7 Dec 2017

ޑިސްކާއި މަސްހުނި ނެތިއްޔާ ހެނދުނުގެ ސަޔަކަށް ނުވާނެ

ޑިސްކާއި މަސްހުނި ނެތިއްޔާ ހެނދުނުގެ ސަޔަކަށް ނުވާނެ

By: Aishath Mihna Nasih

ހެނދުނުގެ ނާސްތާއަކީ އެންމެ މުހިންމު ކެއުން ކަމަށް އޮންނަނީ ވެފަ އެވެ. އެއްބަޔަކު ވަރަށް ލުއިގޮތަކަށް ނާސްތާ ނިންމައިލިޔަސް މިއީ ބައެއް މީހުން ހަމަ ގަޔަށް ކާން ބޭނުންވާ ވަގުތެކެވެ. އަހަރެމެން ދިވެހިންނަކީ ވެސް ހެނދުނުގެ ނާސްތާއަށް މާބޮޑު ހާއްސަކަމެއް ދީގެން އުޅޭ ބައެކެވެ. އޮފީހުގައި އުޅެމުން ވެސް ބަންދު ދުވަހެއް ނަމަވެސް "ބްރޭކްފާސްޓް" އަށް ވަގުތު ހުސްކޮށްލާނެ އެވެ.

މިއީ ހަމައެކަނި މީރު އެއްޗެއް ކެއުމަށް ކުރާ ކަމަކަށްވުރެ ބޮޑަށް ޓްރެންޑަކަށް ވަނީ ވެފަ އެވެ. ޕާނާއި ބަޓަރާއި ޖޭމުގެ އިތުރުން، ސޮސެޖާއި ބިސްގަނޑާއި ކުޅިމަހާއި ޓޮމާޓޯ އާއި ބޭކްޑް ބީންސާއި އެކި ރަހަތަކުގެ ޕޭން ކޭކުން ސުފުރާ ފަޅުފިލުވާދިނަސް ޑިސްކާއި މަސްހުނި ނެތްނަމަ ދިވެއްސަކަށް އެހާ ކަމަކު ނުދާނެ އެވެ. ހެނދުނުގެ ސަޔަކީ އެއީ ކަމަށް މި ވަނީ ތައްގަނޑު ޖެހިފަ އެވެ.

ގޭގައި ސައި ބުޔަސް ނުވަތަ ކޮންމެ ފެންވަރެއްގެ ކެފޭ/ރެސްޓޯރަންޓަކަށް ދިޔަ ކަމުގައި ވިޔަސް އެއީ ދިވެހިންނަށް ހިންގާ ތަނެއް ނަމަ މެނޫގައި ޑިސްކާއި މަސްހުނި ނެތިއެއް ނުދާނެ އެވެ.

މިހާރު މަސްހުނި ވެސް ނަން ހުސްކޮށެވެ. މަސްދަޅުން ހަދާ މަސްހުންޏާއި ވަޅޯމަހު މަސްހުންޏާއި ބަރަބޯ މަސްހުންނާއި ފަތް މަސްހުނީގެ އިތުރުން، ކެރެޓާއި އަލުއްވާއި ލެޓިއުސް އާއި ބައްޓާއި ތޮރާ ވެސް ހިމެނެނީ މަގުބޫލު މަސްހުނި ލިސްޓުގަ އެވެ.

ކޮންމެ ނަމެއް ކިޔަސް މަސްހުނީގައި މައިގަނޑު ގޮތެއްގައި މި ހުންނަނީ ހަމަ އެކައްޗެކެވެ. ފިޔާ، ހުނި، މިރުސް، ލުނބޯ، ލޮނު އަދި މަހެވެ. ދެން އިތުރަށް ބޭނުންކުރަނީ އެމީހަކަށް ކަމުދާ ތަރުކާރީ އެކެވެ. ބައެއް މީހުން ރަހަ ހެޔޮވަރުކޮށްލަން ރިހާކުރުގެ މިންވަރެއް ވެސް ބޭނުންކޮށްލަފާނެ އެވެ.

