19 Sep 2017

ރާއްޖޭގެ ގުޅުންތައް: ހިތް ފަޅައިގެންދާ އެހެން ލޯބި

ރާއްޖޭގެ ގުޅުންތައް: ހިތް ފަޅައިގެންދާ އެހެން ލޯބި

ދުނިޔޭގެ އެންމެ ވަރި ގިނަ ގައުމަށް ދިވެހިރާއްޖެ ވުމަކީ ލިބިފައިވާ ދެރަ، އެހެންނަމަވެސް ކޮންމެވެސް ވަރެއްގެ ލަގަބަކެވެ. އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް ކޮންމެ 1000 މީހުންގެ ތެރޭގައި 11 ވަރި ހިނގުމަކީ ހަގީގަތުގައި ލަދެކެވެ. ރާއްޖެއާ އެންމެ ކައިރިން ވާދަކުރާ ބެލަރޫސްގައި ވެސް އަހަރެއްގެ މައްޗަށް 1000 މީހުންގެ ތެރޭގައި ހިނގަނީ އެންމެ ހަތަރު ވަރަކަށް ވަރި އެވެ.

ވަރި މިހާ އާންމުވީ ކީއްވެ ހެއްޔެވެ؟ ބޭވަފާތެރި ވާތީ އެވެ. ދެ މީހުން އެކަކު އަނެކަކަށް ރަނގަޅަށް ނޭނގޭތީ އެވެ. ދުވަސްކޮޅަކަށް ފަހު ދެމަފިރިންގެ ގުޅުން ހީނަރުވެ ދުރުވާތީ އެވެ.

މިއީ އާންމު އަދި އެންމެން ވެސް ދަންނަ ފަރިތަ ވާހަކަތަކެކެވެ. މިއާ ޚިލާފަށް، އަހަރެމެން މާ ބޮޑަށް ސަމާލުކަން ނުދޭ އެހެންނަމަވެސް އާއްމު މައްސަލަ އެއްވެސް މިކަމުގައި ވެއެވެ. ހިތުގެ ހާލިސްކަމާ އެކު ފިރިމީހާ އެހެން އަންހެނުންނަށް މާ ބޮޑަށް އޯގާތެރިވެ އަޅާލުމެވެ.

ގަބޫލުކުރަން ތަންކޮޅެއް އުނދަގޫވި ނަމަވެސް، މިއީ އެތައް ދިވެހި ކައިވެންޏެއް ރޫޅިގެން ދިޔަ ސަބަބެކެވެ. ކުށަކީ ކޮބައިހެއްޔެވެ؟ ކުށްވެރިއަކީ ކާކުބާވަ އެވެ؟

މާރިޔާ އުޅެމުން ދިޔައީ އޭނާގެ ފިރިމީހާ މުސްތޮ އާ އެކު ނިކަން އުފަލުގަ އެވެ. ނޫނީ އޭނާ ހީކުރީ އެހެން ކަމަށެވެ. އެ ދެ މީހުން ދިމާވީ، އީދު ޗުއްޓީ އަށް މާރިޔާ އައްޑު އަށް ކުރި ދަތުރެއްގަ އެވެ. ދެ މީހުންގެ ގުޅުން ފަރިވެ ފައްކާވެގެން ދިޔައީ ނުހަނު އުފަލާއި މަޖަލުގަ އެވެ. ތުނޑި ކައިރީގައި ހޭދަކުރި ފިނި ހަވީރުތަކާއި ލިންކް ރޯޑްގައި ފިނިބުރު ޖެހުމާއި، ކެފޭ އާއި ރެސްޓޯރެންޓްތަކުގަ އެވެ. މާރިޔާ މާލެ އެނބުރި އައުމުން ދެ މީހުންގެ ލޯބި އިހުނަށްވުރެ ވަރުގަދަވި އެވެ. ދަންވަރުގެ ދިގު ފޯނުކޯލުތަކުގައި ދެކެވުނު އިންތިޒާރުގެ ފޮނި ވާހަކަތަކާ އެކު ފޮޅުނު ލޯބީގެ އެކި މާމަލުންނެވެ.

