22 Nov 2017

ސިއްހީ ރޮށި ހަދާނެ ގޮތް

ސިއްހީ ރޮށި ހަދާނެ ގޮތް

By: Asiya Abdul Raheem (Dietician)

ދިވެހިން ކުރީއްސުރެ ހެނދުނު ސަޔަށް ބޭނުންކޮށް އުޅޭ މައިގަނޑު އެއްޗަކީ ރޮއްޓެވެ. ނަމަވެސް މިހާރަކަށް އައިސް ރޮއްޓަކީ ސިއްހަތަށް ގެއްލުންވާ، ބަރުދަން އިތުރުވާ އެއްޗެއް ގޮތުގައި އޮޅުންތަކެއް އަރާފައި އޮތުމާއި އެކު ބައެއް މީހުން ރޮށި ކެއުން ހުއްޓާލައި ޕާނަށް ބަދަލުކޮށްލައިފި އެވެ. އަދި އަނެއްބައި މީހުން ބިސްކޯދާއި ފާރޮށި، ނުވަތަ ބަނަސް ވެސް ހެނދުނަށް އެބަ ކައެވެ.

ހަމަ މި ޓްރެންޑާ އެކު އަދިވެސް ހާއްސަ ގޮތެއްގައި އޮފީސް މާހައުލުގައި ހުނިލީ ރޮށި، ނުވަތަ މި ޒަމާނުގެ ބަހުރުވައިން ނަމަ ޑިސްކަކީ ހަމަ އެންމެ ހިނގާ އެކައްޗެވެ. ގިނަވެގެން ހަފްތާއަކު އެއްދުވަހު ޑިސްކެއް ކެއުން ގޯހެއް ނޫނެވެ. ނަމަވެސް ޑިސްކަކީ ހުނިން ތައްޔާރު ކުރެވޭ އެއްޗަކަށް ވެފައި ހުނީގައި ސެޗުރޭޓަޑް ފެޓްގެ މިންވަރު ގިނަކަމުން ކޮންމެ ދުވަހަކު ޑިސްކެއް ކެއުން މާ ރަނގަޅެއް ނޫނެވެ. އެހެންކަމުން މި އާޓިކަލްގައި ޑިސްކް ނަކަލްކޮށް އޭގައި ހުންނަ ހުނީގެ ބަދަލުގައި އޯޓްސް ބޭނުންކޮށްގެން، ސިއްހަތަށް ފައިދާހުރި ގޮތަށް ޑިސްކް ތައްޔާރު ކުރެވިދާނެ ގޮތެއް ލިޔެލާނަމެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު އާޓާފުށް

1 ޖޯޑު ފެނުކެއްކި އޯޓްސް

ރަހަ ލާވަރަށް ލޮނު

މޭޒުމަތީ 1 ސަމްސާ ކަރާއޮށް (ހިއްކާފައި)

2 ސައިސަމްސާ ޒައިތޫނި ތެޔޮ

ފެން

ތައްޔާރު ކުރާނެ ގޮތް

ފުށްކޮޅާއި އޯޓްސްކޮޅު ރަނގަޅަށް އެއްކޮށްލާ އޭގެތެރެއަށް ކަރާ އޮށްކޮޅާއި، ލޮނުކޮޅާއި ތެޔޮ އަދި މޮޑެލެވޭ ވަރަށް ފެންޖަހައިގެން މޮޑެލާށެވެ. ތިން ފުށްގުޅަ އަށް ޖެހުމަށް ފަހު މެދުގިނީގައި ފިހެލާފައި ހޫނުކަންމަތީ ކާށެވެ.

މި ރެސިޕީއިން ތައްޔާރު ކުރާ ކޮންމެ ރޮއްޓަކީ ބޮޑު މީހެއްގެ އެކަކަށް ހެނދުނު ނާސްތާ އަށް ގާތްގަނޑަކަށް ބޭނުންވާ މިންގަނޑެވެ. މި ރެސިޕީގައި ހިމަނާފައިވާ އާޓާފުށަކީ އައްމުކޮށް އެންމެނަށް، ޚާއްސަކޮށް ހަކުރު، ލޭގެ ޕްރެޝަރު ނުވަތަ ކޮލެސްޓްރޯލް މައްޗަށް ދާނަމަ އާދައިގެ ފުށުގެ ބަދަލުގައި ބޭނުންކުރުމަށް ރަނގަޅު ބާވަތެކެވެ.

އޭގެ އިތުރުން އޯޓްސްގައި ހުންނަ ބީޓާ ގްލައިކަންއަކީ ކޮލެސްޓްރޯލް ދަށްކޮށްދޭ އެއްޗެއް ގޮތުގައި ދިރާސާތަކުން ދައްކާ އެއްޗެކެވެ. މީގެ އޯޓްސް ރޮއްޓަކާ އެކު މަސްކޮޅެއް މޮޑެލައިގެން ނުވަތަ ބީންސް، މުގު، ފެހިއޮށް، ތަރުކާރީ ފަދަ ބާވަތެއް ތައްޔާރު ކޮށްލައިގެން ބޭނުންކޮށްލާ ނަމަ އެއޮތީ "ހެލްތީ ބްރެކްފަސްޓެއް" ނެގިފަ އެވެ.

ފައިދާހުރި ކާނާ ޑައެޓް ކާނާ

Popular