13 Sep 2017

ޓޮޕް 10 މޭކަޕް އާޓިސްޓުން: އެންމެ ކަމުދަނީ ކާކު؟

ޓޮޕް 10 މޭކަޕް އާޓިސްޓުން: އެންމެ ކަމުދަނީ ކާކު؟

By: Ahmed Nadheem

މިސްރުގެ ފިރުޢައުނުން ރަސްކަންކުރި ގަނޑުވަރުތަކަކީ ޒަމާނީ މޭކަޕްގެ މައި ދަރުބާރެވެ. އެ ޒަމާނަށް ބަލާއިރު އެންމެ ގަދަ އަށް މޭކަޕްކޮށް ދިވެހިންގެ ހިތްތަކުން ޖާގަ ހޯދާފައިވާ އެންމެ ބޮޑު ޝަހުސިއްޔަތަކީ މަޝްހޫރު ހާމާނެވެ. ކިތަންމެ ނުބައި ނުލަފާ އާދަމުގެ ދަރިއަކަށްވިޔަސް އޭނަގެ މޭކަޕްވީ މި ޒަމާނުގައި ވެސް އަހަރެމެން ހައިރާންކޮށް އަޖާއިބުކޮށްލި ކުލަތަކަކަށެވެ.

އޭގެ ފަހުން ވެސް މިހާރު ތިން ހާސް އެތައް ސަތޭކަ އަހަރެއްވީ އެވެ. މޭކަޕްގެ މި ތާރީޚް ވަރަށް ވެސް ދިގެވެ. މިއަދާ ހަމަ އަށް އައިއިރު މިއީ މަލްޓިބިލިއަން ޑޮލަރުގެ ބޮޑު އިންޑަސްޓްރީއެކެވެ. މި އޮއިވަރެއްގައި ޖެހި ރާއްޖޭގައި ވެސް މި ދަނީ މަޑުމަޑުން ނަމަވެސް މޭކަޕްގެ "މައި ދަރުބާރެއް" ނުވަތަ އިންޑަސްޓްރީއެއް އުފެދެމުންނެވެ. މާލެއިން ލިބެން ހުރި ހިދުމަތްތަކަށް ބަލާއިރު އެންމެ އަގުބޮޑު ހައެއްކަ ހިދުމަތުގެ ތެރޭގައި މޭކަޕްކޮށްދިނުމާއި ރީތިކޮށްދިނުން މިއަދު ހިމެނުމަކީ މިކަން ސާބިތުކޮށްދޭ ކަމެކެވެ.

އެކަމަކު މީހުން ބުނާ ވާހަކައެއް އޮވެއެއް ނޫން ހެއްޔެވެ؟ މޮޅު، ބުރަ އަދި ހުނަރުވެރި ކަމެއްގައި ވަރަކާއި އަގެއް ހުންނަން ޖެހޭނެއެވެ.

ދެން މި އޮތީ އެންމެ ހުނަރުވެރި ނުވަތަ އެންމެ މަގްބޫލު 10 މޭކަޕް އާޓިސްޓުންގެ ވާހަކަ އެވެ. މިފަހަރު މި އޮތީ ތަރުތީބުކޮށްލާފައިވާ ލިސްޓަކަށް ވުރެ ބޮޑަށް އާންމުންގެ މެދުގައި އެންމެ މަގްބޫލު ކަމަށް ފާހަގަކުރެވޭ 10 އާޓިސްޓުންގެ ލިސްޓެކެވެ. ލިސްޓް ތަރުތީބުކޮށް ވަނަ ދޭނީ ކިޔުންތެރިންނެވެ.

ޖަސްޓިން

ޖަސްޓިން:

ހުސެއިން އަނީސަކީ ކާކުތޯ ސުވާލުކޮށްފި ނަމަ އެއީ ކާކުކަން ބުނެދޭން ނޭނގިދާނެ އެވެ. އެކަމަކު ޖަސްޓިން އަކީ ކާކުތޯ ސުވާލުކޮށްފި ނަމަ އޭނާ ސިފަކޮށްދޭން ދެން ވަރަށް ފަސޭހަވީ އެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި މޭކަޕް އާޓިސްޓަކީ މިއީ އެވެ. އެންމެ މަގްބޫލު އަދި އެންމެ މަޝްހޫރު މޭކަޕް އާޓިސްޓުންގެ ތެރޭގައި ޖަސްޓިން މިއަދު ހިމެނެ އެވެ.

