19 Oct 2017

7 ސުވާލު: އަސްލު މިއީ ބޮޑު ވަޒީފާއެއް

ޓީވީ ޗެނަލްތަކުގެ ކޮންޓްރޯލް އޮތީ މި މީހުންގެ އަތުގަ އެވެ. އެކަމަކު މި މީހުންގެ ވާހަކަ ނުދެކެވޭތީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގެނީ އެވެ.

ޓީވީ ޗެނަލްތަކުގެ ކޮންޓްރޯލް އޮތީ މި މީހުންގެ އަތުގަ އެވެ. އެކަމަކު މި މީހުންގެ ވާހަކަ ނުދެކެވޭތީ ކިހާ ވަރެއްގެ ކަމެއްކަން ނޭނގެނީ އެވެ.

By: Aishath Mihna Nasih

ޓީވީ ޗެނަލެއްގައި އަންހެންކުއްޖަކަށް އަދާކުރެވޭނެ ވަޒީފާތަކަކީ ކޮބައި ހެއްޔެވެ؟ އެންމެ ފުރަތަމަވެސް ހިތަށް އަންނާނީ ޚަބަރުކިޔުމާއި ޕްރެޒެންޓުކުރުމާއި މޭކަޕްކުރުން ނުވަތަ ރިސެޕްޝަނިސްޓެއްގެ ވަޒީފާއެވެ. ޓެކްނިކަލް މަސައްކަތްތަކުގެ ދާއިރާގައި އަންހެން ކުދިންނަށްހުރި ގިނަ ފުރުސަތުތަކުގެ ވާހަކަ ގިނަފަހަރަށް އޮންނަނީ ނުދެކެވި އެވެ. ނަމަވެސް ރާއްޖޭގެ ގިނަ ބޮޑެތި ޓީވީ ޗެނަލްތަކުގެ މުޅި ކޮންޓްރޯލް ހިފަހައްޓައި އެ ސްޓޭޝަންތަކުގެ މުގުލުގައި މިތިބަ ޒުވާން އަންހެނުންގެ ވާހަކަ މިފަހަރު ކިޔާލަމާ ހިނގާށެވެ.

މި ހަފްތާގެ 7 ސުވާލު މި ކޮށްލަނީ އުމުރުން 25 އަހަރުން އައިޝަތު ހިފާޒާ އަށެވެ. ވީޓީވީގައި ސީނިއާ އޮންއެއާ އޮޕަރޭޓަރެއްގެ މަގާމު އޭނާ އަދާކުރަން ފެށީ މީގެ ދެ އަހަރު ކުރީންނެވެ. ނ. އަތޮޅު ތައުލީމީ މަރުކަޒުން އޭލެވެލް ނިންމުމަށް ފަހު ހިފާ މާލެ ބަދަލުވެ މި ވަޒީފާ އަދާކުރާއިރު އޭނާ އަންނަނީ ގައުމީ ޔުނިވާސިޓީ އިން ބެޗްލާ އިން ބިޒްނަސް ފުރިހަމަ ކުރަމުންނެވެ.

މިއީ އަދާކުރަން ޖެހިލުންވާ ވަރުގެ މަސައްކަތެއްތަ؟

އަސްލު ހަގީގަތަށް ބުނާ ނަމަ އެއްވެސް ވަރަކަށް ޖެހިލުންވާކަށް ނުޖެހޭ. އޮންއެއާ އޮޕަރޭޓަރަކަށް ވީމަ އެކަންޏެއް ނޫން. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ މަސައްކަތަކީ ވެސް އެމީހެއްގެ އަމިއްލަ ނަފްސަށް އިތުބާރު އޮވެގެން އެކަމެއް ކުރާހިތުން ކުރާކަމަކަށް ވަންޏާ ދިމާވެދާނެ އެއްވެސްކަމަކީ ޖެހިލުންވާން ޖެހޭވަރުގެ ކަމެއްނޫން. އަޅުގަނޑު ހަމަގައިމުވެސް އެއްވެސް ވަރަކަށް ޖެހިލުމެއް ނުވޭ.