ތިން މަސް ފަހެވެ. މާރިޔާ ކައިރީގައި ކައިވެނި ކުރުމަށް މުސްތޮ އެދުނެވެ. މާރިޔާ ގަބޫލު ވެސް ކުރި އެވެ. އުފަން މާލޭގެ ރައްޔިތެއް ކަމަކު، އާއިލާގެ އަމިއްލަ ބޯހިޔާވައްސެއް ނެތުމުން، އައްޑޫ މީހަކު މާލޭ ގޯއްޗަކަށް ދަހިވެތިވެގެން ކުރާ ކައިވެންޏެކޭ ބުނެވޭނޭ ޖާގައެއް ނެތްތާ އެވެ. ދެ ފަރާތު އާއިލާގެ ރުހުމާ އެކު ކައިވެނީގެ ސިއްކަ ޖެހިއްޖެ އެވެ.

ފުރަތަމަ އަހަރު ފާއިތުވެ ހިނގައްޖެ އެވެ. ދެ މީހުންގެ ލޯތްބަކަށް ކުޑަ ނަމަވެސް ބަދަލެއް ނާދެ އެވެ. މިގޮތުގައި ދެ އަހަރު ފާއިތުވެ، ތިން ވަނަ އަހަރު އެ ދެ މީހުންނަށް ދަރިއަކު ވެސް ލިބިއްޖެ އެވެ. މާމުއި ހަނދުވަރުގެ ދުވަސްތައް ބަދަލުވެ، ހަގީގީ ދިރިއުޅުމުގެ ރަހަ އަރު ތެރޭގައި ލާން ފެށީ މި ހިސާބުންނެވެ.

ގިނަ ވަގުތުތަކެއް މުސްތޮ އޭނާގެ ރައްޓެހި ގުރޫޕަކާ އެކު ހޭދަކުރަން ފެށި އެވެ. މާރިޔާ އަށް އެއީ ކޮން ބައެއްކަން ރަނގަޅަކަށް ނޭނގެ އެވެ. ނަމަވެސް ކަންބޮޑުވާން ފެށީ މުސްތޮ މާލަހުން ގެއަށް ދާން ފެށުމުންނެވެ. މިކަމާ ބެހޭގޮތުން ސުވާލުކުރުމުން މުސްތޮގެ އަބަދުގެ ވެސް 'ބަހަނާ'އަކީ ރައްޓެހިންނާއި ވަޒީފާ އެވެ. ކޮންމެއަކަސް މައްސަލަގަނޑު ބޮޑުވެ ކެކެން ފެށީ، މުސްތޮ އަންނަ ގަޑި ލަސްވަމުން ގޮސް މެންދަން ފާއިތުވާއިރު ވެސް ގެއަށް ނުދެވެން ފެށި ހިސާބުންނެވެ. އެތައް ދުވަހެއް ވަންދެން ކުރި ޒުވާބުތަކަކަށް ފަހު، އެންމެފަހުން މުސްތޮ ހަގީގަތް ހާމަކުރި އެވެ. ނަމަވެސް އަޑުއަހަން ވަކި ފަސޭހަ ވާހަކައެއް ނޫނެވެ.

މުސްތޮގެ މި އުޅުމުގެ ފަހަތުގައިވީ އަންހެން ކުއްޖެކެވެ. އެ އަންހެން ކުއްޖާ ޕާޓީ ކުރުމުގައި އުޅުނު ހުތުރު ގޮތް ދޫކޮށްލާ އެނބުރި ރަނގަޅު މަގަށް ރުޖޫއަ ވުމުން އޭނާ އެ ގޮތުގައި ބެހެއްޓުމަށްޓަކައި، މުސްތޮ އޭނާ އާއި ކައިވެނި ކުރަން ބޭނުންވާ ކަން މާރިޔާ ގާތު ހާމަކުރި އެވެ. އަދި އެއީ އިތުރު އެހެން އެއްވެސް ބޭނުމެއް ނެތި، ހަމައެކަނި އެ އަންހެންކުއްޖާ އަށް އެހީވުމަށްޓަކައި ކޮށްދޭ ކަމެއް ކަމުގައި ބުންޏެވެ.