ދުވާލުދާ ހަތަރުދަމު އެޕޮއިންޓްމަންޓްތަކަށް އެޓެންޑްކުރުމަށް މާލޭގެ އެއްތަނުން އަނެއް ތަނަށް ދުވެލަދުވެލަ އުޅޭ މި ޒުވާނާ އޭނާގެ މޭކަޕް ފޮއްޓާއެކު މި ހަލުވިމިނުގައި ހަރަކާތްތެރިވާތާ މިހާރު ގާތްގަނޑަަކަށް 10 އަހަރުވީ އެވެ.

އެންމެ ގިނަ ބަޔަކު ޖަސްޓިން އަށް ކުރާ ތައުރީފަކީ އޭނާގެ މަސައްކަތުގައި ހުނަރުވެރިވެފައި ސްޕީޑް އަވަސް ވާހަކަ އެވެ.

އޭނާ ފުލް ބްރައިޑަލް މޭކަޕެއް (އެއީ ހެއާއާއެކު) ކޮށްދެނީ 1500ރ. އަށެވެ. އާދައިގެ މޭކަޕެއް އަޅާލަދޭ އަގަކީ 350ރ. އެވެ. ޖަސްޓިން ގޮވައިގެން ފޮޓޯޝޫޓަކަށް ގެންދާ ނަމަ ހަތަރު ގަޑިއިރަށް އޭނާ ޗާޖުކުރަނީ 2500ރ. އެވެ. އެއަށް ފަހު އިތުރުވާ ކޮންމެ ގަޑިއިރަކަށް 100ރ. ވެސް ނަގަ އެވެ.

މިފަދަ ރޭޓުތަކެއްގައި މޭކަޕްކޮށްދޭއިރު ޖަސްޓިން އަކީ "ސްޕެޝަލް މޭކަޕް" އަދި ކޮސްޕްލޭ މޭކަޕާއި ކޮސްޓިއުމް އަމިއްލަ އަށް ތައްޔާރުކުރުމުގައި ވެސް އެފަދަ ދެ ވަނައެއް ނެތް ހުނަރުވެރިއެކޭ ބުނެވިދާނެ އެވެ.

ބަލްގީސް

ބަލްގީސް:

މިއީ "ކުއީން އޮފް ޝީބާ" އެއް ނޫނެވެ. އެކަމަކު ފަހަރުގައި ދިވެހިންގެ މޭކަޕްގެ ދަރުބާރުގައި ތަހުތަށް އަރައިހުރީ ޒުވާން މި އަންހެން މޭކަޕް އާޓިސްޓޭ ބުނެވިދާނެ އެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އޭނާ ދެއްކި ހުނަރުވެރިކަމާ އެކު މަގްބޫލުކަމާއި މަޝްހޫރުކަމުގެ ރޭހުގައި އަރައިގެން ގޮސްފައި ވަނީ އެހައި ވެސް މައްޗަށެވެ.

ބަލްގީސް އަކީ ފެޝަނާއި މޭކަޕްގެ ދިވެހި ދަރުބާރުން ލިބެން ހުރި އެންމެ ފުރިހަމަ އެއް ޕެކޭޖެވެ. މި ތަހުތު އަޅައިގެން ހުރީ އައިޝަތު ދީމާ އެވެ.

ދީމާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އޭނާގެ ބްރައިޑަލް ޕެކޭޖުތަކަށެވެ. ބައެއް މޭކަޕް އާޓިސްޓުންނާ ހިލާފަށް ދީމާގެ "ބަލްގިސް" ސްޓޫޑިއޯ އަކީ އެތަނުގެ ސައިޒަށް ބެލުމެއް ނެތި ހުރިހާ ހިދުމަތެއް ވެސް އެއްފަހަރާ ދިނުމުގެ ގާބިލުކަން ހޯދާފައިވާ ތަނެކެވެ. އެގޮތުން މޭކަޕްކޮށް ހެއާ ހަދައިދޭއިރު ބޭނުންވާ ވައްތަރަކަށް ހިޖާބު އަޅުވައިދިނުމާއި ނަލަވާން ދެން ވެސް ބޭނުންވާނޭ އިތުރު އެހެން އެކްސެސަރީސްތައް ތައްޔާރުކޮށްދިނުމަކީ ވެސް އޭނާގެ މަސައްކަތެކެވެ.

ބަލްގީސް އަކީ ޔަގީނަށް ވެސް މި ލިސްޓުގައި ހިމެނޭ އެންމެ ބޮޑު ހިޓެވެ.

