15 Dec 2017

ހަށިގަނޑަށް ބޭނުން ވަނީ ކިތައް ދަޅުމަސް، ކިތައް ބިސް؟

ހަށިގަނޑަށް ބޭނުން ވަނީ ކިތައް ދަޅުމަސް، ކިތައް ބިސް؟

By: Asiya Abdul Raheem (Dietician)

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ސްޓްރެންތް ޓްރެއިނިން ކަސްރަތު ނުވަތަ ހަށިގަނޑުގައި ހަރުމަސް ގިނަކޮށްދޭ ކަސްރަތަކީ ވެސް ވަރަށް މުހިއްމު ބާވަތެއްގެ ކަސްރަތުތަކެކެވެ. ކޮންމެވެސް ވަރަކަށް ބަރު ހިފުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކެއުމަށް ގެންނަން ޖެހޭ ބަދަލު ގެނައުން ވަރަށް މުހިއްމެވެ. މިގޮތަށް ސްޓްރެންތް ޓްރެއިނިން ކުރާ ނަމަ ކެއުމުގައި ވިސްނާލަންވީ ކަންކަން ވަރަށް ގިނައެވެ.

1. ވަކި ބައްޓަމަކަށް އަންނަން މަސައްކަތް ނުކުރުން

ހަށިގަނޑުގައި ލީން މާސް ނުވަތަ ހަރުމަސް ޖެހުމަކީ ރަނގަޅު ކަމެއް ކަމުގައި ވިޔަސް، ވަކި ބައްޓަމަކަށް ގެންނަން ނުވަތަ ވަކި މީހަކާ އެއްގޮތަށް ހުރުމަށް ޓަކައި ހަށިގަނޑުގެ ވަކި ހިސާބެއްގައި ގޮޅިގޮޅި އަށް މަސްޖެހުވުން ފަދަ ކަންކަމަކީ ސިއްހީ ގޮތުން މާ ރަނގަޅު ކަމެއް ނޫނެވެ. ކަސްރަތު ކުރަންޏާ ކުރަން ވާނީ ކޮންމެހެން ވަކި މީހަކާ އެއްގޮތް ވުމުގެ ގޮތުން ނުވަތަ ވަކި ބައްޓަމެއްގައި ހުރުމުގެ މަގުސަދުގައެއް ނޫނެވެ. ހަށިގަނޑަށް ގެއްލުން ނުވާވަރު ބަލައިގެންނެވެ.

2. ކާބޮހައިޑްރޭޓް މަދުނުކުރުން

ހަށިގަނޑު ބިލްޑްކުރުމަށް ބޭނުންވާ މައިގަނޑު ނިޔުޓްރިއަންޓަކީ ޕްރޮޓީން އެވެ. ނަމަވެސް ޕްރޮޓީންގެ ފުރަތަމަ ޒިންމާއަކީ ހަކަތަ އުފެއްދުމެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށް ކާބޮހައިޑްރޭޓް ނެތް ނަމަ ނަގާ ޕްރޮޓީންތައް ފުރަތަމަ އަންދާނީ ހަކަތައަށެވެ. އެހެންކަމުން ހަށިގަނޑު ބިލްޑް ކުރި ނަމަވެސް ކާބޮހައިޑްރޭޓް ކެއުމުގައި ނުހިމަނާ ނަމަ އަގުބޮޑުކޮށް ގަންނަ ޕްރޮޓީންތައް އަނދައިގެން ދާނީ އެވެ.

