21 Oct 2017

ހިކޭނެ! މި މީހުންގެ ވާހަކަ ކިޔާބަލަ

ހިކޭނެ! މި މީހުންގެ ވާހަކަ ކިޔާބަލަ

By: Aishath Mihna Nasih

މަތީގައި އިން ފޮޓޯގައި އެ ފެންނަނީ އާމިނަތު ރަޝްމާ އަހްމަދެވެ. އުމުރުން 27 އަހަރެވެ. އޭނާ އަބަދުވެސް ހުންނަނީ ފަލަކޮށެވެ. އެ ނޫން ގޮތަކަށް ހަށިގަނޑު ބަދަލުވެދާނެ ކަމަކަށް އޭނާ ގަބޫލެއް ވެސް ނުކުރެ އެވެ. އެކަމަކު ހުޅުމާލޭގައި ހުންނަ ފިޓް ޒޯން އިން "ބިގަސްޓް ލޫޒާ"ގެ ނަމުގައި ކުރިއަށްގެން ދިޔަ، ބަރުދަން ލުއިކުރުމުގެ ތިން މަސްދުވަހު ޕްރޮގްރާމެއްގައި ބައިވެރިވެ މުޅި ދިރިއުޅުން ބަދަލުކޮށްލި އެވެ.

ރަޝްމާ: 105 ކިލޯއިން 59 ކިލޯއަށް

ރަޝްމާ ބުނީ ހިކެން އަބަދުވެސް ބޭނުންވާ ކަމަށެވެ. ނަމަވެސް އެކަން ނުވެ އުޅެނިކޮށް ބަނޑުބޮޑުވެ ހަށިގަނޑު ކުރިއަށް ވުރެ ވެސް ފަލަވި އެވެ. ވިހެއުމަށްފަހު ވެސް ސިއްޚީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި އެވެ.

މި ޕްރޮގްރާމް ފެށިއިރު ބަރުދަނުގައި 105 ކިލޯހުރި ރަޝްމާ މި ޕްރޮގްރާމް ނިންމާލިއިރު ހުރީ އެންމެ 59 ކިލޯ އެވެ. ސިޑިން އަރައި، ހިނގައި ނުވަތަ މާގަދަ އަށް ހެވުނަސް ވަރުބަލިވެ ނޭވާ ހިއްލާ ރަޝްމާ މިހާރު ދަރިފުޅު އުރައިގެން ސްކޫލަށް ދަނީ ވެސް ވަރުބަލިކަމެއް ނެތި އެވެ.

"މި ހުރިހާ ކަމެއްވީމަ ދެން އަމިއްލަ މައިންޑް ސެޓް ކުރީ އެބަ ޖެހެއޭ ކޮންމެހެންވެސް ހިކެން. އަމިއްލަ ނަފްސަށް ބަލާފަ ވެސް އެބަޖެހެއޭ މިކަން ކުރަން ނޫނީ ހަމަ އިތުރަށް މިހުރިހާކަމެއް ދާނީ ގޯހުން ގޯހަށޭ. އެހެން ހުއްޓާ މި ޕްރޮގްރާމުގެ ވާހަކަ އިވިގެން ހިތަށްއެރީ މިކަހަލަ ކަމެއްކޮށްގެނޭ ހިކޭނީ،" ރަޝްމާ ކިޔައިދިނެވެ.

އައިޝަތު އާދަމް: 106 ކިލޯއިން 57 ކިލޯއަށް

އައިޝާގެ ބަރުދަނުގައި، ޕްރޮގްރާމް ފެށިއިރު ހުރީ 106 ކިލޯ އެވެ. ޕްރޮގްރާމް ނިންމާލިއިރު އޭނާގެ ބަރުދަނަށް އައި ބޮޑު ބަދަލާ އެކު އަމިއްލަ ބޭބެއަށް އޭނާ ވަކިކުރަން ވެސް އުނދަގޫވި އެވެ.

އާއިޝަތު އާދަމް ހިކުމުގެ ކުރިންނާއި ފަހުން

އާއިޝަތު އާދަމް 29، ވެސް ބުނީ ހަށިގަނޑު މާބޮޑަށް ފަލަވުމުން އޭނާއަށް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި ކަމަށެވެ. ކުރަން ބޭނުންވާ އެއްވެސްކަމެއް ފަސޭހައިން ނުކުރެވެ އެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ ވެސް އެހާ ބޮޑެވެ.

"އާއިލާ ތެރެއިން ވެސް އެކަހަލަ ކަންތައް އަމާޒުވާތީ ބޭނުންވީ އަސްލު ދައްކާލަން ހިކޭނެ ކަން، އެހެންވެ ޖިމަށް ދާން ފެށީ، އޭރު ނުވެސް އެނގޭ މިކަހަލަ ޕްރޮގްރާމެއް އޮތްކަމެއް ވެސް، ދެން ރަޝް ބުނީ ހިނގާށޭ ބައިވެރިވާން،" އައިޝާ ބުންޏެވެ.

ސިމާނާ

ސިނާމާ: 95 އިން 62 އަށް

ސިމާނާ ނަސީމް 28، އަކީ ހަ ކުދީންގެ އާއިލާއެއްގައި އެންމެ ދޮއްޓަށް ހުރި ކުއްޖާ އެވެ. އާއިލާގެ އެހެން މެންބަރުންހެން ލޫޅާފަތިކޮށް ހުރުމަކީ އޭނާވެސް ދެކެން ބޭނުންވި ހުވަފެނެކެވެ.