ކޮންމެއަކަސް މި ހިތްދަތި ޚަބަރާ އެކީ މާރިޔާ ހިތް ފަޅައިގެން ދިޔަ އެވެ. މުސްތޮ ކައިރިން ވަރިވާން ބޭނުންވި އެވެ. ނަމަވެސް މުސްތޮ އެކަމަކަަށް އެއްބަހެއް ނުވެ އެވެ. މާރިޔާއަކީ އޭނާގެ ފުރަތަމަ ލޯބި ކަމަށާއި މާރިޔާގެ ދެމައިންނަށް އަބަަދުވެސް އިސްކަން ދޭނެެ ކަމަށް ބުންޏެވެ. އަދި އެއާ އެކު އެ އަންހެން ކުއްޖާ އަށް އެހީވާން ބޭނުންވާ ކަމުގައި ވެސް ބުންޏެވެ.

އއ. އަތޮޅުގައި ދިރިއުޅުނު ލީނާ އަށް ވެސް ދިމާވި ހަމަ މިފަދަ ހާދިސާއެކެވެ. ލީނާގެ ފިރިމީހާ އަލީ ވެސް ބޭނުންވީ މައިންބަފައިން ނެތް ނިކަމެތި އަންހެން ކުއްޖަކަށް "އެހީ"ވާށެވެ. މި ކަންތައް ފެށީ އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްދޭން ކުރަން ފެށި ދަތުރުތަކަކުންނެވެ. ދެން ދާން ފެށީ އެ ކުއްޖާގެ ހާލު ބަލާށެވެ. އެންމެފަހުން ދެން އެކަން ކުރެވެން އޮތީ ހަމައެކަނި އޭނާއާ ކައިވެނި ކޮށްގެން ކަމަށް ވެސް ވިއެވެ. ލީނާ މިކަމާ ދެކޮޅު ހެދި އެވެ. އަދި އެހީވާން ބޭނުންވާ ނަމަ މާލީ ގޮތުން އެހީވެވިދާނެ ކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް ރަށްފުށުގައި އެކަމާ ބެހޭގޮތުން ވާހަކަ ފެތުރޭނެ ކަމަށާއި އަންހެންކުއްޖާ އަށް އެފަދަ ދެރައެއް ދޭން ބޭނުން ނުވާ ކަމަށް އަލީ ބުންޏެވެ.

މިއީ ވެސް ހިތްހެޔޮކަމުން، ނުވަތަ އޯގާތެރިކަމުން ދެ އަނބީން ގެންގުޅުމުގެ ކުޅާދާނަކަން ހުރީތީ ހިނގާދިޔަ ހާދިސާއެކެވެ. ހަގީގަތެކެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަސް، ކިތަންމެ އަަސަރެއް ކުރިއަސް، ލިބިފައިވާ ދަރީންގެ ހައްގުގައި ލީނާ ފަދަ އެތައް އަނބީންނެއް އެ މީހުންގެ ހިތުގެ އުދާސްތައް ހިންދާލަ އެވެ. ފޮރުވަ އެވެ. ކިތަންމެ ވަރަކަށް ރޮވުނަސް، ހިތުގައި އެ އަޅާ ކެކުޅުމަށް ކެތްތެރިވާން ޖެހެނީ، ދަރީންގެ ކަންތައްތައް ހަމަޖެއްސުމަށް، އެ ކުދީން ބަލަމުން އާމްދަނީ ހޯދޭނެ މަގެއް ހޯދަން ދަތިވީމަ އެވެ. ކޯޓު މެދުވެރިކޮށް ލިބޭ މަދު ފައިސާފޮތީގައި ހިފުމަށްވުރެ، ކެތްތެރިވުމުން ލިބޭ ފައިދާ ބޮޑުވީމަ އެވެ.

