23 Nov 2017

މި ތަންތަނަށް ނުދާ ދިވެއްސަކު އެބަހުރިބާ؟

މި ތަންތަނަށް ނުދާ ދިވެއްސަކު އެބަހުރިބާ؟

މި ވާހަކަ ފަށަން މި ޖެހެނީ އަވަށްޓެރި ލަންކާގައި ކިޔަވަން އުޅުނު ދުވަސްވަރުންނެވެ. ރަށްޓެހިން އަދި އެކުގައި މަސައްކަތް ކުރާ މީހުން ލަންކާ އަށް އަރައިފި ނަމަ، އެ މީހަކު ނުވަތަ ބަޔަކު ގޮވައިގެން "ގައިޑެއް"ގެ ގޮތުގައި އުޅުނުއިރު ފާހަގަކުރެވުނު ކަމަކުންނެވެ؛ އެ ތަނުން މީހެއްގެ ޚަބަރެއް ނެތި މާ ގިނައިރުވެގެން ބަލައިލާއިރު އަބަދު ވެސް ބުނަނީ "އެމްސީ"ގައި އުޅޭ ވާހަކަ އެވެ.

މި "އެމްސީ" އަކީ ލަންކާގެ ވެރިރަށް ކޮލަމްބޯގެ ބަމްބަލަޕިޓިޔާ ސަރަހައްދުގައި ހުންނަ ކޮމާޝަލް އަދި ޝޮޕިން ކޮމްޕްލެކްސް މެޖެސްޓިކް ސިޓީ އެވެ. ދިވެއްސަކު ލަންކާ އަށް ހިނގައްޖެ ނަމަ، މި ތަނަށް ނުވަދެ ނުދާނެ އެވެ. މި ތަނުގައި ހުންނަ ހެދުމާއި ފައިވާން/ބޫޓާއި އެ ނޫން ވެސް އެކި ވައްތަރުގެ އެއްޗެހި ވިއްކާ ފިހާރަތަކުގެ އިތުރަށް، ފާސްޓް ފުޑް ބްރޭންޑުތަކުގެ ރެސްޓޯރަންޓުތައް ކޮންމެ ގަޑިއަކުހެން ދިވެހިން ފަޅުފިލުވާލަ އެވެ. އެންމެ މަތީ ބުރީގައި ހުންނަ ސިނަމާތަކުން ވެސް ދިވެހިންގެ ބޮޑު ގްރޫޕަކާ ދިމާ ނުވާ ފަހަރެއް މަދުވާނެ އެވެ.

އެމްސީގެ އިތުރުން ވެސް، އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ބޭރު ގައުމު ކަމަށް ވާ ލަންކާގެ ނަން މަޝްހޫރު ހުރިހާ ޝޮޕިން މޯލަކާއި ފިހާރައަކާއި ކެފޭތަކުން ވެސް ދިވެހިން އާއްމުކޮށް ފެންނާނެ އެވެ. ކްރެސްކެޓާއި އޮޑެލް އާއި ނޯ ލިމިޓް އަދި ބަރިސްޓާ އާއި ކޮކޯ ވެރަންޑާ ފަދަ ތަންތަން މިއީ މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދާނެ ތަންތަނެވެ.

ވިޔަފާރި ކުރުމާ އެކު، ކޮލަމްބޯގެ ކާރުބާރު ބޮޑު މާހައުލުން ބޭރުވެލައި ގުދުރަތީ ރީތިކަމުން އުފާ ހާސިލުކުރާ ދިވެހިންގެ އަދަދު ވެސް ވަކި މަދެއް ނޫނެވެ. ގާތްގަނޑަކަށް ހަތަރު ގަޑިއިރުން ދެވޭ ކެންޑީގެ މައި ފެންގަނޑު ކައިރީގައި ބުރެއް ޖަހާލައި އެ ސިޓީގެ އެކިއެކި ގަދީމީ ތަންތަނަށް ޒިޔާރަތްކޮށްލުން މިހާރު ވަނީ ކޮންމެ ލަންކާ ދަތުރެއްގެ މުހިއްމު ބަޔަކަށް ވެފަ އެވެ. ހަމަ އެއާ އެކު، ނޫރަލިޔާގެ ފިނިފިނި ޖައްވުގައި، ސައިފަތް ދަނޑުތަކާއި ސްޓްރޯބެރީ ދަނޑަށް ޖައްސާލައި، ތާޒާ ސައިތައްޓެއް ބޯލުމުގެ އުފާ ގިނަ އަދަދެއްގެ ބަޔަކު ހާސިލު ކުރެ އެވެ.

