20 Sep 2017

By: Aishath Mihna Nasih

މޭކަޕް ކުރުމުގެ ދާއިރާއަކީ ރާއްޖޭގައި ފުޅާވެ ކުރިއަރަމުން އަންނަ އެއް ދާއިރާ އެވެ. މި ދާއިރާ އަށް ވަންނަ ހުނަރުވެރީންގެ އަދަދު އިހަށް ވުރެ އިތުރު ވެފައިވާއިރު މިއީ ވެސް މި ދާއިރާ އަށް ވަންނަ އުންމީދީ އެއް ނަމަށް ވެގެންދާނެ އެވެ.

ޖަމީލާ އަހުމަދު، 31، ނުވަތަ ނަމީ އަކީ އަދި އެހާ ދެކިފަރިތަ ނަމަކަށް ނުވެ ހިނގައިދާނެ އެވެ. ނަމަވެސް ނަމިޝް ގްރީނީގެ ނަމުގައިވާ އޭނާގެ ފޭސްބުކް ޕޭޖުގައި ޕޯސްޓްކޮށްފައިވާ ކްރިއޭޓިވް މޭކަޕްތަކުން ކޮންމެ މީހަކު ވެސް ހައިރާންވެދާނެ އެވެ. އާއިލާގެ އެކި މެންބަރުންގެ އެހީގައި ފޯނުން ނަގާފައިވާ މި ފޮޓޯތަކަކީ އަދި އެންމެ ކޮލިޓީ ފޮޓޯތަކަކަށް ނުވިޔަސް، ޝައުގުވެރިކަމާއި ހިތްވަރާއި އުފެއްދުންތެރިކަން މި މަސައްކަތުން އެންމެ ފުރިހަމަ އަށް ގައިމު ވެސް ދައްކުވައިދީފި އެވެ.

ނަމީގެ މޭކަޕެއް

އެންމެ ކުޑައިރުއްސުރެ ވެސް މޭކަޕް ކުރުމަކީ ނަމީ ޝައުގުވެރިވާ ދާއިރާ އެކެވެ. އާއިލާގެ މެންބަރުން ބުނާ ގޮތުން ނަމަ ކުޑައިރު ނަމީއަކީ މާބޮޑަށް މީހުންނާ ވާހަކަދައްކައި މަޖާކޮށް އުޅޭ ސޯޝަލް ކުއްޖެއް ނޫނެވެ. އޭނާ އަބަދުވެސް އުޅެނީ ހިސާބުގަނޑުގައި އުޅޭ ކުޑަކުދީންތައް ގޮވައިގެން އެ ކުދީން ފެންވަރުވާ ރީތިކޮށް ނަލަ ހެއްދުމުގަ އެވެ.

ނަމީ އޭނާގެ މޭކަޕެއްގައި

ގޭތެރެ އާއި ރަހުމަތްތެރިންގެ މޭކަޕްކޮށް އުޅުމަށްފަހު، އެންމެ ފުރަތަމަ ވަޒީފާއެއްގެ ގޮތަށް އޭނާ މަސައްކަތްކުރަން ފެށީ ޓްވިޓާ ސެލޫންގައި މޭކަޕް އާޓިސްޓެއްގެ ގޮތުގަ އެވެ. ސެލޫނެއް ކަމުން އޭނާ އަށް އޭރު ގިނައިން ކުރަން ލިބިފައި ހުރީ މުޅިން ވެސް ސިމްޕަލް މޭކަޕްތަކެވެ. މި ގޮތުގައި ގާތްގަނޑަކަށް އަހަރެއްހާ ދުވަހު މަސައްކަތް ކުރުމަށްފަހު އޭނާ މުޅިންހެން މޭކަޕްގެ ދާއިރާ ދޫކޮށް ރިޒޯޓެއްގެ ވަޒީފާއަކަށް ދިޔަ އެވެ.

ގާތްގަނޑަކަށް ފަސްވަރަކަށް އަހަރު ރިޒޯޓުގައި އުޅުމަށްފަހު، ނަމީގެ މިސްރާބް އަނެއްކާ ވެސް ބަދަލުވި އެވެ.

"އެހާ ގިނަ ދުވަހު އާއިލާ އާ އެކު ވަކިން އުޅެން ލައިކެއް ނުވި. އަނެއްކާ އަބަދުވެސް ބޭނުންވޭ ސީދާ މީހުންނަށް ކޮންމެވެސް ޚިދުމަތެއް ކޮށްދެވޭ އަމިއްލަ މަސައްކަތެއް ފަށަން. އެވަރުގެ ޔަގީންކަމެއް އޮތް މި ދާއިރާ އަށް. އެހެންވެ އަނެއްކާ ވެސް މި ދާއިރާއިން ކުރިއަށްދާން ނިންމީ،" ނަމީ ބުންޏެވެ.