ދެވަނަ ކައިވެނީގެ ރޭ މުސްތޮ ވެސް އަދި އަލީ ވެސް ހޭދަކުރީ ދެވަނަ އަނބިމީހާ އާ އެކުގަ އެވެ. ދެ އަނބީންނަށް ވެސް އެއްވަރަކަށް ކަންތައްތައް ކޮށްދިނުމުގެ ނިޔަތުގައި ދެވަނަ ދުވަހު މުސްތޮ އޭނާގެ ބައެއް ހެދުންތައް ދެވަނަ އަނބީގެ ގެއަށް ގެންދިޔަ އެވެ. އަދި ކޮންމެ ދެ ރެއިން އެއް ރޭ މާރިޔާއާ އެކުގައި ހޭދަކުރަން ފެށި އެވެ. ނަމަވެސް ދެތިން މަހަށްފަހު މާރިޔާ، މުސްތޮ ކައިރިން ވަރިވި އެވެ.

މުސްތޮއާ ހިލާފަށް އަލީ ރޭގަނޑުގެ ވަގުތުތައް ފުރަތަމަ ހޭދަކުރަން ފެށީ ލީނާ ގާތުގަ އެވެ. ނަމަވެސް ރޭގަނޑު ނިދަން ނުދާތީ ހަގު އަނބިމީހާ ހިތްހަމަނުޖެހޭ ކަމަށް ބުނެ އެ ގޭގައި ވެސް ރޭގަނޑުގެ ވަގުތު ހޭދަކުރަން ދިޔަ އެވެ. އަދި ދެ މީހުންނަށް ހަމަހަމަވުމުގެ ގޮތުން ލީނާ ބޭނުން ވަނީ ކޮންމެ ދެ ހަފްތާއިން އެއް ހަފްތާތޯ ނުވަތަ ދެ ދުވަހުން އެއް ދުވަހުންތޯ އެހި އެވެ. މާ ގިނަ ދުވަހު ދަރިފުޅަށް ބައްޕަ ނުފެނި ހިނގައިދާނެތީ ލީނާ އެދުނީ ދެ ދުވަހުން އެއް ދުވަހަށް ހަމަޖެއްސުމަށެވެ.

ކޮންމެއަކަސް މިއީ ކޮންމެ ވަގުތެއްގައި ކޮންމެ ފިރިހެނަކަށް ވެސް ދިމާވުން އެކަށީގެންވާ ކަމެކެވެ. ފިރިޔަކު އެހެން އަންހެނަކަށް ހެޔޮކަމެއް ކޮށްދޭން އުޅޭއިރު އެކަމާ ވަކި އޭނާގެ އަނބިމީހާ ހުރަސް އަޅަންވީ ކީއްވެ ހެއްޔެވެ؟

އެޑިޓަރުގެ ނޯޓް: މިއީ "ރާއްޖޭގެ ގުޅުންތައް" ނަމުގައި "ދޯ"ގައި ކުރިއަށް ގެންދާ ސިލްސިލާއެކެވެ. މި ސިލްސިލާގައި "އަހަރެން" މާނަކޮށްފައި އެ ވަނީ މި ވާހަކަ ކިޔައިދޭ މީހާގެ ހައިސިއްޔަތުންނެވެ. މި ސީރީޒްގެ ދަށުން ކޮންމެ އަންގާރަ ދުވަހަކު ގެނެސްދޭ ކޮންމެ އެޕިސޯޑަކީ ވެސް ހަގީގީ ހާދިސާތަކެކެވެ. އެހެން ނަމަވެސް މިއީ ވަރަށް ޒާތީ ވާހަކަތަކަކަށް ވާތީ، ނަމާއި ތަން ވާނީ ސިއްރު ކުރެވިފަ އެވެ.

ކައިވެނި

Popular