އަވަށްޓެރި އިންޑިއާގައި ވެސް ހަމަ އެ ފަދަ "ދިވެހިންގެ ޖަގަހަތައް" ބައިވަރެވެ.

ޓްރިވެންޑްރަމްގެ ކުވަލަމް ބީޗް

ޓްރިވެންޑްރަމަށް ބޭހަށް ދާ ދިވެހިން ވެސް، ހޮސްޕިޓަލުގެ ކަންކަން ނިންމާލުމަށް ފަހު އަނބުރާ ރާއްޖެ އައުމުގެ ކުރިން ކޮވަލަމް ބީޗަށް ޖައްސާ ނުލާ ދަތުރު ފުރިހަމައެއް ނުވެ އެވެ. ރާއްޖޭގެ ނަން މަޝްހޫރު ދޮންވެލި ގޮނޑުދޮށްތަކުގެ އުފާ ކިތަންމެ ވަރަކަށް ލިބުނަސް، އެ ތަނުގެ ހިތްގައިމުކަން ފެނި ކޮންމެ މީހަކު ވެސް ހައިރާންވެ އެވެ. އޮއްސެމުންދާ އިރާ އެކު އުދަރެހަށް އަރައި ފައިބާ ކުލަތަކުގެ ތެރޭން އެ ތަނުގައި ހުންނަ ޒަމާންވީ ލައިޓްހައުސް ފެނި، އެ މަންޒަރުން ހިތަށް އެ ލިބޭ ހިތްހަމަޖެހުން އަދި ވަކިން ބޮޑެވެ.

މަސްވެރިންނާއި ޓޫރިސްޓުންގެ ހަރަކާތްތަކުން ކޮންމެ ދުވަހަކު ވެސް ފަޅުފިލުވާލަ ދޭ ކޮވަލަމް ބީޗެކޭ އެއްގޮތަށް، ޓްރިވެންޑްރަމަށް އާއްމުކޮށް ދާ ދިވެހިންނާއި އަލަށް ދާ މީހަކަށް ވެސް ޗާލާ ބާޒާރު އަލެއް ނުވާނެ އެވެ. އަށާރަ ވަނަ ގަރުނުގައި ހުޅުވި، ދެ ކިލޯމީޓަރުގެ ބޮޑު މަގެއްގެ ކޮޅާއިކޮޅު ނުފެންނަ ވަރަށް ދެމިގެން ދާ ފިހާރަތައް ހިމެނޭ މި ބޮޑު ބާޒާރުން ނުލިބޭ އެއްޗެއް ނެތެވެ. އެހެންވެ، ފަރުވާ އަށް ފަހު ޓްރިވެންޑްރަމުން އަންނަ މީހުންގެ ފޮށިތަންމަތީގެ ބޮޑު ބައެއް ހިއްސާކުރަނީ މި ތަނުން ގަންނަ ހެދުމާއި ފޭރާމާއި ގަހަނާގެ ވައްތަރުތަކެވެ.

