18 Aug 2017

"ފްލައިން ފެމިލީ" ގައި ތިބެނީ ހުސް ޕައިލެޓުން

މި އާއިލާގެ މެމްބަރުން ބިޒީކަމުން އެކުގައި ވަގުތު ހޭދަކޮށްލަން ލިބެނީ މަހަކު ފަހެއް ނުވަތަ ހަ ދުވަސް.

"ފްލައިން ފެމިލީ" ގައި ތިބެނީ ހުސް ޕައިލެޓުން

މި އާއިލާގެ މެމްބަރުން ބިޒީކަމުން އެކުގައި ވަގުތު ހޭދަކޮށްލަން ލިބެނީ މަހަކު ފަހެއް ނުވަތަ ހަ ދުވަސް.

By: Ahmed Adhushan

އާއިލާގެ ހުރިހާ މެމްބަރުން އެއް ޕްރޮފެޝަނެއްގައި އުޅޭ ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ހާއްސަކޮށް، ޕައިލެޓްކަން ކަހަލަ ގިނަ ވަގުތު ބޭނުންވާ ޕްރޮފެޝަނަލް ގިންތީގެ އެންމެ ކުރީގައި ގުނާލެވޭ ކަހަލަ ވަޒީފާއެއް ނަމަ އެވެ.

ހަމަ ގައިމު ވެސް އެ މީހުންނަށް އެކުގައި ހޭދަކޮށްލަން ލިބޭ ވަގުތު ކުޑަ ވާނެ އެވެ. އެކަމަކު ހިތްހަމަޖެހުމަކަށް ވާނީ ބޮޑު މުސާރައެއް ލިބުމާ އެކު، އެންމެންގެ ތަޖުރިބާތައް އެއް ދިމާއަކަށް ހުއްޓިފައި އޮތުމެވެ.

ނިއު ދިއްލީގެ މި އާއިލާ އަށް ދިމާވެފައި މިއޮތީ އެކަހަލަ ގޮތެކެވެ. މިއީ މުޅިން ވެސް ޕައިލެޓުން އުޅޭ އާއިލާއެކެވެ. މަންމަ އާއި ބައްޕަ އާއި ދަރިންނަކީ ވެސް ޕައިލެޓުންނެވެ. އެކަމަކު މިއީ 100 އަހަރުގެ ދިގު މާޒީއެއް އޮތް ވާހަކައެކެވެ. މިއީ އާއިލީ އާދަކާދަތަކުގެ ތެރެއިން ދަމަހައްޓަމުން އަންނަ ސަގާފަތެއް ވެސް އެވެ.

އެހެންވެ ކެޕްޓަން ޖެއި ދޭވް ބަސިންގެ އާއިލާ މަޝްހޫރުވެފައި ވަނީ ވެސް "ފްލައިން ފެމިލީ" ގެ ނަމުގަ އެވެ. ޖެއިއަކީ އާއިލާގެ ތެރެއިން ޕައިލެޓަކަށްވި ހަތް ވަނަ މީހާ އެވެ. އެ ދާއިރާ އަށް އޭނާ ނިިކުތީ 1954 ގަ އެވެ.

ކެޕްޓަން ޖެއި ދޭވްއާ ޕްރިންސް ޗާލްސް ވާހަކަ ދައްކަވަނީ.

ފަހުން އޭނާ ކައިވެނިކޮށް ދަރިން ލިބުނު ފަހުން، ފިރިހެން ދަރިފުޅު ރޯހިތު ބަސިން ވެސް މިސްރާބު ޖެހީ ޕައިލެޓްކަމާ ދިމާއަށެވެ. އަދި އޭނާގެ އަންހެނުން ނިވެދިތާ ޖެއިންއަކީ ވެސް ޕައިލެޓެކެވެ. އުމުރުން އެންމެ 20 އަހަރުގައި އިންޑިއަން އެއާލައިންސް އިން ނިވެދިތާ އަށް ފުރުސަތު ލިބުނީ ޖޫން، 24، 1984 ގަ އެވެ.

އޭނާގެ ޓްރެކް ރެކޯޑަށް ބަލާ އިރު ނިވެދިތާއަކީ އޭވިއޭޝަން ދާއިރާގެ ތާރީހުގައި ވެސް އެންމެ ޒުވާން އަންހެން ޕައިލެޓްގެ ޝަރަފު ހޯދި ފުރަތަމަ މީހާ އެވެ. އެއީ އުމުރުން 26 އަހަރުގަ އެވެ. މީގެ އިތުރުން މުޅިން އަންހެން ކްރޫންނާ އެކު އެއާބަސް-300 ކުރި ދަތުރުގެ ކޮމާންޑަރަކީ ވެސް ނިވެދިތާ، 54، އެވެ.