މީކާއީލް:

އެންމެ ގާތް ރައްޓެހިން ދަންނަ ނަމުން ނަމަ މައިކް އަކީ އޭނާގެ އެކުވެރިއެއްގެ ސެލޫނެއްގައި މަސައްކަތްކުރަމުން މި ދާއިރާގައި ވަރުގަދަ އަށް ފައި ވިއްދާލާފައިވާ ޒުވާނެކެވެ. ރޮކް ޕޭޕާ ސިޒާސްގެ ނަމުގައި އޭނާ މިހާރު ހިދުމަތް ދެމުން އަންނައިރު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ބައެއްގެ މެދުގައި ހޯދާފައިވާ މަގްބޫލުކަން ފާހަގަކޮށްލެވެ އެވެ.

މީކާއިލްގެ އެންމެ ހާއްސަ ސިފައެއް ކަމަށް ގިނަ ބަޔަކު ބުނަނީ "ފްލެކްސިބިލިޓީ" އެވެ. މީގެ އިތުރުން މާ ކަންތައް ބޮޑުނުކޮށް "ސިމްޕަލް އެކަމަކު ސްޓައިލިޝް" ހިދުމަތެއް ދިނުމަށް އޭނާ ކުރާ މަސައްކަތް ވެސް ކްލައިންޓުން ފާހަގަކުރެ އެވެ.

މި އަހަރުގެ އެޕްރީލް މަހު އަމިއްލަ ސެލޫނެއްގައި ހިދުމަތް ދޭން ފެށި މި ހުނަރުވެރިޔާގެ ބްރައިޑަލް ޕެކޭޖު ފެށެނީ 1650ރ. އިންނެވެ. އެކަމަކު އޭނާ ބުނީ ހުރިހާ އަގުތަކެއް ވެސް ބިނާވާނީ ހިދުމަތް ހޯދަން ބޭނުންވާ ފަރާތުގެ ބޭނުންތަކަށް ކަމަށެވެ.

ސްޓައިލޯ

ސްޓައިލޯ:

ސްޓައިލޯ އަކީ ސެލެބްރިޓީންނާއި އާންމުންގެ މެދުގައި ވެސް ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސެލޫނެކެވެ. މި ނަމުގެ ފަހަތުގައި ހުރި ހުނަރުވެރިއަކީ ފާތިމަތު ޝްރޭޔާ އެވެ. މީގެ ހައެއްކަ އަހަރު ކުރިން އޭނާ ސްޓައިލޯއާ އެކު މީހުން ރީތިކޮށް ނަލަކުރުމުގެ ވިޔަފާރީގެ ތެރެއަށް ވަނީ ރީތިވުމަކީ ހަމައެކަނި ވަކި ޖިންސަކަށް ހާއްސަވެފައިވާ ކަމެއް ނޫން ކަމަށް ގަބޫލުކުރިކުރުމާއިގެންނެވެ.

ޝްރޭޔާގެ "ސްޓައިލޯ" އަކީ ވީހާވެސް "ނެޗުރަލް" އެކަމަކު ހިތްގައިމު މޭކަޕެއް އަޅައިދިނުމެވެ.

ބްރައިޑަލް ފުލް ޕެކޭޖެއްގެ އަގު އޭނާގެ ސެލޫނުން ފެށެނީ 2000ރ. ގެ ރޭޓުންނެވެ.

ނަސޫ އާއި އުނޫޝާ.

ނަސޫ:

ތިޔައީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާގެ ފަސްފަހަށް ސޯޝަލް މީޑިއާގައި ބަލަމުން ދުވަމުން ގެންދާ މީހެއް ކަމުގައި ވަނީ ނަމަ ނަސްމާ އަބްދުﷲ (ނަސޫ) އެއްގެ ހުނަރުވެރިކަން ވާނީ ފެހި އަޝޯހުވެފަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ދެ ސީޒަނުގައި ވެސް މޭކަޕާއި ހެއޭގެ ރޭހުގައި އުނޫޝާ އަށް އެއް ވަނަ ހޯދައިދިން ހުނަރުވެރިއަކީ މިއީ އެވެ.

ރަސްމީކޮށް މޭކަޕް އާޓިސްޓަކަށް ނަސޫ ބަދަލުކޮށްލީ 2009 ވަނަ އަހަރުގައި އޭނާ ވީޓީވީގައި އަދާކުރަން ފެށި ވަޒީފާ އެވެ. އެތަނުގައި އެންމެ އާދައިގެ ނިއުސް ކާސްޓަރުންގެ މޫނުތަކުން ފެށިގެން ގޮސް މިއަދު މި ރާއްޖޭގައި އޭނާ މޭކަޕްކޮށް ނަލަނުކޮށްދޭ ރައީސަކު ވެސް ނެތެވެ.

