19 Aug 2017

ބީރުބޮލު ވަޒީރާއި ޖުހާ: މިއީ ކޮން ބައެއް؟

ކުއްލި ޖަވާބާއި މޮޅެތި ބުއްދީގައި ބީރުބޮލު ވަޒީރު ވައްޓައެއް ނުލެވޭނެ އެވެ. އޭނާއަށް ހައްލެއް ނުހޯދުނު ކަމެއް ނޯންނާނެ އެވެ. އެކަމަކު ޖުހާ އަކީ އޭގެ އަނެއް ކޮޅެވެ.

ކުއްލި ޖަވާބާއި މޮޅެތި ބުއްދީގައި ބީރުބޮލު ވަޒީރު ވައްޓައެއް ނުލެވޭނެ އެވެ. އޭނާއަށް ހައްލެއް ނުހޯދުނު ކަމެއް ނޯންނާނެ އެވެ. އެކަމަކު ޖުހާ އަކީ އޭގެ އަނެއް ކޮޅެވެ.

By: Niumathullah Idhurees

ކުއްލި ޖަވާބާއި މޮޅެތި ބުއްދީގައި ބީރުބޮލު ވަޒީރު ވައްޓައެއް ނުލެވޭނެ އެވެ. އޭނާއަށް ހައްލެއް ނުހޯދުނު ކަމެއް، އަދާނުކުރެވޭނެ ޒިންމާއެއް ވެސް ނޯންނާނެ އެވެ. ފެއިލްވާނީ ބީރުބޮލެއް ނޫނެވެ. އޭނާއާ މަސައްކަތް ހަވާލުކުރި މީހެކެވެ. ޖުހާ އަކީ އޭގެ އަނެއް ކޮޅެވެ. އޭނާ މަޝްހޫރީ މޮޔަ ކަންތައް ކުރާ މީހެއްގެ ގޮތުގަ އެވެ. އެކަމަކު އެ މޮޔަކަމުގެ ތެރެއިން ވެސް ދެނީ އިބުރަތްތެރި މެސެޖެވެ.

ބޯދާ "ޚިޔާލީ" ވާހަކަތަކެއްގެ ގޮތުގައި އަހަރެމެންނާ ހަމަޔަށް އައިސްފައިވާ މި ދެ ކެރެކްޓާ އަދިވެސް މަރެއް ނުވެ އެވެ. މި މީހުންގެ ވާހަކަ އަލުން ދައްކަން މި ޖެހުނީ މިދިޔަ ބުދަ ދުވަހު އިކޮނޮމިކް ޓައިމްސް އިން ޖުހާގެ ހަނދާން އާކޮށް ލިޔުނު ލިޔުމަކުންނެވެ. އަހަރެމެން ދިވެހިންނަށް އެއީ ޝައުގުވެރި ލިޔުމެކެވެ. ޖުހާގެ ވާހަކަޔާ އެކު ބީރުބޮލު ވެސް މީގެ ތެރޭ ހިމަނާލީ އެވެ.

ޖުހާ އާއި ބީރުބޮލަކީ ދެ ބައްރެއްގެ ދެ މީހުންނެވެ. ޚިޔާލީ ޝަހުސިއްޔަތެއް ކަމަށްވާ ޖުހާ އުޅެނީ މެދުއިރުމަތީގެ ވާހަކަތަކުގަ އެވެ. އެކަމަކު އަހަރެމެން ބީރުބޮލޭ މި ކިޔާ މީހާ އަކީ ހަމަ ހަގީގަތުގައި ވެސް އުޅުނު މީހެކެވެ. އެއީ މިހާރުގެ އިންޑިއާގެ މޫގާލް އެމްޕެރާގެ ރަސްކަލެއް ކަމަށްވާ އަކްބަރުގެ އަރިސް ވަޒީރެއް ކަމަށްވާ "ބީރްބަލް" އެވެ. މި ނަން ދިވެއްސަށް ބަދަލުވެގެން އައިސްފައި އޮތީ "ބީރުބޮލު" ގެ ގޮތުގަ އެވެ. އެކަމަކު އެއީ ބީރު މީހެއް ނޫނެވެ.

ބީރްބަލް އަކީ ލަވަކިޔުންތެރިއެއް އަދި ޅެންވެރިއެއް ވެސްމެ އެވެ. އެއީ 1528 އިން 1586 އާ ހިސާބަށް އުޅުނު މީހެއް ކަމަށް އިންޑިއާގެ ތާރީހުގައި ބުނެ އެވެ.