އެހެންވެ މިއިން ދައްކުވައި ދެނީ ހަމައެކަނި ޕައިލެޓުންނަށްވުމުގެ އިތުރަށް މި "އުދުހޭ އާއިލާ" ގެ ތެރޭގައި އޭވިއޭޝަން ދާއިރާގެ ކާމިޔާބީތަކާއި ތަޖުރިބާތައް ވެސް ގިނަ ކަމެވެ.

ނިވެދިތާއި ރޯހިތުގެ ދެ ދަރިންނަކީ ވެސް ޕައިލެޓުންނެވެ. އެއީ ރޯހަން ބަސިން އާއި ނިހާރިކާ ބަސިން އެވެ. މަންމަ ފަދައިން ނިހާރަކީއަކީ ވެސް މި ދާއިރާ އިން ކުރިއަރަމުން އަންނަ އުންމީދީ ޕައިލެޓެކެވެ.

އާއިލާގެ މި ޒަމާންވީ "ވަޒީފާ" އާ ބެހޭ ގޮތުން ނިހާރިކާ އާއި ރޯހަން ބުނީ އެ މީހުން ބޮޑުވީ މުޅިން ވެސް ޕައިލެޓުންތަކެއްގެ ތެރޭގައި ކަމަށްވާތީ މީގެ ހަފަރާތް ވަރަށް ރަނގަޅަށް ފެނިފައިވާ ކަމަށެވެ.

"އެހެންވެ ބައްޕަ އާއި މަންމަ އަހަރެމެންގެ ގާތުގައި ނެތުމަކީ މައްސަލައެއް ކަމަކަށް އެއް އިރެއްގައި ވެސް ނުދެކެން،" ބޮޑުވަމުން އައި ދުވަސްވަރުގެ ހަނދާންތައް އާ ކުރަމުން ދެ ޒުވާނުން ބުނެފައިވެ އެވެ.

އެ މީހުން އަދި ބުނީ އާއިލާ އޮތީ ޕައިލެޓް ކަމަށް ހުސްވެފައިކަމުން އެ މީހުން ވެސް ބޮޑުވެގެން ކުރާނެ ވަކި އިތުރު ކަމަކާ ދޭތެރޭ ފިކުރު ވެސް ނުކުރާ ކަމަށެވެ.

ކެޕްޓަން ރޯހިތާއި ކެޕްޓަން ނިވެދިތާ އެ މީހުން ދެ ދަރިން ކަމަށްވާ ނިހާރިކާއި ރޯހަންއާ އެކު.

"އެންމެ ކުޑައިރުން ފެށިގެން ވެސް ބޭނުންވީ ޕައިލެޓަކަށް ވާން. އެ ނޫން ދާއިރާއަކުން ކުރިއަށް ދިއުމުގެ ހިޔާލެއް ނުވެސް ނެތް،" ނިހާރިކާ ބުންޏެވެ.

ރޯހަން ބުނީ އާއިލާގެ ހުރިހާ މެމްބަރުން ޕައިލެޓުންނަށްވުމަކީ ކުޑަ ޝަރަފެއް ނޫން ކަމަށެވެ. އަދި އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށް ބުންޏެވެ.

މި ދާއިރާގެ ތެރެއިން އޭނާ އަށް މިހާތަނަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ބޮއެން 787 ޑްރީމާލައިނާއެއްގައި ބައްޕައާ އެކު ކޮމާންޑް ކުރަން ތަކުރާރުކޮށް ފުރުސަތުތަކެއް ލިބުމެވެ. އެއީ މިހާތަނަށް 10 ފަހަރު އެވެ.

ޕައިލެޓުންނަށްވާތީ އާއިލާގެ ހުރިހާ މެމްބަރުން ވެސް އެހާ ބިޒީ އެވެ. ދިމާވެލަން ވަގުތުކޮޅެއް ލިބެނީ ވަރަށް މަދުންނެވެ. އެއީ މަހަކަށް ބަލައިފި ނަމަ އެންމެ ފަހެއް ނުވަތަ ހަ ދުވަހެވެ. އެކަމަކު އެއްވެލަން ލިބޭ ދަނޑިވަޅަކީ އުނދުހުގެ ތަޖުރިބާތައް ހިއްސާކޮށްލަން ލިބޭ ރަނުގެ ފުރުސަތަކެވެ.

ރޯހަން އާއި ނިހާރިކާ ވެސް ކައިވެނިކޮށް ދަރިން ހޯދާ ހިސާބުން އަނެއްކާ ވެސް "ފްލައިން ފެމިލީ" ގެ ތާރީހު ދާނީ އިތުރަށް ލިޔެވެމުން ކަމަށް ގަބޫލު ކުރެވެ އެވެ.

އިންޑިއާ ވައިގެ ދަތުރުފަތުރު

Popular