23 Aug 2017

ޓެލްކަމް ޕައުޑަރުން ކެންސަރު ޖެހުމުން 417 މިލިއަނުގެ ބަދަލެއް

ޓެލްކަމް ޕައުޑަރުން ކެންސަރު ޖެހުމުން 417 މިލިއަނުގެ ބަދަލެއް

By: Fathmath Aneesa

އެމެރިކާގެ މަލްޓިނެޝަނަލް ފާމާސޫޓިކަލް ކުންފުނި ޖޯންސަން އެންޑް ޖޯންސަންގެ ޓެލްކަމް ޕައުޑަރުން ކެންސަރު ޖެހުނު ކަމަށް ބުނެ މީހަކު ކުރި ދައުވާއަކާ ގުޅިގެން ބަދަލުގައި 417 މިލިއަން ޑޮލަރު ދައްކަން ކުންފުނީގެ މައްޗަށް ހުކުމް ކޮށްފި އެވެ.

ޖޯންސަންސް އެންޑް ޖޯންސަންގެ ބައެއް އުފެއްދުންތަކުން ކެންސަރު ޖެހުނު ކަމަށް ބުނެ މީގެ ކުރިން ވެސް ބޮޑެތި އަދަދުތަކުން ބަދަލު ދޭން އެ ކުންފުންޏަށް ކޯޓުން އަމުރުކޮށްފަ އެވެ. ނަމަވެސް މިފަހަރު ދައްކަން އަންގާފައި ވަނީ ރެކޯޑް އަދަދެކެވެ.

އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އިން ބުނީ ޓެލްކަމް ޕައުޑަރުން ކެންސަރު ޖެހުމުގެ ނުރައްކާ އޮތް ކަމުގެ އިންޒާރު އެ ބޭނުންކުރާ މީހުންނަށް ދިނުމުގައި ޖޯންސަން އެންޑް ޖޯންސަން ކުންފުނި ފެއިލް ވެފައިވާ ކަމަށް އަންހެން މީހާގެ ދައުވާގައި ބުނެފައިވެ އެވެ. މި އަންހެންމީހާ އަކީ 1950 ގެ އަހަރު ތަކުން ފެށިގެން 2016 ވަނަ އަހަރާ ހަމައަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް މި ވައްތަރުގެ ޓެލްކަމް ޕައުޑަރު ބޭނުން ކުރަމުން އައި މީހެކެވެ. އޭނާއަށް އޯވޭރިއަން ކެންސަރުު ޖެހުނީ 2007 ވަނަ އަހަރު ކަަމަށް، ކޯޓަށް އެމީހާ ހުށަހަޅާފައިވާ ލިޔުންތަކުން އެނގެ އެވެ.

އެޗެވޭރިޔާގެ ގާނޫނީ ވަކީލު މާކް ރޮބިންސަން އޭޕީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އެޗެވޭރިޔާ މިހާރު ވަނީ ކެންސަރު ބަލީގެ ފަހު ސްޓޭޖްގަ އެވެ. އަދި އޭނާ ދެން މާ ގިނަ ދުވަހު ދުނިޔޭގައި އޮންނާނެ ކަމުގެ އުންމީދެއް ނެތެވެ. ނަމަވެސް އޭނާ ބޭނުންވަނީ ފާއިތުވީ 20 ނުވަތަ 30 ވަރަކަށް އަހަރުއްސުރެ ޖޯންސަން އެންޑް ޖޯންސަންގެ ޓެލްކަމް ޕައުޑަރު ބޭނުންކުރުމުގެ ސަބަބުން އޯވޭރިއަން ކެންސަރު ޖެހިދާނެ މީހުން އުޅޭނެތީ އެމީހުންނަށް އެހީތެރިވާށެވެ.

ފަނޑިޔާރުން ކުރި ހުކުމްގައި ބުނެފައިވާ ގޮތުގައި 68 މިލިއަން ދޭން ޖެހެނީ ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުންނެވެ. އަނެއް 340 މިލިއަން ޑޮލަރަކީ އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުން ލިބެމުންދާއިރުވެސް އެކަށީގެންވާ ފިޔަވަޅުއަޅާފައި ނުވާތީ އަދަބެއްގެ ގޮތުން ދައްކަން ކަނޑައަޅާފައިވާ އަދަދެކެވެ.

ލުއި ސްލެމްޕް ނަމަކަށް ކިޔާ ވާޖީނިޔާގައި ދިރިއުޅޭ މީހަކު އޭނާއަށް ކެންސަރު ޖެހިފައިވަނީ މީގެ 40 އަހަރު ކުރިން ފެށިގެން ބޭނުންކުރަމުން ދިޔަ ޖޯންސަން އެންޑް ޖޯންސަންގެ ބޭބީ ޕައުޑަރާއި ޝަވާ ޓު ޝަވާ ޕައުޑާގެ ސަބަބުން ކަމަށް ބުނެ ކުރި ދައުވާއަކާ ގުޅިގެން 110 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ކޯޓުން ވަނީ ޖޯންސަން އެންޑް ޖޯންސަންގެ މައްޗަށް އަމުރު ކޮށްފައިވެ އެވެ. އަދި ޖެކީ ފޮކްސް ކިޔާ 62 އަހަރުގެ އަންހެނަކަށް 72 މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ވެސް ޖެހިފައިވެ އެވެ.

ސިއްހަތު ކެންސަރު

Popular