11 Sep 2017

ވިޓިލައިގޯ ލަދުގަންނަވާލި ސްޓައިލިޝް ޒުވާނާ

މި ސެގްމަންޓް ހާއްސަކޮށްފައި ވަނީ ޑޭވިޑް ފަދައިން ވިޓިލައިގޯއާ އެކު އުމުރުގެ ބާކީބައި ހޭދަކުރަން ޖެހިފައިވާ ޒުވާނުންނާއި އާންމުންނަށެވެ. އޭނާ މި ސިލްސިލާ އަށް ހޮވީ ހޭލުންތެރިކަން އުފައްދައި ޖެއްސުމާއި ފުރައްސާރައާ ދެކޮޅަށް އޭނާއާ އެކުގައި ތެދުވާށެވެ.

މި ސެގްމަންޓް ހާއްސަކޮށްފައި ވަނީ ޑޭވިޑް ފަދައިން ވިޓިލައިގޯއާ އެކު އުމުރުގެ ބާކީބައި ހޭދަކުރަން ޖެހިފައިވާ ޒުވާނުންނާއި އާންމުންނަށެވެ. އޭނާ މި ސިލްސިލާ އަށް ހޮވީ ހޭލުންތެރިކަން އުފައްދައި ޖެއްސުމާއި ފުރައްސާރައާ ދެކޮޅަށް އޭނާއާ އެކުގައި ތެދުވާށެވެ.

By: Ahmed Nadheem

އަނެއްކާވެސް މާލޭގެ މަގުމަތިން ފެނި ފާހަގަކުރަން ފަސޭހަވެފައިވާ މޫނެކެވެ. މިދިޔަ ހަފުތާގައި އަހަރެެމެން ގެނެސްދިން "އެންމެ ދިގު ޓީނޭޖާ" ވެގެންދިޔައީ އޭނާގެ އިސްކޮޅަށްވުރެން ވެސް "ބޮޑު" ހިޓަކަށެވެ. ކޮންމެ ހޯމަ ދުވަހަކު ގެނެސްދޭން ހަމަޖެހިފައިވާ މި ސެގްމަންޓަށް ދީފައިވާ ނަމަކީ "މޭކްއޯވާ" އެވެ. މަގުމަތިން ރެންޑަމްކޮށް ހޮވާލެވޭ އެކި ފަންތިތަކުގެ މީހުން ފެޝަންގެ ދުނިޔެއަކަށް ތައާރަފްކޮށް އަހަރެމެންގެ މޭކަޕް އާޓިސްޓުންނާއި ފޮޓޯގްރާފަރުން ބޭނުންކޮށް ބަދަލުކޮށްލަނީ އެވެ.

މިފަހަރުގެ ހޮވުމަކީ އުމުރުން 28 އަހަރުގެ އަލީ ދާއޫދެވެ. ރައްޓެހިންގެ ނަމުން ނަމަ މިއީ ޑޭވިޑް އެވެ. ފަރެސްމާތޮޑާ އަށް އުފަން މި ޒުވާނާއަކީ ވިޓިލައިގޯއާ އެކު ދިރިއުޅެން މަޖުބޫރުވެފައިވާ ޒުވާނެކެވެ. އާންމުކޮށް މާލޭގެ މަގުމަތިން އޭނާ ފެންނާނީ އޭނާއާ އެއްވަރަކަށް ކޫލު ޖީއެން ސައިކަލެއްގައި ރޫސްލާފައި ދަނިކޮށެވެ.

