12 Oct 2017

އެންމެންގެ ކަޅި އަނާގެ މި ގޯނި ހެދުމަށް!

އެންމެންގެ ކަޅި އަނާގެ މި ގޯނި ހެދުމަށް!

By: Aishath Mihna Nasih

އައިމިނަތު އަމީނާ (އަނާ) އަކީ އަބަދުވެސް މީހުންގެ ލޯތްބާއި އިހްތިރާމް ލިބިފައިވާ މަގްބޫލު ޖާނަލިސްޓެކެވެ. ހެދުން އެޅުމުގައި އަބަދުވެސް އެ ހަފްލާއަކާ އެންމެ ގުޅޭ ފަރި ގޮތަކަށް ހެދުން އަޅާ މީހެކެވެ. މި ހުރިހާ ކަމަކާ އެކުގައި ވެސް، ރޭ ބޭއްވި ނޫސްވެރިކަމުގެ އިނާމުދިނުމުގެ ހަފްލާގެ އެންމެ މޮޅު ވީޑިއޯ ޖޯނަލިސްޓް އަނާ އަށް އެންމެންގެ ނަޒަރުތައް ހުއްޓުނީ އޭނާ ލައިގެން ހުރި ސުތުލި ގޯނިން ފަހާފައި ހުރި ބްލޭޒާ އާއި ސްކާޓް އަށެވެ. ވަރަށް ގިނަ ބަޔަކު ތިޔައީ ކޯއްޗެއްހޭ، ހަމަ އަސްލު ވެސް ގޯންޏެއްހޭ ވެސް އަހައި އުޅުނެވެ.

ހަގީގަތުގައި ވެސް އޭނާ ލައިގެން ހުރީ ސުތުލި ގޯނިން ފަހާފައިވާ ހެދުމެކެވެ. އޭގެ އަޑިއަށް ފީނަލާމާ ހިނގާށެވެ!

"އަބަދުވެސް ބޭނުންވޭ ތަފާތުކޮށް ހެދުން އަޅަން، އެހާ ޕަރީ ޕަރީ ނުވެ، ޚަރަދު ބޮޑު ނޫންކޮށް ހެދުން އަޅަން،" ދޯ އާ ވާހަކަ ދައްކަމުން އަނާ ބުންޏެވެ.

އަނާ އެވޯޑާ ހަވާލުވަނީ ----- ފޮޓޯ: ނިޝާން އަލީ

އުމުރުން ދިހަ ބާރަ އަހަރުގައި ވެސް މަންމަމެން ގޭގައި ނޫޅޭ ގަޑީގައި ހެދުން ފަހާ އަނާ އަށް މި ހެދުމުގެ ޚިޔާލު އައީ ގޭގައި ހުރި ފުޅި ބައްތިއަކަށް ފީތާ ލައްވަން އޮތް ސުތުލިކޮޅަކުންނެވެ. އެއަށްފަހު، ދެން އަނާ އަވަސްވެގަތީ ގަޔަށް ހެޔޮވަރުގެ ހެދުމެއް ފަހަން ސުތުލި ގޯނި ހޯދުމަށެވެ.

"ބާޒާރު މަތީން ހޯދި ތިން ގޯނި މިއީ. ވަރަށް ހަނޑޫ ވަސް ވެސް ދުވި. އެހެންވީމަ ހަނޑޫ ހުސްކުރި ގޯނިތަކެއް ހެން ހީވަނީ މިއީ،" އަނާ ބުންޏެވެ.

އަނާ އޭނާގެ ހެދުން ފެހުމުގައި

މި ތިން ގޯނި އަނާ ގަތީ 12ރ. އަށެވެ. އެއަށްފަހު ދެން މި ހެދުމަށް ބޭނުންވީ ރަންކުލައިގެ ބޯޅަ ދަތިތަކެކެވެ. އަނާ ބުނާގޮތުން ހެދުމުގައި މާ ބޮޑު ފެހުމެއް ވެސް ނެތެވެ.

"ދެ އަތް ބޮޑަށް ފަހާފައި ހުންނާނީ. ސްކާޓް ވެސް ދެއަރިމަތިން ޖަހާލީ. ދެން ބޮޑަށް ބޭނުންކޮށްފައި ހުންނާނީ ގޯނީގެ ނިމޭ ކޮޅުތައް،" އަނާ ބުންޏެވެ.

އަނާ ސުތުލި ގޯނިން ފެހި ބްލޭޒާ

މި ހެދުން ފެހުމަށް ޖުމްލަ 100ރ. އަށް ވުރެ ބޮޑަށް ޚަރަދު ކުރެވިފައި ނުވާއިރު، ފެހުމަށް ވެސް ހޭދަވީ އެންމެ ތިން ގަޑިއިރެވެ. ފެހުމުގައި އަނާގެ ބައްޕަ އާއި ރަހްމަތްތެރި ޝިފާ އަދި ނާސިހާގެ އެހީތެރިކަން ލިބުނު އިރު އޭނާގެ ލުކްއަށް ފުރިހަމަ ކަމެއް ގެނުވީ ރަހުމަތްތެރިއެއް ކަމަށްވާ ރިޝްފާގެ މޭކަޕުންނެވެ. ހަށިގަނޑު ނިވާވާހެން ގަދަ މުށިކުލައިގެ ޓިއުބެއް ވަކިން ލާފައި ހުރިއިރު، އިސްތަށިގަނޑު ސްޓައިލްކޮށްފައި ވަނީ ހައި ޕޯނީ ޓެއިލްއަކުންނެވެ. އިސްތަށިގަނޑު އެއްސުމަށް ބޭނުންކޮށްފައި ވަނީ ގޯނީގެ ރޮދިކޮޅެކެވެ. ގަހަނާގެ ގޮތުގައި އަތުގައި އެޅުމަށް ބޭނުންކޮށްފައި ވަނީ ނާށި ތަނޑި އެވެ.

ހެދުން ފެހުމުގައި އެހީތެރިވެދިން އަނާގެ ރަހްމަތްތެރިޔާ ނާސިހާ (ވ)

މިގޮތަށް ހެދުން އެޅުމުގެ ފަހަތުގައި ވަނީ އާންމުންނަށް އަނާގެ ޚާއްސަ މެސެޖެކެވެ.

"ކޮންމެހެން ނުޖެހޭ ގްލެމަރަސް ކޮށް ހެދުން އަޅާކަށް އެހާ ބޮޑު ޚަރަދެއްކުރާކަށް. ތިމާވެއްޓާއި ރަށްޓެހި، ރީޔޫސަބަލް އެއްޗެހި ބޭނުންކޮށްގެން ވެސް ސަޅި ހެދުމެއް ލެވިދާނެ ކަން އަންގައިދޭން ބޭނުންވީ،" އަނާ ބުންޏެވެ.

Popular