މި މަސައްކަތް އިޚްތިޔާރުކުރީ ކީއްވެ؟

މީވަރަށް ތަފާތު ދާއިރާއަކަށް ވެފައި އަދި އަޅުގަނޑު އަބަދުވެސް ލުކް ފޮވާޑް ކުރަނީ ޒިންމާ ދާރު، އެޓް ދަ ސޭމް ޓައިމް ވަރަށް މަލްޓި ޓާސްކިން އެހެންނަމަވެސް އިންޓްރަސްޓިން މަސަތްކަތްތަކަށް. އެންޑް އައި ތިންކް މީޑިއާގެ ދާއިރާގައި އޮންއެއާ އޮޕަރޭޓާސް އަކީ ހުރިހާ ކަމެއް ކުރާ މީހުންނަށް ވީމަ.

މިއީ ބުރަ، ރިސްކު ބޮޑު މަސައްކަތެއްތަ؟

އަނެއްހެން އެހާ ބުރައެއް ވެސް ނޫން. އެކަމަކު އަޅުގަނޑު މަސަތްކަތް ކުރަނީ ޓީވީ ޗެނަލެއްގަ ވީމަ އަދި ޚާއްސަކޮށް ވީޓީވީ އަކީ އާންމުކޮށް ގިނަ އަދަދަކަށް ޚަބަރާ ގުޅޭ ޕޮރޮގުރާމްތަށް ގެނެސްދޭ ޗެނަލަކަށް ވާތީ ވަގުތުން ގެނެސްދޭ އިވެންޓްސް ވަރަށް ގިނަވާނެ. އެހެންވެ އެގަޑިތަކަކީ ވަރަށް ބުރަ ގަޑިތަކެކޭ ބުނެވިދާނެ. އެކަމަކު އެއީ އެހާ ގިނައިންނެއް ނޫން.

އެކަަމަކު ބުނެވިދާނެ މި މަސަތްކަތަކީ ވަަރަށް ރިސްކީ މަސަތްކަތެކޭ. ސަބަބަކީ އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ އޮންއެއާ ވާނެ އެއްޗެއް. މާނަ އަކީ މަސައްކަތުގަ ގޯސްކޮށް ކަމެއް ދިޔަޔަސް އަދި ރަނގަޅަށް ދިޔަޔަސް އެ ކަން މުޅި ދުނިޔެށް ފެންނާނެ. އަސްލު ހަގީގަތުގައިި މުޅި ޗެނަލް ކޮންޓުރޯލް ކުރާނީ އޮންއެއާ އޮޕަރޭޓާސް. އަދި ވީޓީވީގައި ކުރާ އެންމެ ބުރަ އަދި އެންމެ ޒިންމާދާރު މަސަތްކަތް ހަވާލުވެފައި މި އޮންނަނީ އަޅުގަނޑުމެންނާ. މިސާލަކަށް ޕްރޮގުރާމް ޕްރޮޑިއުސަރަކު ޕްރޮގުރާމް އަޅުގަނޑުމެންނާ ހަވާލު ކުރުމަށްފަހު އެ ޕްރޮގުރާމެއް ދައްކަންޖެހޭ ވަކިގަޑިއަކަށް ފުރިހަމަ ގޮތުގައި ދެއްކުމަށްޓަކައި އަޅުގަނޑުމެން އަމިއްލަ ވިސްނުން އަދި އަމިއްލަ ކުރިއޭޓިވިޓީގެ ދަށުން ކުރަންޖެހޭ މަސަތްކަތްތަކަކީވެސް ވަރަށް ރިސްކީ މަސަތްކަތްތަކެއް.

މި ދާއިރާގައި ގިނައިން ފެންނަނީ އަންހެން ކުދިން. އެކަމަކު ޓެކްނިކަލް މަސައްކަތްތަކުގައި ގިނައިން ފެންނަނީ ފިރިހެނުން، މިއީ ތަފާތުކުރުމެއް ކަމުގައި ދެކެންތަ؟

ގަބޫލެއްނުކުރަން އެއީ ތަފާތު ކުރުމެއްކަމަކަށް. އެއީ ތަފާތޭ ބުނެވޭނީ މިސާލަކަށް އެ ދާއިރާއިން އަންހެންކުދިންނަށް ފުރުސަތު ނެތިފަ ހަމައެކަނި ފިރިހެން ކުދިންނަށް ފުރުސަތު އޮންނަ ނަމަ. އެހެންނަމަވެސް އެ ދާއިރާއިން ހަމަ އަންހެން ކުދިންނަށް ވެސް ފުރަސަތު އެބައޮތް. ހަމަ އެކަނި ބޭނުންވަނީ ހިތްވަރާ އެކު ކުރިމަތިލުން. އެކަމަކު އަސްލު ހަގީގަތަކީ އަންހެން ކުދިން އެ ދާއިރާ އަށް ކުރިމަތި ނުލުން. އަޅުގަނޑަށް ހީވަނީ އަސްލު އެހެންވަނީ މުޖުތަމައިން ދޭކޭގޮތް ތަފާތު ވީމަ ކަންނޭގެ.