ބެންގަލޫރުގެ މަޝްހޫރު ކޮމާޝަލް ސްޓްރީޓުގެ މަގުބޫލުކަން ވެސް ދިވެހިންގެ މެދުގައި ވަކި ކުޑައެއް ނޫނެވެ. އިންޑިއާގެ އައިޓީ ހަބުގެ ގޮތުގައި މަޝްހޫރުވެފައިވާ ބެންގަލޫރަށް ދާ ދިވެއްސަކު ވިއްޔާ، ހެދުމާއި ގަހަނާ އާއި އަތްލާ ގެންގުޅޭ ސާމާނުން ފުރާލާފައި އޮންނަ މި ބާޒާރުން އެއްޗެއް ނުގަނެ ނުދާނެ އެވެ. ހަމަ އެ ގޮތަށް، ބެންގަލޫރުގެ އެހެން ޝޮޕިން މޯލްތައް ކަމަށް ވާ ފީނިކްސް މޯލާއި ބެންގަލޫރު ސެންޓްރަލަށް ވެސް ބާރު ބޮޑެވެ.

އެންމެ އަވަށްޓެރި ދެ ގައުމު ދޫކޮށް، ދެކުނު އިރުމަތީ އޭޝިއާ އަށް ދަތުރުކުރާ ދިވެހިންގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނަ ވަރަކަށް، އެ ސަރަހައްދުގެ ގައުމުތަކުގައި ވެސް ދިވެހިންނާ ގުޅިފައިވާ "ދިވެހިންގެ ޖަހަތައް" މި ވަނީ ފެންނަން ފަށާފަ އެވެ.

ސަންވޭ ޕިރަމިޑް

އެންމެ ގިނަ އަދަދެއްގެ ދިވެހިން މިހާރު ޗުއްޓީ ހޭދަކޮށްލަން ދާ އެއް ގައުމު ކަމަށް ވާ މެލޭޝިއާގެ ސުބަންގަ ޖާޔާ ހިސާބުގައި ހުންނަ ޝޮޕިން މޯލް ސަންވޭ ޕިރަމިޑާއި ތީމް ޕާކު ސަންވޭ ލެގޫނަކީ މެލޭޝިއާ އަށް ދާ ދިވެހިންގެ "އެމްސީ" އެވެ. ވެރިރަށް ކުއަލަ ލަމްޕޫރުގެ ޓައިމްސް ސްކޮޔާގައި ހުންނަ ޝޮޕިން ކޮމްޕްލެކްސް އާއި އެމިއުޒްމަންޓް ޕާކާއި މިޑްވެލީ ޝޮޕިން މޯލާއި ކަރަންޓު ސާމާނާއި ކޮމްޕިއުޓަރުގެ އާލާތްތަކަށް ހާއްސަ ލޯ ޔަޓް ޝޮޕިން ސެންޓަރަކީ ވެސް ހަމަ އެހާ މަޝްހޫރު ތަންތަނެވެ. އޭގެ އިތުރަށް، ޓްވިން ޓަވަރު ކައިރީގައި ހުއްޓިލައިގެން ހުރެ، އެ ތަން އަރާ ގޮތަށް ފޮޓޯއެއް ނަގައި އިންސްޓަގްރާމަށް ދޫކޮށްލުމުން ނޫނީ މެލޭޝިއާ އަށް ދިޔަ ކަމަކަށް ނުވެ އެވެ. މެލޭޝިއާ އަށް ދާ ދިވެހިން ވެސް ބާޒާރު ކުރުމުން އަވަދިވުމުން، ދެން އަވަސްވެގަންނަނީ ގުދުރަތީ ރީތިކަމުގެ ހިތްހަމަޖެހުން ލިބިގަންނާށެވެ. މި ދަތުރުގައި އާއްމުކޮށް ދިވެހިން މަޑުކޮށްލާ ތަންތަނުގެ ތެރޭގައި، ކުއަލަ ލަމްޕޫރުން ފުރައިގެން ގަޑިއެއް ހާއިރުން ދެވޭ ފަރުބަދަ މަތީ ރިސޯޓު ގެންޓިން ހައިލޭންޑްސް އާއި ގާތްގަނޑަކަށް 200 ކިލޯމީޓަރު ދުރުގައި އޮންނަ މެލޭޝިއާގެ އެންމެ ބޮޑު ފަރުބަދަ މަތީ ސަރަހައްދު ކަމަށް ވާ ކެމަރަން ހައިލޭންޑްސް ހިމެނެ އެވެ. ސައިފަތާއި ތަފާތު ވައްތަރުގެ މޭވާ ދަނޑުތަކުގެ އިތުރަށް، ފެންގަނޑުތަކާއި ޖަންގައްޔާއި އެ ތަންތަނުގައި ދިރިއުޅޭ އެކި ވައްތަރުތަކުގެ ޖަނަވާރުން މުއްސަނދި ވެފައިވާ ގުދުރަތީ ރީތިކަމަށް، ޓޫރިސްޓުން ތިބެން ބައްޓަންކޮށްފައިވާ އިހުގެ ގެތަކުން އިތުރު ފުރިހަމަކަމެއް ގެނެސް ދެ އެވެ.