ނަމީ އޭނާގެ މޭކަޕެއްގައި

ރިޒޯޓުގައި އޭނާ އަދާކުރި ވަޒީފާ ދޫކޮށް ބިއުޓީ ސެލޫނެއްގެ މޭކަޕް އާޓިސްޓެއްގެ ވަޒީފާ އަށް މި އަހަރުގެ ތެރޭގައި ކުޑަ ދުވަސްކޮޅަކަށް ނަމީ ދިޔަ އެވެ. މި ވަޒީފާ އޭނާ ދޫކޮއްލީ ލަންކާގެ ޕްރޯ މޭކަޕް އެކަޑަމީ އިން މޭކަޕް ކޯހެއް ހެދުމަށެވެ.

ރާއްޖޭގެ ހައެއްކަ ވަރަކަށް ކުދީންނާއި ރާއްޖެއިން ބޭރުގެ ކުދީންތަކެއް ވެސް ބައިވެރިވި މި ކޯހުގެ ފައިނަލް ޓާސްކުގެ އެއްވަނަ ލިބުނީ ވެސް ނަމީގެ މަސައްކަތަށެވެ. އަމިއްލަ އަށް މޮޑެލެއްގެ ހެދުމާއި މޭކަޕް ކުރަން ޖެހުނު މި ޓާސްކުގައި އެހެން ބައިވެރިންނާ ޚިލާފަށް ނަމީ އިޚްތިޔާރު ކުރީ ސާޅިއެއްގައި ތަފާތު ސްޓައިލަކަށް ތައްޔާރު ވެލުމަށެވެ. އޭނާގެ ޓާސްކު ނިމުމުން، އިންސްޓްރަކްޓާ، އޭނާގެ މަސައްކަތަށް ކުރި ތައުރީފަކީ މި ދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ހިތްވަރު ކަމުގައި ވިއެވެ.

ޕްރޯ އެކަޑަމީ ކޯހުގެ އެ ބެޗުން އެއްވަނަ އަށް ދިޔަ ނަމީގެ މަސައްކަތެއް

ކޯސް ނިންމުމަށްފަހު ނަމީ ދެން ފެށީ އޭނާގެ ހުނަރު އާންމުންނާ ހިސާބަށް ދައްކާލުމަށެވެ. އާންމުކޮށް މި ފެންނަ ސިމްޕަލް މޭކަޕްތަކަށްވުރެ ބޮޑަށް ނަމީގެ ޝައުގުވެރިކަން ހުންނަނީ ވެސް ތަފާތު ކްރިއޭޓިވް ލުކްސްތަކަށެވެ. ރާއްޖެއިން ބޭރު އެތައް މޭކަޕް އާޓިސްޓުންގެ މަސައްކަތްތައް ބަލައި އެ މަސައްކަތުން އިތުރު ޚިޔާލުތައް ނަމީ ނަގާއިރު އެއްވެސް ވަގުތެއް މަސައްކަތެއް ނެތި ހުސްކޮށް ދޫކޮށްލާކަށް ނަމީ ބޭނުމެއް ނުވެ އެވެ. މިންސް މޯލްޑިވްސްގައި މިހާރު ވަޒީފާ އަދާކުރަމުން އަންނައިރު، މިހާރު އޭނާ ޕޯސްޓުކުރަމުންދާ މޭކަޕް ފޮޓޯތަކަކީ އޮފީސް ނިންމުމަށްފަހު ދެން ލިބޭ ވަގުތުތަކުގައި ކުރާ މަސައްކަތެވެ.

"ގާތްގަނޑަކަށް ގަޑިއެއްހާއިރު ތެރޭ ކޮންމެ ދުވަހަކު ވެސް މޭކަޕް މިކުރަނީ. ދެން ކޮއްކޮމެން އައިސް ފޮޓޯ ނަގައިދޭނެ،" ނަމީ ބުންޏެވެ.

ނަމީ އޭނާގެ މޭކަޕެއްގައި

މާލީ ގޮތުން ހުރި ދަތިތަކަކާ އެކު ރަސްމީ ސިފައެއް އޭނާ އަށް އަދި މަސައްކަތްތަކެއް ނުލިބުނު ނަމަވެސް، އެންމެ ފުރަތަމަ ކަމަކަށް އޭނާ ރާވަފައިވަނީ އޭނާގެ ރަށް ކަމުގައިވާ ރ. އަލިފުށީގައި ސެޓްފިކެޓް ލެވެލްގެ މޭކަޕް ކޯހެއް ހިންގުމަށެވެ. މި މަސައްކަތުގެ ތައްޔާރީތައް މިހާރުވަނީ ފަށައިފަ އެވެ. ފްރީލާންސް ކޮށް ކުރާ މި މަސައްކަތުގައި މިހާރު ވެސް ކޮންމެވެސް ވަރަކަށް ކްލައަންޓްސް އަށް މޭކަޕްކޮށްދޭ އިރު، ފިރިހެނުންގެ ހެއާ ސްޓައިލިން އާއި އަންހެނުންގެ ހެއާ އަދި ހިޖާބް ސްޓައިލިން ވެސް މޭކަޕާ އެކު ކުރުމަށް އޭނާ ވަނީ ރާވައިފަ އެވެ.

ނަމީ އަމިއްލަ އަށް މޭކަޕް ކުރަނީ -- ފޮޓޯ: ހުސެއިން ވަހީދު
މޭކަޕްކުރުން

Popular