ނަސޫ އޭނާގެ މޭކަޕްގެ ހިދުމަތް ސިފަކޮށްދެނީ "ސިމްޕްލިސިޓީ އާއި އެލެގަންސް" އިންނެވެ.

ރިޒް

ލޭކޮކާ ރިޒް:

ލޭކޮކާ އަކީ ދިވެހިންގެ މޭކަޕްގެ ދަރުބާރަށް ހުނަރުވެރިކަމުގެ ގަދަ ރޯޅިއަކާ އެކު ވެރިވެގަނެފައިވީ އެންމެ މަގްބޫލު އެއް ނަމެވެ. މި ފަހުރުވެރި ނަމުގެ ފަހަތުގައި ހުރި ތަޖުރިބާކާރަކީ ރިޒްނާ އަހުމަދެވެ. ރާއްޖޭގެ މޭކަޕްގެ ވިޔަފާރީގެ މާ ބަގީޗާގައި ފޮޅުނު އެންމެ ފަރި މަލަކީ މިއީ އެވެ. އަދި އޭނާ އަކީ މިއަދު މި ފެންނަ ޒުވާން ގިނަ މޭކަޕް އާޓިސްޓުން އެގޮތުގައި ފައްކާކޮށް ނެރުމުގެ ވަރަށް ބޮޑު ކްރެޑިޓެއް ވެސް ލިބޭ ފަރާތެކެވެ. މިސާލަކަށް މަތިން ފާހަގަކުރެވިގެން އެދިޔަ ނަސޫ ވެސް މޭކަޕަށް ހިތްޖެހުނު އެއް ސަބަބަކީ މި ކުލަގަދަ ލޭކޮކާއެވެ.

މާލޭގައި ތިބި މޭކަޕް އާޓިސްޓުންނަށް ބަލާއިރު އެންމެ ސެލެބްރޭޓެޑް ނަމަކަށް ވާނީ ޔަގީނަށް ވެސް ރިޒްއެވެ.

ރުތުބާ

ރުތުބާ:

ބައެއް މީހުން ރުތުބާ އަހްމަދު ދަންނަނީ ސްޕެޝަލް އިފެކްޓްސް މޭކަޕް އާޓިސްޓެއްގެ ގޮތުގަ އެވެ. ނުވަތަ ލެއިން ތަތްތެޅިފައިވީ ގުރުސަމް މޭކަޕަށެވެ. އެކަމަކު އޭނާ އަކީ ބްރައިޑަލް މޭކަޕާއި އެހެނިހެން ހަފުލާތަކަށް ހާއްސަ މޭކަޕްގެ ވިޔަފާރީގައި ވެސް ނަން ހިނގާ ނަމެކެވެ.

އޭނާ މި ދާއިރާގައި މަސައްކަތްކުރާތާ މިހާރު ފަސް އަހަރުވީ އެވެ. ރަސްމީ ތަމްރީނުތަކެއްގެ ބަދަލުގައި ރުތުބާ އަކީ އޭނާގެ އަމިއްލަ ހުނަރުވެރިކަމުގައި އަމިއްލަ އަށް މި ދާއިރާގައި ފައިތިލަ ސާބިތުކުރަމުން އަންނަ ހުނަރުވެރިއެކެވެ. އަމިއްލަ އަށް މޭކަޕްކޮށް ނޫޅޭ ހަނދާނެއް ނެތްއިރު އޭނާ މިހާރު ކޮށްދޭ މޭކަޕްތަކަކީ ވެސް ހަނދާން ނައްތާލަން ފަސޭހަ މަސައްކަތްތަކެއް ނޫނެވެ.

ފުލް ބްރައިޑަލް މޭކަޕް ރުތުބާ ފަށާ އަގަކީ 1050ރ. އިންނެވެ. އެހެން ހަފުލާތަކަށް މޭކަޕްކޮށްދޭ އަގުތައް އުޅެނީ 500ރ. އާއި 600ރ. އާ ދެމެދުގެ އަގުތަކުގަ އެވެ.

އަމާނީ

އަމާނީ:

އަޒީޒާ އަމާނީ އަހުމަދު ނުވަތަ ރައްޓެހިން އޭނާ ދަންނަ ނަމުން ނަމަ އަމާނީ އަކީ މި ދާއިރާގައި މަސައްކަތްކުރާތާ ގާތްގަނޑަކަށް ހަތް އަހަރުވެފައިވާ ޒުވާން އާޓިސްޓެކެވެ. އެކަމަކު ލޯކަލް މާކެޓަށްވުރެ ބޮޑަށް އަމާނީގެ ގިނަ ވަގުތު އޭނާ ހާދަކުރަނީ ރިސޯޓް މާކެޓްގަ އެވެ.

