22 Aug 2017

ދިވެހި ކާނާ: ބޭރު ލިޔުންތެރިއެއްގެ މީރު 5

ދިވެހި ކާނާ: ބޭރު ލިޔުންތެރިއެއްގެ މީރު 5

By: Niumathullah Idhurees

މަޝްހޫރު ލިޔުންތެރިއެއް ކަމަށްވާ، ވޯގް ލިވިންގެ ކޮންޓްރިބިއުޓިން އެޑިޓަ ފްރެޔާ ހެރިން މި އަހަރުގެ ކުރީކޮޅު ރާއްޖެ އައިސް ދިވެހި ކާނާއާ ބެހޭ ގޮތުން މައުލޫމާތު އެއްކޮށްފައިވެ އެވެ. އދ. ލަކްސް ރިސޯޓްގައި އެތަނުގެ ދިވެހި ޝެފެއް ކަމަށްވާ ހަނީފް މުހައްމަދުގެ އެހީއާ އެކު ހެރިން ވަނީ ދިވެހި ބައެއް ކާނާ ތައްޔާރުކުރާނެ ގޮތް ދަަސްކޮށް އޭގެ ރެސިޕީ ވެސް ހިއްސާކޮށްފަ އެވެ.

އޮސްޓްރޭލިއާގެ "ނައިން" ވެބްސައިޓްގައި ހެރިންގް އޭނާގެ ތަޖުރިބާ ހިއްސާކުރަމުން ބުނެފައި ވަނީ ދިވެހި ކާނާ އަކީ ފަސޭހައިން ހަދާލެވޭ މީރު އެއްޗެހި ކަމަށެވެ.

މިއީ ހެރިން އަށް އެންމެ ކަމުދާ ފަސް ކާނާ އެވެ.

ބިސް ކީމިޔާ. -- ފޮޓޯ: ފްރެޔާ ހެރިން

ބިސް ކީމިޔާ

ހެރިން ބުނި ގޮތުގައި ބިސް ކީމިޔާ އަކީ އެ ހަދަން ކުރާ މަސައްކަތަށް ވުރެ ރަހައިގެ ގޮތުން މާ މީރު އެއްޗެކެވެ. އަދި މިއީ ޕާޓީއަކަށް ރަނގަޅު ސްނެކެއް ކަމަށް ވެސް ބުނެފައިވެ އެވެ.

ބޯށި މަސްހުނި. -- ފޮޓޯ: ފްރެޔާ ހެރިން

ބޯށި މަސްހުނި

ކޭލު ބޯށިން ހަދާ މި މަސްހުންޏަކީ ސެލަޑަކާއި ސަލްސާއެއް އެއްވުމުން އުފެދޭ ކާނާއެއްގެ ގޮތުގައި ހެރިން ސިފަކޮށްފައިވެ އެވެ. ސިއްހަތަށް ފައިދާހުރި އެއްޗެހިތަކެއް އަޅައިގެން ހަދާ މި މަސްހުންޏަކީ އެ ހަދާ ގޮތާއި ރަހައިގެ ގޮތުން ވެސް ވަރަށް ޝައުގުވެރި އެއްޗެއް ކަމަށް އޭނާ ބުނެފައިވެ އެވެ.

ގަރުދިޔަ. -- ފޮޓޯ: ލަކްސް

ގަރުދިޔަ

ގަރުދިޔަ އަކީ ޖަޕާނުގައި ހަދާ "މީސޯ" އާއި "ދާޝީ" ކަހަލަ އެއްޗެއް ކަމަށާއި މި ކާނާތައް މީރު ނަމަ ގަރުދިޔައިގެ އަޖުމަ ބަލައިނުލައި ދޫކޮށްލައިގެން ނުވާނެ ކަމަށް ހެރިން ބުންޏެވެ. އޭނާ ބުނީ ތާޒާ ކަނޑު މަހުގައި ގަރުދިޔަ ކައްކައި ލުނބޮޔާއި ފިޔާ އަދި މިރުސް ފަދަ ތަކެއްޗާ އެކު މިއީ އަޖައިބެއް ކަހަލަ މީރު އެކަމަކު އާދައިގެ ރެސިޕީއެއް ކަމަށެވެ. ހެރިން ބުނީ މިއީ ފިނި މޫސުމުގައި ބޯލަން ރަނގަޅު ސޫޕެއް ކަމަށެވެ.

ރޮށި. -- ފޮޓޯ: ފްރެޔާ ހެރިން

ހުނި ރޮށި

އަވަށްޓެރި ސްރީ ލަންކާއިން ދިވެހިން ދަސްކުރި އެއްޗެއް ކަމަށް ބެލެވޭ ރޮއްޓަކީ ގަރުދިޔަ އާއި މަސްހުންޏާ އެކު ކާލަން ރަނގަޅު އެއްޗެކެވެ. ލަންކާގައި "ރޮޓީ" ހަދާ ގޮތަށް ރާއްޖޭގައި ފިހާ ރޮއްޓަކީ ވެސް ހެރިން އަށް މީރު ލިސްޓުގައި ހިމެނޭ އެއްޗެކެވެ.

ސާގު ބޮނޑިބަތް

ރުކެއްގެ ކުރިގަނޑުން ނަގާ ސްޓާޗުން ހަދާ އެއްޗެއް ކަމަށްވާ "ސާގޯ" އަށް އަހަރެމެން ކިޔަނީ "ސާގު" އެވެ. ހެރިން ލިޔެފައިވާ ގޮތުގައި މިއީ 1940ގެ ތެރޭގައި އާންމުވި ކާނާއެކެވެ. އެކަމަކު މިއީ ދިވެހިރާއްޖޭގައި އަދިވެސް މަގުބޫލު އެއްޗެއް ކަމަށާއި ކާށި ކިރާއި ކާފޫރު ތޮޅި އާއި މީރު ރަހަތަކާ އެކު ދިވެހިން ކައްކާ ސާގު ބޮނޑިބަތް އަދިވެސް މަގުބޫލީ ހަމަ މީރުވީމާ ކަމަށް އޭނާ ބުނެފައިވެ އެވެ.

ދިވެހި ކާނާ ރެސިޕީ

Popular