިނުމަށްޓަކައި. މި މެޗްތަކަކީ މުޅި މި ދިވެހިރާއްޖޭގެ ތާރީހު ވެސް ބަދަލުކޮށްލާނެ މެޗުތަކެއް ކަމުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ. ސަބަބަކީ އެންމެ ފުރަތަމަ މަސް ދޯންޏެއްގެ ތެރޭގައި ކުޅެވޭ، ތްރީ އޮން ތްރީ މުބާރާތް ކަމަށް މި ވަނީ،"

މިއީ ފޭސްބުކްގައި ހިންގާ "ގެމަނަފުށީ މަސްވެރިން" ޕޭޖްގައި މިއަދު ހެނދުނު ޕޯސްޓްކުރި ފުޓްބޯޅަ މެޗެއްގެ ވީޑިއޯގެ ކޮމެންޓްރީ ފަށަމުން ދިން ތައާރަފެވެ. އެ ބުނިހެން މިއީ މަސްދޯންޏެއްގައި މިގޮތަށް ކުޅޭ ފުރަތަމަ މެޗަށް ވުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

ދޯނީގެ ތައްޓު މަތީގައި ދަނޑު ކުރަހައި ގޯލް ބަހައްޓައި އަދި ދޯނީގެ ވަށައިގެން ދާ ޖަހައި ބަންދުކޮށްގެން ކުޅެން ފެށި މެޗެކެވެ. މި ވާ ގޮތް ކިޔައިދިނީ މެޗް ކުޅުނު ދޯނީގެ ޒުވާން ފަޅުވެރިޔާ އަދި "ގެމަނަފުށީ މަސްވެރިން" ޕޭޖްގެ އެޑްމިންއެއް ކަމަށްވާ ހަސަން ސާޖިން އެވެ.

"މިއީ އެންވެރިކަން ވަރަށް ދަށް ދުވަސްވަރެއް. އެހެންވެ ކަމެއް ނެތި ވަރަށް ގިނައިރު ތިބެން އެބަ ޖެހޭ. ދެން އަހަރެމެން ހިތަށް އެރީ މި ވަގުތު ކޮންމެވެސް ކުޅިވަރެއް ކުޅެން. އެގޮތުން ފެށުނު ކަމެއް މިއީ،" ސާޖިން ކިޔައިދިނެވެ.

ގެމަނަފުށީ މަސްވެރިން ދޯނީގައި ފުޓްސަލް ކުޅެނީ

މި "ތާރީޚީ މެޗު" ކުޅުނު "ގެލަރީ ވިޝަން" ދޯނީގެ ދިގުމިނުގައި 110 ފޫޓް ހުރެ އެވެ. ޓޭޕުން ކުރަހާފައި އޮތް ދަނޑުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 25x15 ފޫޓް ހުންނާނެ ކަމަށް ސާޖިން ބުންޏެވެ.

ޖާޒީ ލައިގެން ވަރަށް ސްޓައިލްގައި ފެށި މެޗުގައި ބައްދަލުކުރީ ސާޖިން ބުނި ގޮތުގައި ދޯނީގައި އުޅޭ "ރިޓަޔާޑް" ކުޅުންތެރިންނާއި ޒުވާނުންނެވެ. ފޯނުން ސާޖިންއަށް ގުޅުނު ވަގުތަކީ ހާފް ޓައިމް އަށް މެދުކަނޑާލި ވަގުތެވެ.

"ދެ ވަނަ ހާފު އޮންނާނީ ހަވީރު. މިހާރު މި އޮތީ އައިސްކޮޅެއް ބަލައި ގޮސް ދެއްވަދޫގައި. ފުރަތަމަ ހާފު ނިމުނު އިރު 1-0 އިން ކުރީގައި އޮތީ ޒުވާނުންގެ ޓީމު،" ކޮޅަކަށް ތިން މީހުން އަރައިގެން ކުޅޭ މެޗުގެ އަޕްޑޭޓް ދެމުން ސާޖިން ބުންޏެވެ.

އޭނާ ބުނީ ވަށައިގެން ދާ ޖަހާފައި ހުއްޓަސް ބައެއް ފަހަރު މޫދަށް ބޯޅަ ވެއްޓޭ ކަމަށާއި އެކަމަކު ދޯނި ފަހަތަށް ޖަހާލާފައި އެންވަށިން ބޯޅަ ނަގައިގެން އަނެއްކާ ފަށަނީ ކަމަށެވެ.

ފޯރިގަދަ ލަވަޔަކާ އެކު ކުރިއަށް ގެންދިޔަ މެޗުގެ ރެފްރީ ވެސް ހުޝިޔާރެވެ. ބައެއް ކުޅުންތެރިންގެ ފައުލްތަކަށް ކާޑު ދައްކައި އިންޒާރު ދިނެވެ. އެކަމަކު ފެނުނީ އެކުވެރިކަމާއި މަޖަލެވެ.

ކުޅިވަރަށް ލޯބިކުރާ މީހުން ގިނަ ގެމަނަފުށީގައި ދުއްވާ މި ދޯނީގައި ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭ ކާޕެޓް ދަނޑެއް ހަދައި، ފުޓްސަލް އަށް ހާއްސަ ސެޓަޕެއް ތައްޔާރުކުރުމުގެ ވިސްނުން ވެސް އެބަ ގެންގުޅެ އެވެ.

މަސްވެރިން ގއ. ގެމަނަފުށި

Popular