މެއިންސްޓްރީމްގައި މަސައްކަތްކުރާ ގިނަ މޭކަޕް އާޓިސްޓުންގެ ތެރެއިން އަމާނީ ފާހަގަކޮށްލެވެނީ އޭނާގެ ހިދުމަތަށެވެ. ވަކިން ހާއްސަކޮށް އޭނާގެ "ޓްރިއަލް މޭކަޕް އޮޕްޝަން" ފާހަގަކޮށްލެވެ އެވެ. އެއީ އެމީހަކު ހިތްހަމަޖެހޭ ކުލަތަކަކާއި ޝޭޑުތަކެއް ދެނެގަނެ ބޭނުން ގޮތަށް މޭކަޕްކުރުމަށް ހާއްސަކޮށްފައިވާ ޕެކޭޖެކެވެ. މި ޕެކޭޖުގެ އަގަކީ 1500ރ. އެވެ. އަމާނީ ބުނަނީ އެ ޕެކޭޖު ނަގާ ކްލައިންޓެއްގެ ހިތް ފުރިގެން ބަންޑުންވަންދެން މޭކަޕްކުރަންވީ ކަމަށެވެ.

ހިޖާބާ ނުލައި އޭނާ ބްރައިޑަލް މޭކަޕެއް ކޮށްދެނީ 650-800ރ. އާދެމެދުގެ އަގުތަކެއްގަ އެވެ.

ޖުމާ

ޖުމާ:

ޖުމާ ނުވަތަ އިސްމާއިލް ޖުމައިހް އެވެ. މިއީ ފަހަރެއްގައި މި ލިސްޓުގައި ހިމެނޭ އެންމެ "ކޮމްޕްލީޓް" އާޓިސްޓެވެ. އޭނާގެ ހާއްސަ ހުނަރަކީ ހަމައެކަނި ހަފުލާއަކަށް މޭކަޕްކޮށްދިނުމެއް ނޫނެވެ. މޭކަޕްކޮށް ހެއާ ހަދައިދިނުމުގެ އިތުރުން ސްޕެޝަލް އިފެކްޓްސް މޭކަޕާއި ފެޝަން ޑިޒައިނިންގައި ވެސް މިއީ މަޝްހޫރު ނަމެކެވެ.

ބްރައިޑަލް މޭކަޕާއި ހަފުލާތަކަށް ހާއްސަ މޭކަޕަށްވުރެން ޖުމާގެ މަސައްކަތް ބޮޑަށް ފެންނަނީ ބޮޑު އިސްކިރީނުންނެވެ. ނަމަވެސް މިއީ މާލޭގެ އެންމެ މަގްބޫލު ނުވަތަ ހުނަރުވެރި މޭކަޕް އާޓިސްޓުންގެ ލިސްޓެއް އެކުލަވައިލާ ނަމަ އެ ލިސްޓެއްގައި ކޮންމެހެން ވެސް ހިމަނަން ޖެހޭ ވަރުގެ ނަމެކެވެ.

ބިޝާރާ

ބިޝާރާ:

ބްލަޝް ރީބްރޭންޑްކޮށް ބިޝާރާ ހަސަން ވަހީދު މިހާރު މޭކަޕްގެ ފިހިން ހިދުމަތް ދެނީ "ބިޝާ" ގެ ނަމުގަ އެވެ. އެހެން އާޓިސްޓުން އެމީހުން ހުނަރު ދައްކަން މީސް މީހުން މޭކަޕް އެމީހުންގެ ފޭސްބުކް ޕޭޖުތަކަށް ލައި އުޅުނަސް ބިޝާރާގެ ޕްރޮމޯޝަނަލް ޕޭޖުތަކުގައި އެންމެ މަޝްހޫރު މޫނަކީ ވެސް ބިޝާރާއެކެވެ. އެކަމަކު އެއީ މައްސަލައެއް ނޫނެވެ. މިއީ ވެސް މި ދާއިރާއިން ފާހަގަކޮށްލެވޭ ވަރުގަދަ ޓެލެންޓެކެވެ.

އެހެންވީމަ ބުނެބަލާށެވެ. އެންމެ ކަމުދަނީ ކާކު ހެއްޔެވެ؟ ލިސްޓުގައި ހިމަނަން ޖެހޭ ނަމެއް ކަޓައިގެން ހިނގައްޖެ ހެއްޔެވެ؟

Popular