އަރަބިންގެ ޖުހާ

އިކޮނޮމިކް ޓައިމްސްގައި ބުނެފައިވާ ގޮތުން ޖުހާގެ ވާހަކަތައް އަރަބި ފޮތްތަކުގައި ލިޔަން ފެށީ ނުވަ ވަނަ ގަރުނުގެ ތެރޭގަ އެވެ. އެއީ މެދުއިރުމަތީގައި ތުންތުންމަތިން ދެކެވެމުން އައި ވާހަކަތަކެއްގައި އުޅޭ މީހެއް ކަމަށް ވަނީ ބެލެވިފަ އެވެ. އަރަބިންގެ ފަރާތުން މެޑިޓެރޭނިއަން އަށް އަދި އޭގެ ފަހުން އިޓަލީން މުޅި ޔޫރަޕަށް ޖުހާގެ ވާހަކަ ފެތުރުނީ އެވެ. ތުރުކީގައި ވެސް ޖުހާގެ ވާހަކަ ކިޔަ އެވެ. އަދި އުސްމާނީ ޚިލާފަތުގައި ޖުހާ ވަނީ ބޯލްކަން އަށް ދަތުރުކޮށްފަ އެވެ. ޖުހާ އެކި ގައުމުތަކުގެ އެކި ސަގާފަތްތަކާ މައްސުނި ވިޔަސް އަދިއަދަށްދާންދެން ވެސް އަރަބިން ޖުހާ ދޫކޮށެއް ނުލަ އެވެ.

ގަހަކަށް އަރައި އިނދެގެން، އިށީނދެ އިން ގޮފިގަނޑު ކީހާލުމާއި މަރު ނުވަނީވަސް، އޭނާ އަކީ މަރުވެފައިވާ މީހެއް ކަމަށް ގަބޫލުކޮށްގެން އުޅުން ފަދަ ކަންތައްތައް އަހަރެމެންގެ ޖުހާ ވާހަކަތަކުގައި މަޝްހޫރަސް އަރަބި ގައުމުތަކުގައި ޖުހާ އާންމުކޮށް އުޅެނީ ވަރަށް ނިކަމެތި ހިމާރެއް ގޮވައިގެންނެވެ. އަރަބިންގެ ތެރޭގައި މަޝްހޫރު، ޖުހާގެ ވައެއް ވާހަކަތައް ހުލާސާކޮށްލާނަމެވެ.

ޖުހާގެ ވާހަކަ ފޮތެއްގައި ބޭނުންކޮށްފައިވާ ކުރެހުމެއް

ވަރަށް ބާރަށް އޮއި ދެމޭ ކޯރެއްގެ އެއް ފަރާތުގައި ޖުހާ ހުއްޓާ، އަނެއް ފަރާތުގައި ހުރި މީހަކު، ކޯރު ހުރަސްކުރާނީ ކިހިނެއްހޭ، ޖުހާއަށް ގޮވާފައި އެހި އެވެ. ޖުހާ ބުނީ ކަލެޔަށް މިހާރުވެސް ތި ހުރެވެނީ ކޯރު ހުރަސްކޮށް އަނެއް ފަރާތުގައި ކަމަށެވެ.

އެހެން ވާހަކައެއްގައި ޖުހާ ބުނަނީ އިރަށް ވުރެ ހަނދު މުހިންމު ކަމަށެވެ. އެއީ ކީއްވެކަން ސާބިތުކޮށްދިނީ މިގޮތަށެވެ. ދުވާލު އަލިކަން ހުންނައިރު ކީއްކުރާ އިރެއް ހެއްޔެވެ؟ ރޭގަނޑު އަނދިރިވީމާ އަލިކަން މާބޮޑަށް ބޭނުންވާނެ އެވެ. އެހެންވެ ދުވާލު އިރު ނެތަސް އުނދަގުލެއް ނުވާނެ އެވެ. ރޭގަނޑު ހަދު ހުރިއްޔާ އަލިކަން ލިބޭނެ އެވެ.

ޖުހާގެ ވާހަކަ ފޮތެއްގެ ބޭރުގަނޑު

ޖުހާގެ ހިމާރު ގެއްލިގެން މުޅި ރަށުތެރޭގައި ހިނގަނީ އެވެ. ރަށުތެރެއިން ޖަނަވާރެއް ފެންނަ ކޮންމެ ފަހަރަކު އޭނާ ކަލާނގެއަށް ޝުކުރު އަދާކުރެ އެވެ. މީހުންނަށް މިކަމާ ހެދި ސުވާލު އުފެދިގެން ޖުހާގެ ކައިރިން އޮޅުންފިލުވި އެވެ. ހިމާރު ގެއްލިގެން އުޅޭއިރު އެ ހިމާރު ނޫން އެހެން ޖަނަވާރެއް ފެންނައިރު ޝުކުރު އަދާކުރަންޖެހޭ ސަބަބެއް ކޮބައިތޯ އެ މީހުން ސުވާލުކުރި އެވެ. ޝުކުރު އަދާނުކުރަންވީ ކީއްވެތޯ ޖުހާ އެހުމަށް ފަހު ބުނީ ހިމާރު މަތީގައި އިނދެގެން ދަތުރުކުރެވުނު ދުވަހެއް ނަމަ ހިމާރާ އެކު އޭނާ ވެސް ވާނީ ގެއްލިފައި ކަމަށެވެ.

