11 Oct 2017

ތެދެއްތަ؟ ރާސްބަރީފަތުން މައިމީހާގެ ކިރު ގިނަވޭ؟

ތެދެއްތަ؟ ރާސްބަރީފަތުން މައިމީހާގެ ކިރު ގިނަވޭ؟

By: Asiya Abdul Raheem (Dietician)

ސޯޝަލް މީޑިއާއިން މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެންމެ ގިނައިން ކާ ތަކެއްޗާ ބެހޭގޮތުން ފެނުނު އެކައްޗަކީ ރާސްބަރީ ފަތުން މައިމީހާގެ ކިރު އުފައްދާ މިންވަރު އިތުރުކޮށްދޭ ކަމުގެ އިޝްތިހާރުތަކެވެ. އަޅުގަނޑު ހިތަށް އަރަނީ ރާއްޖޭގައި ރާސްބެރީ ކާން ލިބެނީ ކިތައް ކިރުމައިންނަށް ބާއޭ އެވެ؟ އަމުދުން ޭގެ ފަތް ހޯދާނީ ކޮން ތާކުންތޯ އެވެ؟ އަނެއްކާ، ބަޔަކު ރާސްބަރީފަތް ވިއްކަން ކުރާ އިޝްތިހާރެއް ބާއޭ ވެސް ހިތަށް އަރަ އެވެ!

ތެދެކެވެ. ރާސްބަރީ ފަތުގައި އަޔަން، ކެލްސިއަމް، މެގްނީސިއަމް ފަދަ ބައެއް މިނަރަލްތައް އެކުލެވެއެވެ. އަދި މާބަނޑު ދުވަސްވަރުގައްޔާއި ވިހެއުމަށް ފަހު އެ ފަތުން ބައެއް ފައިދާތައް ލިބޭ ކަމަށް ބައެއް ދިރާސާތަކުން ދައްކަ އެވެ. ނަމަވެސް ރާސްބަރީ ފަތުން މައިމީހާގެ ކިރު އިތުރުވާކަމާ މެދު ޚިޔާލު ތަފާތުވުން އުފެދެއެވެ. ދެން ސުވާލަކީ ރާސްބަރީ ފަތަކީ ރާއްޖޭގައި ހޯދަން އެހާ ފަސޭހައެއްޗެއްތޯ އެވެ؟ ހޯދަން ދަތި ނަމަ ރާސްބަރީ ފަތުން ލިއްބައިދޭ ފައިދާ ލިއްބައިދޭ އެހެން ކާނާ ރާއްޖެއިން ލިބެން ހުރޭތޯ އެވެ؟

ރާސްބަރީ ފަތުން ލިއްބައިދޭ އެއް މާއްދާ ކަމަށްވާ އަޔަންއަކީ މުރަނގަފަތުގައި ވެސް ވަރަށް ގިނަ މިންވަރަކަށް ހިމެނޭ އެއްޗެކެވެ. އަދި މަހުގެ މެޔާއި ލަގޮނޑި ފަދަ ތަކެތިން މާ ގިނަ މިންވަރަކަށް ހެދި އިންސާނާގެ ހަށިގަނޑަށް ފަސޭހައިން ބޭނުން ކުރެވޭ ގޮތަށް ލިވެން ހުރެއެވެ.

ދެން އަނެއް މާއްދާއަކީ ކެލްސިއަމް އެވެ. ބޮޑު މީހަކަށް ދުވާލަކަށް 800 އާއި 1000 ދޭތެރޭ މިންވަރުގެ މިލިގްރާމް ކެލްސިއަމް ބޭނުންވާއިރު މި މިންވަރަށް ކެލްސިއަމް ލިއްބައިދެވޭނީ ވަރަށް ބައިވަރު ރާސްބަރީ ފަތް ކައިގެންނެވެ. ނަމަވެސް އެ މިންވަރަށް ރާސްބަރީ ފަތް ކެއުމުން ރާސްބަރީފަތުގެ ބައެއް މާއްދާތައް ނުރައްކާވާ ހިސާބަށް ހަށިގަނޑަށް ހިނގައިދާނެ އެވެ. ކިރު ތައްޓަކުން ގާތްގަނޑަކަށް 350 މިލިގްރާމް ކެލްސިއަމް ލިއްބައިދޭއިރު ރާސްބަރީ ފަތުގެ ބަދަލުގައި ކިރު ބޭނުންކުރުން މާ ބުއްދިވެރި އެވެ.

މީގެ އިތުރުން ހިމެނޭ އެހެން ބާވަތްތަކަކީ ވެސް ދިވެހިން އުފައްދާ ދިވެހި ކާނާއިން ބޭނުންވާ މިންވަރަށް ލިބެން ހުންނަ ތަކެއްޗަށް ވާ އިރު ގާތުންދޭ މީހާ މިފަދަ ފަތް އެއްޗެހި ކެއުމުގެ ބަދަލުގައި މޭވާ އާއި ތަރުކާރީ އާއި ކިރު އަދި ގޮވާމާއި ފަލަމަޑި އާއި މަހުގެ ބާވަތްތައް ހިމަނައިގެން ކާ ކެއުން ހަށިގަނޑަށް މާ ފައިދާ ބޮޑުވެފައި ޖީބަށް ވެސް ލުއިވާނެ އެވެ.

Popular