މި ޑޭވިޑާ އެންމެ ފުރަތަމަ ބައްދަލުވީ ހެދުން ފިހާރައަކުންނެވެ. އޭރު އޭނާ އުޅެނީ އެތަނުގައި ސޭޓަކަށެވެ. އަހަރެމެން އެ ފިހާރައަކަށް އޭރު ގޮސް އުޅުނީ ހަމަ މިގޮތަށް ސިލްސިލާއަކަށް ޖެއްސި ފޮޓޯ ސެޝަންތަކަކަށް ބޭނުންވި ހެދުންތައް ހޮވައި އެއްކުރުމަށެވެ. އަހަރެމެންނަށް އެ ހުރިހާ އެއްޗެއް ފޯރުކޮށްދިނުމުގައި ޑޭވިޑް ނިކަން ޝައުގުވެރިކަމާ އެކު އެކަމަކު ވެސް ދެން މާ ނޫންކަމަކަށް ހެދިގެން އޭރު ވެސް އުޅުނެވެ. އޭނާ އާއި ސްޓައިލާ ދެމެދު އޮތީ މިވަރުގެ ގުޅުމެއްކަމެއް އޭރަކު ނޭނގެ އެވެ.

ޑޭވިޑް ކޮފީއެއްގައި އޭނާގެ އަލިމޫނާއެކު. --ފޮޓޯގްރެފީ: މަސްރަހް

އެކަމަކު އޭރު ވެސް ނުވަތަ އަބަދުވެސް ޑޭވިޑަކީ "އެހެން އެންމެނަށް ވުރެން ރީއްޗަށް" ހެދުން އަޅައި އުޅުނު ޒުވާނެކެވެ. އެންމެ ރަނގަޅުވާނީ މިހެން ބުނިއްޔާއެވެ. މިއީ ދޮގެއް ނޫންކަން އޭނާގެ ރައްޓެހިންނާއި ދަންނަ އެކުވެރިންނަށް ވެސް އެނގޭނެ އެވެ.

ކޮންމެއަކަސް ސްޓައިލްގެ ތަޖުރިބާކާރަކަށް ޑޭވިޑް އަހަރެމެންނަށްވުރެ ކުރިން ބަދަލުވެފައިވުމުން މި ފޮޓޯޝޫޓަކަށް އަހަރެމެން ކުރަން ޖެހުނު މަސައްކަތުގެ 50 ޕަސެންޓް ގާތްގަނޑަކަށް ފުރިހަމަކޮށްދިނީ އޭނާއެވެ. މި ފަހަރުގެ ސެގްމަންޓުގައި ވެސް ސްޓައިލިސްޓަކީ ނޯނި އެވެ. އަދި ފޮޓޯގްރާފަރަކީ ކުޅަދާނަ މަސްރަހް އެވެ.

މި ފޮޓޯޝޫޓުގައި ބޭނުންކޮށްފައިވާ ހުރިހާ ހެދުންތަކެއް ސްޕޮންސާކޮށްފައި ވަނީ ރޮމްބަސްއިންނެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

މި ސެގްމަންޓް ހާއްސަކޮށްފައި ވަނީ ޑޭވިޑް ފަދައިން ވިޓިލައިގޯއާ އެކު އުމުރުގެ ބާކީބައި ހޭދަކުރަން ޖެހިފައިވާ ޒުވާނުންނާއި އާންމުންނަށެވެ. ޑޭވިޑް ފަދަ ޒުވާނަކު މި ސިލްސިލާ އަށް ހޮވުމުގެ އެންމެ ބޮޑު ބޭނުމަކީ ހޭލުންތެރިކަން އުފައްދައި ޖެއްސުމާއި ފުރައްސާރައާ ދެކޮޅަށް އޭނާއާ އެކުގައި ތެދުވުމެވެ.

ވިޓިލައިގޯގެ އެންމެ މަޝްހޫރު ދިވެހި މޫނަކީ ބަތަލާ ނިއުމާ މުހައްމަދެވެ. "ދޯ" ގެ ފުރަތަމަ އަދަދުގައި ނިއުމާ ކިޔައިދީފައިވާ ވާހަކަތަކާ އެކު އޭނާ ވެގެން ގޮސްފައި ވަނީ މި ބައްޔާ ދެކޮޅު ކެމްޕޭނެއް ރާއްޖޭގައި ފަށާ ނަމަ އެ ކެމްޕޭނެއްގެ އެންމެ އިސް ބަތަލާއަކަށެވެ. އެއަށް ފަހު މި ކެމްޕޭނުގެ ބަތަލެއްގެ ގޮތުގައި ހޮވަން ހަމަ އެންމެ ރަނގަޅު މޫނަކީ މިއީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