އެންމެ ކުޑައިރު ވެސް ވިސްނައިދީފަ އޮންނަނީ ޓެކްނިކަލް މަސައްކަތަކީ އަސްލު ފިރިހެންކުދިން ކުރާ ކަމެއްގެ ގޮތުގަ. އެކަަމަކު މަދުމަދުން ނަމަވެސް މިހާރު އެ ދާއިރާއިން ވެސް އަންހެން ކުދިން އެބަ ފެނޭ.

މިއީ އާމްދަނީގެ ގޮތުން ބަލާއިރު ރަނގަޅު މަސައްކަތެއްތަ؟

އާމްދަނީގެ ގޮތުން ބަލާއިރު ވަރަށް ހިތްހަމަޖެހޭ. އަނެއްކާ މި ތަނުން މުވައްޒަފުންގެ މަސައްކަތް ވަރަށް ބޮޑަށް ބަލައިގަނޭ. އެއާ އެކު މީޑިއާގެ އެހެން މަސައްކަތްތައް ކުރުމަށްވެސް ފުރުސަތު އެބައޮތް. މިސާލާކަށް އަޅުގަނޑު އަދި އޮންއާ އޮޕަރޭޓަރެއްގެ މަގާމުގައި ހުރި ނަމަވެސް އަޅުގަނޑު ބޭނުން ނަމަ މީޑިއާގެ ބޭނުން ކޮންމެ ދާއިރާއަކުން ވެސް ކުރިއަށް ދިޔުމުގެ ފުރުސަތު އެބައޮތް.

މި މަސައްކަތުގައި ހުރި އެންމެ ބޮޑެތި އުނދަގޫތަކަކީ ކޮބާ؟

އަނެންހެން ނުހުރޭ އެއްވެސް އުނދަގުލެއް. އަޅުގަނޑު ދެކޭ ގޮތުގައި އެއްވެސް މަސަތްކަތަކީ އުނދަގޫ މަސަތްކަތެއް ނޫން. ކޮންމެ މަސަތްކަތެއް ވެސް އެމީހަކު އެކަމާ ގަޔާވެގެން ކުރާހިތުން ކުރާކަމަކަށް ވާ ނަމަ އެކަން ނުކުރުމަށް ދެއްކޭނެ ބަހަނާއެއް ނުވަތަ ކުރިމަތިވާނެ އުނދަގުލެއް ނޯންނާނެ. އަޅުގަނޑު ކުރާ ކޮންމެ ކަމަކީ ވެސް ވަރަށް ކުރާހިތުން ކުރާ ކަމެއް. އެހެންވެ އެއްވެސް އުދަގުލެއް ކުރިމައްޗެއް ނުވޭ އިންޝާ ﷲ.

މި މަސައްކަތުން ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކޮބާ؟

އެ ދުވަހެއްގެ ޝެޑިއުލްގައި ހުންނަ ހުރިހާ ޕްރޮގުރާމެއް ވެސް ބެލުންތެރިން އެންމެ ބަލާހިތްވާ ގޮތަށް އެއްވެސް މައްސަލައެއް ނުޖެހި ވަގުތަށް ގެނެސްދީ ނިންމާލުމަކީ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުން. އަސްލު ޓީވީ ސްޓޭޝަނެއްގަ އެންމެ ބޮޑު އެއް ރޯލްއެއް އަދި އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭ އެއްބަޔަކީ އަޅުގަނޑުމެން އޮންއެއާ އޮޕަރޭޓާސް. އެހެންކަމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭ އަމިއްލަ ކުރިއޭޓިވިޓީ ދައްކާލެވި އެންމެ ފުރިހަމަ އަށް ވީޓީވީ އޮންއެއާ ވެގެން ދާތީ. އަދި ވީމީޑިއާގެ މެނޭޖްމަންޓާއި ސްޓާފުންނާއި އެކީގައި މަސައްކަތްކޮށްލުމަކީ ވެސް ވަރަށްބޮޑު ހިތްހަމަ ޖެހުމެއް.

މީޑިއާ

Popular