ބީރުބޮލު ވަޒީރު (ބީރްބަލް)

އަކްބަރު ރަސްގެފާނާ ބީރްބަލްއާ ދިމާވި ގޮތުގެ ވާހަކައިން ފަށަން ހިނގާށެވެ. ޝިކާރަ ކުރެއްވުމަށް ލޯބިކުރެއްވި އަކްބަރު ރަސްގެފާނު އެއް ދުވަހަކު ޝިކާރައަށް ޖަންގަލި ތެރެއަށް ވަޑައިގެންފައި، ގަނޑުވަރު ހުންނަ އާގްރާ އަށް އެނބުރި ވަޑައިގަންނަވާނެ މަގު އޮޅިވަޑައިގަތެވެ. ކުރިމަތީގައި އޮތީ ތިން މަގެވެ. އެ ތިން މަގު ގުޅޭ ހިސާބުގައި މީހަކު ހުއްޓެވެ. ރަސްގެފާނު އެ މީހާއާ ސުވާލުކުރެއްވި އެވެ.

"މިތަނުން އާގަރްއާ އަށް ދާ މަގަކީ ކޮބާ؟" އަކްބަރު ރަސްގެފާނު އެއްސެވި އެވެ.

"މާތް ސާހިބާ. ތި ތަނުގައި އާގްރާ އަށް ދާ މަގެއް ނެތް،" އެ މީހާ ހިނިތުންވެފައި ޖަވާބު ދިނެވެ. އެއާ އެކު އެންމެންނަށް ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ރަސްގެފާނު ހައިރާންވެ ވަޑައިގެން، އެ މީހާ އެހެން ބުނީ ކީއްވެތޯ އޮޅުންފިލުއްވި އެވެ. ދެން އެ މީހާ ބުނީ މިހެންނެވެ.

"ތަންތަނަށް ދާނީ މީހުންނެވެ. މަގެއް ނޫނެވެ."

އެ ޖަވާބާ އެކު ރަސްގެފާނަށް މި މީހަކީ އާދައިގެ މީހެއް ނޫންކަން އެނގިވަޑައިގެން ނަން އެއްސެވި އެވެ. އެ މީހާ ބުނީ ނަމަކީ މަހޭޝް ދާސް ކަމަށެވެ. މި މަހޭޝް އަށް ރަސްގެފާނު ހާއްސަ ދައުވަތެއް ދެއްވާފައި ވަޑައިގަތީ އެވެ. ގަނޑުވަރުން ވަޒީރުކަން ލިބި މަހޭޝް މަޝްހޫރުވީ ބީރްބަލްގެ ގޮތުގަ އެވެ.

ބީރްބަލް

ބީރްބަލްގެ، މިހާރުގެ ދިވެހިންނާ ގުޅޭ ވާހަކައެއް މި ހިސާބުން ނަކަލުކޮށްލާނަމެވެ.

އަކްބަރު ރަސްގެފާނާއި ބީރްބަލް ރަށުތެރޭގައި ދަތުރުކުރައްވަނީ އެވެ. ދަތުރުމަތީގައި ކެބެޖް ދަނޑެއް ފެނިވަޑައިގެން، ރަސްގެފާނު ވިދާޅުވި އެވެ.

"ކެބެޖަކީ މީރު ތަރުކާރީއެއް. އަހަންނަށް ވަރަށް ކަމުދާ އެއްޗެއް،"

"ކެބެޖަކީ ތަރުކާރީތަކުގެ ރަސްގެފާނު،" ބީރްބަލް ރަސްގެފާނާ އެއްބަސްވި އެވެ.

ދުވަސްކޮޅެއް ފަހުން ހަމަ އެކަހަލަ ދަތުރެއްގައި އެއްކަލަ ކެބެޖް ދަނޑު ފެނުނެވެ. ނަމަވެސް މިފަހަރު ރަސްގެފާނު މޫނުފުޅު ހައްދަވާފައި ވިދާޅުވީ ކުރިން ކެބެޖް މީރަސް މިހާރު އެ ދެކެ ފޫހިވާ ކަމަށެވެ.

"ކެބެޖަކީ އެއްވެސް ރަހައެއްލާ ތަރުކާރީއެއް ނޫން،" ބީރްބަލް ބުންޏެވެ.

ރަސްގެފާނު ބަސްފުޅު ހުއްޓުނެވެ. އަދި ބުންޏެވެ.

"ބަލަ ކުރިން ބުނީމެއްނު އެއީ ތަރުކާރީތަކުގެ ރަސްގެފާނޭ،" ރަސްގެފާނު ވިދާޅުވި އެވެ.

"އާދެ. އެހެން ބުނިން. އެކަމަކު އަޅުގަނޑަކީ ސާހިބާގެ ޚާދިމެއް. ކެބެޖްތަކުގެ ޚާދިމެއް ނޫން."

މެދު އިރުމަތި ތާރީހް ރާއްޖޭގެ ބޯދާ ވާހަކަތައް

Popular