ވިޓިލައިގޯގެ ސަބަބުން ހަންގަނޑު ހުދުވުމަކީ ބައެއް މީހުން މުޖުތަމައިން އެކަހެރިކޮށްލާ ބިރުވެރިކަމެކެވެ. ނަމަވެސް ނިއުމާ ފަދައިން ޑޭވިޑްގެ ވާހަކަ ވެސް ތަފާތުވަނީ މީހުން ދައްކާ ވާހަކަތަކަށް ބީރުކަންފަތެއް ދީގެން އަމިއްލަ ހުވަފެންތައް ހާސިލުކުރަން ހިފާލާފައިވާތީ އެވެ.

ޑޭވިޑްގެ ގައިން ވިޓިލައިގޯގެ "ވައިޓް ޕެޗުތައް" އެންމެ ފުރަތަމަ ފެންނަން ފެށީ 2005 ވަނަ އަހަރުގެ ހިސާބެއްގަ އެވެ. އޭރު އޭނާ އުޅެނީ ރަށުން ފުރައިގެން ގޮސް ފުވައްމުލަކުގައި ކިޔަވާށެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

"ގްރޭޑް އަށެއްގައި އުޅެނިކޮށް ފުރަތަމަ ފެނުނީ. އޭރަކު ނޭނގޭ މިއީ ކޯއްޗެއް ކަމެއްވެސް،" އަބަދުވެސް ފެންނަ އަލި މޫނާއެކު ނިކަން ބޮޑަށް ހިނިތުންވެ ހުރެ ވާހަކަ ދައްކަމުން ޑޭވިޑް ފަށައިގަތެވެ.

"ފުރަތަމަ ވަރަށް ދިމާވެސްކުރާނެ ކުދިން، މީހުން ވެސް. އެކަމަކު މީހުން އެގޮތަށް ކިޔާ އެއްޗަކަށް އެއްވެސް އިރަކު ނުވިސްނަން. މިހާ ހިސާބަށް އާދެވިފައި މިހިރީ ވަރަށް ގިނަ ގޮންޖެހުންތަކެއް ވެސް ކަޑައްތުކުރެވިގެން. ވަރަށް ގިނަ މައްސަލަތައް އެބަހުރި ކުރިން ޖެހިފައި ހުރި،"

އެކަމަކު ޑޭވިޑްގެ އޮތީ ނިކަން ބޮޑު ހިތެކެވެ. އެ ހުރިހާ މައްސަލަތަކެއްވީ އޭނާގެ ހިތުގެ ފުންކަމުގައި ފޮރުވައިފަ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

"އެހުރިހާ ކަމެއް ހަނދާން ނައްތާލަފައި މިހާރު އުޅެމުން މި ދަނީ. އެހެންވީމަ ކުރިން ވެފައި ހުރި ކަންތައްތަކުގެ ވާހަކަ ދައްކައިގެން އެ ހަނދާންތަކުގެ ތެރެއަށް ދާކަށް އަހަރެން ބޭނުމެއް ނުވޭ."

ޑޭވިޑް ބުނީ ސްކޫލްގައި އުޅުނުއިރު އަދި ކިޔެވުން ނިންމާލާފައި ވެސް ހާސިލުކުރަން އޭރު ކަނޑައެޅި ބައެއް އަމާޒުތަކަށް ވާސިލުވުމަށް ކުރިމަތިވި އެއް ހުރަކަކީ ވިޓިލައިގޯ އެވެ. "ހުދު ބަލި ޖެހިފައި ހުރުމުން" އޭނާ ކުރަން އަޒުމުކަނޑައެޅި ވަރަށް ގިނަ ކަންތައްތަކުން އޭރު ކަޓައިގެން ދިޔައީ އެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

"ސްކޫލް ނިންމާލާފައި، އަމިއްލަ އަށް ނުކުމެގެން ކުރަން ބޭނުންވި ވަރަށް ގިނަ ކަންތައްތަކެއް ހުރި އޭރު. ކުޅިވަރުގައި ވެސް ކުރިއަށް ދާން ބޭނުންވި. ސްކޫލް ބޭންޑުގައި ވެސް އުޅުނިން. އެކަމަކު ވިޓިލައިގޯ އަކީ ބައެއް ހުވަފެންތަކަށް ހުރަސް އެޅުނު ކަމަކަށް ވެދާނެ އޭރު،" ޑޭވިޑް ބުންޏެވެ.

ޑޭވިޑަކީ އޭނާގެ މަންމަ އާއި ބައްޕަގެ ފަސް ކުދިންގެ ތެރެއިން ހަތަރު ވަނަ ފިރިހެން ދަރިފުޅެވެ. ވިޓިލައިގޯ ޖެހިފައިވާ އިތުރު މެމްބަރެއް އޭނާގެ އާއިލާގައި ނެތެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

"އެންމެ ފުރަތަމަ މިކަންތައް ދިމާވެގެން ޑޮކްޓަރަށް ދެއްކިން. އޭރު ދެން އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަނީ. ބޭސްތަކެއް ވެސް ދިން. ބޭސްތައް ކައިގެން މީހާއާ އެ ބޭސްތައް ނުގުޅިގެން ވެސް އުޅެން ޖެހުނު،" ބޭބެއާ އެކު ރިއަލް އެސްޓޭޓްގެ ވިޔަފާރީގެ ތެރޭގައި މިވަގުތު މަސައްކަތްކުރަމުން އަންނަ ޒުވާނާ ބުންޏެވެ.

އޭނާ ވަރަށް ވެސް ފިޓެވެ. ދުވާލުދާ ހަތަރުދަމު ބޭރުގައި ނުވަތަ ރަތްދަކަ އަވީގައި އުޅެން ޖެހުނަސް އޭނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ނަމަވެސް ޑޭވިޑަކީ އަމިއްލަ މީހާގެ ހަށިގަނޑަށާއި ސިއްހަތަށް ނިކަން ބަލައިގެން އުޅޭ ޒުވާނެކެވެ.

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

"އަހަރެން ހުރިހާ ކަމެއް ވެސް ކުރަން. ކުރަން ޖެހުނު ހުރިހާ ކަމެއް ވެސް ކުރަން،" އޭނާ ބުންޏެވެ.

"ފިޓްކޮށް ހުންނަން ވަރަށް ލޯބިކުރަން. މިހާރު ވެސް ކުޑަކޮށް ފަލަހެން ހީވާ ނަމަ އަވަހަށް ޖިމަށް ދަން. ކެއުމަށް ވެސް ވަރަށް ބަލައިގެން އުޅެނީ. އަބަދުވެސް ހެލްތީކޮށް ކެވޭތޯ ބަލަން."

ފޮޓޯގްރެފީ: މަސްރަހް | ސްޓައިލިސްޓް: ނޯނި | ވޯޑްރޯބް: ރޮމްބަސް | ސްޓޫޑިއޯ: ވައިޓް ރޫމް

ނަމަވެސް ޑޭވިޑް ބުނަނީ ވިޓިލައިގޯގެ ސަބަބުން އޭނާ އަށް މިހާރުވާ އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ. މި ފޮޓޯޝޫޓަކީ އޭނާގެ މިގޮތަށް މޮޑެލްކުރި ފުރަތަމަ ފަހަރު ކަމަށްވިޔަސް މިފަދަ ތަޖުރިބާއެއްކޮށްލަން ލިބޭ އެހެން ފުރުސަތުތަކާ އެކު ކުރިއަށްދާން ވެސް އޭނާ ހުރީ ތައްޔާރަށެވެ.

Popular