3. ޑައިޓީޝަނެއް ނުވަތަ ނިޔުޓްރިޝަނިސްޓެއްގެ ލަފަޔާ ނުލާ ޕްރޮޓީން އިތުރު ނުކުރުން

ކާބޮހައިޑްރޭޓް ނަގަންޖެހޭ މިންވަރަށް ނަގާ ނަމަ ދެން އެ ނަގާ ގިނަ ޕްރޮޓީންތައް ބޭނުންކުރާނީ މަސް ޖަހުވާށެވެ. ނަމަވެސް އެކި މީހުންގެ ހަށިގަނޑުގައި މަސް ޖަހާނީ އެކި މިންވަރަށެވެ. ބޭރުގެ މަޝްހޫރު މީހެއްގެ ގައިގައި ޖަހާހާ އަވަހަށް ރާއްޖޭގެ އެންމެންގެ ގައިގައި މަސް ނުޖަހައިފާނެ އެވެ. މަސްޖަހުވާށޭ ކިޔައިފައި ހަށިގަނޑަށް ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ބޭނުންކުރާ ޕްރޮޓީން އަނދަން ފަށާނީ ހަކަތަ ރައްކާކުރުމަށެވެ. މިގޮތަށް އަންދަން ފެށުމުން ލޭގެ ތެރޭގައި ޔޫރިއާގެ މިންވަރު އިތުރުވެ ހަށިގަނޑުން ފެން މަދުވާން ފަށާނެ އެވެ. އޭރުން ފެން މަދުވުމުން ދިމާވާ ސިއްވާ މައްސަލަތަކާ ކުރިމަތި ވެދާނެ އެވެ. ބައެއް ބިލްޑަރުން ކުރާ ކަމަކީ ފެން މަދުވިޔަ ނުދިނުމަށް ޓަކައި އިތުރަށް ފެން ބުއިމެވެ. އޭރުން ގުރުދާ (ކިޑްނީ) ގެ މަސައްކަތް ބުރަވެ ގުރުދާ ވަރުބަލި ވެދާނެ އެވެ.

4. އެނެބޮލިކް ސްޓިރޮއިޑް ބޭނުން ނުކުރުން

އެނެބޮލިކް ސްޓިރޮއިޑަކީ އެ ތަކެތީގެ ސަބަބުން އެތައް ގެއްލުންތަކެއް ކުރިމަތިވެދާނެ ތަކެއްޗެވެ. އެއީ ޑޮކްޓަރެއްގެ އިރުޝާދާ ނުލައި ބޭނުންކުރުން ރަނގަޅު ތަކެއްޗެއް ނޫނެވެ. އެ ތަކެތީގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިޔުން، ހިތުގެ ބަލީގެ ފުރުސަތު އިތުރުވުން ފަދަ ކަންކަން ކުރިމަތި ވެދާނެ އެވެ.

ރާއްޖޭގައި ސްޓްރެންތް ޓްރެއިނިން ހަދާ މީހުންގެ ކިބައިން ފެންނަ ގެއްލުން ވެދާނެ ކަމަށް ފާހަގަ ކުރެވޭ މައިގަނޑު ކަންކަމަކީ މިއީ އެވެ. ބައެއް މީހުން ޕްރޮޓީން އިތުރުކުރުމުގެ ގޮތުން ދުވާލަކަށް ހައެއްކަ ބިހުގެ އިތުރުން ދެތިން ދަޅު މަސް އަދި އޭގެ އިތުރުން ޕްރޮޓީން ޕައުޑަރާއި ކްރިއަޓިނިން ނުވަތަ އެމައިނޯ އެސިޑް ފަދަ ތަކެތި ޑައިޓީޝަނެއްގެ އިރުޝާދާ ނުލައި ބޭނުންކުރުން ހެޔޮ ނުވާ މިންވަރަށް ބޭނުން ކުރެވެއެވެ.

އާއްމުކޮށް ބިލްޑްކޮށް އުޅެނީ ހަށިގަނޑު އެންމެ ބާރުގަދަ އުމުރުގެ ވަޒީފާ އާއި ދިރިއުޅުމުގައި އެންމެ ވަރުގަދަ ވާންވީ އުމުރުގެ ޒުވާނުންނެވެ. މި ޒުވާނުން މާ ޅަ އުމުރު ބަލިވެއްޖެ ނަމަ އަޅުގަނޑުމެނަށް އެ ލިބުނީ ވަރަށް ބޮޑު ދެރައެކެވެ.

ސިއްހަތު ބޮޑީ ބިލްޑިން ޑައެޓް ކާނާ

Popular