23 Aug 2017

ދަރިފުޅު މާ ބޮޑަށް ރުޅިގަދަވަނީތަ؟

By: Aishath Mihna Nasih

ކުދިކުދި ކަންކަމާ ވެސް ދަރިފުޅު މާބޮޑަށް ރުޅިގަދަ ވުމަކީ ގިނަފަހަރު މައިންބަފައިންނަށް ވަރަށް އުނދަގޫވާ މައްސަލައެކެވެ. ނަމަވެސް ފުރާ ފުހިމަވެފައި ތިބޭ އުމުރުން ދޮށީ މީހުނަށް ވެސް މިކަން ދިމާވާ ބީދައިން ރުޅި އައުމަކީ ކުޑަކުދިންނަށް ވެސް ކުރެވޭ އިހްސާސެކެވެ. ނަމަވެސް މިފަދަ ހާލަތެއްގައި ދަރިފުޅަށް އެހީވެދީ ރުޅި ކޮންޓްރޯލް ކުރަން ދަސްކޮށް ދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.

1. އަޑު އަހާށެވެ.

އެންމެ ފުރަތަމަ ކަމަކަށް، ދަރިފުޅު ދައްކާ ވާހަކަ އަޑު އަހަމާ ހެއްޔެވެ. ރުޅިގަނޑު ކެކިފައި ހުންނައިރު އެ ބޭރުކުރާ އުދާސްތައް އަޑު ނާހައިފި ނަމަ ދެން ނުކުންނަ ނަތީޖާ މާ ގޯސް ވެދާނެ އެވެ. އެހެންކަމުން، ރުޅިއައިސްފައި އެ ހުރީ ކިތަންމެ ކޫސަނި ނޫނީ ކަމުނުދާ ސަބަބަކަށް ކަމުގައި ވިޔަސް އަޑު އަހާށެވެ. އަދި އެ ޝަކުވާތައް އަޑުއަހައި އެކަމަށް ހައްލެއް ހޯދުމުންވެސް ރުޅި މަޑުވެދާނެ އެވެ.

2. ރަގަޅު ވަގުތަކަށް އިންތިޒާރު ކުރާށެވެ.

ދައްކާ ވާހަކައަކުން އަސަރެއް ނުކުރާނަމަ އެ ވާހަކައެއް ދެއްކުމުގެ ބޭނުމެއް އެބަ އޮތްހެއްޔެވެ؟ އެހެންކަމުން އަދިވެސް މަޑު ކޮށްލާށެވެ. އެއީ އަދި ނަސޭހަތް ދޭން ކަމުގައި ވިޔަސް ނުވަތަ ދަރިފުޅު ކަންކުރީ ގޯސްކޮށްކަން ބުނެދޭން ކަމުގައި ވިޔަސް މެ އެވެ. ރުޅި މަޑުވެ، ވާހަކަ ދައްކަން ތައްޔާރު ވެއްޖެކަން ޔަގީންވަން ދެނެވެ. އެނޫންނަމަ އެ ވާހަކައެއް ދާނީ އެއް ކަންފަތުން ވަދެ އަނެއް ކަންފަތުން ބޭރަށެވެ. ނަމަވެސް ރުޅި މަޑުވުމުން އަމިއްލަ އަށް ކުށް ގަބޫލްކުރަން ވެސް ފަސޭހަވާނެ އެވެ.

3. ހަރަކާތްތެރިވެ އުޅުމަަށް ފުރުސަތު ދޭށެވެ.

ގިނަފަހަރަށް ރުޅިގަދަވުން ފަދަ އިންޓެންސް އިހްސާސްތައް ކުރާ ނަމަ އެ ކަންތައްތަކުން ދުރުވުމަށް އެންމެ ބޮޑަށް އެހީވެދޭ އެއްކަމަކީ ތަފާތު ކުޅިވަރު ތަކެވެ. ފުޓުބޯޅަ، ބާސްކެޓް ނުވަތަ ފެތުން ފަދަ ކަމަކަށް ދަރިފުޅު ޝައުގުވެރި ވާނަމަ، މިކަހަލަ ދުވަސްކޮޅެއްގައި ތަންކޮޅެއް ގިނަވަގުތު ކުޅިވަރު ކުޅުމަށް ތަނަވަސް ކޮށްދިނުމަކީ ދަރިފުޅަށް އެހީ އެކެވެ. ނުވަތަ، އަމިއްލަ އަށް ދަރިފުޅު ގޮވައިގެން ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، ގެއިން ބޭރު މާހައިލެއްގައި ދަރިފުޅާއި އެކު ވަގުތު ހޭދަކުރުމަކީވެސް އެހީ އެކެވެ.

4. އާއިލީ ގުޅުންތައް ވަރަށް މުހިންމު !

ބައެއް ފަހަރު މަންމަ ނޫނީ ބައްޕަ ކަމެއް ރަގަޅުކުރަން ބުނުމަށްވުރެ، ދައްތަ ނޫނީ ބޭބެ ބުނުމުން ކުއްޖާ އަށް އެކަމެއް ދޭހަވާލެއް މާ ފަސޭހަވާނެ އެވެ. ސަބަބަކީ އުމުރުގެ ގޮތުން އެއްވަރުވުމުން އެ ވާހަކަތައް ކިޔައިދެވޭ ގޮތް ގާތްވުމެވެ. އަދި މި ނޫނަސް، ބޮޑުދައިތަ ނޫނީ ބޮޑުބޭބެ، ދަރިފުޅާ ގާތް ނަމަ މިފަދަ ކަންތައްތަކާ ބެހޭގޮތުން ވާހަކަދެއްކުމަށް އެމީހުންނާ ހަވާލު ކުރަމަކީ ރަގަޅު ޚިޔާލެކެވެ. މިފަދަ ހާލަތްތަކުގައި ކުދިންނަށް ވެސް އެ ކުދިންގެ ވާހަކަތައް ހިއްސާކުރަން ވެސް ފަސޭހަވާނެ އެވެ.

5. ކައުންސެލިން

ރުޅި އައުމަކީ ގިނަ ހާލަތްތަކުގައި އާދައިގެ ކަމަކަށް ވިޔަސް، މާ ބޮޑަށް ރުޅިގަދަވެ ނުވަތަ ރުޅި މަޑުނުވެ މާ ގިނަ ދުވަސްވުމުން އެކަމަށް ސިއްހީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެކެވެ. ޚާއްސަ ގޮތެއްގައި، ވަކި ހާދިސާ އަކަށްފަހު، ނުވަތަ ވަކި ކަމަކާ ގުޅިގެން ދަރިފުޅު ރުޅިގަދަވާނަމަ އެންމެ ރަގަޅު ލަފަޔަކީވެސް ހަމަ ނަފްސާނީ ބަލިތަކާއިބެހޭ ޑޮކްޓަރެއްގެ އެހީ ލަސްނުކޮށް ހޯދުމެވެ. ޑޮކްޓަރުން މެދުވެރިކޮށް ދެވޭ ޚާއްސަ ތެރަޕީތަކުގެ އެހީގައި ދަރިފުޅުގެ ރުޅީގެ މައްސަލަ ހައްލުކޮށްލަން ފަސޭހަވާނެ އެވެ.

ކުޑަކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular