22 Oct 2017

ކުއްޔަށް ފިލްމު ދޫކުރުމުގެ ތެރެއިން ހަލާކުވި ހިތް

"އަހަރެން އެދުނީ އޮރިޖިނަލް ދީފިއްޔާމު މަށާ އެކީގައި އެއް ފަހަރު ފިލްމު ބަލަން. މަ ހީއެއް ވެސް ނުކުރަން އޭނާ އެއްބަސްވާނެ ކަމަކަށް"

"އަހަރެން އެދުނީ އޮރިޖިނަލް ދީފިއްޔާމު މަށާ އެކީގައި އެއް ފަހަރު ފިލްމު ބަލަން. މަ ހީއެއް ވެސް ނުކުރަން އޭނާ އެއްބަސްވާނެ ކަމަކަށް"

By: Ahmed Nadym

ލޯތްބައްޓަކައި ގުރުބާންވެ ފުރާނަ ދުއްވާލި އެތައް ވާހަކައެއް އަހަރެމެން އަޑުއަހައިފީމެވެ. ލައިލާ މަޖުނޫނަކާއި ރޯމިއޯ އެންޑް ޖޫލިއެޓަކުން ފެށިގެން ގޮސް ދޮންހިޔަލަ އާއި އަލިފުޅު ފަދަ ލޯބީގެ އަސަރުގަދަ އެތައް ވާހަކައެއް މިގޮތަށް ފާހަގަކުރެވިދާނެ އެވެ. އެކަމަކު ލޯބި ހާސިލުނުވެގެން އުމުރު ދުވަހު އެ ލޯތްބަށް އިންތިޒާރުކުރި މީހެއްގެ ވާހަކަ މިހާ އަސަރުގަދަކޮށް އަޑުއެހިން ހެއްޔެވެ؟ ލޯބީގައި ކުފުރު މަރަކުން ނެތިގެން ނުގޮސް އުމުރު ދުވަސް އިންތިޒާރުގެ ހޮޅުއަށީގައި ދުއްވާލި މީހެއްގެ ވާހަކަ އަޑު އެހިން ހެއްޔެވެ؟ މިއީ ގާތްގަނޑަކަށް އެކަހަލަ ވާހަކައެކެވެ.

އެއީ 90ގެ ފަހުކޮޅެވެ. މި ވާހަކައިގެ ބަތަލަކީ މާލޭގައި އެ ދުވަސްވަރު ހިންގި ނިކަން މަޝްހޫރު ވީޑިއޯ ފިހާރައެއްގައި މަސައްކަތްކުރި ޒުވާނެކެވެ. އޭނާގެ މަސައްކަތަށް ވެފައި އޮންނަނީ އެތަނުން ކުއްޔަށް ދޫކުރާ ވީއެޗްއެސް ޓޭޕްތަކަށް ފިލްމުތައް ރިކޯޑްކޮށް އެއިން ކޮޕީ ހެއްދުމާއި ފޯނު މެދުވެރިކޮށް ފިލްމުތައް ރެންޓުކުރާ މީހުންނާ ހަމައަށް ބައިސިކަލުގައި ގެންގޮސްދިނުމެވެ. ފިލްމު ބަލައި ނިމި އެ ފިލްމެއް ކުއްޔަށް ދޫކުރި މުއްދަތު ހަމަވުމުން ފިލްމުތައް ގޭގެއިން އަނބުރާ ފިހާރަ އަށް ގެނައުމަކީ ވެސް އޭނާގެ ޒިންމާއެކެވެ.

މީގެ އިތުރުން ބައެއް ފަހަރަށް ވީޑިއޯ ފިހާރައިގެ ބޮޑު ސޭޓާ އެކު އިންޑިއާ އަށް ދާން ޖެހިދާނެ އެވެ. އެއީ އަލަށް ނުކުންނަ ހިންދީ ފިލްމުތަކުގެ އެންމެ ފަހުގެ ކޮޕީތައް ހޯދައިގެން ވީ އެންމެ އަވަހަކަށް މާލެ ގެނައުމުގެ ޒިންމާ ބޮޑު ދަތުރުތަކެވެ.

އެގޮތަށް ގެންނަ އާ ފިލްމުތައް އެންމެ ފުރަތަމަ ބަލާ އެކަކީ ވެސް މި ޒުވާނާ އެވެ. އޭނާ ބުނާ ގޮތުން ނަމަ ދިރިއުޅުމުގައި އޭރު ކުރެވުނު އެންމެ ސަޅި ތަޖުރިބާއަކީ އެއީ އެވެ. އެކަމަކު އަލަށް ގެންނަ ހިންދީ މަޝްހޫރު ފިލްމުތައް ކުއްޔަށް ދިނުމުގެ ވިޔަފާރީގެ ތެރެއިން އޭނާ އަށް އެހެން ދޮރުތަކެއް ހުޅުވި ވީޑިއޯ ފިހާރާގައި އެކަނި އިނދެ ފިލްމު ބެލުމުގެ ބަދަލުގައި އެއަށް ވުރެ ރަނގަޅު އިހްތިޔާރުތަކެއް ވެސް ލިބުނީ އެވެ.

"ދެން މިކަން ވެއްޖެ މާ ސަޅި ކަމަކަށް. އެއް ރެއަކު ވީޑިއޯ ބަންދުކޮށްލާފައި ގެއަށް ދާން އުޅެނިކޮށް މި ގުޅާލަނީ ގަލޮޅުގައި ހުރި ގެއަކުން ކޮންމެވެސް އަންހެން ކުއްޖަކު. ގުޅާލާފައި މި ބުނަނީ ލިބިދާނެ ހެއްޔޭ ތި ތަނުގައި އޮތް ކުޗް ކުޗް ހޯތާހޭގެ އެންމެ ސާފު ކޮޕީ،" ހަމީދު ކިޔާލަދިނީ މިހެންނެވެ.

މިއީ އޭނާގެ އަސްލު ނަމެއް ނޫނެވެ. މި ރޯމިއޯގެ ނަމަކާއި ދެން އަންނަން އުޅޭ ޖޫލިއަޓަށް ވެސް ބޭނުންކުރާނީ އެހެން ނަމަކެވެ. އެކަމަކު މިއީ ހަމަ ލޯބީގެ ހަގީގީ ކުޅިގަނޑެކެވެ.

ބޮލީވުޑުން ފެނުނު 98ގެ އެންމެ ހިޓު އެ ފިލްމު ހޯދަން އަންހެން ކުއްޖާ ގުޅިއިރު އެތަނުގެ ހުރިހާ ކޮޕީތަކެއް ވީ އެކި މީހުން ކުއްޔަށް ގެންގޮސްފަ އެވެ. އެކަމަކު ކުޗް ކުޗް ހޯތާ ހޭގެ އޮރިޖިނަލް ޓޭޕް އެތަނުގައި އޮތެވެ. އެއީ އެއްވެސް ބަޔަކަށް ކުއްޔަށް ދޭ އެއްޗެއް ނޫނެވެ. އެހެންކަމުން އަންހެން ކުއްޖަކު މާ ދަން ގަޑިއެއްގައި އަދި އެ ފާޑަށް ގުޅާލިޔަސް އެ ޓޭޕް ދޭކަށް އޭނާ ބޭނުމެއް ނުވި އެވެ.

"ހުރިހާ ކޮޕީއެއް ވީ މީހުން ގެންގޮސްފައޭ ކިޔާފައި ފޯނު ކަނޑާލާފައި އަވަހަށް ނުކުމެގެން ދިޔައީ ދެން،" ހަމީދު ބުންޏެވެ.

އެކަމަކު ދެން ވެސް އެ ކުއްޖެއްގެ ކިބައިން ހަމީދު ސަލާމަތްވާ ގޮތެއް ނުވި އެވެ. އަރައިގެން އައި އިރާ އެކު ބައިސިކަލްގަނޑުގައި ގޭގޭ ދޮށަށް ގޮސް ވީއެޗްއެސް ޓޭޕްތައް އެއްކޮށްލައިގެން އެނބުރި ފިހާރައަށް އައި ތަނުން އަނެއްކާވެސް ޖެހުނީ އެއްކަލަ އަންހެން ކުއްޖާގެ ފޯނަށް ޖަވާބުދޭށެވެ.

"އެކަމަކު އެ ދުވަހު ހެނދުނު ގެނައި ހުރިހާ ޓޭޕުތަކެއް ހާވައި ބަލައިލިއިރު ވެސް ކުޗް ކުޗް ހޯތާހޭއެއް ނެތް. އަހަރެމެން އަތުގައި ވީ ހައެއްކަ ކޮޕީ ވެސް ގެންދިޔަ މީހުން އެ ފިލްމެއް ބަލައެއް ނުނިމޭ އޭރަކު ވެސް. އަދި ބަލައި ނިމުނު ބަޔަކު ވެސް އިތުރަށް ލާރި ދައްކައިގެން ޓޭޕު އޮޅައޮޅައިގެން ވެސް ބަލަން ބޭނުންވެފައި ތިބުމުން ކުޗް ކުޗް ހޯތާހޭވީ ފަސޭހައިން އަތުޖެހޭ ކަހަލަ ފިލްމަކަށް ނޫން،" ހަސަން ބުންޏެވެ.

އެކަމަކު މި ފިލްމެއް ހޯދަން އެވަރަކަށް މި ގުޅަނީ ކޮން ގެއެއްގައި އުޅޭ، ކޮން ނަމެއް ކިޔާ، ކިހާ ރީތި އަންހެން ކުއްޖެއްކަން އެނގުނެވެ. އެ ކުއްޖާ އޭނާއަށް ވަރަށް ކަމުދެ އެވެ. ހިތުގައި އެ ނަން ވެސް އޮވެ އެވެ. އެހެންކަމުން ދެން މ ގިނަ ދުވަސް ވަންދެން "ނޯ" އޭ ބުނަން ހަމީދަކަށް ނުކެރުނެވެ. އަސްލު "ނޯއޭ" ބުނަން ދެން ބޭނުންނުވީ އެވެ.

އެންމެ ފަހުން އޭނާ ނިންމީ ވީޑިއޯގައި އޮތް "އޮރިޖިނަލް" ކުޗް ކުޗް ހޯތާހޭ ގެންގޮސްދޭށެވެ. އެކަމަކު ޝަރުތެއްގެ މަތިންނެވެ.

"އަހަރެން އެދުނީ އޮރިޖިނަލް ދީފިއްޔާމު މަށާ އެކީގައި އެއް ފަހަރު ފިލްމު ބަލަން. މަ ހީއެއް ވެސް ނުކުރަން އޭނާ އެއްބަސްވާނެ ކަމަކަށް،" ހަމީދު ކިޔައިދިނެވެ.

އެންމެ ފަހުން މި ރޯމިއޯ އާއި ޖޫލިއަޓެއްގެ ދެމެދުގައި އަސްލަށް ވެސް "ކުޗް ކުޗް ހޯތާހޭ" ފައްކާވާން ފެށީ އެވެ. އެތައް ދުވަހެއް ވަންދެން ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެ އަންހެން ކުއްޖާއާ އެކު ފިލްމެއް ބަލައިލުމުގެ ނަމުގައި ނަމަވެސް އޭނާއާ އެކު ވަގުތު ހޭދަކޮށްލެވުމުން ހުރެވުނު ތަން ނޭނގޭ ވަރަށް އުފާވި އެވެ.

އެހިސާބުން އޭނާގެ ވީޑިއޯ ފިހާރައިގެ އެންމެ ވީއައިޕީ ކަސްޓަމަރަކަށް އަންހެން ކުއްޖާ ވި އެވެ. އެ އަހަރު ބޮލީވުޑުން ނެރުނު، ނަލަ ހުރިހާ ފިލްމަކާއި ޝާހުރުކްގެ ކޮންމެ ފިލްމެއް ވެސް އެންމެ ފުރަތަމަ ދެއްކީ މި އަންހެން ކުއްޖާއަށެވެ. އެހެން ބަޔަކަށް އޭގެ ފިލްމެއް އަތުޖެހޭވަރުވަނީ އެ އަންހެން ކުއްޖަކު އެ ފިލްމެއް ބަލައި ފޫހިވުމުންނެވެ.

ނަމަވެސް ހަމީދު ބޭނުންވި ގޮތަކަށް ހުރިހާ ފިލްމެއް އަންހެން ކުއްޖާއާ އެކު ބަލައިލެވޭ ގޮތެއް ފަހަކުން ނުވި އެވެ. އެކި ކަހަލަ އުޒުރުތައް ދައްކައިގެން އަންހެން ކުއްޖާ ކޮންމެ ފަހަރަކު ވެސް ހަމީދު ހައްދާލަނީ އެވެ. ނަމަވެސް އަންހެން ކުއްޖާ އަށް ފިލްމު ދިނުން ހުއްޓައެއް ނުލަ އެވެ.

އޭރު އޭނާގެ ހިތް ވަނީ އަންހެން ކުއްޖާ އަށް ހަދިޔާކޮށްފަ އެވެ. ނަމަވެސް ފަހުން ހަމީދުގެ ލޯބީގެ އެ ހިތް ކަތިލެވުނީ އެވެ. އެއީ "ކުޗް ކުޗް ހޯތާހޭ" ގެ މިއުޒިކް ކުޅުނީ އޭނާގެ ހިތުގައި އެކަނިކަން އެނގުނު ހިސާބުންނެވެ. އޭރު އަންހެން ކުއްޖެއްގެ ދަޅައިގައި ޖެހި އެއްވެސް އަގަކާ ނުލައި އެންމެ ފަހުގެ ފިލްމުތައް ބަލަން ގެންގޮސްދޭތާ އަހަރަކާ ގާތްވަނީ އެވެ.

މި ހިތި ހަގީގަތް ވިހަގަދަ ތީރެއްހެން ހިތަށް ހެރި ޒަހަމުވެގެން ދިޔަ ނަަމަވެސް އެކަން ގަބޫލުކުރާކަށް ހަމީދު ދެން ވެސް ބޭނުމެއް ނުވި އެވެ. އޭނާ އުއްމީދުކުރީ އަންހެން ކުއްޖާ ދެރަވެގެން ނަމަވެސް އޭނާގެ ގާތަށް އެނބުރި އަންނާނެ ކަމަށެވެ. އެހެނެއް ނުވި އެވެ. ފިލްމު ހޯދަން ގުޅުން ވެސް ހުއްޓާލީ އެވެ.

މި ހާލެއްގައި ހަމީދުގެ ހިތް ހަލާކުވެފައި ވަނިކޮށް ބިނދިބިނދިފައި މާލެ ރޯން ފެށީ "މޮހައްބަތޭން" ގެ އަސަރުގައި ޖެހިގެންނެވެ.

"އަހަރެން ހިތަށްއެރީ އެންމެ ފަހު ފަހަަރަށް ނަމަވެސް ހަދިޔާއެއް ފޮނުވާނީއޭ. ހިތަށްއަރާފައި ސީދާ އަމިއްލަ ޓޭޕަކަށް މޮހައްބަތޭންގެ ވަރަށް ސާފު ކޮޕީއެއް އަޅާލައިގެން އޭނާ އަށް ހަދިޔާއެއްގެ ގޮތުގައި ފޮނުވީ،" އޭނާގެ ލޯތްބަށް އެންމެ ފަހު ތީރު ދޫކޮށްލި ގޮތް ހަމީދު ކިޔައިދިނެވެ.

ނަމަވެސް ހަމީދަށް މަޖުބޫރުވީ އޭނާގެ ހިތުގައި ވީ "އައިޝްވާރިޔާ" ނުލިބި "ޝާހުރުކެއް" ފަދައިން ވީޑިއޯ ފިހާރައިގައި ފިލްމަކަށް ފަހު ފިލްމެއް ބަލަބަލާ އިންނާށެވެ. އޭރު ޒަމާނީ ތަރައްގީއާ އެކު ގޭގެއަށް ފިލްމު ކުއްޔަށް ގެންދިއުމުގެ ސަގާފަތް އުވެނީ އެވެ. ކުއްޔަށް ފިލްމު ގެންދާ މީހުންގެ އަދަދު ވެސް މަދުވީ އެވެ.

ވީސީޑީ ތައާރަފުވެ، ކޮންމެ ގެއެއްގައި އޭގެ ޕްލޭޔަރެކެވެ. ވީޑިއޯ ފިހާރަ ބަންދުކުރަން ޖެހުނީ އެވެ. އެހާ ހިސާބަށް ދިޔަ އިރު ވެސް ހަމީދަށް އޭނާގެ ޖޫލިއަޓް ލިބޭ ގޮތެއް ނުވި އެވެ. އެކަމަކު އޭނާގެ އެ ލޯބި އަދިވެސް އޮތީ އެހެންނެވެ.

Popular