ޖެންޓިން ހައިލޭންޑްސް

މެލޭޝިއާ އިން ތައިލެންޑަށް ނުވަތަ ސީދާ ރާއްޖޭން ބެންކޮކަށް ދިއުމަކީ ވެސް މިހާރު އުނދަގޫ ކަމެއް ނޫނެވެ. އެހެންވެ، ކުރިން ހަމައެކަނި ވިޔަފާރިވެރިން ވިޔަފާރިކަމު ގޮސް އުޅުނު ބެންކޮކަށް ޗުއްޓީ ހޭދަކޮށްލުމަށާއި އަމިއްލަ އަށް ބާޒާރުކޮށްލުމަށް ދާ ދިވެހިންގެ އަދަދު ވެސް މިހާރު ހާހުން ގުނާލެވެ އެވެ. މިހެން ގޮސް އުޅުމުގައި، ދިވެހިން އެންމެ ގިނައިން ވަދެ އުޅެނީ ބެންކޮކުގެ ނަން މަޝްހޫރު ޝޮޕިން މޯލްތަކަށެވެ. އޭގެ ތެރޭގައި ސަޔަމް ޕްރާގަން އާއި އަންނައުނު ވިއްކާ ތައިލެންޑުގެ އެންމެ ބޮޑު މާރުކޭޓު ކަމަށް ވާ ޕްރަތުނަމް އަދި އެމްބީކޭ ޝޮޕިން ސެންޓަރު ހިމެނެ އެވެ. ބޭހަށް އެކަނި ނުވަތަ އެހެން ވެސް ޒަރޫރީ ބޭނުމަކަށް ދިވެހިން ބޭރަށް ދަތުރުކުރި ޒަމާން މާޒީވެ ހިނގައްޖެ އެވެ. އަވަށްޓެރި ލަންކާ އާއި އިންޑިއާ ފަހަނައަޅާ ވެސް މިހާރު ހިނގައްޖެ އެވެ. އަހަރުމެންގެ މިސްރާބު މިހާރު ހުރީ ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށާއި ޔޫރަޕަށެވެ. މިހެން ކުރާ ދަތުރުތަކުގެ ނިސްބަތް އިތުރުވެ، އަހަރުމެންގެ ރާޑަރު ފުޅާވަމުން ދާ ވަރަކަށް އެތައް އެމްސީއެއް އަދި ސަންވޭއެއް ފެންނާނެ އެވެ. ޔޫރަޕާއި އެމެރިކާގެ ހިސާބުތަކުން ވެސް ދިވެހިންނާ ގުޅިފައިވާ "ދިވެހިންގެ ޖަގަހަތައް" ފެނުން އޮތީ މާ ދުރަކު ނޫނެވެ.

ސްރީ ލަންކާ ޗުއްޓީ ދުވަސްވަރު މެލޭޝިއާ ދޯ މަޖައްލާ

Popular