އެންމެ ގިނަބަޔަކު ބްރޭކްފާސްޓަށް ދާ އެއް ރެސްޓޯރެންޓް ކަމަށްވާ ސިޓްރަން އިން ބުނީ ހަފުތާ ބަންދުގައި ގާތްގަނޑަކަށް 400 މީހުން ބްރޭކްފާސްޓަށް އަންނަ ކަމަށާއި އޭގެ ތެރެއިން އެންމެ ގިނަ މީހުންނަށް ކަމުދަނީ މަސްހުނި ކަމަށެވެ.

"ހަފުތާ ބަންދުގައި ގާތްގަނޑަކަށް 400 އެއްހާ މީހުން އަންނާނެ، ހަފުތާ ބަންދު ނޫން ދުވަސްދުވަހު ގާތްގަނޑަކަށް 200 އެއްހާ މީހުން އަންނާނެ. އެންމެގިނަ މީހުންނަށް ކަމުދަނީ ހަމަ މަސްހުންޏާއި ރޮށި، އެއަށް ފަހު ކުޅިމަސް،" ސިޓްރަން އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މަޝްހޫރު އެހެން ރެސްޓޯރަންޓެއް ކަމަށްވާ ސީހައުސް ބްރެސަރީން ބުނީ ލައިޓް ބްރޭކްފާސްޓެއް ނަގަން ބޭނުންވާ މީހަކު އެ ރެސްޓޯރެންޓްގެ މެނޫއިން ބައެއް މީލްތައް އިޚްތިޔާރު ކުރިއަސް އާންމުކޮށް އަދި ގިިނައިން ކާން ބޭނުންވާ މީހުން ނަގަނީ ބުފޭ ކަމަށެވެ. އެތަނުން ވެސް ބުނީ ބުފޭގައި އެންމެ މަގުބޫލީ މަސްހުނި ކަމަށެވެ.

ސިއްޚީގޮތުން ބަލާއިރު، ހެނދުނު ސަޔަށް މަސްހުންޏާއި ރޮށި ނުވަތަ ޑިސްކު ކެއުމުގައި ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް އެބަހުއްޓެވެ. ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ވިދާޅުވި ގޮތުގައި މަސްހުނީގައި އެކުލެވޭ ހުންޏަކީ ކޮންމެ ދުވަހަކު ހެނދުނު ކެއުމަށް އެހާ ރަނގަޅު އެއްޗެއް ނޫނެވެ. ޚާއްސަކޮށް ކިޑްނީ މައްސަލަތައް ހުންނަ މީހުންނާއި ޔޫރިކް އެސިޑްގެ މައްސަލަ ހުންނަ މީހުން މަސް ބޭނުންކުރަންވާނީ ޑައެޓީޝަނަކު ދޭ އިރުޝާދާ އެއްގޮތަށް ކަމަށް ވިދާޅުވި އެވެ. އާސިޔާ ވިދާޅުވި ގޮތުގައި ހުނީގައި އެކުލެވޭ ސެޗުރޭޓެޑް ފެޓްސްގެ ސަބަބުން ސިއްހަތަށް ނުރަނގަޅު އަސަރު ކުރުން އެކަށީގެންވެއެވެ. އެހެންވެ ކޮލެސްޓްރޯލް ހުންނަ މީހުން ހުނި ބޭނުންކުރުމުގައި އިތުރަށް ސަމާލުވާންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުނި މަދުކޮށް، މަހާއި ކޮންމެވެސް ތަރުކާރީއަކާ އެކީ ކެއުމަކީ އެންމެ ރަނގަޅު ގޮތް. އެއާއެކު ބިހާއި ކިރު އަދި ކޮންމެވެސް ކަހަލަ މޭވާއެއް ހެނދުނު ކެއުމަކީ ވަރަށް ރަނގަޅު ކަމެއް،" އާސިޔާ ވިދާޅުވި އެވެ.

މަސްހުންޏާއި ޑިސްކަށް ކިތަންމެ ފޯރި ހުއްޓަސް އުޅެންވާނީ ސިއްހަތާއި ހަށިގަނޑަށް ވެސް ބަލައިލައިގެންނެވެ.

Popular