"އާއިލާގަ ނޫޅޭނެ އެއްވެސް ފަލަ ކުއްޖެއް. އެހެންވެ އެންމެންވެސް ވަރަށް ދިމާކުރާނެ. އެހެންވެ ހިތަށް އެރީ ދެން ފަށާނީއޭ،" ސިމާނާ ކިޔައިދިނެވެ.

ޕްރޮގްރާމް ފެށިއިރު ސިމާނާގެ ބަރުދަނުގައި 95 ކިލޯ ހުރިއިރު، ޕްރޮގްރާމް ނިންމާލީ 62 ކިލޯއިންނެވެ.

އެންމެ ތިންމަސް ތެރޭ މިހާ ބޮޑު ބަދަލެއް ހަށިގަނޑަށް ގެނައުން ވެގެންދިޔައީ، ހުރިހާ ގޮތަކުންވެސް ވާންޖެހުނު ބޮޑު ގުރުބާނީ އަކަށެވެ.

ސިމާނާ ހިކުމަށްފަހު

ހިކުމަށް ބައިވެރިވި ޕްރޮގްރާމްގައި އެންމެ ފުރަތަމަ ހެނދުނު 7:00 ގައި އޮންނަނީ ގަޑިއެއްހާއިރު ވަންދެން ދުވުމެވެ. އެއަށް ފަހު ރޭގަނޑު 9:30 ގައި ވޯކް އައުޓް ފަށާގޮތަށް ނިންމާލެވެނީ ގާތްގަޑަކަށް 12:00 ގަ އެވެ.

ހަމަ އެކަނި ކަސްރަތެއް ނޫނެވެ. ތިން މަސްވަންދެން މި ބައިވެރިން އުޅުނީ ލޮނާއި ހަކުރު ނުކަ އެވެ.

"އެއްވެސް ވަރަކަށް ލޮނެއް އަދި ހަކުރެއް ބޭނުން ނުކުރަން. ފުރަތަމަ މަހުގައި މުޅިންހެން ބޭނުންކުރީ އޯޓްސް ފެނުކައްކައިގެން. ދެން ގްރީން ޓީ އާއި ކަޅު ކޮފީ، މާ ބޮޑަށް ބަނޑުހައިވެ ވަރުބަލިވަންޏާ އޮރެންޖެއް ނޫނީ އާފަލެއް ކާލަން، ދެން ފަހުން ކޮންމެވެސް ވަރަކަށް ތަރުކާރީ ބޭނުންކުރަން،" ނިކަން ހެވިފައި ތިބެ ބައިވެރިން ކިޔައިދެމުން ދިޔަ އެވެ.

އައިޝާ --- ފޮޓޯ:ފިޓް ޒޯން

ތިން މަސް ދުވަހަށް ނަމަވެސް، ކޮންމެ ދުވަހެއްގެ ދިރިއުޅުމަށް އައި ބޮޑު ބަދަލަށް ހޭނުން ވެގެންދިޔައީ އުނދަގޫ ކަަމަކަށެވެ. އައިޝާގެ ދަރިފުޅަށް ހަ އަހަރެވެ. ރަޝްމާގެ ދަރިފުޅަށް އެންމެ ދެ އަހަރެވެ. ދެ ބައިވެރިންނަށް ވެސް ބޮޑަށް އުނދަގޫވީ ހެނދުނު ގަޑީގައި ވޯކް އައުޓަށް ނުކުތުމެވެ. އެ ދުވަސްވަރު ވަޒީފާއަކަށް ނުދިޔަ ނަމަވެސް ގޭތެރޭގެ ކަންތައްތައް ބެލެހެއްޓުމުގައި ފިރިންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުން މި ބައިވެރިން ފާހަގަކުރެ އެވެ.

މި ތިން މަސްތެރޭ ބަދަލުވީ ހަމައެކަނި މި ތިން ބައިވެރިންގެ ބަރުދަނެއް ނޫނެވެ. މުޅި ދިރިއުޅުމެވެ. ތިން މަސްތެރޭ މިހާ ވަރަށް ހިކިދާނޭ ކަމަށް ޝައްކުހީވެފައި ތިބި އެތައް ބަޔަކަށް މި ބައިވެރިން ރަނގަޅު ޖަވާބެއް ދީފިއެވެ.

ރަޝްމާ ---- ފޮޓޯ: ފިޓް ޒޯން

މި މީހުން ބުނީ މައްސަލަ އަކީ ވިސްނުން ކަމަށާއި އަމިއްލަ ސިކުނޑީން މިކަން ކުރަން އަޒުމު ކަނޑައަޅައިފި ނަމަ މިކަން ވާނެ ކަމަށެވެ.

އިންސްޓްރަކްޓާ ރިޔާގެ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ "ބިގަސްޓް ލޫޒާ"ގެ ކާމީޔާބީ އަށް ފަހު މި ތިން ބައިވެރިން ވެސް ތިބީ ސިއްހީ ގޮތުން ބަލާއިރު އެކަށީގެންވާ ބަރުދަނެއްގަ އެވެ. މާބޮޑު ޑައެޓެއްގައެއް ނޫނެވެ. ނަމަވެސް ކުރިއާ ޚިލާފަށް، ފައިދާހުރި ކާނާ އެކަށީގެންވާ މިންވަރެއްގައި ބޭނުންކުރާއިރު، ދުވަން ދިއުން ވެސް ވަނީ ދިރިއުޅުމުގެ ބަޔަކަށް ހަދައިފަ އެވެ.

ސިއްހަތު ފިޓްނެސް ބަރުދަން ލުއިކުރުން

Popular